ހަބަރު

އައްޑޫ ވިޔަފާރިވެރިޔާ މަރާލި މީހާ 12 އަހަރަށް ޖަލަށް

މަރާލުމަށްފަހު އައްޑޫ ސިޓީ، ހިތަދޫ އަލަ އޮޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އެ ރަށު ބުރުނީގޭ، 47 އަހަރުގެ އަލީ އަބްދުﷲ ގެ މަރުގެ މައްސަލާގައި ދައުވާކޮށްފައިވާ އޭނާ އަށް ބޮޑުބޭބެ ކިޔާ އަހުމަދު އިބްރާހިމް ދީދީ އަށް 12 އަހަރުގެ ހުކުމެއް އިއްވައިފި އެވެ.

އަލީ މަރާލާފައިވާ އޮއްވާ ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް އެ ހަތަރު މީހުންގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭގެ ތެރޭގައި އޭނާއަށް ބޮޑުބޭބެ ކިޔާ މީހެއް ކަމަށްވާ ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީ،39، އާއި އެރަށު އަތަމާވިލާ، މައޫޒު މުހައްމަދާއި އެ ރަށު އައްޒާ، މުބާރިކު މުހައްމަދާއި ނަޝީދީގޭ، މުހައްމަދު ޝިފާޒްގެ މައްޗަށެވެ.

އަހުމަދު އިބްރާހިމް ދީދީގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ދެން ތިބި މީހުންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އަލީ މަރާލުމުގައި އަހުމަދު އިބްރާހިމް ދީދީ އަމަލީ ގޮތުން ބައިވެރިވިކަން ތަހުގީގަށް އެނގެން އޮންނަ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަލީ އަބްދުﷲ ސައިކަލުގައި ދަނިކޮށް، އޭނާ ދުއްވަމުންދިޔަ ސައިކަލުގައި އަހުމަދު އިބްރާހިމް ދީދީ ފައިން ޖަހައި ވައްޓާލައި، އަބްދުﷲ އަލީގެ ކަރުގައި ވާފަށެއް އަޅުވައި، އޭނާގެ ކަރަށް ބާރުކޮށް މަރާލާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ނަމަވެސް އިބްރާހިމް ދީދީ ވަނީ މިކަމަށް ކޯތުގައި އިންކާރު ކޮށްފަ އެވެ. ދައުލަތުން ވަނީ އޭނާ އާޢި ދެކޮޅަށް ގިނަ އަދަދެއްގެ ހެކި ހުށަހަޅާފަ އެވެ. މީގެ ތެރޭގައި މި ހަތަރު މީހުންވެގެން އަލީ އަބްދުﷲ މަރާލި މަންޒަރު ފެނުނު ސިއްރު ހެކިވެރިޔާ އާއެކު 22 ހެކިވެރިންނާއި ހަ ކިތާބީ ހެކި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަލީ އަބްދުﷲ މަރާލި ކަމަށް އަހުމަދު އިބްރާހިމް އިންކާރު ކުރި ނަމަވެސް އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެހެން ކަމުން މިއީ އޭނާ ކުރިކަމެއްކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އޭނާ 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

މި މައްސަލައިގައި އަހުމަދު އިބްރާހިމް ދީދީގެ ޝަރީއަތް ދައުލަތުން އެދިގެން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

އަލީ އަބްދުﷲ މަރާލާފައިވާ އޮއްވާ ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. މި މައްސަލާގައި ފުލުހުން ބުނެފައިވަނީ އޭނާ މަރާލާފައިވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ.