ކްރިމިނަލް ކޯޓް

މޭރީގެ މަރު: ޝަރީއަތް އޮންލައިންކޮށް ގެންދަން މާވިންގެ ވަކީލު ދެކޮޅު

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ގެންދަން އޭނާގެ ވަކީލު މިއަދު ދެކޮޅު ހަދައިފި އެވެ.

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން މިއަދުގެ އަޑުއެހުން ބޭއްވީ އޮންލައިންކޮށެވެ.

މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ދައުލަތުން ވަނީ މާވިންގެ އޭރުގެ ދިވެހި ލޯބިވެރިޔާ އަދި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ މައްޗަށްވެސް ދައުވާކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި މާވިން އާއި ލަމްހާ ބައިވެރިވީ މާފުށީ ޖަލުގައި ތިބެގެން އޮންލައިންކޮށެވެ.

މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ޑޮކްޓަރެއްގެ ހެކިބަސް ނަގަން މިއަދަށް އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އަޑުއެހުން ފަށަމުން، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާޢިޒު ރަޝާދު ވަނީ ޝަރީއަތް އޮންލައިންކޮށް ގެންދަން މާވިންގެ ވަކީލު އިސްމާއީލް އަހުމަދު ދެކޮޅު ހައްދަވާފައިވާކަން ފާހަގަކުރައްވާފަ އެވެ.

ވަކީލް އިސްމާއީލް ވިދާޅުވީ ޝަރީއަތް ހިނގަމުން ދަނިކޮށްވެސް މާވިންއަށް އުފެދޭ ސުވާލުތައް ގިނަ ކަމަށެވެ. މީގެ އިތުރުން މައްސަލައިގައި ކުރިން ބޭއްވި އޮންލައިން ޝަރީއަތްތަކުގައި ހިނގާ ކަންކަން މާވިންއަށް އެންމެ ރަނގަޅަށް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތައް ފާހަގަކުރުމުން ގާޒީ ނިންމެވީ އަޑުއެހުންތައް އޮންލައިންކޮށް ނުބޭއްވުމަށެވެ.

މާވިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، ފިލިޕީންސަށް ނިސްބަތްވާ އެ ދެމަފިރިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމާ ގުޅިގެންނެވެ.

އުމުރުން 30 އަހަރުގެ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ.

އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.