ކްރިމިނަލް ކޯޓް

ޖައިލަމް މަރު: ހެކިވެރިޔާ ހާޒިރުކުރަން ދައުލަތަށް ފަހު ފުރުސަތު

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި، ހ. ހަންޑްރެޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރުގެ މަރާލި މައްސަލާގައި ދައުވާ ކުރާ މީހުންނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާ އެކެއް ހާޒިރު ކުރެވޭނެ ދުވަހެއް ޝަރީއަތަށް އަންގަން ހަފުތާއެއް ދީފި އެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސް ވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ޖައިލަމުގެ މަރުގެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަނީ ސިއްރު ހެކީގެ ގޮތުގައި ހަތް މީހެއްގެ ހެކިބަސް ނަގަން ހުށަހަޅާފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ހެކިބަސް ވަނީ ނަގާފަ އެވެ. އެގޮތުން އޭގެ ތެރެއިން ހެކިބަސް ދިން އެކަކު އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ސިޓީއެއް މީގެ ކުރިން 2017 ވަނަ އަހަރު ވަނީ ފޮނުވާފަ އެވެ. އެހެން ކަމުން އެ މީހާގެ ހެކިބަސް ބަލައި ނުގަތުމަށް ޝަރީއަތުން ވަނީ ނިންމާފަ އެވެ.

މި މައްސަލާގައި މިއަދު ބޭއްވީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކި އެކެއްގެ ހެކި ބަސް ނެގުމަށެވެ. އެކަމަކު ދައުލަތުން ބުނީ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ކަރަންޓީނުގެ ކަންކަން ހުރި ގޮތުން އެ ހެކިވެރިޔާ ހާޒިރު ނުކުރެވުނު ކަމަށެވެ. އަދި ހާޒިރު ނުކުރެވޭ ސަބަބު ތަފްސީލާއެކު ބުނެވެން ނެތް ކަމަށާއި ތަފްސީލަށް ގޮސްފިނަމަ އޭނާގެ ސިްރުކަން ގެއްލިދާނެ ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިރު އިސްމާއިލް ރަޝީދު ވިދާޅުވީ ކޮވިޑުގެ ހާލަތަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހުއްޖަތެއް ނޫން ކަމަށާއި ކަރަންޓީނުގެ މުއްދަތު އުވާލާނެ ދުވަހެއް މި ހާލަތުގައި ނޭނގޭނެ ކަމަށެވެ. އެހެން ކަމުން ވީއެންމެ އަވަހަކަށް މި ހެކި ހާޒިރު ކުރެވޭނެ ދުވަހެއް ޝަރީއަތަށް އަންގަން ފަނޑިޔާރު ވަނީ ދައުލަތަށް އަންގާފަ އެވެ. އަދި މިއަދުގެ އަޑުއެހުމަށް ހެކިވެރިޔާ ހާޒިރު ނުކުރެވުނު ސަބަބު ލިޔުމުން ޝަރީއަތަށް ހުށަހެޅުމަށް ވެސް އެދިވަޑައިގަތެވެ.

މިއަދު އަޑުއެހުމުގައި ދިފާއީ ވަކީލުންގެ ފަރާތުން ވަނީ މި މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދުގައި ތިބޭތާ ހަ އަހަރުވެފައިވާ ކަމަށް ބުނެ ހެކިވެރިޔާގެ ހެކިބަސް ނުނަގައި ކުރިއަށް ގެންގޮސް މައްސަލަ ވީހާވެސް އަވަހަށް ނިންމައިދިނުމަށް އެދިފަ އެވެ. އެކަމަކު ފަނޑިޔާރު ވަނީ އެ ހެކިވެރިޔާގެ ހެކި ބަހަކީ މި މައްސަލައިގެ ހުކުމަށް ވަރަށް މުހިންމު ހެއްކެއް ކަމަށް ވިދާޅުވެ ހެކިވެރިޔާ ހާޒިރު ކުރެވޭނެ ތާރީހެއް ހަފްތާއެއްގެ ދުވަސްތެޜޭގައި ޝަރީއަތަށް އެންގުމަށް ދައުލަތަށް އަންގަވާފަ އެވެ.

ދައުލަތުން ބުނީ ފުލުހުންނާއި ގުޅިގެން ހެކިވެރިޔާ ހާޒިރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ ކުރިން މި މައްސަލާގައި ދައުވާ ލިބޭ ތިން މީހަކު ވަނީ ދޫކޮށްލާފަ އެވެ. އެހެން ނަމަވެސް ހެކިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވަމުންދާތީ މި މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

މި އެންމެން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. މި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ޖައިލަމަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އެ މީހުންނާ އެކު ޖައިލަމް ކައިރިއަށް ދިޔަ ހުމައިދު ކަމަށެވެ. އަދި ތޫނުއެއްޗަކުން ޖައިލަމަށް ހަމަލާދިން އިރު އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިން ކަމަށް ދައުވާގައިވެ އެވެ. ދައުވާގައި ބުނެފައިވާ ގޮތުގައި، ނަސީބު ސައީދު އަދި އަލީ އިރުފާން ޖައިލަމަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެމީހުން ފިލުވުމުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. ޖައިލަމް މަރުވީ އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ.