މަރު

މޭރީ މަރުވި ދުވަހު ލަމްހާ ހުރީ ހިތްހަމަޖެހިފައި: ހެކިވެރިއެއް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވި ދުވަހު އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމާއި އުފާވެރިކަން ކަމަށް ލަމްހާގެ އެކުވެރިއެއް މިއަދު ކޯޓުގައި ހެކިބަސް ދީފި އެވެ.

މޭރީ މަރުވި ދުވަހު ހޮސްޕިޓަލުން ލަމްހާއާއި ދިމާވި ކަމަށާއި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިލައިގެން ހިނިތުންވެފައި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިން ލަމްހާގެ އެކުވެރިއެއް ކަމަށްވާ މުހައްމަދު މުބީން ހެކިބަސް ދެމުން ބުނެފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ތިން މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. އެއީ ލަމްހާގެ އެކުވެރިއެއް ކަަމަށްވާ މުހައްމަދު މުބީންއާއި އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއް ކަމަށްވާ މަރިޔަމް ލައުޒާއާއި ވީޑިއޯ އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރެއް ކަމަށްވާ އާދަމް މުހައްމަދެވެ.

މުބީން އަކީވެސް ފުލުހުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. މުބީން މިއަދު ކޯޓުގައި ހެކިބަސް ދެމުން ބުނީ ލަމްހާއާއި މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާގަސް އާއި ދެމެދު އޮތް ގުޅުމުގެ ވާހަކަ ލަމްހާ ހިއްސާކުރަމުން ދިޔަ ކަމަށެވެ.

މުބީން ބުނީ މާވިންގެ ފޯނުން ލަމްހާގެ ޗެޓް ލޮގްތައް ފެނި މޭރީއަށް އެދެމީހުންގެ ސިއްރު ގުޅުން އެނގިގެން ދިޔަކަމަށް ލަމްހާ ބުނި ކަމަށެވެ. އަދި މޭރީ ސުލްހަކޮށްދިނުމަށް މުބީންގެ ކައިރީ ލަމްހާ އެދުނު ކަމަށް މުބީން ބުންޏެވެ.

ލަމްހާގެ އެދުމުގެ މަތިން މޭރީއާއި ބައްދަލުކުރި ކަމަށާއި މާވިންއާއި ލަމްހާގެ ޗެޓްލޮގްތަކާއި ލަމްހާއާއި މޭރީގެ ޗެޓްލޮގްތަކުގެ ޕްރިންޓެއް ލަމްހާ އޭނާއާއި ހަވާލު ކުރި ކަމަށް މުބީން ބުންޏެވެ. އަދި މިހާރު އެ ތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މުބީންް ބުނީ މޭރީ މަރުވި ދުވަހު ލަމްހާ ގުޅި ކަމަށާއި މޭރީ އަމިއްލަ ނަފްސައް ގެއްލުންދީ މާވިން ޑީޕޯޓްކޮށްލަން މަސައްކަތް ކުރަން އުޅޭ ކަމަށް ބުނި ކަމަށެވެ. އަދި ފަހުން ގުޅާފައި މޭރީ މަރުވި ހަބަރު ދިން ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

މޭރީ މަރުވި ދުވަހު ހޮސްޕިޓަލަށް ދިޔަ ކަމަށާއި ލަމްހާއަށް ގުޅުމުން އޭނާވެސް އައި ކަމަށް މުބީން ބުންޏެވެ. އަދި މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުން ކަމަށް ބުންޏެވެ.

އުމުރުން 30 އަހަރުގެ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން 10 އަހަރަށް ޖަލަށްލާނެ އެވެ. ނަމަވެސް ހުކުމް ކުރުމުގައި ގާޒީ ނިންމަވާ ގޮތްތަކެއްގެ ސަބަބުން ކުށުގެ އަދަބު ބޮޑުވުމަކީ އޮތް ފުރުސަތެކެވެ.

އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.