އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އަލީ އަބްދުﷲގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ދެ މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމައިފި އެވެ.
އަލީ އަބްދުﷲގެ މަރު މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ސ. ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި، އެ ރަށު އައްޒާ، މުބާރިކު މުހައްމަދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ދައުލަތުން ނިންމީ އެ ދެ މީހުން ހާދިސާ ހިނގި ތަނުގައި ނެތް ކަމަށް ބުނެ އެމީހުންގެ ފަރާތުން ނަގާފައިވާ ދިފާއު ކޯޓުގައި ސާބިތުކޮށްދީފައި ވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުން އުފުލި ދައުވާ މައޫޒު އާއި މުބާރިކުގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.
އަލީ އަބްދުﷲ މަރާލުމުގެ ކުށުގައި އޭނާއަށް ބޮޑު ބޭބެ ކިޔާ އަހްމަދު އިބްރާހިމް ދީދީގެ މައްޗަށް ދައުލަތުން ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މި މައްސަލައިގައި އަހްމަދު އިބްރާހީމް ދީދީއާއި، މައޫޒުއާއި، މުބާރިކްގެ އިތުރުން ސ. ހިތަދޫ، ނަޝީދީގޭ، މުހައްމަދު ޝިފާޒްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. އޭނާގެ މައްޗަށް ވެސް އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. ޝިފާޒުގެ މައްސަލަ މިހާރު ވެސް އަންނަނީ ކޯޓުގައި ބަލަމުންނެވެ.
އަލީ އަބްދުﷲ މަރާލާފައިވާ އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އެ މައްސަލާގައި ފުލުހުން ބުނެފައިވަނީ އޭނާ މަރާލާފައިވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ވެސް ފުލުހުން ހޯދި އެވެ.