ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން މިފަހުން ހިނގާދިޔަ މައްސަލަތައް ތަހުގީގު ކުރުމުގައި ގޯހެއް އުޅޭތޯ ބެލުމަށް އެ މައްސަލަތަކުގެ ލިޔެކިޔުންތައް ޕްރޮސެކިއުޓަރު ޖެނެރަލްއާ ހިއްސާކުރުމަށް ފުލުހުންނަށް އަންގައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ޖިންސީ ގޯނާގެ ބައެއް މައްސަލަތައް އެކަށީގެންވާ މިންވަރަށް ރަނގަޅަށް ތަހުގީގު ނުކުރާ ކަމުގެ ޝަކުވާ ޕީޖީ އޮފީހަށް ލިބެމުންދާ ކަމަށެވެ. މިފަހުން ހިނގާދިޔަ ބައެއް މައްސަލަތަކުގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން ކުރާ ކަމަށެވެ.
ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާއި ގުޅިގެން ގާނޫނު އަސާސީން ޕީޖީގެ މައްޗަށް ލާޒިކުރާ ކަންތައްތަކެއްވާ ކަމަށާ އެހެން ކަމުން މިފަހުން ހިނގާދިޔަ ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގެ ލިޔެކިޔުންތައް ޕީޖީއާ ހިއްސާކުރުމަށް އަންގާފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
"ފުލުހުންނަށް އަޅުގަނޑު މިހާރު އަމުރެއް މި ފޮނުވަނީ އެ މައްސަލަތަކުގެ [ޖިންސީ ގޯނާގެ] ލިޔުންތައް އަޅުގަނޑާ ހަމައަށް ގެނެސްދިނުމަށް. މި ތަހުގީގުތައް ހިނގާދިޔަ ގޮތް އަޅުގަނޑު ބަލާނަން. ބަލާފަ އެކަމުގައި ގޯހެއް އުޅޭކަމުގައިވަންޏާ އަދި އެއްވެސް ކަހަލަ ނުފޫޒެއް އުޅޭކަމަށްވަންޏާ އެކަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރާނަން،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އެ ލިޔެކިޔުންތައް ލިބުމާއެެކު ޕީޖީން ކުރަންޖެހޭ މަސައްކަތްތައް ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ. ޕީޖީ ވިދާޅުވީ ތަހުގީގާމެދު އާންމުން ސުވާލު އުފައްދާ ހަތަރު މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
މިއަހަރުތެރޭ ހިނގާދިޔަ އެންމެ ބޮޑު އެއް މައްސަލައަކީ ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެކެވެ. އޭގެފަހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަވެސް ހިމެނެއެވެ. އެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތާމެދު ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އޭގެ ފަހުން ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެ ދެ ކުދިން ބަނޑުބޮޑު ކަމަށްވެސް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.