ކަނޑުމަގުން އައްޑު އަތޮޅު ހިތަދޫއަށް ގެންދަން އުޅުނު 79 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ ބައެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ. ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި މެރީން ޕޮލިސްގެ އިތުރުން ދެކުނު ޕޮލިސް ޑިވިޝަން ގުޅިގެން އައްޑޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގީ އޮކްޓޫބަރު މަހުގެ ކުރީކޮޅުގައެވެ.
ހަތަރު ދުވަހަށް ދެމިގެންދިޔަ އެ އޮޕަރޭޝަންގައި 79 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އަދި 14 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އޭގެ ތެރެއިން 8 މީހަކު ފަހުން ދޫކޮށްލިއެވެ.
ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މިރޭ ވިދާޅުވީ އައްޑޫ ސިޓީން 79 ކިލޯ މަސްތުވާތަކެއްޗާއެކު އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ހައްޔަރު ކުރި މީހުންގެ ތެރެެއިން ހަތް މީހެއްގެ މައްޗަށް 10 ދައުވާއެއް އުފުލާ ހިތަދޫ ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. ޕީޖީ ވިދާޅުވީ މި ދައުވާތައް ސާބިތު ކުރުމަށް ހެކިންގެ ގޮތުގައި ހުށައަޅާފައިވަނީ ފުލުހުން ކަމަށެވެ.
"މިއީ ދެކުނުގެ ބޮޑު ނެޓްވޯކެއް. ހެކިންނަށް ތިބީ ފުލުހުން. ކޯޓުން އަވަސް ޝަރީއަތެއް ހިންގަވާނެ ކަމަށް އުއްމީދު ކުރަން,"
މި މައްސަލަ ތަހުގީގުކުރި ފުލުހުންގެ އިންވެސްޓީގޭޓަރުން ހިންގީ ރަނގަޅު ތަހުގީގެއް ކަމަށާ ޕީޖީންވެސް ކުރަންޖެހޭ މަސައްކަތް ކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ދެން އޮތީ ރަނގަޅު ކޭހެއް ކޯޓްގައި ހުށައެޅުން ކަމަށެވެ. އެކަމަށްވެސް ޕްރޮސެކިއުޓަރުން ތިބީ ތައްޔާރަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.
އައްޑޫގައި ވަރުގަދަ އޮޕަރޭޝަން ހިންގަން ފެށިކަން ފުލުހުން ހާމަކުރުމުގެ ކުރިން ޕާކިސްތާނުގެ ނޫސްތަކުން ވަނީ މި ނެޓްވޯކާ ގުޅޭ މައުލޫމާތުތައް އާންމުކޮށްފައެވެ. އެ ގޮތުން ޕާކިސްތާނުގެ އެންޓީ ނާކޮޓިކް ފޯސް (އޭއެންއެފް) އާއި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ގުޅިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށާ މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިއެއް ހިންގަމުންދާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހުއްޓުވީ ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކުގައި ދިވެހި ރާއްޖެ އައި އަރަބިކަނޑާ ގުޅޭ ހިސާބުން ކަމަށްވެސް އެ ރިޕޯޓްތަކުގައި ބުންޏެވެ. ނަމަވެސް ކަނޑުމަގުން އައްޑު އަތޮޅު ހިތަދޫއަށް ގެންދަން އުޅުނު 79 ކިލޯގެ މަސްތުވާތަކެތީގެ ނެޓްވޯކް ރޫޅާލާ އެ މީހުން ހުއްޓުވީ ދިވެހި ފުލުހުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވިއެވެ.