ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމާއި ގުޅިގެން އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލަކާއެކު މިނިވަން ތަހުގީގެއް ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް ފުލުހުންނާއި ޕީޖީ އޮފީހުގައި އިދިކޮޅު ކޯލިޝަނުން އެދިއްޖެ އެވެ.
އާންމުވެފައިވާ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އަދި އެ ފަނޑިޔާރުންނަށް ގުޅުއްވާ ކަންކުރަންވީ ގޮތް އަންގަވަނީ އަލީ ޒާހިރެވެ.
މި އޯޑިއޯތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވަނީ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލަކާއެކު މިނިވަން ތަހުގީގެއް ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެދިފައެވެ. އަދި އެ ކަމަކީ ސުޕްރީމް ކޯޓްގައި މިހާރު އޮތް ރައީސް ޔާމީންގެ މައްސަލަ ނިމުމުގެ ކުރީން ކުރަން ޖެހޭ ކަމަކަށްވާތީ އެކަން އޭގެ ކުރީން ކޮށް ދިނުމަށްވެސް އެދިފައިވެއެވެ.
އިދިކޮޅުގެ ސިޓީގައި މި މައްސަލައާ ގުޅިގެން އިތުރަށް ހިއްސާކުރަން ޖެހޭ މައުލޫމާތުތަކެއް ހުރުމުން ސީޕީ އާއި ޕީޖީގެ އެޕޮއިންޓްމަންޓަކަށްވެސް ވަނީ އެދިފައެވެ.
އާންމުވެފައިވާ އޯޑިއޯތަކާއި ގުޅިގެން ޖޭއެސްސީން ވަނީ ތަހުގީގެއް ފަށާާފައެވެ. އަދި ފަނޑިޔާރުންގެ ރުހުމުގައި އޯޑިއޯ ސާމްޕަލް ނަގާ ދަނީ ތަހުލީލު ކުރަމުންނެވެ. ނަމަވެސް ތަހުލީލު ނުލިބެނީސް ފަނޑިޔާރުންނާއި ހަވާލާދީ ޖޭއެސްސީން ވަނީ އޯޑިއޯތަކަކީ ފޭކު އޯޑިއޯތަކެއް ކަމަށް ބުނެފައެވެ. ޖޭއެސްސީގެ އެ ސްޓޭޓްމަންޓާއި ގުޅިގެން މައްސަލަ އިތުރަށް ގޯސްވީއެވެ. އަދި ތުހުމަތު އިތުރުވީއެވެ.