ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެއްޖެ

Dec 25, 2022
1

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ސާބިތުވާތީ މިހާރު ދަނީ އަދަބު ކަނޑައެޅުމުގެ މަރުހަލާ ހިނގަމުންނެވެ. ދައުލަތުން އެދިފައިވަނީ ދައުވާގައި ދެވޭ އެންމެ ބޮޑު އަދަބު ދިނުމަށެވެ. ދައުލަތުން އެގޮތަށް އެދުނީ ކުށް ކުރެއްވިއިރު ޔާމީން ހުންނެވި މަގާމާއި ހިންގެވި ކުށުގެ ސަބަބުން ދައުލަތަށް ލިބިފައިވާ ގެއްލުން ބޮޑުވުމާ ގުޅިގެންނެވެ.

ކުށުގެ އަދަބުގެ ގޮތުގައި ދައުލަތުން ހުށަހެޅީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ޖޫރިމަނާ ހަ ގުނަ ބޮޑުކޮށް ނަގައިދިނުމަށެވެ. ނަމަވެސް ގާނޫނުގެ ދަށުން ޖޫރިމަނާ ނަގައިދެވެން އޮތީ ފަސް ގުނަ ބޮޑު ނުވާނެ ގޮތަކަށް ކަމަށްވާތީ ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަދު ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށްވެސް ދައުލަތުން އެދިފައިވެ އެެވެ.

ރައީސް ޔާމީނާ އެކު ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމަށް ވެސް އަދަބުގެ ގޮތުގައި ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަބު ދިނުމަށް ދައުލަތުން އެދިފައިވެ އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާގައިވާ ގޮތުން ޔާމީން ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލުކުރައްވާ އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކޮށްފަ އެވެ. ދައުލަތުން ކުރީގެ ހުށަހެޅުމެއްގައި ވަނީ ކުށް ކޮށްގެން ހޯދި ހުރިހާ ފައިސާއެއް ވެސް ދައުލަތަށް ނެގުމަށް ހުށަހަޅާފަ އެވެ.

ގާޒީ މިއަދު އިއްވެވި ހުކުމްގައި ބުނެފައިވަނީ ޔޫސުފް ނައީމްގެ އެކައުންޓަކުން ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ލިޔެކިޔުންތަކުގައި ބުނާ ފައިސާ އަކީ ޔާމީން އޭރު ހުންނެވި މަގާމުގެ ހައިސިއްޔަތުން ޔާމީންގެ އެކައުންޓަށް ޖަމާވެގެން ވާނެ އަދަދެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އެ ފައިސާ އަކީ ކެމްޕޭނަށް އެކި ބޭފުޅުން ހަދިޔާކޮށްފައިވާ ފައިސާގެ ގޮތުގައި ބެލި ނަމަވެސް ޔާމީން ރައީސް ކަން ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ މާލީ ހިސާބުތަކުން އެ ފައިސާ އެގޮތަށް ހަރަދުކޮށްފައިވާ ކަން އެނގެން ނެތް ކަމަށެވެ. ސިޔާސީ ކަންކަމަށް ލިބޭ ފައިސާ ބަލަހައްޓަން ވާނީ ކެންޑިޑޭޓުންގެ އޭޖެންޓުން މެދުވެރިކޮށް ކަމަށް ގާނޫނުގައި ބުނާ ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ރައީސް ޔާމީނާއި ޔޫސުފް ނައީމުގެ ވަކީލުން އެދިވަޑައިގަތީ އަދަބު ކަނޑައެޅުމަށް ވާހަކަދެއްކުމަށް 10 ދުވަސް ދިނުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ޝަރީއަތުގެ މަޖިލިސް މީގެއިރުކޮޅެއް ކުރިން މެދުކަނޑާލީ އަދަބަށް ވާހަކަދެއްކުމަށް މެންދުރުފަހު 2:00 ޖަހާއިރު އަލުން މަޖިލިސް ފަށާނެ ކަމަށް އިއުލާންކުރުމަށްފަހު އެވެ. މިއަދު މައްސަލަ ނިންމަވާނެ ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.