ދީނުގެ އިލްމުވެރިން ދުލުގެ އިއްފަތްތެރި ކަމަށް އިސްކަން ދެއްވާނެ ކަމަށާ އެ ބޭފުޅުން ވާހަކަ ދައްކަވާނީ ހިކުމަތްތެރި ކަމާއެކު ރިވެތި ބަހުން ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ނަމަވެސް އެ ޓްވީޓް ކުރެއްވީ ސީދާ ކޮން ކަމަކާ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
މައުމޫން މިފަދަ ޓްވީޓެއް ކުރެއްވިއިރު ޓްވިޓާގައި ވަރަށް އެކްޓިވްކޮށް އުޅުއްވާ ބައެއް ދީނީ އިލްމުވެރިންގެ ބަސްމަގު ބައެއް ފަހަރު ހުންނަނީ ވަރަށް ދެރަކޮށް ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔައެވެ.
މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ދީނުގެ އިލްމުވެރިން ދުލުގެ އިއްފަތްތެރި ކަމަށް އިސްކަން ދެއްވާނެ ކަމަށާ އެ ބޭފުޅުން ވާހަކަ ދައްކަވާނީ ހިކުމަތްތެރި ކަމާއެކު ރިވެތި ބަހުން ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ބައެއް އިލްމުވެރިން ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ހެލްތް މިނިސްޓަރު އަހުމަދު ނަަސީމްވެސް އިއްޔެ ވަނީ ފާޑުވިދާޅުވެފައެވެ. ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކޮށް ހުންނާކަށް ނުޖެހޭ ކަމަށާ މާސްކު އަޅަން ނުޖެހޭ ކަމަށް ވިދާޅުވާ އިލްމުވެރިންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
"އިލްމުވެރިއެއް ފަތުވާ ދެއްވަފާނެ، ގައިދުރުކޮށް ހުންނާކަށް ނުޖެހޭ، މާސްކު ނޭޅިއަސް އެންމެ ރަނގަޅު ވާނެޔޭ، ދެން މިހިސާބަށް ކަންތައްތައް ގޮސްގެން ނުވާނެ ނޫންތޯ. އެއީ އެ ފަންނުގެ މީހުން ބުނާ އެއްޗަކާއި އެހެން އިލްމުގެ މީހުން ބުނާ އެއްޗަކާ ދިމާ ނުވެދާނެ. މިއީ ދީނީ މައްސަލައެއް ނޫން، މިއީ ބައްޔެއްގެ މައްސަލަ. މިކަހަލަ ނުރައްކާތެރި ވާހަކަތައް ފަތުރަމުން އެދަނީ މިއީ ކިހާދެރަ ކަމެއްތޯ. ކޮންމެ މިސްކިތަކުން އެގޮވަނީ، މާސްކު އަޅައިގެން އަންނާށޭ. އެކަަމަކު ތިމަންނާމެންނަށް މިބައްޔެއް ނުޖެހޭނޭ ބުނެ މާސްކު އަޅަން ދެކޮޅު އެބަހަދާ. މިކަމާ ވަރަށް ކަންބޮޑުވޭ،" ނަސީމް ވިދާޅުވިއެވެ.
ދާދި ފަހުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ މި ދުވަސްވަރު ޖަމާއަތުގެ ނަމާދުގައި ގައިދުރުކުރުން މުހިންމު ކަމަަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ވަނީ ވާހަކަ ދައްކަވާފައެވެ.