ކޮވިޑްގެ ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ދަށުން މިސްކިތްތައް ބަންދު ކުރުން ބަލައި ނުގަނެވޭނެ ކަަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅު ވެއްޖެ އެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ އަދި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުން މަނާ ވެސް ކުރުމާއެކު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ މާލޭގެ މިސްކިތްތައް ބަންދުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަލިމަޑުކަމުގެ ތެރޭގައި ވެސް މިސްކިތްތައް އެއްކޮށް ބަންދު ކުރުން ބަލައި ނުގަނެވޭނެ ކަަމަށެވެ.
"އިސްލާމީ ވެރިއެއްގެ އަސާސީ މަސްއޫލިއްޔަތަކީ ދީން ހިމާޔަތްކޮށް، ދީނުގެ ހުކުމްތަކާ ހިލާފު ނުވާނޭ ގޮތެއްގެ މަތިން ދުނިޔަވީ ސިޔާސަތު ރާވައި ހިންގުން ކަމުގައިވާއިރު، ބަލިމަޑުކަމުގެ ހާލަތުގައި ވިއަސް މިސްކިތްތައް އެއްކޮށް ބަންދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު އިތުރަށް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެ ފިޔަވަޅުތަކާ އެކުވެސް މިސްކިތްތަކުގައި ނަމާދު ކުރެވެން ވާނެ ކަމަށެވެ.
މިސްކިތްތައް ބަންދު ކުރަން ނިންމުމާދު ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެގޮތުން ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު ވެސް ވިދާޅުވީ ހުއްދަ ނަގައިގެން ބޭރުގައި އުޅުމުގެ ފުރުސަތު މިހާރު ވެސް ބައެއް މީހުންނަށް ލިބޭއިރު އެ މީހުންނަށް މިސްކިތަށް އަރާ ނަމާދު ކުރުމުގެ ފުރުސަތު ބަންދު ކޮށްގެން ނުވާނެ ކަމަށެވެ.
މިސްކިތްތައް ބަންދުކޮށް ފުރަބަންދަކަށް މާލެ ގެނައީ ކޮވިޑްގެ ހާލަތު މާބޮޑަށް ގޯސްވުމުން ނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ކޮންމެ ދުވަހަކުހެން ޕޮޒިޓިވްވާ ރޭޓް އުޅުނީ ހާހުން މަތީގަ އެވެ.