ގައިގައި ހުރި ބާރެއްލާފައި އަމަން ފަތައިގަތެވެ. ނޭވާއެއް ލެވޭތޯ ބަލަމުންނެވެ. ފައި ތަޅައިގަތް ވަގުތު، ކަނާތު ފަޔަށް ހީވީ ތޫނު ހަންޖަަރެއް ހަރައިލި ހެނެވެ. އަޑީގައި އޮތަސް އެޅި ވޭން ގަދަ ކަމުން ހަޅޭއްލަވައި ގަނެވުނެވެ. ފެން މައްޗަށް އަރައި ހަށިފުރާ ލާން މަސައްކަތްކުރި ނޭވާ ކުރު ކުރުވީ ޖެހި ރާޅަކުންނެވެ. ލޮނު ބޮވިގެން އައި ކެހިވަރުން ސަލާމަތްވުމުން ދެލޯ ފުހެލައި، އަމަން ތެޅިގަތީ ޒަހާ ހޯދާށެވެ.
ކުރަމަތި ރިސޯޓަށް ދިޔަ ލޯންޗު ހުރަސްކޮށް ދަތުރު ކުރަމުން އައި ދޯންޏެއްގެ ކުރިކަނޑަން ލޯންޗު މިސްރާބުޖެހި ވަގުތު އަމަންއާ ޖެހިގެން އިން ޒަހާގެ އަތުގައި ބާރަށް ހިފުނެވެ. ޒަހާއަށް ހީވީ އޭނާގެ ފިރިމީހާ ލޯބިން އަތުގައި ހިފާލިހެނެވެ. ނަމަވެސް، ނަގަމުން ދިއަ ބިޔަ ރާޅުތައް ފަޅަމުން ދިޔަ ލޯންޗުގެ ކައްޕިގެ މަގުސަދު ހާސިލް ނުވެދާނެއޭ އޭރުވެސް އަމަންއަށް ހީވި އެވެ. ހިސާބަކަށް ޑިންގީ ދުއްވުމުގެ ތަޖުރިބާހުރި އަމަންގެ އެ ހިސާބު ނަސީބު ދެރަކަމުން ދިމާވީ އެވެ. ދޯންޏާ އަރާހަމަވިއިރު ދުވެލި މަޑުކުރެވޭނެ ވަގުތެއް ކައްޕިއަކަށް ނުލިބުނެވެ. ތެޅިގަނެފައި ކުއްލިއަކަށް އަނބުރާލި ހުންގާނާއެކު، ލޯންޗު ގޮސް އެރީ މުދާ ބަރުކޮށްގެން ދަތުރުކުރި ދޯނީގެ ދިރުނބާ ކޮޅަށެވެ.
"ޒަހާ، ޒަހާ،" އޮޔާދާ އެއްޗެހިން ރެކެމުން އަމަން އޭނާގެ ފަތަން ވެސް ނުދަންނަ އަންހެނުންގެ ފެނޭތޯ ހޯދި އެވެ. އެކްސިޑެންޓްވި ސަރަހައްދު އަމަންއަށް ސިފަވީ ކުނި ޖަމާވެފައިއޮތް ފަޅެއް ހެނެވެ. ތަފާތަކީ އެތަނުގެ މެދުގައި އަމަން އޮތް ކަމެވެ. ދޯނިން ކަމެއް ލޯންޗުން ކަމެއް ވަކިނުވާ ވަރަށް އުތުވިފައި ހުރި ފިލާތަކާއި ލަކުޑިގަނޑުގަނޑާއި ކަރުދާސް ފޮށިގަނޑުތަކާއި ފެންފުޅިތަކެވެ. ނަގަމުންދިޔަ ބިޔަ ރާޅުތަކާއި އޮޔާދާ އެތިފަހަރުތަކެވެ.
ރަނގަޅަށް ފަތައި ނުގަނެވިގެން އުޅެނިކޮށް، އަމަންގެ ލޮލުގައި އަޅައިގަތީ، ދެ ފަޅުވެރިން ވެގެން ބަނޑުންޖެހިފައިވާ ލޯންޗުގެ މައްޗަށް ޒަހާގެ މަންމަ އަރުވާ ތަނެވެ.
"މަންމާ ކޮބާ ޒަހާ،" އެ ސުވާލުގެ ޖަވާބު އެނގި ހުރެވެސް މައިދައިތައަށް އަޑުގެ ނެތްތަނަށް އަމަން ގޮވި އެވެ. ޖަވާބެއް ދެވޭ ވަރަށް ވުރެ ޒަހާ މަންމަގެ ހާލު ދެރަކަން އަމަންއަށް ވިސްނުނެވެ. ހުރި ހިތްވަރެއްލާފައި އަމަން ފަތައިގަތީ، އޭރު ފެތެމުންދިއަ ދޯނީގެ އަނެއް ފަރާތަށް ދާށެވެ.
ކިތަންމެ ބޭނުންވިއަސް އަމަން އަށް މާ ބާރަށް ކުރިއަށް ދެވޭ ގޮތެއް ނުވެ އެވެ. ނަގާ ކޮންމެ އަތެއް ލައިގަންނަނީ ބިޔަ ބާނިތަކުގެ ތެރޭގައި އޮޔާދާ ކޮންމެވެސް އެއްޗެއްގަ އެވެ. ފަތަމުން ފީނަމުން ކަހަލަ ގޮތަކަށް މަޑުމަޑުން ދޯނީގެ އަނެއް ފަޅިއަށް ދެވުނުއިރު، އަންހެނެއްގެ ފައި އަމަންއަށް ފެނުނެވެ. ތެޅިގަނެފައި ރަނގަޅަށް ބަލައިލިއިރު، ބޮއި ގަނޑެއްގައި އެލިގަނެގެން އޮތީ ޒަހާއެއް ނޫނެވެ. އަންހެނުންގެ ކޮއްކޮ ޒާރާ އެވެ.
****
ގެއަށް ވަދެގެން އައިއިރުވެސް ޒަހާ މަންމަ އިނީ އަމަންގެ އިންތިޒާރުގައި ކަން އޭނާއަށް އެނގުނެވެ. ދައްކަން އުޅޭ ވާހަކަ ވެސް އެނގޭތީ އަމަންގެ ފިޔަވަޅުތައް އަވަސްކޮށްލީ ކޮޓަރިއަށް ވަންނާށެވެ.
"ދަރިފުޅާ އަމަން އިހަށް އާދެބަލަ،" އަމަންގެ ނިޔަތް ޒަހާ މަންމައަށް އެނގިގެން ބުނި ކަހަލަ އެވެ. ފުންކޮށް ލެވުނު ނޭވާ އެތެރެއަށް ހިންދާލާފައި އަމަން ޒަހާ މަންމަ ގާތު ސޯފާގައި އިށީނެވެ.
"މި ވާހަކަ ދައްކާނެ ގޮތެއް ވެސް ނޭނގެ މަންމައަކަށް. ވަރަށް ފިކުރު ބޮޑުވޭ. މީހުން އެހަރަ ކިޔާ ވިޔާނުދާ އެއްޗެހިން ލަދުން ލޯ ހުޅުވާލަން ނުކެރޭ ހިސާބަށް ގޮއްސި. ޒާރާ ވެސް ގެއިން ބޭރަށް ވެސް މިހާރު ނުނިކުމޭ،" ޒަހާ މަންމަގެ ހިތުގެ އުދާސްތަކެއް ބަންޑުންކޮށްލި އެވެ.
ތުންތުންމަތިންނާ ފަސްފަހަތުގައި މީހުން ކިއަމުންދާ ހުތުރު ވާހަކަތައް އަމަންއަށްވެސް އިވެ އެވެ. ފުރަތަމަވީ ދެރަ އެވެ. ދެން އަންނަން ފެށީ ރުޅި އެވެ. އެ ވާހަކަތައް އަމަންއަށް އަމާޒުވާތީއެއް ނޫނެވެ. މީހުންގެ ވިހަ ދުލުގެ ޝިކާރައަކަށް ޒާރާ ވާތީ އެވެ.
"އަހަރެމެން ދެމައިން އެހެންތާކަށް ދާންވެސް ހިތަށްއަރާ. މީހުން ބުންޏަސް ހަގީގަތެއް ބަދަލެއް ނުވާނެ. ދަރިފުޅު މިހާރު އެ ޒިންމާ އުފުލާކަށް ނުވެސް ޖެހޭނެ. އަނެއްކާ ދަރިފުޅު ވެސް އަލުން ހަޔާތެއް ފަށަންވެސް ވެއްޖެ ނުން މިހާރު. ދެން އަންނަ މީހެއް އެހާ ނުރުހޭނެ ދޯ އަހަރެމެންނާއެކީ އުޅޭކަށްވެސް،" އަމަން ގަބޫލު ކުރަން ބޭނުންނުވެފައި ހުރި އެތައް ހަގީގަތަކަށް ޒަހާ މަންމަ އަޑެއް ދިނެވެ.
"މީހުން ކިޔާހާ އެއްޗަކަށް މަންމަ ފިކުރު ނުކޮށްބަލަ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަސް ޗުކުޗުކު ލައްވާ މީހުން އުޅޭނެ. މަންމައާ ޒާރާއަކީ ހަމަ އަހަރެންގެ ޒިންމާ އެއް. އަހަރެންގެ ވެސް އިތުރު މީހަކު ހުރީކީއެއް ނޫން. އެހެން ނޫނަސް މަންމަމެން ބަލަން ނުރުހޭ މީހަކާ އަހަރެން ނުވެސް އިންނާނަން،" އެ މައުލޫއާ މެދު ވާހަކަ ދައްކަން ބޭނުން ނުވާކަން ޒަހާ މަންމަ އަށް އަންގަން އަމަން ބޭނުންވި އެވެ.
އެކަމަކު އަމަން މައިތިރިވީ، ޒަހާ މަންމަގެ ލޮލުން ފޭދެމުންދިއަ ކަރުނަތައް ފެނިފަ އެވެ. މީގެ ދެ އަހަރު ކުރީގެ ހިތްދަތިކަން ކުއްލިއަކަށް އަމަންގެ ހިތަށް ސިފަވީމަ އެވެ. ލޯބިވާ ފިރިމީހާގެ ފުރާނަނެތް މަސްގަނޑު ކައިރީގައި، ޒަހާ މަންމަ އަޑުން އަޑުން ނަގައި ރުއި ދުވަހެވެ. މޫނުމަތީގައި އެއްވެސް ދިރުމެއްނެތި އެއް ފަރާތެއްގައި ބިއް ޖެހިފައި ހުރި ޒާރާ އެވެ.
ބައެއް ފަހަރު ޒަހާގެ ހަށިގަނޑު ނުފެނުން އެއީ އަމަންއަށް ލެއްވި ނަސީބެކޭ އޭނާގެ ހިތަށް އަރަ އެވެ. ގައިގެ ތަންތަންގަނޑު ނޮޅައިގެންގޮސް، ގަދަ ނޫކުލަ އަރާފައިވާ ޒަހާ ބައްޕަ އޮތް ހާލަތުގައި ޒަހާ ފެނުނުނަމަ އަމަންއަށް ވާނެ ގޮތެއް އޭނާގެ ހިތަށް ގެންނަން އަދިވެސް ޖެހިލުންވާތީ އެވެ.
އެ ނާމާން ހަނދާންތަކުން އަމަން ހޭލައްވައިލީ ޒަހާ މަންމަގެ އަސަރުން ފުރިފައިވާ އަޑެވެ.
"ނޫނޭ ދަރިފުޅާ. އެގޮތެއް ކަމަކު ނުދާނެ. ދަރިފުޅުތީ އަދި ޒުވާން ކުއްޖެއް. ދަރިއެއް ހޯދަން ޒަހާ ކައިރީ އޭރު ކިޔާ އަޑު މަންމަ އެހިން އެތައް ފަހަރަކު. ބަނޑުއަޅާ ވިހޭ މަންމަ ނޫންވިއަސް، އަމަން ތީ ހަމަ މަގޭ ދަރިއެއް. މަށަށް ނަސީބު ނުވި ފިރިހެން ދަރިތީ. އެހެންވީމަ ވަރަށް އަސަރުކުރޭ ދަރިފުޅަށް އަލުން ހަޔާތެއް ފެށުމަށް އޮތް ހުރަހަކަށް މަންމަމެން ވާތީ،" އިސްޖަހައިގެން އިނދެ ޒަހާ މަންމަ އަމަންއަށް ވިސްނައިދޭން ވަރަށް މަސައްކަތްކުރި އެވެ.
"ދެން ތިހެންވިއްޔާ މަންމަ ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް. އެކަމަކު މި ބުނަނީ މަންމައާ ޒަރާއާ މަގުމަތިވާން އަހަރެން ދުލެއް ނުކުރާނަމޭ. މަންމަމެން ބިކަވާން ދޫކޮށްލާފައި އަހަންނަށް ކިހިނެއް އުފަލުގަ އުޅެވޭނީ. އެހެން ހަދައިފިއްޔާ ބައްޕަ ވެސް ޒަހާ ވެސް އަހަރެންނަކަށް ދުވަހަކުވެސް މާފެއް ނުކުރާނެ. އަހަރެން އަމިއްލަ ނަފްސަށްވެސް މާފެއް ނުކުރެވޭނެ" މިއަދު މަންމަ ދޫނުދޭނެހެން ހީވުމުން ކުޑަކޮށް ހަރުކަށިވެވޭތޯ އަމަން ބެލި އެވެ.
އެކަމަކު އެ މައުލޫ އިތުރަށް ކުރިއަށް ގެންދިއަ ނުދޭން އަމަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ދެން ޒަހާ މަންމަ ބުނެލި ޖުމްލައިން އަމަންއަށް ލިބުނީ ކުއްލި ސިހުމެކެވެ.
"ދަރިފުޅު އަދި ނެތް މަންމަ ބުނި ކަމެއް ނުކޮށްދީ އެއް. ދަރިފުޅު ގޮތް ދޫނުކުރާނެކަން މަންމައަށް އެނގޭ. އެހެންވީމަ މަންމައަކަށް ނުފެނޭ މިނޫން މަގެއް. މީހުން ކިޔާ އެއްޗެއް ކިޔާނީ ފުރަތަމަ ދުވަސްކޮޅު. ދެން ފަހުން ރަނގަޅުވާނެ. އެކަމަކު މި އުމުރުގަ ކޮންމެ ދުވަހަކު މީހުންގެ ބަދު ބަސްތަކަށް ދެން ކެތެއް ނުވާނެ. ދަރިފުޅު ގަބޫލިއްޔާ، ދަރިފުޅު ޒާރާއާ..."
*****
ކުރިމަތީގައި އިސްޖަހާލައިގެން މަޑުމަޑުން އިން ޒާރާގެ މޫނުމަތިން މާބޮޑު އެއްޗެއް އަމަންއަށް ދޭހަވާ ގޮތެއް ނުވި އެވެ. ޒާރާ ހިތު ތެރޭގައި އެވަގުތު އެނބުރެމުންދާނެ ޝުއޫރުތައް އެނގެން އަމަން ވަރަށް ބޭނުންވި އެވެ. އިރުއިރުކޮޅާ އަމަންއަށް ޒާރާގެ މޫނަށް ބަލައިލެވެ އެވެ. ފޮރުވިފައި ސިއްރެއް ހާމަވެދާނެކަމުގެ އުއްމީދުގަ އެވެ. ޒާރާގެ ހުންނަނީ ތަފާތު ރީތިކަމެކޭ އަމަންގެ ހިތަށް އެ ވަގުތު އެރި އެވެ. ފިރިހެނެއް ގާތު އަހައިފިނަމަ، ފަސް އަހަރު ދޮށިވިއަސް ހިޔާރު ކުރާނީ ޒަހާ ކަން އަމަންއަށް އެނގެ އެވެ. އޭނާއަށްވެސް ވީ ހަމަ އެހެނެވެ. ނޫކަށިފުރާގައި އުފާވެރި ދިރިއުޅުމެއްގެ ރުކުންތައް އޭރު ނުވިސްނުނީ އެވެ. ޖެހޭ ވައިރޯޅިއާއެކު ހުރިލާ ނަލަ އިސްތަށިގަނޑުގެ ޖާދޫގައި ބެހުނީ އެވެ. ގައިގެ ވަނާތައް ސިފަވާ ޖިންސާއި ޓޮޕްކޮޅުގެ ވަސްވާހުގައި ޖެހެވުނީ އެވެ.
އެއްވެސް މީހަކަށް ހަގީގަތެއް ނޭނގޭނެ އެވެ. އޮފީހުން އައިސް ގެއަށް ނުވަދެ ދޮރު ކައިރީގައި ހުރީ ކިތައް ދުވަސްކަމެއް އެނގޭނެ އިތުރު ފުރާނައެއް ނުހުންނާނެ އެވެ. ކޮޓަރީގައި ބައިންދާފައިހުރި ބިއްލޫރި ބޮޑު ވާސްއަށް އަސްލުވީ ގޮތް އެނގޭނީ އޭނާއަށްތާ އެވެ. ހަފްތާގެ ގިނަ ދުވަހު ހަމަނިދި ނުލިބޭ ސަބަބު ދަންނަ ދެވަނަ މީހަކު މިހާރު ދުނިޔެއަކު ނެތެވެ. "ކުޅެން ގޮސް އުޅެނިކޮށް" އަބަދު މޫނާ އަތް ފައިން ފެންނަ ޒަހަމްތަކުގެ ހަގީގަތް ހެއްދެވި ފަރާތް ދެނެވޮޑިގެންވެ އެވެ. ބިޒީކަމުގެ ބަހަނާއެއްނެތި ގޭގައި އުޅޭ ވަގުތު އަމަންގެ ކަންކަންކޮށްލަދިން އަތުގެ ސިއްރު ކަށްވަޅާ ހަމައަށެވެ.
މާޒީގެ ތެރެއަށް ގެއްލިފައި އިންދާ، އަމަންއަށް ހޭވެރިކަންވީ ޖެހިގެން އިން މީހާ ދެ ފަހަރަކަށް ކަރުކެހިލިފަހުންނެވެ. މޭޒު ކައިރީގައި ތިބި އެންމެންގެ ނަޒަރު ހުއްޓިފައިހުރީ އަމަން އަށެވެ. އޭނާގެ ޖަވާބެއްގެ އިންތިޒާރުގަ އެވެ. ހިމޭންކަމެއް ފެތުރިގެން ދިއަ އެ ވަގުތު ޒާރާވެސް އިސް އުފުލާލި އެވެ. ފަނޑު ހިނިތުންވުމަކާއެކު ބަލައިލީ އަމަންގެ މޫނަށެވެ. "އަނބި ގަބޫލުކޮށްފިން."
*****
"ޒަހާ، ޒަހާ،" އޮޔާދާ އެއްޗެހިން ރެކެމުން އަމަން އޭނާގެ ފަތަން ވެސް ނުދަންނަ އަންހެނުންގެ ފެނޭތޯ ހޯދި އެވެ. އެކްސިޑެންޓްވި ސަރަހައްދު އަމަންއަށް ސިފަވީ ކުނި ޖަމާވެފައިއޮތް ފަޅެއް ހެނެވެ. ތަފާތަކީ އެތަނުގެ މެދުގައި އަމަން އޮތް ކަމެވެ. ދޯނިން ކަމެއް ލޯންޗުން ކަމެއް ވަކިނުވާ ވަރަށް އުތުވިފައި ހުރި ފިލާތަކާއި ލަކުޑިގަނޑުގަނޑާއި ކަރުދާސް ފޮށިގަނޑުތަކާއި ފެންފުޅިތަކެވެ. ނަގަމުންދިޔަ ބިޔަ ރާޅުތަކާއި އޮޔާދާ އެތިފަހަރުތަކެވެ.
ރަނގަޅަށް ފަތައި ނުގަނެވިގެން އުޅެނިކޮށް، އަމަންގެ ލޮލުގައި އަޅައިގަތީ، ދެ ފަޅުވެރިން ވެގެން ބަނޑުންޖެހިފައިވާ ލޯންޗުގެ މައްޗަށް ޒަހާގެ މަންމަ އަރުވާ ތަނެވެ.
އެ ވަގުތު އެއް ފަޔަށް ވާންވިހެން ހީވި އެވެ. އިތުރު ހަރަކާތެއް ގެނެވުމުގެ ކުރިން، އަޑިން ފަޔަށްޖެހި ކުއްލިއަކާއެކު ރާޅުގެ ތެރެއަށް އަމަން ގެނބުނެވެ. އޭރު ހިތަށް ވެރިވެގަތީ މިޔަރެއް ނޫނީ ކަޅު ވެނެއްގެ ބިރެވެ. ހާސްވެގެން އަޑި ބަލާލިއިރު ކަނާތު ފައިގައި ހިފައިގެން އޮތީ ޒަހާ އެވެ. ދެ ލޯ ބޮޑުވެ، ފަހު ނޭވާގައި އޮތް ޒަހާ، އޭނާގެ ފިރިމީހާގެ ފައިގައި ހިފައިގެން މައްޗަށް އެރޭތޯ ތެޅޭތަން އަމަންއަށް ފެނުނެވެ. ރާވައިގެން ނޫންވިއަސް އެކަމަށް ނެގީ ކުޑަ ހިނދުކޮޅެކެވެ. ވައަތު ފައިން ޒަހާގެ ބޮލުގަ އަޅާ، އަމަން އޭނާގެ އަންހެނުން އިތުރަށް އަޑިއަށް ކޮށްޕާލި އެވެ. ޒަހާގެ އަތުން އަމަންގެ ފައި ދޫވީ ދެ ފަހަރަކު ފައިން އަޅާ ކޮށްޕާލި ފަހުންނެވެ.
މުޅި ހަށިގަނޑަށް ދެ ތިން ކުއްލި ޖެހި ކަހަލަ އެވެ. މަޑުމަޑުން އަތްފައިން ބާރު ދޫވެ، ހަރަކާތް ހުއްޓުނު ޒަހާގެ ފަހު ވަގުތުކޮޅު ބަލައިލަން އަމަން ހިނދުކޮޅަކު އަޑިގައި މަޑުކޮށްލި އެވެ. (ނިމުނީ)