މިއީ ވެލާނާގޭގައި މިހާރު އެހެރަ އުސް އިމާރާތް ހެދުމުގެ ކުރިން، އަދި ހުޅުމާލެ ހިއްކާ އާބާދުވުމުގެ ކުރިން، މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމުގެ ކުރިން ލިޔެފައިވާ ވާހަކަ އެވެ. ހުޅުމާލެ ހިއްކާ ވާހަކަ އޭރުވެސް ދެކެވެ އެވެ. އެކަމަކު ވެލާނާގޭގެ ވާހަކަ އާއި ބްރިޖްގެ ވާހަކައެއް އޭރު ނުދައްކަ އެވެ. މިއީ ވާހަކައެއް ލިޔުމުގެ ގޮތުން އަޅުގނޑު ފުރަތަމަ ލިޔުނު ވާހަކަ އެވެ. މި ވާހަކަ "ހަވީރު" ގައި ޝާއިއު ކުރިއެވެ. ވާހަކަ ބިނާކޮށްފައި ވަނީ 1886 ވަނަ އަހަރު ވެލާނާ ގޭގައި ހިންގި ނުބައި އަމަލަކުން ކުޑަ ތަންކޮޅެއް ނަގައިގެނެވެ. ވެލާނާގޭގައި އަންހެނަކު މަރާ ވަޅުލާފައި ވަނީ މާލޭގައި ބޮޑުހުޅުގެ ހާދިސާތައް ހިންގި މީހުން އެ އަމަލު ހިނގާއިރު އެހެން މީހުންނަށް ނުފެންނާނެ ސިހުރެއް ހެދުމަށް ގަބުރެއްގެ މޭގަނޑު ނެގުމުގެ މަސައްކަތުގައި އުޅެނިކޮށް އެ އަންހެން މީހާއަށް ފެނިގެނެވެ. އެއީ ވެލާނާގޭގައި ކައްކަން އުޅުނު ހުވަދު އަތޮޅުގެ އަންހެނެކެވެ. -- މުންޑޫ އާދަމް ހަލީމް
ހިމޭން ދަންވަރު
(1886 މޭ)
މާލެ އަނދިރިވެފައި އޮތަސް އުޑުމަތީގެ ފާންތަރިތަކުން ދުނިޔެއަށް ފުދޭވަރެއް އައްޔެއް އޮތެވެ. އަޑި ގުޑަން މަގުގެ މެދުގައިވާ އަނދިރިގަނޑަކަށް އުޑުގެ ހިޔަނި އެޅިފައިވާތީ އެތާނގައި ވަނީ ފެންގަނޑެއްކަން އެނގޭހާވެއެވެ. ތަރިތަކުގެ ހިޔަނި ފެންގަނޑުން ފާޅުވަނީ ރިހި އެސްތަކެއް ޖަހާފައިވާ ހާރެއްގެ ސިފައިގަ އެވެ. މަގުގެ އެއް ފަރާތުގައި ހުރި ފިޔަފާޅިގަނޑެއް ކަހަލަ ތިރި ގޭގެ ތެރެއިން އުނދޯއްޔެއްގެ އެއްބައި ފެނެ އެވެ. އަސްކަނި ދޮށު އެލުވާލާފައިވާ ހަތް ފުށްލީ ވޮށުން މަގުމައްޗަށް އުކާލާލައި ފަތުރާލާފައި ވަނީ ކުލަ ނޭނގޭ ރީތި އައްޔެކެވެ.
ކުއްލިއަކަށް ފެނުނީ ބިޔަ ބޮޑު މީހަކު މަގު ހުރަސްކޮށްފައި އަނެއް ފަރާތަށް ދިޔަ ތަނެވެ. ރަށް ފައުނުތަކެއްހެން ދިއްލިފައިވާ ގޮށްބައި އެޅި ލިބާހުގެ މެދު ފަތިން ދެފަރާތުގައި ހިފައި ތިރިއަށް ދަމާލި އެވެ. ބޮލުގައިވާ މަހުމަލުގެ ތާކިހާ ރީތިކޮށްލައި މަގުގެ ދެކޮޅު ހޯދައިލި އެވެ. މޫނު މަތީގައި ހާސް ކަމެއްގެ އަސަރު ހުއްޓަސް ބޮޑާ ކަމާއި ކިބުރުވެރިކަން ވަކީން ކުޑައެއް ނޫނެވެ. ވަދު ޖެހި މަރުވަޅިކޮޅު މަތީން ހަމަ އިސްކޮޅަށް އުފުލިލައި ފެހި ޖަހާފައިވާ ފާރުމަތިން އެމީހާ ބަލައިލި އެވެ. އެތާނގައި ސަފުދާމަލާފައި ވަނީ މަހާނަ ގާތަކެވެ. އެ ގަބުރުސްތާނު ނިމޭ ހިސާބުގައި ހުރި މަދު ގަސް ދޮށުގައި އެއް ފޭލި އަނދެ އަނެއް ފޭލިން ނިހާލި ބަނދެގެން ތިބި ހަތަރު މީހަކު އުޅެނީ ވަރަށް އަވަދި ނެތި އެވެ. ކިސަޑުން ތަތްތެޅިގެނެވެ.
"އަވަސް ކުރޭ... މިއީ އަމާން ވަގުތެއް!" ފާރުމަތިން ބަނޑު އަޅައިގެން އޮތް ޖާނު ވަރުގަދަ މީހާ، ވައި އަޑު ނެރުނެވެ.
"އަވަސް ކުރޭ... ސަންދޫކާ އެކީ ހިފައިގެން އާދޭ... މިއަށްވުރެ އަމާން ވަގުތެއް މިރެއަކު ނުލިބޭނެ،" ސަންދޯކު އަޅައި ވަޅުލިތާ އެއް ދުވަސް ނުވާ މައްޔިތާގެ ގަބުރު ކޮނެ ނަގަން މަސައްކަތް ކުރި މީހުނަށް އަޑު އިވޭ ވަރަށް ގޮވާލި އެވެ. އެ އަޑާއެކު މަދު ހަގުގެ ތެރެއިން ގޮފިތައް ތަޅުވާލާފައި ދެ ފަރާތަށް ދެވާ އުދުހި ގަތެވެ. މިހާނަތަނަށް މަޑުމައިތިރި އެރޭގެ އޮމާންކަން ވާލުގެ ކީންކީން އަޑުން ހަލާކުވެގެން ދިޔައިރު ކަށް ބިމުގެ ތެރޭގައި ތިބި މީހުން ސަންދޯކާއެކު ދުއްވައިގަތެވެ. އާ ގަނޑުވަރުގެ އިރުން ގުޅަކުޅޭ ފަސްގަނޑު ފަސްދީ ކުޑަކިބާ ފާލަންދޮށު އަށިމަތީގައި ސަންދޯއް ބެހެއްޓި އެވެ. އެ ވަގުތު އިންޒާރަކާ ނުލައި މާލެ މައްޗަށް ވައްޓާލި ކޮޅިގަނޑެއްގެ ބޯ ވާރޭ ބަންޑުންކޮށްލި އެވެ.
ހީވީ މާ މައްޗަކުން ފުނޑުފުނޑުވެގެން ފޭބި ފެނުގެ ފާރެއް ހެނެވެ.
އަށި މަތީގައި ސަންދޯއް ހުރީ ރެދަންލައި ގަދަ ފެއްސަކާއި މަޑު ނުލަކުން ދިއްލިފަ އެވެ. ސަންދޯކުގައި ޖެހިފައި ވާރޭ ތިކިތައް ބުރަމުން ދިޔައީ އަލިފާން ކަނިތަކެއް ހެނެވެ. އިރުކޮޅަކުން ބަން ބަން ލާފައި ގުގުރި ތަޅައިގަތީ އުނގޫފާރު މާވަޑިއަކު މަޑޫ މަތީގައި މާ މުގުރަކުން އަޅައިވިހެލާހެނެވެ. ބިރުވެރި ސިފައެއްގައި ވިދުވަރުގެ އަލި ދުވެގަތެވެ. ފެނުން ދޮވެވެމުން ދިޔަ ފަހުލަވާނުން ސަންދޯއް ކޮނޑު އަޅައިގެން ދުވަން ފެށި އެވެ.
"އައްދިއްޔޯ، އަލިފާނޯއި!" އެސްޖެހި ގަނޑުވަރާ ހަމައިން މާ ބަރާކަށް ޖެހި ގުގުރިއަކާއެކު ސަންދޯއްކުގެ އެއްކޮޅު ކޮނޑު އަޅައިގެން ހުރި ކަޅު ތުއްތު ވިއްސައިގެން ދިޔައެވެ. އުޑުތިލަ މަތިން ޖެހުނު އިރު ރެދަން ލާފައިވާ ސަންދޯއް ހުރަސްވެފައި އޮތީ އޭނާގެ މޭ މަތީގަ އެވެ.
ބިރެއެއް މެއެއް ނެތި، ހަތަރުފަހުލަވާނުން އަނެއްކާވެސް ދުވަން ފެށި އެވެ. އަނދިރި ފަރުބަދައެއްކަހަލަ ގޭގެ ފެންޑާގައި ހުރި އަށިކޮޅު މައްޗަށް ސަންދޯއް ދޫކޮށްލި އިރު ތިބީ ވާތާވެފައެވެ. ފެންޑާގައިވާ ކަނދިލީގެ އަލީގެ ތެރެއަށް މާނޭވާ އުދުއްސަމުން ދިޔައިރު ފަހުލަވާނުންތައް ތިބީ ތެމިފޯވެފައިވާ ކަނބިލިތަކެއްހެނެވެ.
ކަޅުތުއްތު ބަލާކަށް ނުހުރެ އެވެ. ކަފޭރާ ތެރޭން ދަމައިގެން ކަތިވަޅިއާއެކު ފުންމައިގެން އަރައި ސަންދޯކު ފިލާތައް ފަޅިފަޅިކޮށް މޭޒުމައްޗަށް ގަބުރު ދަމައިގަތެވެ. ހުދުކާފޫރާއި ކަލަންބޮކަރު އެކުވެފައިވާ ނުބަޔަށް ވުރެ ވެސް ނޯށަށް އުނދަގޫ ވަހެއް މުޅިތަނަށް ފަތުރާލި އެވެ.
"އަވަސް ކުރަމާ ހިނގާ!" ބިބީ އަލީ ކުރިއަށް ނުކުތެވެ. ކަޓަކަރާ މަތިން، ޒަންބިއާއެއް ފަދަ ތޫނު ވަޅިއެއް ހިފައިގެން އެ ދިޔަ ގޮތަށް ގޮސް އޭނާ ޖެހިގަތީ ގަބުރުގެ މައްޗަށެވެ.
"ކާފަރު ޖިންނި އާދޭ! ކާފަރު ޖިންނި އާދޭ!" އެންމެން އެކުގައި ގަބުރުގެ ފަސްތަން މޮހެލައި ހެމުން ދިޔަ އެވެ.
ކަޅުތުއްތު ގަބުރުގެ މޭމައްޗަށް އެރި އެވެ. ބިބީ އަލީގެ ވަޅި އެޅުވީ ގަބުރުގެ ކޮނޑުކަށިގަނޑާ ދިމާއިންނެވެ. އެއާއެކު ހަތަރު މީހުން އެކުގައި ހިފައި ގަބުރު މޭމަތިން އިރާލައި ރަޑަވެފައިވާ މޭގަނޑު ދަމައިގަތެވެ.
"ކާފަރު ޖިންނި އާދޭ! ރަސްމުގެ ބާރުތައް އަހަރުމެންނަށް ހޯދައިދޭން ކާފަރު ޖިންނި އާދޭ!" ބޮޑު ލޯތައްޓެއްގެ ތެރެއަށް މޭގަނޑު ލައިގެން ފަހުލަވާނުން މޮޔަވެ ވަޖިދުވަމުން ދަނިކޮށް އެންމެން އެކުގައި ސިހުނެވެ. ފަހަތުން "އާތް، އާތް" އޭ ކިޔާ ރަނޑާލި އަންހެނަކު ހަޅޭއްލަވައިގެންފައި ހޭރިގަތެވެ. ކަޅުތުއްތު ކަތިވަޅިއާ އެކު ދުއްވައިގަތެވެ.
"ހިފަހައްޓާ! މި ކަނބުލޭގެ ދޫކޮށްލައިގެން ނުވާނެ!" ބަލާކަށް ނުހުރެ ބިބީ އަލީ ގޮސް އަންހެން މީހާގެ ކަރުގައި ކަތިވަޅިން ޖެހި އެވެ.
"އައްދޯއި އަހަރެން މަރާ ނުލާ... އާދޭސް ކުރަން ތިހެން ނުހަދާ..."
"އަދި އެބަ އަނގަ ހުޅުވައެއްނު!" ފަހުލަވާނުންތައް އައިސް އަންހެން މީހާ ވަށާލައި ރޮއިރޮއި އޮއްވާ، ކަތިލި ކުކުޅެއްހެން ވާރޭތެރެއަށް އެއްލައިލި އެވެ. އޭނާގެ ގައި މައްޗަށް އަރާ ވަޅިން ޒަހަމްކޮށް މަރާލުމަށްފަހު ނުފޯދޭ އަނބުގަހުގެ ބުޑުގައި ކޮނުނު ވަޅުގަނޑަށް ވައްޓާލައި ފަސްލައި އޮއްބާލި އެވެ.
2020، ހޯމަ ދުވަހެއް: ހުޅުމާލޭ އިރުމަތީ ފަރާތު ކަނޑުމަތި
މޯލްޑިވްސް ސީ ލެވެލް މޮނިޓަރިން ޑިޕާޓްމަންޓުން ކަނޑުގެ ރާޅާއި އޮއިވަރު އެނބުރޭ ގޮތް ދެނެގަތުމަށް ކުރާ ދިރާސާގެ ފަހު މަރުހަލާ ފުރިހަމަ ކުރުމަށް އިފުހާމް އާއި ލީލާ "ރަނަހަމާންދި" ލޯންޗުގައި ހުޅުމާލެ ބޭރުން ދަތުރު ކުރަމުން ދިޔަ އެވެ. ލީލާ މަސައްކަތް ކުރަމުން ދިޔައީ ތްރީޖީ، ޖީޕީއާރުއެސްގެ އެހީގައި ކަނޑުގެ ވީޑިއޯތައް އަތުލައި ހުޅުމާލެ އާއި މާލޭގައިވާ މޮނިޓަރިން ބޭސްތަކަށް ފޮނުވާށެވެ. ހުރިހާ ޑޭޓާއެއް ފޮނުވަމުން ދިޔައީ ރިއަލް ޓައިމް ޓްރާންސްލޭޝަން މޯޑްގައި ލެޓިނުން ދިވެއްސަށް ބަދަލުކުރާ ޑިޖިފޯމް ޕެކެޓްތަކެއްގެ ގޮތުގަ އެވެ.
މަސައްކަތް ނިންމާލުމަށް ފަހު ލީލާ ދުރު ބަލައިލި އެވެ. އެއް ފަރާތުގައި އޮތީ ބޮޑު މަނަވަރެކެވެ. ދުރުމި އަޅައިގެން މަތި ބަލައިލި އެވެ. މާކަނޑެއްހެން އޮތް ނޫ އުޑުގައި ކިރިޔާ ލޮލަށް ފެންނަ ވަރަށް ޖަހާލި ކަޅު ތިއްކެއް ބޮޑުވެގެން އާދެ އެވެ. އިރުކޮޅަކުން ދޫންޏެއްހެން ފިޔަ ޖަހާލި އެވެ. ދެން ފެނުނީ ހަނގުރާމަމަތީ އެއާ ކްރާފްޓެއްގެ ސިފަ ޖެހިގެން ވިލާތަކަށްވުރެ ތިރިން އަންނަތަނެވެ.
"އޯ ސަޅި!" ބަލަން ހުރެފައި ލީލާއަށް ބުނެވުނެވެ. ސޯޅަ ވަނަ ގަރުނުގައި އުޅުއްވި ހިތްވަރުގަދަ ކޮމާންޑަރެއް ކަމަށްވާ ހަސަން ވެލާނާ ހަނދާނުގައި ބަނދެފައިވާ މާސިންގާ މަނަވަރު "ކޮމާންޑަންޓް ހަސަން" ގެ އަސްކަރީ ޑެކް މައްޗަށް އެއާކްރާފްޓް ވައްޓާލީ ދުރުން އައި ބާޒެއް ތިރިކޮށްލި ހެނެވެ.
"އިފްހާމާއި ލީލާ ދަތުރު ކުރަމުން ދިޔައީ ކިއްސަރެއް ނެތް މަނަވަރާ ވަރަށް ކައިރިންނެވެ. މަނަވަރުގެ ބޯރުދާއާ ދިމާ ދެ ކަންކަށިން ނެރެފައިވާ ވަރުގަދަ ކެލިބާ މެޝިންބަޑިތަކުގެ ކޮޅުން ހީވަނީ ދެންމެދެންމެ އުންޑަތައް އުދުއްސައިގެންފާނެ ހެނެވެ. ތަންކޮޅެއް އުހުގައި އެންޓިޝިޕް މިސައިލް ފޮނުވާ ހަރުތަކާއި އެންޓި އެއާ ކްރާފްޓް ތަންޑުތަކެވެ. ޓްރޮބިޑޯ ފޮނުވޭ މަނަވަރުގެ ތައްޓުމަތީ ފާރައަށް ހިނގާ ކޮންމެ މީހެއްގެ ބުރަކަށިމަތީގައި އާ ޒަމާނުގެ ރައިފަލު އަޅުވާލާފައި ވެއެވެ.
"ދިވެހި ސިފައިން މިހާރު ހާދަ ތަރައްގީވެއްޖޭ،" ރަށެއް ކަހަލަ ބޮޑު މަނަވަރު ފަހަށްލާފައި ލޯންޗުގެ ދުވެލި ބާރުކޮށްލުމުން ލީލާ ބުންޏެވެ. އިފުހާމް ވެސް ހީނލި އެވެ.
ހެނދުނުން ފެށިގެން ކަނޑުމަތީގައި އުޅެފައި މަސައްކަތުން އަވަދިވެގެން ލޯންޗު ހުޅުމާލެެއާ ކައިރިކުރަމުން ދިޔައިރު އުދަރެސް ބޯކޮށްފައި ވަނީ މަތިމައްޗަށް ހުރި ރަތް ވިލާތަކުންނެވެ. އޮއްސެން ދިޔަ އިރު ވިލާތަކުގެ ބިއްދޮށުގައި ފޮރުވިފައި ހުރުމުން ހީވަނީ ރެސް މަތީގައި ހުޅުޖަހާފައިވާ ހެނެވެ.
***
ލީލާ ރީތިވަމުން ދިޔަ އެވެ. އިރާދަމަށް ފަހު މާލެ ދިއުމުގެ ކުރިން ހުޅުމާލޭގެ މޮނިޓަރިން ބޭސްގެ ލިވިން އެޕާޓްމަންޓްގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ޑްރެސިން ޓޭބަލް ކައިރީގައި ހުރެ އަތް އުފުލާލި އެވެ. އޭގޯޝް މަރުކާގެ ހުތްކީލި ކާތާލާފައި ތުންފަތުގައިވާ ލިޕްސްޓިކް މަތިން ލިޕް ލައިނާ އަޅާލި އެވެ.
މާ ކުރިން ތައްޔާރުވެގެން ހުރި އިފުހާމް އިނީ ދަހިލަވައިފަ އެވެ. ފަޅި ސިކުންތެއްގެ ފުރުސަތަކަށް އެދިގެނެވެ. ކަނޑާއި ރާޅާއި އޮއިވަރުގެ ތަހުލީލީ ހިޔާލުން ދުރުވެގެނެވެ. ކަނޑުމަތިން އުފެދިފައިވާ ލޯބީގެ މީރުކަމެއް ތާޒާކޮށްލާށެވެ.
"ރީތިތަ؟" ހުދުކުލައިގެ ހެދުމުގެ ކޮނޑުމަތިން މޭ މައްޗަށް ދިގު ފަން އިސްތަށުގަނޑު ވައްޓާލައިގެން ލީލާ ގޮސް އިފުހާމުގެ އަތުގައި ހިފި އެވެ. އުނގުތެރެއަށް ލީލާ ވަނުމުން އިފްހާމަށް ހީވީ އެދިއެދި ހުރި އީދުވިލޭރޭ އައިހެނެވެ.
"އެންޑް އައި ސޭ ޔޭސް، ޔޫ ލުކް ވޮންޑަފުލް ޓުނައިޓް!" ކޮޅަށް ތެދުވެ ލީލާގެ އުނަގަނޑާއެކު އަތް ވަށާލައި އެރިކް ކްޕެލްޓަންގެ މުސްކުޅި ނުވާ ލަވައިގެ ލަވައިގެ ތަންކޮޅަކުން ލީލާއަށް ޖަވާބު ދިނެވެ.
"އަސްލުވެސްތަ؟" ލީލާ ހީނލި އެވެ.
އިފްހާމްގެ އެއް އަރިމަތިން އޭނާއާ ލީލާ ގާތްކޮށްލި އެވެ.އެވަގުތު ލީލާގެ ބޯ އިފްހާމްގެ ކޮނޑުގައި އަޅައިލި އެވެ. ހީވީ އޭނާގެ ކޮނޑުމަތީގައި މަލުގެ ގުސްދަސްތާއެއް ބާއްވާލިހެނެވެ. އަދި ލަވައިގެ ތަންކޮޅެއް ކިޔައިދިނެވެ:
"އައިސޭ މައި ޑާލިން ޔޫއާ ވޮންޑާފުލް ޓްނައިޓް..."
ލީލާގެ އޮމާން އިސްތަށިގަނޑާއި ލީލާ ކުޅެލި އެވެ. އެއާއެކު ދުރަށް ޖެހިލާފައި އެނދުމަތީގައި ޖައްސާލި އެވެ. ރީތި އެ ކޮޓަރީގެ މާހައުލުގައި ޖިސްމު ރޫހީ އުފާވާ ހިސާބަށްދާން ބޭނުން ކަމުގެ އިޝާރާތެއް ލޮލުގެ ހިމަކޮޅަށް ގެނަ އެވެ.
"ކީއްކުރަން؟" ލީލާ އަށް ވިސްނުނެވެ. ބޭނުމެވެ. އެކަމަކު ގަސްދުގައި ނޭނގުނު ކަމަށް ހެދީ އެވެ.
"ލޯބީގައި ބެހި އޮޔާދާން!" ހީވީ އިފުހާމް އެހެން ނުބުނެގެން ހުރިހެނެވެ. ލީލާ ގޮސް އިފުހާމުގެ މޭމަތީގައި ބޯ އަޅާލައި ފުރޮޅިލި އެވެ. ލީލާގެ ހުދު ހެދުން ފެތުރިގެން ދިއުމުން ހީވީ އިފުހާމްގެ ގައިގައި ކަފުނެއް އޮޅައިލި ހެނެވެ.
***
އަމިއްލަ ޒާތުގައި މިސްރާބު ހޯދައިދޭ ސިކުނޑިއަކާއި އިރުން ހަކަތަ ޖަމާކުރާ ލޮލަކުން މަސައްކަތް ކުރާ މޮބައިލް ކޮމިއުނިކޭޝަންގެ ނިޒާމެއް ގާއިމުވެފައިވާ އަގު ބޮޑު ލަންބާގިނީ ކާރަށް ފުރަތަމަ އެރީ އިފުހާމެވެ. ފަހަތުން ލީލާ އެރުމާއެކު އޮޓޯމެޓިކް ވައިބްރޭޝަނަކުން ދޮރުތައް ހުޅުވާލާފައިވާ ލައްޕާލި އެވެ. އޭގެ އިނޖީނު ސްޓާޓްގެ އަޑު އައީ އަންހެނަކު ރޮއިލާ ފަދައިންނެވެ.
"މި ކާރު ރޮއި ގަތީތަ؟" ލީލާ ހީނލި އެވެ.
ހުޅުމާލެ އާއި މާލެ ގުޅުވާލާފާއިވާ ބްރިޖުމަތިން ކާރު ދުވަން ފެށި އެވެ. ފާލަމުގެ ކޮޅުން ރީތިކޮށް ދުރު ފެނެ އެވެ. އެންމެ ފާޅުކަން ބޮޑީ މާލެ މައްޗަށް އަރާ ހުރި 14 ބުރީގެ ވެލާނާ ޓަވަރެވެ. ވަަށައިގެން ހުދު އަލީގެ ސޯޑިއަމް އާވި ދުރުން ޓަވަރަށް އަޅުވާފައި ހުރުމުން ފެންނަނީ މާލޭގެ މެދަށް ފެހި ބަންދު އެޅި ރިހި ކުލައިގެ ތަނބެއް ޖަހާފައިވާހެނެވެ. ހީރާގެ ފަރުބަދަ އަކުން ފަންނުވެރިން ކަނޑާ ނަގާފައިވާ ބިނާއެއް ފަދަ އެވެ. އަދި މާ ދުރަކުން މާލެ މައްޗަށް އަރާ ހުރި ބޮޑު ކޯއްޓޭގެ ފެއްސާއި ރަތާއި ހުދު، ވިހުރިލައި މިނިވަން ވަޔާ ކުޅެމުން ދެ އެވެ. ދުވާލު ކޮންކްރީޓް ޖަންގައްޔެއްގެ ސިފަޔަށް އޮތަސް ރޭވީމާ ހާދަ ޗާލެވެ. ދިއްލާ އަޅާފައިވާ މަނަވަރެއް ފަދަ އެވެ.
ބުރިޖު ފަހަނައަޅައި މާލޭގެ ގޭޓުން ވަނުމާއެކު އިފްހާމާއި ލީލާ ތިބީ ކާރު ވެލާނާ ޓަވަރުގެ މައި ގޭޓަށް މަޑުކޮށްލި އެވެ. ކާރު ވައިބްރޭޓް ވެލާފައި ރޮއިލި އެވެ. އަމިއްލައަށް ޒޯން ފާހަގަކޮށް ބިމުގެ އަޑީގައިވާ ގަރާޖުގެ މައި އަނގައިގެ ތެރެއިން އަޑިއަށް ދާން ފެށި އެވެ. ކާރު ޕާކުކޮށްލުމަށް ފަހު ފޭބުމަށް ދޭ ސިގުނަލްގެ ގޮތުގައި އަނެއްކާވެސް އަންހެނެއްގެ އަޑުން ރޮއިލާފައި މުޅި ކާރު އެކުގައި ރޫރޫ އަޅުވާލި އެވެ.
"އޮޓޯ ލިފުޓަށް ދަމާ!" ކާރުން ފޭބުމާއެކު އިފުހާމް ހުއްޓުނެވެ. ކާރަށް ބަލައިލި އެވެ.
"ކޮން ތުރުތުރެއް؟ ކާރު އެ އޮތީ ނިވާލާފައެއް ނޫންތަ؟" ހުއްޓި ވަށައިގެން ހޯދާލުމަށް ފަހު ލީލާ ވެސް ބުންޏެވެ.
"ރޮއިލި އަޑު ވެސް އިވުނު!"
"އާތް، އާއި... އިފޫ!" ކޮނޑު އަރުވާލާފައި ލީލާގެ އަތުގައި ހިފައިގެން އިފްހާމް ގަރާޖުގެ އަނގައިން ބޭރަށް ނުކުތް ދަނޑިވަޅު ލީލާ ސިއްސައިގެން ގޮސް އިފުހާމްގެ ގައިގައި ބެއްދި އެވެ.
"އެއީ ވައިރޯޅިއެކޭ!" އިފްހާމް ބުންޏެވެ.
އައި ވައިރޯޅިއާއެކު ބޭރުގައިވާ ދެ އަނބު ގަހުގެ ތެރެއިން ހިކި ފަތްތައް ބިމަށް އޮހެމުން ދެ އެވެ. ގަހުގެ ތެރެއިން ވާތަކެއް އުދުހިގަތެވެ. އިފްހާމް ލީލާ ގޮވައިގެން ލިފްޓް ތެރެއަށް ދެމިގަތީ އޮޅުލައިގަނެގެން ހުރެ އެވެ.
"ބިރުން ގޮސް ހައްޓަކު ހެއެއް ނެތް!" ހަތަރު ވަނަ ފަންގިފިލާއަށް ދިއުމަށް ފަހު ލީލާގެ އަނގަ ފެޅި އެވެ.
"ކައްޓަކު މަހެއް ވެސް ނެތް ދޯ!" ރާޅުގެ ޑޭޓާތައް ސާވިސް ޕެކަށް ލިންކު ކުރުމުގެ މަސައްކަތް ކުރަން ކޮމްޕިއުޓަރު ކައިރީގައި އިފްހާމް ވެސް ޖައްސާލި އެވެ.
"ސޯސް... ވަން ޓޫ ތުރީ އޯކޭ ޑަން!"
އިފްހާމް ގޮސް ހުޅުވާލީ އައިސްއަލަމާރި އެވެ. "ޕެރިއާ" ފެންފުޅިން ބައެއް ދަމާލައި އަނގައިގައި އާވި ރަހަ ލައްވާލައި ޗެރީއެއް އަނގައަށް ލައިގެން ގޮސް ފުރަގަހުން ލީލާގެ މޫނާ ދިމާއަށް ލެނބިލި އެވެ. ލީލާގެ ކަރު މައްޗަށް ޖަހާލި އެވެ. ލުއި ހަރަކާތަކުން ލީލާ އެ ޗެރީ އޭނާގެ ދޫމައްޗަށް ގެންދިޔަ އެވެ.
"އައި ލަވް ޔޫ!" ލީލާގެ ރަތް ތުންފަތް އިފްހާމް ކޮލުގައި ޖައްސާލި އެވެ. އިރުކޮޅެކެވެ؛ ލީލާ ސިއްސައިގެން ދިޔަ އެވެ. ކޮމްޕިއުޓަރު ކީބޯޑު މައްޗަށް ޖެހުނު ރަތް ޗެރީ ފަޅައިގެން ގޮސް ތިކި ބުރައިގެން ދިޔުމުންނެވެ. ޗެރީ އަތަށް ނެގި އެވެ. އެއާއެކު ހަޅޭއްލަވައިގެންފައި ދުއްވައިގަތެވެ.
"ކިހިނެއްވީތަ؟"
"ޗެރީއެއް ނޫން... މީހެއްގެ ލޮލެއް!" ދުވެފައި ގޮސް ބެއްދީ އިފްހާމްގެ ކަރުގަ އެވެ.
"މީހެއްގެ ލޮލެކޭ؟... ލީލާ ކޮންތާކަށް ތިބަލަނީ؟ އަހަރެން މިހިރީ ގާތުގައެއްނު!"
"ބަލާބަލަ އެކޮޅު... އިފޫ ބަލާބަލަ! އެއީ އެ މީހާގެ ލޯ!"
އޭގެ ކުރިން އިފުހާމަށް ތުރު ތުރުރެއްގެ އަދި ކޮންމެވެސް ވަރެއްގެ ގުޑުމެއްގެ އިހުސާސް ކުރެވުނުވެ. ބަލައިލެވުނީ އޮފީހުގެ ދެކުނު ބިތާ ދިމާއަށެވެ. އެ ދިމާއަށް ހުރި ސިލިކޯން ތަނބުތަކުގައި ރެނދު އަޅައި ރޫޅެނީ އެވެ. އެވެ. ފަންގިފިލާތައް ފުނޑުފުނޑުވަނީ އެވެ. ދުރުން އިވެނީ އަންހެނަކު ރޮމުންދާ އަޑެވެ. އިފްހާމް ހުރީ ލޯ ބޮޑުވެފަ އެވެ. ލީލާ އިފުހާމްގައި ހިފާ ތަޅުވައިގަތެވެ.
"އިފޫ އެދިމާގައި އެހެރީ! މީހެއް،"
އިފްހާމް ތެޅިގަތެވެ. ހީވީ މެއަށް ފެން އަޅައިލި ހެނެވެ. ދުރުގައި ހުރީ ލެއިން ތަތްތެޅިފައިވާ އަންހެނެކެވެ. އޭނާގެ އެއް ލޯ ނެތެވެ. ފޭއްޔާއި ލިބާހުގައި ހުރިއިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާ ތަންތަނުން ބޮކި ޖަހާފައި ލޭ ފައިބަ އެވެ. ބޯ ވަނީ ކަނދުރާ މުޅިން ވަކި ނުވެ ކޮނޑުމައްޗަށް އެލިފަ އެވެ. ހުރި ގޮތަށް ހުރި ބުދެހެން ލޭތައް މަތިން އެމީހާ އާދެ އެވެ. ހުރި ސީދަލަށެވެ. އިތުރު ހަރަކާތެއް ނެތި އެވެ. ހީވަނީ އައިސް މަތީގައި ސޮހިގެންދާ ބުދެއް ހެނެވެ. އެކަމަކު ދުރުން ރޯ އަޑާއި ގިސްލާ އަޑު އާދެ އެވެ.
"އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ކުށަކީ އެ މީހުން ގަބުރެއް ކޮނެގެން މޭ ނަގާތަން ފެނުނުކަން... އަހަރެން މަރާލީ އަނިޔާވެރި ގޮޮތަކަށް،" އެ އަޑު އަންނަނީ ދުރުންނެވެ. އަދި މާ ވޭން ހުރި އަޑަކުން "އަހަރެން މަރާނުލައި ދޫކޮށްލާށޭ" ގޮވާ އަޑު އާދެ އެވެ.
"އާދޭސް ކުރަން އަހަރެން މަރާނުލާ!" އަންހެން އެ އަޑުގައި ވަނީ ރިހުމެވެ.
ގަންނާ ކުރެއްވި ބިރުން އިފުހާމާއި ލީލާ އޮފީސްތެރޭން ސަލާމަތްވާން ދުވަނީ އެވެ. އެކަތިގަނޑު ހެން ތަތްވެ ތިބެގެނެވެ. ރެސްކިއޫ އެއްވެސް ނަމްބަރެއް މަސައްކަތެް ނުކުރެ އެވެ. ރިއަލްޓައިމް ކޮމިއުނިކޭޝަން ވަނީ ފޭލްވެފަ އެވެ. ވެލާނާ ޓަވަރުގެ ފެން ހޮޅިތައް ފަޅައިގެން ގޮސް މުޅި ތަން އޮތީ އޮއިގަނޑއްގެ ތެރޭގަ އެވެ. ހުރިހާ ދޮރަކާއި މަގެއް ބަންދުވެއްޖެ އެވެ.
"އިފޫ... ދުރައްދޭ!" ލީލާ ހަޅޭއްލަވައިގަތެވެ. އިމާރާތުގެ ބިތަކުން ސިލިކޯން ބްލޮކެއްގެ ބޯލްޓުތަކާއި ނަޓްތައް އަމިއްލައަށް ދޫވެގެން ބޮލަށް ވެއްޓެނީ އެވެ. އިފްހާމް ލީލާއާ އެކު ރެކުނެވެ.
"އަހަރެން މަރާލާފައި އަންބުގަސް ދޮށުގައި ވަޅުލުމަށްފަހު އެއްވެސް މީހެއްގެ އުނދަގުލެއްނެތި ދިޔައީ... އެކަމަކު މިއަދު ކަލޭމެން އަހަރެން ހޭލައްވާލީ. ކަލޭމެންގެ އެ ކާރު އަރުވާލީ އަހަރެންގެ ގައިމައްވަށް އޭގެ. ތުރުތުރުން އަހަންނަށް ހޭލެވިއްޖެ..."
އަންހެން މީހާ އެއްވެސް ކަމެއް ނުކުރެ އެވެ. އެ އަޑު އައީ މާ ދުރުންނެވެ. އެއާއެކު ރޮއި އާދޭސްކުރާ އަޑު ކުއްލިއަކަށް ކަނޑައިގެން ދިޔަ އެވެ. ހުރި ގޮތަށް ކުރިއަށް ދިޔަ ކަތިލެވިފައިވާ އެ އަންހެން މީހާ ވެސް ގެއްލުނެވެ.
ވިދުވަރުގެ ކީލިތައް އިމާރާތުގެ ތެރެއަށް ވެރިވެގަތުމާއެކު ޓަވަރުގެ އޮނިގަނޑު ރޫޅެން ފެށި އެވެ. ސަލާމާތް ވުމަށް އިފްހާމާއި ލީލާއަށް ދުވެވުނީ ވަކި ހިސާބަކަށެވެ. ތަންޑުތައް ނެއްޓި އިމާރާތް ސުންނާފަތިވަމުން ދިޔައީ އަމިއްލަ ޒާތުގަ އެވެ. މުޅި އިމާރާތް އެކުގައި ފުނޑުފުނޑުވެގެން ފައިބައިގަތެވެ. އިފުހާމާއި ލީލާ ވިއްސައިގެން ގޮސް ޖެހުނީ ވަޔަށް ބުރައިގެން ދިޔަ ކުނޑިކޮޅެއް ހެނެވެ. އެއާއެކު އަލިފާން ފޮށިތަކެއްހެން، އެ މަތިމައްޗަށް ޖަހާލާފައިވާ 14 ބުރީގެ ވެލާނާ ޓަވަރު އުހުން ފެށިގެން ބިމާ ހަމައަށް ކުނޑިކުޑިވެގެން ފޭބީ ލޯ މަރާލާފައި ހުޅުވައިލާހާ ހިނދުކޮޅެއްގެ ތެރޭގަ އެވެ. (ނިމުނީ)