މަޖީދީ މަގުގައި ހުންނަ ދިވެހި ބޭންކްގެ އޮޅި ކިތަންމެ ވަރަކަށް ގިރާ ކުރިޔަސް އެތާނގެ އުސޫލުތަކަށް ވުރެ ބޮޑަށް އަހަންނަށް ދަސްވެފައި ވަނީ އެތަނުން ފެންނަ ރީތި އަންހެން ކުއްޖާ އެވެ. ނިހާ އާއި އޭނާގެ އާދަތަކެވެ. ހިދުމަތްދޭ ކޮށިގަނޑުގެ ތެރެއިންނެވެ. މާ ބޮޑަށް އަހަންނަށް ނިހާ ދަސްވީކަން ނޭނގެ އެވެ. އަހަރެންގެ ލޮލާއި ހިތް ނިހާއާމެދު ދެކެމުން އައި ނަޒަރުގައި ވެސް ތަފާތު ކަމެއް ހުރެ އެވެ. ލޮލުގެ ތެޅުމުން އަހަރެން ނިހާއަށް ވެސް އެކަން އަންގަމެވެ. ތުންފަތުގެ މިޔަކަނުން ނިހާ ވެސް އެ މެސެޖް ލިބިގަނެވެ. ބައެއް ފަހަރު ނިހާއަކީ އަހަރެންގެ ލޯބިވެރިޔާއަށް ވާނެ ނަމައޭ ގަސްދުގައި ހިތަށް އަރުވަމެވެ. އަނެއް ބައި ފަހަރު ހިތަށް އަރަ އެވެ. ނިހާއަކީ އަހަރެންގެ އަނބި މީހާ އެވެ. ނިހާ ވަނީ އަހަރެންގެ ހިތް މަތީގަ އެވެ. ވަފާތެރި އަންބެއް ލިބުން ވާނީ ދެ ދުނިޔޭގެ ވެސް އިނާޔަތަކަށެވެ. އެއީ އަހަންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި އުފަލެއް ގެނެސްދޭ ވިސްނުމެކެވެ. ނިހާ ވެސް އެފަދަ ގޮތަކަށް ދެކޭނެ ނަމަ އެވެ.
އެއް ދުވަހަކު އެ ހިޔާލުތައް ބަސްތަކަކަށް ވެގެން އަހަރެންގެ ދުލުހުން ބޭރުވާން އުޅުނެވެ. އެކަމަކު އަހަރެންގެ އިހުތިޔާރާ ލައިގެނެވެ.
"އަހަރެން މިހާ ލޯބިވާއިރު ތިވަރަށް ފިރިހެނުންގެ މޫނަށް ބަލާކަށް ނުވާނެ! ކިތަންމެ ލޯބި ވިޔަސް ނިހާއަކަށް އަހަންނެއް ކަމަކު ނުދޭ ވިއްޔާ... ދޯ؟" ޖަމާކުރަން ކުރަން ދިޔަ ފައިސާގެ ސްލިޕްތައް ފުރަމުން އަހަރެން ހީނލީމެވެ. ބޭނުމަކީ ހިތުގެ ވާހަކަ ދުލާ ހަމައަށް ގެނެސް އިއްވާލުމެވެ.
"އޮތީ ދެ ގޮތެއް، އަންހެނަކަށް ދެ ފރިން ހުއްދަވުން... ނޫނީ ވަރިވެ މިނިވަންވުން،" ފައިސާ އާއެކު ސްލިޕްތަކުގައި ހިފަމުން ނިހާ ބުންޏެވެ.
"ނިހާ އުޅެނީ މެރީ ކޮށްގެންތަ؟ ނުވެސް ބުނަމެއްނު" ފަރުވާ ކުޑަ ގޮތަކަށް ނިހާ އެހެން ބުނުމުން އަހަރެންގެ ހިތުގައި ގަޑުބަޑު އުފެދުނެވެ.
"ނުވެސް އަހަމެއްނު!"
"އެކަހަލަ ވާހަކައެއް ބުނާހާ ގާތްތަ؟"
"ދެން މައްސަލައެއް ނެތޭ... އެކަމަކު މީހަކާ އިނދެގެން އުޅޭ އިރު ކީއްވެގެން ތިވަރަށް ފިރިހެނުންގެ މޫނަށް ބަލަނީ އެއީ ގޯހެއްނު؟"
"އެއީ އަހަރެންގެ ފިރިމީހާއޭ!"
އަހަރެން ބަލައިލީމެވެ. ނިހާގެ ފިރިމީހާއެއް އެތާކުން ނުފެނުނެވެ. ތަންކޮޅެއް ލަސްވީ އެވެ. އެހެން ނޫނަމަ ފެނުނީހެވެ.
ނިހާއަކީ މީހެއްގެ އަންބެއްކަން އެނގުނު ދުވަހުން ފެށިގެން އަހަރެން ނިހާއާމެދަކު ނުވިސްނަމެވެ. އެއީ ބޭކާރު ކަމަކަށްވާނެތީ އެވެ. ދިރިއުޅުމަށް ލައުނަތް ލިބިދާނެ ކަމަށް ބަލައިފަ އެވެ. މީހެއްގެ ހައްގަކަށް އަރައިގަތުމަކީ ބޮޑު ފާފައެއްކަން ފޮތް އޮތީ ދަސްކޮށްދީފަ އެވެ. އެކަމަކު މި ދިމާވި ގޮތަކީ އަހަރެންގެ ހިތުގައި ކޫރުން އެޅި ވިރެން ފެށި ކަމަކަށްވި އެވެ. މި ކަމަށް އޮތީ ލޮލާއި ހިތުން މަސައްކަތްތަކެއް ކުރެވި ދުލުން ވެސް ފާޑަކަށް ބުނެވިފަ އެވެ.
***
ރަސްފަންނު -- 23 ޖޫން 2017، ހުކުރު
މިއަދު މިއީ އޭގެ ފަސް އަހަރު ފަހެވެ. މިކަހަލަ މާހައުލަކުން އެހާ އެކަނި ނިހާ ފެނުމުން ގަބޫލު ކުރަން އަހަންނަށް އުނދަގޫވި އެވެ. އަހަރެން ނިހާއަށް ބަލާލާފައި ވަށައިގެންވާ މާހައުލުގެ ތެރެއަށް ދިޔައިމެވެ. ހުޅަނގު ފަރާތު ރެސްމަތިން ވަނީ ރަތްވިލާ ލާފަ އެވެ. މައްޗަށް ލޯ ގެންދިޔައިމެވެ. އުޑު މަތީގައި ވަޔާ ކޮއްޕާ ގަޅުވާތީ ހުޅަނގުން އިރަށް ފުރޮޅެމުންދާ ވިލާތަކާއި ހާފުސްތައް އޮތެވެ.
ކީއްވެގެންބާ ނިހާ އެކަނި އެއިނީ! ވާހަކަ ދައްކާލަންވީކަން ނޭނގެ! މަތި ބަލަހައްޓައިގެން ހުރެ އަހަރެން ވިސްނަމުން ދިޔައިމެވެ. އެހެންނާ ނިހާ ފެންނާނީ ފިރިމީހާގެ ބުރަކަށީމަތީގައި ތަތްވެެގެން އޮވެ އުދުހޭތީ އެވެ. މިއަދު އެއިނީ އެކަންޏެވެ. މޫނު މަތީގައި އުފާވެރި ކަމެއް ވެސް ނެތެވެ.
ނިހާ އެކަނިވެރިކޮށް ފެނުނު ނަމަވެސް ރޯދަ ކުރު ކުރާ މީހުންނާއެކު ރަސްފަންނުގެ މާހައުލު އެހާ އެކަނިވެރިއެއް ނޫނެވެ. ނިހާއާ ދިމާއަށް ހިނގައިގަންނަން ކެރުނީ ވެސް އެހެންވެގެނެވެ.
"ނިހާ!" ޖޯލިފައްޗާ ކައިރިވެލާފައި ގޮވާލީމެވެ.
"އަހަރެން އިށީންނަންތަ؟"
އަހަރެންގެ މޫނަށް ނިހާ އެއް ފަހަރު ބަލައިލި އެވެ. އިތުރު އެއްޗެއް ނުބުނެ އެވެ. ގާތުގައި އިށީނދެލައި އަހަހާ ވެސް ނިހާއަށް ވެފައި އިން ގޮތެއް ނުބުންޏެވެ. އެކަމަކު ނިހާގެ ލޮލުގެ ތެރެއިން ފޭދުނު ކަރުނަ ތިއްކަކުން ކޮންމެވެސް މިންވަރެއްގެ ޖަވާބެއް ލިބުނެވެ. އެކަމަކު ނިހާ ރޯންވީ ކީއްވެގެން ހެއްޔެވެ؟ އަޑެއް ނެތް އެ ރުއިން އަހަރެން ކަންފަތަށް އިވެނީ ކީއްވެގެން ހެއްޔެވެ؟ އިރުއިރުކޮޅާ ލޮލުން ކަރުނަ ހިލެންވީ ކޮން ސަބަބަކާ ލައިގެން ހެއްޔެވެ؟
"ނިހާއަށް އަހަރެން އެނގިއްޖެތަ؟" ކުރާނެ ސުވާލެއް ނެތިގެން އަހައިލީމެވެ. ނިހާވެސް ބޯ ޖަހައިލި އެވެ. އަހަރެން ވެސް ހަމަޖެހިލީމެވެ. ނިހާއަށް އަހަރެން އެނގުމުންނެވެ.
"އެންމެން އުފާ ކުރާ މާހައުލެއްގައި އެއްފަރާތްވެ އެކަނި އިނދެގެން ރޮނީ ކީއްވެ؟ ކޮބާ ފިރިމީހާ؟"
"އަހަރެންގެ ފިރިއެއް މިހާރު ނެތް!" ލޯ ފޮހެލަމުން ނިހާ ބުންޏެވެ.
"އެ ކިހިނެއްވީ ކަމެއް؟"
"ވަރި ކުރީމައެއްނު!"
"އެހެންތަ؟ އަހަރެން ހީކުރީ ދިރިއުޅުމުގައި ކައިވެންޏަކުން ގެނެސްދޭ އުފާތައް ބޮޑުވެފައި މާ ބާރުގަދަ ކަމަށް. ކައިވެންޏަކީ ލޯބީގެ ނިމުން ނޫން ކަމަށް އެހާ ލޯބިން އުޅެފައި ކީއްވެގެންތަ ވަރިވާންވީ؟ ކުއްޖަކު ނުހުރޭތަ؟"
އަހަރެން އެހެން ބުނުމާއެކު ނިހާ ދުރަށް އަތް ދިއްކޮށްލި އެވެ. ތަންކޮޅެއް ދުރުގައި ހުރި ކުޑައިގެ ކައިރީގައި ލޯބި ލޯބި ކުޑަ އަންހެން ކުއްޖަކު އިނެވެ. ކުޅެނީ އެވެ. މަންމައަށް ގޮވާލަނީ އެވެ.
"އެއީ އަހަރެންގެ ދަރިފުޅު ލަޔާ، ތިން އަހަރުވީ!" ކުޅެން އުޅުނު ލަޔާއާ ދިމާއަށް ނިހާ ބަލައިލި އެވެ. އަހަރެންވެސް ބަލައިލީމެވެ.
"ކީއްތަ ތި ކުރަނީ... ރޯން މިތަނަށްތަ ނިހާ އަންނަނީ؟ ރޯދަތަ؟" އަހަރެން އެހެން ބުނުމުން ނިހާ ހީނލި އެވެ.
"އާނ ރޯދަ ވާނެއެއްނު... ގެ ހުންނަނީ މިތާ ކައިރީގަ ލަޔާ ދުވަން ބޭނުންވާތީ މިތަނަށް އައީ... ވަރަށް ނާންނަން"
"އެހެންތަ، ރޯދަ ނުވެސް ދާނެ ދޯ؟ އަންހެނެއް ވިއްޔަ!"
އަހަރެން ނިހާއާ އެކި ސުވާލު ކުރަމުން ދިޔައިމެވެ. ނިހާއަށް ވީ ކީއް ހެއްޔެވެ؟ ފުރަތަމަ އެއްވެސް އެއްޗެއް ނުބުނެ ކޮންމެފަހަރަކު ވެސް ހީނލަނީ އެވެ. އަހަރެން ހުއްޓައެއް ނުލަމެވެ. ސުވާލު ކުރަމެވެ. ނިހާގެ ހަޔާތުގައި ކޮންމެވެސް ބޮޑު ކަމެއް ހިނގައިފި އެވެ.
"އަސްލު ކިހިނެއްތަ ވީ؟ ދުވަސްގަނޑެއް ކޮށްފައި ފެނުނަސް އަހަރެން އެހާ ދުރު މީހަކަށް ނުހަދަބަަލަ؟"
"އަން ރޯދަ ވީއްލާ..." ބަންގީގެ އަޑާއެކު ނިހާގެ ދަބަހުގެ ތެރެއިން ނެގި ކުޑަ ފެންފުޅިން ފެން ފޮދެއް ބޮއިފައި އަހަންނަށް ދިއްކޮށްލި އެވެ. އަހަރެން އެއިން ކޯ ދޮވެލީ އެ ދިމާ ރެސްމައްޗަށް ބަލަހައްޓައިގެން އިނދެ އެވެ. އިރު ފެނަށް ގެނބުނީ ވެސް އަހަރެންގެ ލޯ މަތީގަ އެވެ. އިރު އޮއްސުނަސް އަހަރެން ދާހިތެއް ނުވި އެވެ. ނިހާއާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން އަހަރެންގެ ހިތް އޮތީ އެދި އެދި އެވެ. ނިހާ ވެސް ދާކަށް ނޫޅެ އެވެ. އެންމެން ރޯދަ ވީއްލަން ދުއްވައިގަތް ވަގުތު އެހެން ކުއްޖަކާ ހަވާލުކޮށްފައި ލަޔާވެސް ގެއަށް ފޮނުވާލީ އެވެ.
"ނިހާ ހަނދާން އެބަހުރިތަ އަހަރެން ނިހާ ގާތުގައި ވާހަކައެއް ބުނި ހަނދާން،"
"އާނ، ވަރަށް ރަނގަޅަށް ހަނދާން އެބަހުރި..."
ކުއްލިއަކަށް ނިހާއަށް ރޮވޭ ގޮތްވި އެވެ. އިރު އޮއްސުމުން ވެރިވާން ފެށި އަނދިރިކަމުގެ ތެރޭ ނިހާގެ ހިތުގެ ތެޅުން ގެނބެމުން ދިޔައީ ކަރުނައިގެ ތެރޭގަ އެވެ. މާޒީގައި އުފަލަކަށްވި ވަގުތުތައް އޭނާ ދޫކޮށް ދިޔަހެން އިރުގެ ދޯދިތައް ކަނޑުގެ ހިޔަނީގެ ތެރެއަށް ގެއްލި ހުސްވީ އެވެ. ފަސް އަހަރުގެ ހަނދާންތަކެވެ. އެހާ ދުވަސްވީ އުފަލާއި ލޯތްބެވެ.
"ރައްޓެހިން އަހަރެން ގާތުގައި ކުރިން ވެސް ބުނި މިހެން ވާނޭ އެކަމަކު އަހަންނަށް އޭނާ ދެކެ މާ ބޮޑަށް ލޯބިވުނީ... އަސްލު އަހަންނަށް އޭނާ މާ ރީތިވީ ކަންނޭނގެ އޭރު!"
"ރީތި އެއްޗެއް ހަޑިއެއް ނުވާނެ... ދެން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަންވީނު... އަލުން ގުޅެންވީނު،"
"ފާރިހު..." ނިހާ އަހަރެންގެ ނަމުން ގޮވާލި އެވެ. އަލަށެވެ. ބޭންކު ތެރެއިން އެވަރަށް ދިމާވި އިރުވެސް ފާރިހުއެކޭ ނުގޮވަ އެވެ. މުޅިން ވެސް ގޮވާނީ "އޭތް" ޔޭ ކިޔާފަ އެވެ.
"ރަނގަޅެއް ނުވާނެ... އޭނާއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލެއް ނުވާނެ ... ކިތަންމެ ދޮންވިޔަސް ދޮންދުނބުރި ދޮން އަނބަކަށް ނުވާނެއެއްނު،"
"އެހެންތަ؟ އެއީ ހަމަ އެހާ ބޯ ހަރު އިންސާނެއްތަ؟ ދެން ކީއްވެ އޭނާއާ އިނީ؟"
"މި ބުނީނު އަހަނަނަށް މާ ބޮޑަށް ލޯބި ވެވުނީއޭ،"
"އެހެންވީރު މިހާރު ތިނީ ދިރިއުޅުމުގެ މަތިން މުޅިން ފޫހިވެފަތަ؟"
ނިހާއަށް އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ ފަސް އަހަރު ދުވަހު އުޅޭނީ ލޯބިވެގެން ނޫން ހެއްޔެވެ؟ ދެ މީހުން ބައްދަލު ނުވެ ދެތިން ދުވަސް ވިޔަސް ޝަކުވާތައް ގިނަވީ އެކަކު އަނަކު ބޭނުން ނުވާތީ ހެއްޔެވެ؟ އަހަރެން އެ ސުވާލުތައް ކުރަމުން ދިޔައިމެވެ.
"ނޫން އެއް ފަހަރަކު އޭނާ ކޯހަކަށް ދިޔަ، ތިން މަސް ދުވަހުގެ ތެރޭގައި ފޯނުކުރި އަދަދު ވެސް ނޭނގެ. ފޮނުވި ސިޓީތަކުން އަހަރެމެންގެ ކޮަޓަރީގެ އެއް ފާރު އޮތީ ފުރިފައި. ކޯސް ނިންމާފައި އައިރޭ އެ ފާރު ދެއްކުމުން ހައިރާން ވެގެން އޭނާ އަހަރެން އުފުލާލައިގެން އެތައް އިރެއް ވަންދެން ހުރި،"
"އޭރު އެއީ ލޯބީގެ ނަމޫނާއެއް ދޯ؟ ފޫހިވުމެއް ނެތި ކުރަމުންދިޔަ ލޯބީގެ ހަވީރުތަކެއް ދޯ؟" އަހަރެން ގާތަށް ހިނި އައެވެ.
"އާނ، އެކަމަކު ލަޔާއަށް ފަހު ދެ މީހުންގެ ލޯބި ދިޔައީ މުސްކުޅިވަމުން ފޫހިވަމުން ބައެއް ރޭރޭ ގެއަށް އައުން ލަސްވޭ ބައެއް ރޭރޭ ނާދެވޭ ބައެއް ރޭރޭ ބަލިވޭ،"
"ތިއީތަ އަސްލު މައްސަލައަކީ... ބަލަ ތިއީ ވެދާނެ ގޮތްތަކެއް ކޮންމެ މީހަކަށް ވެސް... އިންސާނުންގެ ދިރިއުޅުމުގައި ތިކަން ކަމަކީ ހިނގާ ކަންކަން"
"ފާރިހުއަށް އެނގޭތަ؟ އޭނާ އެ ހުރިހާ ސަބަބެއް ދެއްކީ އޮޅުވާލުމުގެ ގޮތުންނޭ... އެހިސާބަކީ އޭނާ އަހަންނަށް އޮޅުވާލި ހިސާބު، ރައްޓެހިވި އިރު އެއީ ވިހި އަހަރުގެ ޒުވާނެއް، މަގުމަތިން ފެނިގެން އޭނާއާ ފުރަތަމަ ހީނލެވުނީ ވެސް އޭރު އެއީ މާނަވީ ހަރުދަނާ ހިނިތުންވުމެއް،"
"ދެން ކީއްވެގެންތަ؟ އެ ހިނިތުންވުމުގެ ހަގީގަތް ފަސް އަހަރު ތެރޭގައި ނިހާއަށް ދަސް ނުވީ... ނޫނީ މާ ބޮޑަށް ދަސްވީތަ؟
"ތީ ހައްތާވެސް ސުވާލު، ވަކިވަމުން އޭނާ ބުނީ ވަރަށް ހެއްވާ އެއްޗެއް... ތިމަންނައަށް ހީކުރެވުނީ ނިހާ ދެކެ ވަރަށް ލޯބިވާ ކަމަށޭ އެކަމަކު ތިމަންނާގެ އޮޅުވާލީއޭ އެ ހިތް ވަނީ މިހާރު އެހެން ކުއްޖަކަށް ދެވިފައޭ،"
ނިހާ މަޑުމަޑުން ތެދުވި އެވެ. ފޯނު ނަގައިގެން ގުޅީ ގެއަށެވެ. ލަޔާއަށް ކާންދޭ ވަގުތު ޖެހިއްޖެކަން ހަނދާން ކޮށްދޭށެވެ. އަކުރު ދަސް ކޮށްދިންތޯ ސުވާލު ކުރި އެވެ.
އަހަރެން ކައިރީގައި އިން އިރު ނިހާއަށް ވަރަށް ގިނަ ފަހަރަށް ރޮވުނެވެ. އޭރު ވީގޮތް މިހާރު ބުނެ ދިނުމުގެ ބޭނުން ކެނޑިއްޖެއޭ ބުނާ ކަހަލަ އެވެ. އެއީ ތެދެކެވެ. އެ ލޮލުގެ ކަރުނައަކީ ވީގޮތް ކިޔައިދޭ ހެކިވެރިޔާ އެވެ. ހުރިހާ ވަގުތެއްގައި ގާތުގައި ހުރި ވަފާތެތެރިޔާ އެވެ.
އަހަންނަށް ގަބޫލު ކުރެވެ އެވެ. ނިހާއަށް ވާހަކަ ނުދެއްކިގެން އުޅެނީ ދަރިފުޅުގެ ބައްޕަ ގެއްލުނީމަ އެވެ. އޭގެ އަސަރު ހިތުގެ ފުނަށް ކޮށްފައިވާތީ އެވެ. އެކަމަކު ހިތާމައިގެ ވަގުތުގައި ވަރަށް ގިނަ ފަހަރަށް އެހީއެއް ވެދޭނީ އިތުބާރު ކުރެވޭ މީހެކެވެ.
"ނިހާ އަދި ކިޔައިދީބަލަ؟ އަހަންނަކަށް އިތުބާރެއް ނުކުރަންތަ؟"
އެހެން ބުނެފައި އިތުރަށް އެއްޗެއް ނުބުނެ އަހަރެން އިނީ އެވެ. ނިހާ ހަމަޖެހިގެން ބަލައިލަންދެނެވެ. އިރުކޮޅަކުން ބަލައިލި އެވެ. އެއީ ކުރީގެ ވެސް ހިތްގައިމު ރީތި ދެލޮލެވެ. އެކަމަކު ލޯ ވަނީ ރަތްވެފަ އެވެ. ޒުވާން ކަމުން ފުރިފައިވާ އަސަރުތަކުން އަހަރެންގެ ޒުވާން ހިތުގައި ކުރެހުންތަކެއް އަޅުވާލި ދެ ލޮލެވެ. އެ ދުވަސްވަރު، އަހަރެންގެ ހިތް ފުރި ބަންޑުންވަމުން އައީ އެ ދެ ލޮލުން ދޭ ނަޒަރުތަކުންނެވެ. ލޯބި ހުށަހެޅީ ހިތުގެ އަޑިން އެގޮތް ބޭނުންވާތީ އެވެ. ނިހާ އެ ލޯބި ގަބޫލު ނުކުރީ އޭނާގެ ހިތް އެގޮތް ބޭނުން ނުވީމަ އެވެ. އޭނާ ބުނީ ދެ ފިރި ހުއްދަ ނަމަ އެކަން ގަބޫލު ކުރެވިއްޖައީސް ކަމަށެވެ.
އަހަރެން ނިހާގެ މޫނަށް ބަލައިލީމެވެ. އަރައިގެން އައި ރޯޅި ފަށުން އިސްތަށިގަނޑު ދެފަރާތަށް އުކާލި އެވެ. އެ އިސްތަށިގަނޑުން ދުވި މީރުވަސް އަހަރެންގެ ގައިގައި އުނގުޅިލުމުން ހިތް ފުރެމުންދިޔަ އެވެ. ރަނގަޅަށް ރޯދަ ވީއްލައިގެން އިނދެވުނު ފަދަ އެވެ. އަހަންނަށް ހީކުރެވުނީ ވަހައިގެން ފަހުރުވެރިވާ ފިނިފެންމާ ގަހެއްގެ ދޮށުގައި ހުރެވުނު ހެނެވެ.
"ކީއްވެގެންތަ ނިހާ މީހަކާ އިނީ؟" އެ ސުވާލު ކުރިއިރު ވެސް އަހަންނަށް އެނގެ އެވެ. ނިހާ މީހަކާ އިނީ ދިރިއުުމަކީ އެންމެ މީހެއްގެ މައްޗަށް ބިނާވެފައިވާ ޒިންމާއަކަށް ނުވާކަން އޭނާ އަށް ކޮންމެވެސް ފޮތަކުން ނޫނީ ކޮންމެވެސް މީހެއްގެ ފުށުން ދަސްވެފައިވާތީ އެވެ.
"ދިރިއުޅުމަކީ އެ މީހެއްގެ ވިސްނުން ހުރި ގޮތަކަށް ގެންދެވިދާނެ ސޫރައެއް. އެ ސޫރަ ރީތި ވެސް ކުރެވިދާނެ. ހަޑި ވެސް ކުރެވިދާނެ. އަހަންނަށް އަދިވެސް ނިހާގެ ސޫރަ ވަރަށް ނަލަ،" އަހަންނަށް ބުނެވުނު އެއްޗެއް ވެސް ނޭނގެ އެވެ. ހަގީގަތުގައި ފަހުން ބުނަންވީ އެއްޗެއް މާ ކުރިން ބުނެވުނީ އެވެ.
ނިހާ އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެންމެ ފަހުން އޭނާގެ އަޑު، އޭގެ އެންމެ ވޭން ހުރި ގޮތުގައި އައިސް އަހަރެންގެ ކަންފަތުގައި ހަމްދަރުދީ އުފައްދަން ފެށި އެވެ.
"ފާރިހު ތިބުނީ ރަނގަޅަށް. އެކަމަކު އަހަންނަށް އަހަރެންގެ ދިރިއުޅުން ލައުނަތް ލައްވައިފި. ވަގުތު އަޒާބަކަށް ވެއްޖެ. ހިތް ކުދިކުދިވެ ވިރިއްޖެ... އަހަރެން ދެން ހަދާނީ ކިހިނެތް؟" ނިހާގެ އަރު ބެދެމުން ދިޔަ އެވެ. އެ ވަގުތު އަހަރެންގެ ހިތަށް ވަނީ އެންމެ ވާހަކައެކެވެ. އިހުސާސްތައް ނިހާގެ ހަށިގަނޑުގައި ގަނޑުފެނުގެ ފިނިކަމެއް އުފެއްދީ އެވެ. ގިނަ ދުވަސްތަކެއް ވަންދެން އޮބިފައިވާ މާ ފުރިހަމަ ލޯތްބެއްގައި ފުރާނަ އެޅި ދިރުން އުފެދިގެން އަންނަނީ އެވެ. ދެ ފުރާނާއެއް އެކުވެގެން ދަނީ އެވެ.
"ކައިވެނި ކުރާނެ ރަނގަޅު މީހަކު ހޯދަންވީނު... ހިތާމަތަކަށް ކެތް ކުރުމަކީ އެންމެ ރީތި ސިފަ.... އަހަރެން ވެސް ކުރިން އެއް ރެއަކު ރުއިން،"
"އެއީ ކީއްވެގެން؟ ފަރިހު އުޅެނީ ވަރަށް އުފަލުންނު، ކީއްވެ ރޯންވީ؟"
"އެއީ... އެއީ ނިހާއާ މެދު އަހަރެންގެ ހިތުގައި އޮތް ބަސްމޮށުންތެރިކަމެއް ނުވާ ޝުއޫރުތައް ބޭރުކޮށްލުމުން ނިހާ އަކީ މީހެއްގެ އަންބެއްކަން އެނގުނު ދުވަހުގެ ރޭ. އެ ރޭ ރުއީ ހެންވޭރު ޕާކް ކައިރީގައި ސައިކަލްމަތީ އިނދެ. އެކަމަކު ހަމަ އެރޭ އަހަރެން ނިންމިން ދިރިއުޅުމަކީ ރުއިން ނޫން ކަމަށް. ދިރިއުޅުމަކީ ނާކާމިޔާބުވާ ހިސާބުން އަލުން ފަށަން އެނގުން ކަމަށް. އަހަރެން އެ ރޭ އެހެން ގޮތަކަށް ފެށީ." އަހަރެން ވާހަކަ ދައްކަމުން ދިޔަައިމެވެ. ނިހާ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
"ނިހާ، ހަގީގަތުގައި ލޯބި ދުވަހަކު ވެސް ނިމުމަކަށް ނާދޭ. ނިމުން އަންނަނީ އެ މީހަކާއެކު ބައިވެރިޔާ އުޅޭ ވަގުތަށް. ވަކިވެގެން، ވަރިވެގެން ދިއުމަށް."
"ފާރިހު... އަހަރެން ދެން ފަށަންވީ ކޮންތާކުން؟ ކޮން ހިސާބަކުން؟"
އަހަންނަށް ވެސް ނިހާ އަށް ވެސް ހިނިތުންވެވުނެވެ. ހިތާމައިގެ ތެރެއިން ލިބުނު ފުރަތަމަ އުއްމީދާ އެކުގަ އެވެ. އަހަރެން ނިހާއާ ގާތަށް ޖެހިލީމެވެ. އަހަންނަށް ފެނުނީ ނިހާ ވެސް އަހަންނާ ގާތަށް ޖެހެމުން ދަނިކޮށެވެ. އަހަރެން ނިހާގެ އަތުގައި މަޑުމަޑުން ހިފީމެވެ. ނިހާ ވެސް އަހަަރެންގެ ކޮނޑުގައި ބޯ ޖައްސާލި އެވެ.
"ޝުކުރިއްޔާ!" އަހަރެންގެ މޫނަށް ބަލަން އިނދެފައި ނިހާ ބުންޏެވެ.
"އަދިވެސް ތިހެންތަ ބުނަނީ؟" އަހަރެން ނިހާގެ އަތުގައި ހިފައިގެން ތެދުވީމެވެ. އަހަރެމެންނަށް މިހާރު މަގެއް އެބަފެނެ އެވެ. އެ މަގުން ކުރިއަށް ދާން ހިނގައިގަތީމެވެ. އުންމީދު ކުރަމުން އައި ރޭ އައުމުން ކަރާ ކަރު ލާމަހާލެވިފައިވާ ގޮތަކަށް އުފަލުން ހެމުންނެވެ. (ނިމުނީ)