ވާހަކަ

މުންޑޫ ބަނދަރުން ލޯބީގެ ރިހުން

Jun 22, 2017
5

12 ނޮވެމްބަރު 1989
(ކަލަމިންޖާ މަސްބޯޓް، މަރަދޫ ބަނދަރުގައި)

ބޯޓުގައި ހުއްޓާ ރޭޑިއޯ ޓެލެފޯނު މެދުވެރިކޮށް ލިބުނު ފުން އަސަރު ކުރުވި ހަބަރަކުން އާދަނު ހަމަ މުޅީން މަރުވެއްޖެ ކަހަލަ އެވެ. އުފާވެރިކަން ކަތިލެވި، އެންމެނާ ވަކިވެ ބޯޓުގެ ބޯރުދޫ މަތީގައި ވަގުތު ހޭދަ ކުރަން ފެށިއްޖެ އެވެ. ހިޔާލުގެ ފުން ކަނޑުގެ ތެރެއަށް ފީނަން ފެށިއްޖެ އެވެ. އެ ފެތުމުގައި އާދަނު ވަރުބައްޔެއް ވެސް ނުމެވި އެވެ.

***

ކަލަމިންޖާ މަސްބޯޓް ހައްދުންމައްޗަށް ދިޔައީ ރަށްތައް ކުނިވާ ވަރަށް މަސް އަރުވާތީ އެވެ. އިރުވައި އަސްދަނޑިއަކުން ވަތްތަކަށް ހައްސަ ކަހާ ނުލައި ދޯންޏެއް ކަނޑަކުން ބޭރެއް ނުވެއެވެ. ފަލަ، ހެސަ ގޮދަ އެވެ. މުންޑޫ، މައިބައިދޫ މަހުން ކުނިވަނީ އެވެ. މަސްވެރިން ނަށަނީ އެވެ.
މަހާއި މަސްވެރިންގެ ޝަކުވާއާހެދި ވާނުވާ އޮޅި ކޫއްޑޫ މާންދޫ ކޮށިއަރަނީ އެވެ. އަންހެންވެރިން ދުމައްޓާއި އުނދުން ދޮށުގައި ތިބެ ގެނދަބުޅިއަށް ވަނީ އެވެ.

ބޯޓު މަޑު ކުރީ މުންޑޫ ބަނދަރުގަ އެވެ. އެންމެނަށް ފަސޭހަ ކަނޑުއޮޅިއެއް އޮވެފައި ރީތި ނަލަ ބަނދަރަކަށް ވެސް ވީމެވެ. ބޯޓު މީހުން ހިތް ކިޔައި، އަންހެން ކުދީން ރީތި ރަށަކަށް ވެސް ވާތީ އެވެ.

"އާދަނާ މިރޭ މުންޑޫއަށް ފައިބަން ވާނެއެއްނު... މިހާރު ދެން ކުޑައިކޮށް މަސްވެރިކަން ތައްކަލު ވެލައިފިއެއްނު!" އާދަނާއެކު ބޯޓުގައި ކޭޝިޔަރަކަށް އުޅޭ ޒާހިރު ބުންޏެވެ. އާދަނު ވެސް ބޯޖަހައިލި އެވެ.

"ހާދަ ފާޑަކަށް، ޝައުވެރި ކަމެއް ނެތްތަ؟ މިރޭ އެބައޮތޭ އެއްކަލަ ސާދިނާމެންގެ ބަނޑިޔާ... އެކަމަކު އެމަންޖެ މިހާރު މީހަކާ ވެސް އިނދެފިޔޯ... އެހެން ނޫންނަމަ މިރޭ ރަނގަޅުވާނެ ރުފިޔާ ފައްޗެއް ކަރުގާ އަޅުވާލަން،"

ބަނޑިޔާ ޖަހަންޏާ އާދަނަކީ ލޭ ކެކޭ މީހެކެވެ. ވަޖިދު އަރައި މޮޔަވެސް ވެދާނެ އެވެ. އެހެންވެ ގްރޫޕް ހަދާފައި މުންޑޫއަށް ފޭބި އެވެ. ބަނޑިޔާ ބަލާށެވެ. ސާދިނާ ދެކޭ ހިތުންނެވެ. ރަށްވެހި ގޭ ކައިރިއަށް ދެވުނު އިރު ކުޅިވަރު ފެށިއްޖެ އެވެ.

ސާދިނާގެ ރީތި އަޑުން ލަވައެއް ވިރުވާ އަޅަން ފެށުމާއެކު ހަޅޭއްލަވަން ފެށި އެންމެނާއެކު އާދަނު ވެސް އަތް ހޫރައިގެންފައި ފުމެގަތެވެ. "ސާދިނާއަށް ސާބަހޭ" އޭ ގޮވައިލި އެވެ. ރިހި ކުލައިން ވިދަމުންދިޔަ ބަނޑިޔާތަކާއެކު ގްރޫޕްގެ ދެ ސަފު އަވަސް އަވަހަށް ފައިހަމަ ކުރަން ފެށުމުން އާދަނަށް ހުރެވެނީއަކީ ނޫނެވެ.


ހާދަވޭ ތިހަމުގައި އޮމާން ތިޔަ އަދު ބީހިލުން!
ހާދަވޭ ތިމޭގައި އުފާކޮށް ރޮއިލައި ދިނުން!
ފާފައެއް ނޫނޭ އިނގޭ ދެން ތިއީ ބުނާށޭ އާނއޭ!
ތިޔޭ މަގޭ އަސްލީ ޝަބާބަކީ ބުނާށޭ އާނއޭ!


ސާދިނާގެ އަޑު ދަށުން ލަވަ ކިޔަމުން ބަނޑިޔަލުގެ ފޯރި ގަދަވަމުން ދެއެވެ. ދިގު އިސްތަށި ގަނޑު ދެ ފަރާތަށް އުކާލައި ސާދިނާ އެނބުރިލާ ކޮންމެ ފަހަރަކު އާދަނަށް ހީވަނީ ސާދިނާ އޭނާއަށް ބަލާހެނެވެ. ލޮލާއި ލޯ، ހިތާއި ހިތް ގުޅުވައިލާ ހެނެވެ.


ބޭނުމެއް ނޫނޭ ތިނޫން އެއްވެސް ރާހަތެއް!
ދޭކަށެއް ނެތީމޭ ތިނޫން ދެން އިނާޔަތެއް!
... ތިޔޭ މަގޭ އަސްލީ ޝަބަބާކީ ބުނާށޭ އާނއޭ!


ލޭ ކައްކުވަމުން ދިޔަ ލަވައިގެ މެދުތެރެއިން އާދަނަށް ހީވީ ސާދިނާގެ ރީތި ހަރަކާތްތަކުން ހައްޓަށާއި ފުރާނައަށް ބުނަން ނޭނގޭ ފަދަ ލުއި ފަސޭހަ ކަން ލިބެމުންދާހެނެވެ.

"ހާދަ މޮޅޭ ސާދިނާ... ކަޑި ކިޔުން ވެސް ވަރަށް ރީތި،" ބަނޑިޔާ ޖަހާ ނިމިގެން ސާދިނާ ހިނގައި ގަންނަމުން އާދަނާ ސަލާމްކޮށްލި އެވެ. ބަނޑިޔަލުން މޫނުގެ އެއްބައި ފޮރުވައިގެން ހުރެ އެވެ. ހިމަ އިނގިލިތައް އާދަނުގެ އަތާ ގުޅުވާލައިގެން ހުރެ އެވެ.

"މީހަކާ ވެސް އިނީތަ؟"

ދެން ދަނީ އިނގޭ... އެހެރީ އަހަރެންގެ ފިރިމީހާ... ހާދީ!" ދުރުން ދިއްލިފައި ހުރި ހޮޅި ދަނޑިއެއް ކައިރީގައި ހައެއްކަ ބުރީގެ ޓޯޗު ބައްތިއެއް ހިފައިގެން ހުރި މީހެއް ދައްކާފައި ސާދިނާ ބާރުބާރަށް ހިނގައިގަތެވެ.

ކޮންމެ ރެއަކު ކޮންމެ ދުވަހަކު އާދަނު ބޯޓުން މުންޑޫއަށް ފައިބައެވެ. ބުޅި ކަމުން ގޮސް ހިރޭގަނެ ހަރު އަރާފައިވާ އިސްތަށިގަނޑުގައި ފުނާ އަޅައި ދަމާ ވާންކޮށް ހަތައެއްހެން ފުއްޕާލައިގެނެވެ.

ސާދިނާއާ ވެސް ބައްދަލުވެ އެވެ. ހަމައެކަނި ފެނިލުމެކެވެ. ސަމާސާއެއް ކޮށްލުމެކެވެ. ކަތިނަޒަރަކުން ބަލައިލުމެކެވެ. ހިތުގައި ބާނި އުފައްދާލުމެކެކެވެ. ދެވަނަ ހަފުތާގައި މުންޑޫ ބަނދަރު ދޫކޮށް ފަހަލަ ބޭރުގައި އެއް ރޭ މަޑު ކުރަން ޖެހުނެވެ. ނާގޯއްޓަށް މަސް ބަދަލު ކުރާށެވެ. އެނބުރި މުންޑޫ ބަނދަރަށް އާދެވުމާއެކު ލަސް ނުވެ އާދަނު، ދެ ކިއްޕަތަށް އޯކޭ ސެންޓް ބުރުވާލައި ރީނދޫ ކުލައިގެ ޑަބަލްބޯ ފައިވާނަށް އަރައިގެން މުންޑޫއަށް ފޭބި އެވެ.

"ސާދިނާ.." މަގެއް މަތިން ފެނިގެން އާދަނު ގޮވާލި އެވެ.

"އާދަނު ކިހިނެއް؟"


އަރުން ނުދިރުނު ފެންފަނި އާދަނަށް!
ރަތް ދޮން ސާދިނާ ގެއްލުމުން!
ފަހަލާ ބޭރުގައި މަޑު ކުރި އެރޭ މަހާ ނުވެގެން!

(އާ ރާވައިރު: ސާދިނާއަށް ފެނިލުމަށްފަހު މަސްބޯޓުގައި ގޮސް ފަހަލާ ބޭރު އޮތް ރޭ ހަނދާވާވަރުން ކިތް ކަތިލެވުނެވެ. މި ބުނީ ފިސާރި ތެެދެކެވެ. ކެއުމުގެ ފޯރި ކެނޑުނެވެ. އަރުން ފެންފޮދެއް ވެސް ދިރޭ ވަރެއް ނުމެވި އެވެ.)


"އާދަން ރައިވަރު ވެސް ދަންނަންތަ؟"

"ސާދިނާ ވަރު ނުވިޔަސް ވަރެއް ކުރެވޭނެ"

"ދެން ދަނީ އިނގޭ!"

ކުއްލިއަކަށް ސާދިނާ ހިނގައިގަތުމުން އާދަނު މަގަށް ބަލައިލި އެވެ. މިސްކިތް މަގު ގޯޅި ކަންމަތީގައި ހާދީ ހުއްޓެެވެ. ލޯ ހަދައިގެނެވެ. ސާދިނާ ގޮސް ހާދީއާއެކު ގޯޅި އެޅުމުން އާދަނު ބޭނުންވީ ބޯޓަށް ދާށެވެ. އެކަމަކު ދެވޭނެ އިރެއް ނޭނގޭތީ ބެހެއްޓީ ދިގު މަގާ ދިމާއަށެވެ. އެ ހިނގުމުގައި މެންދުރުގެ ހޫނުކަން އާތްވަށް ބަދަލުވަމުން ދިޔައިރު އާދަނަށް އިނީ މުންޑޫގެ އަތިރި މައްޗަށް އާދެވިފަ އެވެ. މިސްކިތު ރުއްގަނޑު ތެރޭގައި ފީކުލަ ހިފާލައި ހަންޑި ކުޑަ އުފުލެން ފަށާފައިވާ ވަކަރުފަޅިއެއް މަތީގަ އެވެ. އަވީން ދޮން ވެފެފައިވާ ހިރަފުސް ވެލިގަނޑުގެ ތެރެއަށް ދެފައި ލައިގެނެވެ.

"އޭތް، މިރަށުގައި ބޭނުން ގޮތަކަށް އުޅެވިދާނެ ކަމަށް ކަލޭ ހީކުރަނީތަ؟" ފުރަގަހުން އައި އިންޒާރަކާއެކު އާދަނަށް ކޮޅަށް ތެދުވެވުނެވެ.

"ސާދިނާ އެއީ މަގޭ އަންބެކޭ... ގަނޑުފެން ބާލައި ދެނީއޭ ބޯޅަ ކުޅޭށޭ އެއްޗޭ މީއްޗޭ ކިޔައިގެން ކޮންމެ ދުވަހަކު މިރަށަށް ފައިބާ މަގޭ އަންހެނުން ފަހަތު އަޅުވާލައިގެން ތިއުޅެނީ މަގޭ އަތުން މަރުވާންތަ؟"

އެތަނަށް ހާދީ އައީ ކޮންއިރަކު ކަމެއް ވެސް ނޭނގުނެވެ. އޭނާގެ ފަހަތުން ބައިގަނޑެއް އައިސް ވަށާލީ މިސްކިތު ފާރުމަތިން ފުންމާލައިގެންގެންކަން އެނގުނެވެ. މުޅީން ޒުވާން ފިރިހެން ކުދީންނެވެ. އެ އެންމެން ތިބީ އާދަނު ވަށާލައިގެނެވެ. ގަޔަށް އަރައިގަންނަނީ އެވެ. ދުލަށް އައިހާ އެއްޗެއް ގޮވަނީ އެވެ. އޭގެ ތެރެއިން އެކަކު އާދަނުގެ ބޯ ފައިވާން ދަމައިގަނެ އެއް ކިބައިން އޭނާގެ މޫނުމަތީގައި އަޅައި ވިހެލި އެވެ. ވަދު ކަނޑާލައި އަނެއް ކިބަ ހޫރާލީ އަރި އަޅާލާފައި އޮތް ބޮޑު ނިކަގުގެ ތެރެއަށެވެ.

"ޑަބަލް ބޯ ފައިވާނުގައި އޯކޭ ސެންޓް ޖަހައިގެން ސުވަރު ދެން މިރަށަށް އަރާބަލަ؟" އެ ޒުވާނާގެ އަތް ވަނީ އާދަނުގެ ދަތްދޮޅި ދޮށަށެވެ.

"އާނ، މި ޅއ މިހިރީ ސާދިނާއާހެދި މޮޔަވެފަ... މިކަންތައް މިފަހަރު ކޮޅެއްގައި ޖައްސާނާން" ހާދީގެ އަޑު ވަރަށް ގަދަ އެވެ.

އިތުރަށް އަޑު ގަދަވަމުން ދިޔައެވެ. އާދަނަށް ފުރުސަތެއް ވެސް ނުދެ އެވެ. ފަހަރަކު މީހަކު އެތަނަށް މަޑުކޮށް ކަންފަތް ދެމުން ބައި އިތުރުވަމުން ދެ އެވެ. އެ އެންމެން ވެސް ލޯ ބޮޑު ކޮށްފައި މާލާމާތަށް ބުނެލަނީ "ކޮބާ ކޮބާ ގަނޑު ފެން ބޭލިއްޖެ ނޫންހެއްޔޭ" އެވެ.

ބައެއް މީހުން ބުނެލަ އެވެ: "ބޯޓުގައި ތިބެ ދުރުމި އަޅައިގެން މިރަށު އަންހެން ވެރިން އަތިރިޔަށް ދާތަނާ ކުޑަކަޅުވާ، ބަލާ ސާއްލާ މިހިރީ އެވެ. ތަޅައިގަންނާށެވެ!"

"ތިޔައީ ރަށަށް ކޯލާ ބަަލައިދޭ ކުއްޖާ!" މިސްކިތުން ފާބައިގެން ގާތްވެލި ގޮތް ހުރި މުސްކުޅިއަކު ލޯ ބޮޑުކޮށްލި އެވެ. އަނެކަކު ބުންޏެވެ. "އިބުރާހިމްބޭ އެވެ! މި ސާއްލާ ބާލަނީ ކޯލާއެއް ނޫނެވެ. ފެހި ކޯލާވާޓަރެވެ. ފޭރާއިން ޖަހާ މަރާލަންވީ" އެވެ.

މަގުން އަރައިގެން ދިޔަ އަންހެންވެރިން މަލާމާތަށް އެއް އަޑުން "އަޅޭ އާދަނާ އެޔޯވާ" އޭ ގޮވާލާ ރަކި ހިނީގައި ގޮސް ގެއްލެ އެވެ.

މުޅިތަން ތޮއްޖެހި ރަކަރަކަ ލައިގަތެވެ. އެންމެންގެ މެދުގައި ހުރީ އާދަނެވެ. އެންމެ ގާތުގައި ކުޅަނދުރަކަށް ވެފައި ހުރީ ހާދީ އެވެ. ހީވަނީ ދެންމެ ދެންމެ ފުމެގެންފައި ކަށި ޖަހާފާނެ ހެނެވެ. އާދަނުގެ ގަޔަށް އަތްލައި ކަރުއަޅާލާފާނެ ހެނެވެ.

"ހަނދާން ކުރާތި، ކަލޭ މިރަށުގަ މަޑު ކުރަން ހަދަފީވިއްޔާ ފާތިހާ ދުވަސް ވެސް ނޭނގިދާނެ،" ހާދީގެ އަތްތިލަ އާދަނުގެ ލޮލާ ދިމާއަށް ގެންދިޔަ އެވެ. އާދަނު ހުރީ ބިރުގެންފަ އެވެ. ފަހަތަށް ޖެހެވުނެވެ.

"އޭ ހާދީ މަޑުން ހުރޭ... ހާދީ އޭ ހަމަޖެހިބަލަ ކިހިނެއް ވެގެންތަ ތިއުޅެނީ" އެންމެން ފަޅާފައި އެތެރެއަށް ދެމިގަތް އަލިފުޅު ވަރަށް ބާރަށް ބުންޏެވެ.

"ހަމައެއް ނުޖެހެވޭނެ ދެނެއް" އެހެން ބުނުމާއެކު ހާދީ އަތް އިސްކުރި އެވެ. އާދަނުގެ މޭގައި އަޅާ ކޮއްޕާލިއެވެ.

"އޭތް ހާދީ... ގަޔަށް އަތްލާ ހިސާބަކަށް އަދި ނުދެއެއްނު... ކަލޭ މިތަނުން ދޭ... މިބުނީނު ހާދީ މިތަނުން ދާށޭ،"

"ހަނދާން ކުރައްޗޭ ކަލޭ، ދެން މިރަށުގެ މަގެއް މަތިން ވެސް ނުފެންނާތި، މަ ކަލޭ ދަންޖައްސާނަން،" މީހުންގަނޑުގެ ތެރެއިން އަތް އުކަމުން ހާދީ ހިނގައިގަތެވެ.

"އެންމެން ދޭ މިތަނުން... ދޭ... ދޭ ގެއަށް ދޭ! މި ބުނީނު ދާށޭ!" އަލިފުޅު އަމުރު ކުރި އެވެ. އެއީ އަމުރު ހިނގާ މީހެކެވެ. ކަތީބެކެވެ.


ތިއީ ވަރަށް މާތް ބޭކަލެއް! ކަތީބުގެ ތި އިހުސާންތެރިކަން އަހަރެންގެ މުޅި އުމުރަށް ވެސް ހަނދާން ކުރާނަން! އެންމެން ދިއުމުން އާދަނު ކަތީބާ ދިމާއަށް ބަލައިލި އެވެ.


"ވަރަށް ބޮޑަށް ޝުކުރިއްޔާ!" އިރުކޮޅެއް ކުރިން ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއަށް ކަތީބު އަލިފުޅު ވަންކަން އެއީ ނަސީބު ކަމަށް އާދަނު ގަބޫލު ކުރި އެވެ.

"އަހަރެން ކަތީބު މަތިން ހަނދާން ކުރާނަން،" އާދަނަށް އިސް ޖެހުނީ ބިރުގެންފައި ހުރިވަރުންނާއި ލޮލަށް ހާދީގެ އިނގިލި ވަނުމުން ލޮލުން ފެން އަންނާތީ އެވެ. ހަޔާތުގައި ދުވަހަކު ވެސް އެކަހަލަ ކަމެއް އަދި ނުވެއެވެ. އާދަނު ހީކޮށްގެން ހުންނަނީ ކޮންމެވެސް ދުވަހަކު އޭނާއާ ހާދިސާއަކާ ކުރިމަތިވާނީ ކަނޑުމަތިން ކަމަށެވެ. އެކަމަކު ހާދިސާ އައީ އިދިކޮޅަށް އެއްގަމުންނެވެ. ހިންދިރުވާލައި އާދަނު ލޯ މަރާލި އެވެ. ކަރުނަތަށް ފޮހެލެވޭތޯ އުޅުނެވެ.

"ކިހިނެއްތަ ވީ؟ ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ؟"

"އެވާހަކަ ނުދެއްކިއްޔާ މާ ރަނގަޅުވާނެ... އަހަރެން އެކަން ހަނދާން ނައްތާލައިފިން. އަހަރެންގެ ހިތުގަ އެމީހުންނާ މެދު އެއްވެސް އެއްޗެއް ނެތް... ބޭނުމީ ބޯޓަށް ދާން،"

އާދަނަށްވުރެ ކުރިން ބޯޓަށް ދިޔައީ އޭނާގެ ވާހަކަ އެވެ. އެކަމާވެސް އާދަނު ވަރަށް ދެރަވި އެވެ. އެންމެ ދެރަވީ ކަން ނުވެ ނަންވާން ޖެހުމުންނެވެ. ލަދެއް ގަންނަން ޖެހުމުންނެވެ. ދެން ދެރަވީ އެފްޕީއައިޑީގެ ވަޒީފާ ގެއްލިދާނެތީ އެވެ.

ދެ ދުވަސް ފަހުން ބޯޓު މުންޑޫ ބަނދަރުން ފުރައިގެން ދަތުރު ފެށި އިރުވެސް އެކަނި އާދަނު ވެލައިފިއްޔާ އެންމެން އައިސް ވަށާލައި ދިމާކޮށްލަ އެވެ. މަލާމާތަށް މޭނާ ހައްސާނުގެ ލަވަ ބަދަލުކޮށްލައިގެން ކިޔައެވެ.


ފުރި މި ދަތުރު މުންޑޫ އޮވެ ނަލަ ހަނދުވަރު ތެރޭގައި!
އާދަނާ ދިރުނބަލުން ދަންމާނަށް ދަމާލާ!
ކަނބުލޮ، މަށަށް ލިބޭތޯ ފުރި މި ދަތުރު ހަޑިވީތާ!


އާދަނު އަޅައެއް ނުލަ އެވެ. އޭނާ ހުންނަނީ އެއީ ހިތުގައި އެޅުނު ރޮނގެއް ކަމަށް ހަދާލައި އެކަން ނިންމާލައިގެނެވެ.

***

އާދަނުގެ ހާދިސާއާ ގުޅިގެން ސާދިނާ އާއި ހާދީގެ ދިރިއުޅުމަށް އުދަ އަރައި ދިޔައީ ފުށުން ޖެހެމުންނެވެ. ޒުވާބުތައް ގިނަވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސާދިނާ ވަރަށް ބޮޑަށް މިލައި ހިކި އަނަރޫފަވެއް ވެއްޖެ އެވެ.

ހިހޫވެފައި އޮތް އެކަމަކު ފިނިކަމެއް ނެތް ހަވީރެކެވެ. ގޯތިތެރެއިން މީހަކު ކުރި ކަމަކާ ނުލައި ފަޅައި ހެދެމުން ދިޔަ ދިއްގާ ވަކައެއްގައި ކޮށާ ވަޅިއަކުން ތަޅަތަޅައި ސާދިނާ ހުއްޓެވެ. އެކަނިވެރިކަން ފިލުވައިލާށެވެ. އާދަނާ އޭނާއާ އަޅުވައިގެން ކަންތައްކުރި ގޮތުން ގެއިން ބޭރަށް ނުކުންނަން ނުކެރިފަ އެވެ. ލަދުންނެވެ.

"ތިހެން ހުރެ މުސްކުޅިވިޔަސް ވަރިއެއް ނުކުރާނަން ހުރެބަލަ... ހެޔޮ އުމުރު ހުސްވިޔަސް،" ގޭ ފާރުގައި ލައްގާލާފައި ހުރި ދެ ފައްޔާއި ރިތް ހިފައގެން ނުކުންނަމުން ފަލި ތަނޑުން ސާދިނާގެ ފުއްކިބާގައި ހާދީ ބޮނޑިއެއް އެޅި އެވެ.

"އައްދިޔޯތް" ވީ ތަދުން ސާދިނާގެ ލޮލުން ކަރުނަ ހިލިިގަތެވެ. އަތުން ދޫވެގެން ވެއްޓުނު ވަޅީގެ ތިލަ، މޫދުގެ ތިލަފަށަށް ހަރައިލި ތިލޯއްޓެއްހެން ހިރަފުސް ވެލިގަނޑިގަޑުގެ ތެރެއަށް ވަދެ ހެލިލަ ހެލިލާ ހުއްޓެވެ.

ވަރި ނުކޮށް ހުރީމަ ވީއެއްނު! ފުއްކިބާގައި އަތް ކާތާލާފައި ސާދިނާ ވަޅި ނަގައިގެން ހިނގަން ފެށި އެވެ. އޭނާގެ ހިތަށް ކޮންމެވެސް ގޮތެއް ވެއްޖެ އެވެ. އަސަރެއް ކޮށްފި އެވެ. ރިހުމެއް ލައިފި އެވެ. އެކަމަކު ސާދިނާގެ ހިނގުމުގައި އެއްވެސް މިސްރާބެއް ނެތެވެ. ދާންވީ މަންޒިލެއް ސާދިނާއަކަށް ނޭނގެ އެވެ. ކުރަންވީ ކަމެއް ވެސް ނުވިސްނެއެވެ. ހީވަނީ އެންމެން އޭނާއާ ދިމާއަށް މަލާމާތްކޮށްފައި ހެމުންދާތީ ދުރަށް ދާން ބޭނުންވަނީ ހެެނެވެ. މޫނު ފޮރުވާން އުޅެނީ ހެނެވެ. ލޯ މަރައިލަން ބޭނުން ވަނީ ހެނެވެ.

ބުއްދައްގެއިން ނެއްޓި ބަތްކޭ މަގު ހުރަސްކޮށް ވަލުތެރޭގައި ސާދިނާ އިންނަތާ ކިތަންމެ އިރެކެވެ. ރުއްފާތެރެއިން ފުނަގަސްތައް ކައިރިން އުނިގަސްތައް ދޮށުންނެވެ. ބަނބުކެޔޮ ވަލު މެދުންނެވެ. ހިނގާ ހިނގާ ވަރުބަލި ވެއްޖެ އެވެ. މަދިރިތައް ބައި ހަދާފައި ބޫން އަޑާއެކު ވަށާލައި ސާދިނާ ހެދީ "މާލޫދު ބޮޑު ކޭމަކަ" ށެވެ. ބޮއި ހުސް ކުރާނަމޭ ބުނާހެން ހީވެ އެވެ. ދުރުން މާދުރުން ކަނބިއްޔެއް ގޮވާލަ އެވެ. ދިކޮލެއް (ކޮވެއްޔެއް) އުދުހިގަނެ އެވެ. ކައިރިން ބިސް ފީކުރާ ކުކުޅެއް ފީ އަޑެއް ނެރެލަ އެވެ. އާވާރާ ވެގެން މާ މައްޗަކުން މާބައިދޫ ކާޅުތައް މުންޑުއަށް އަރައި ހަޑި އައްޑުން "ކާއް ކާއް" ގޮވާލަ އެވެ.

ދެފަންވަތުން ގޮށް ޖަހައި މިލްކުވެރިކަން ސާބިތުކޮށްފައިވާ ހިކި ފަނެއް މަތީ ސާދިނާ ޖައްސާލި އެވެ. ތެދުވެ ހިނގަން ފެށި އެވެ. ކާނި ގަހެއްގައި ލެނގިލައި ގަސް ތެރެއަށް ބަލައިލި އެވެ. ކޮށާ ވަޅިން ނިފަތިތައް ކޮށައި ހުސް ކުރުމަށްފަހު ކާނި ގަހުގައި އާދަނުގެ ނަމާއި ދުވަހުގެ ތާރީހު ކަނޑައި ނެގި އެވެ. -- އާދަން، 12 ނޮވެމްބަރު 1989 --

ވަށައިގެން ބެދިފައިވާ ބިޔަ އެ ގަސްދޮށުގައި ހުރި ސާދިނާ އޭނާގެ ދޯޕައްޓާ ނަގާ ކޮނޑުމަތީގައި ހަމަޖައްސާލައި ރީތިކޮށްލި އެވެ. ވާތު މުލައްދަނޑީގެ ދޮން ހަމުގައި ފިޔޮހީގެ ތުނޑު ޖައްސާ އޮބާލުމާއެކު ފުންމާލީ ލޭ ތިއްކެކެވެ. ދެން ބަަދަލުވީ ރޮނގަކަށެވެ. އެ ލެއިން ތުނިތުނި ހުދު ދޯޕައްޓާ ހެދުމުގެ ބައެއް ރަތްވަމުން ދިޔަ އެވެ.

ކުއްލިއަކަށް ސާދިނާ ކާނި ގަހަށް ފިޔޮހި ޖެހުމަށްފަހު ގަސް ބުޑުގައި އިށީނެވެ. އޮހޮރެމުންދިޔަ ލެޔާ އިނގިލިން ކުޅެމުން އަތަށް ދޯޕައްޓާ އޮޅާލި އެވެ. މަތި ބަލައިލި އެވެ. ހާ އަޅާ ދިމާއެކެވެ. އުޑު ފެނެ އެވެ. ވިލާކޮޅެއް ނު ހައްދަވާތީ ހީވަނީ ނޫކުލައިގެ ކަނޑެއް ހެނެވެ.


އާދަން، ދެން މިބަނދަރަށް ނާންނާނަތަ؟ އަހަންނަށް ކޮންމެވެސް ގޮތެއް ވެއްޖެ، މި ހިތުގައި ރިހުން އުފެދިއްޖެ! އަޅުވާ ކިޔުން ލޯބީގެ އިސްތިރިއަކަށް ވެއްޖެ، އެކަމަކު ބޭނުންވި ގޮތަކަށް ނުވި! އާދަން އަހަންނަށް މާފު ކުރޭ!


ގަހުގެ ތެރެއަށް ބަލައްޓައިގެން ހުރެ ސާދިނާ ލޭތަކާއެކު މޫނުގައި އަތް އަޅައި ގަހުގައި ލެނގިލި އެވެ. ހަރަކާތެއް ކުރަން ފެށި އެވެ. ކޮނޑުމަތިން ދޯޕައްޓާ ނަގައި މައްޗަށް އެއްލަމުން ދިޔަ އެވެ. ފަސް މިނެޓެވެ. އޭނާގެ މޫނު މައްޗަށް އަނދިރިވަނީ އެވެ. މަޑުމަޑުން މަޑުން ކާނި ގަހުގައި ލެނގުނެވެ. ދެ ލޯ މެރިއްޖެ އެވެ. ހަށިގަނޑުގައި އެއްވެސް ބާރެއް ނެތެވެ. (ނިމުނީ)