ކުރު ވާހަކަ

ދިރުމެއް ނެތީމާ

Jun 20, 2017

ގައިގެ ހަމުގައި ޖެހުމުން ތަދުވާހާ ބާރުމިނުގައި އައި ބޮޑުތިކި ވާރޭގަނޑާއެކު ގޯޅިން ނުކުތް މީހާ އިސްދަށަށް ޖަހައިގެން ހިނގާފައި ދެ އެވެ.
މޭމަތީގައި ތުނބުޅި ކާއްތަމުންނެވެ. ތެމި ފޯވަމުން ދާއިރު އޭނާއާ ވާކަމެއް ވެސް ނޫނެވެ. ލައިގެން ހުރި ފަޓުލޫނުގެ ފައި ކުރިން ބިންމަތި ކުނިކަމުން ދިޔައީ ރާގަކަށް ތުނބުން ފުމެމުންނެވެ:

ލޯބީގެ ދިރުމެއް ނެތީމާ
ސަހަރާއަށް މިދަނީ އޭ!
ލޯބިވާ އާޝިގާ ބީވީމާ
ދާއިމީ ވޭނުގައި ނިމިދަނީއޭ!
ލޯބީގެ ދިރުމެއް...

މަގު ކޮޅުން އައީ ބިދޭސީ އެކެވެ. ދަބަރު ގުޅައަކަަށް ވެފައިވާ ބުރަކި ނެތް ބައިސްކަލެއްގަ އެވެ. ބޮޑު ދޮރާއްޓެއް ކަހަލަ ހުންގާނުގައި ތިން ހަތަރު ކުނި ގޯނި އެލުވާލައިގެނެވެ. ވާރެ އިން ރެކެން ބާރަށް ދުއްވާލި އެވެ. އެ ދުވެލީގައި ގޮސް މަތަ ނުވެގެން ލައިގަތީ ތެމި ފޯވެގެން މަގު މެދަށް މެދުން އައި މީހާގެ ގައިގަ އެވެ.

ވިއްސައިގެން ގޮސް މަގު މައްޗަށް ވެއްޓިފައި އޮތް މީހާ އަތުން ހަރަކާތްތަކެއް ކުރެ އެވެ. ވަރަށް ބާރަށް ގޮވާލި އެވެ:

"ޒާހިޔާ އެވެ. އަހަރެން މި މަރުވަނީ އެވެ... މިހާރު މިދަނީ އެވެ. ކަލާއާ ގާތަށެވެ. ކަލާގެ ދުނިޔެއަށެވެ. އަބަދުގެ އަބަދަށެވެ... އަހަންނަށް މާފު ކުރާށެވެ.."

އެ މީހާ އަށް ލިބިފައި އެއޮތީ ހާދަ ބޮޑު އަނިޔާ އެކެވެ. ބޯވަނީ ފަޅައިގެން ގޮހެވެ. ލޭތައް ބޮކި ޖަހަނީ އެވެ. އެ ހާލުގައި އޭނާ ގޮވަމުން ދަނީ ވެސް މަރު ގޯހެވެ. އެއީ ކާކު ހެއްޔެވެ؟ އެއީ މޮޔައެކެވެ. އެކަމަކު އެއްއިރެއްގައި ހޭ ބުއްދި ހުރި މީހެކެވެ. ރީތި ނަލަ މީހެކެވެ. މާލޭގެ އެންމެ ނަލަ މީހާ އެވެ.

އެންމެން ސިއްސައިގެން ހިނގައްޖެ އެވެ. އެމީހުންތައް ޖަމާވެއްޖެ އެވެ. ބިދޭސީ ކަލޭގެ ހިފަހައްޓައިފި އެވެ؛ މަގުގެ ނުބައި ކޮޅަށް ދުއްވީތީ އެވެ؛ މީހަކަށް އަނިޔާއެއް ދިނީތީ އެވެ.

އެކަކު، ރުޅިއަރައިގަނެގެން ބުންޏެވެ: "މިއީ އަހަރެމެންގެ ރަށެވެ. އަހަރެމެންނަށް ނުދެވޭ ކޮޅަކަށް ކަލެއަށް ދެވުނީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެ ބޭނުމަކީ ދިވެއްސަކު މަރާލުމެވެ. އަދަކު އަހަރެމެން ކަލޭ ދުލެއް ނުކުރާނަމެވެ."

އަދި އެހެން މީހަކު އަޑުގެ ކޮޅަށް ގޮވައިލި އެވެ: "ކަލޭނޭ އެވެ. އަތް އުރާލައިގެން އަދިވެސް ތިބެނީ ހެއްޔެވެ؟ މީނާގެ މައިންބަފައިން ކޮބައި ހެއްޔެވެ؟ އަނބިދަރިން ކޮބައި ހެއްޔެވެ؟

އަލަށް އައި މީހަކު ތަން ފޭކުރަމުން ތޮރުފިގަނެފައި ބުންޏެވެ: "ތިޔައީ އެހެރަގޭ ހައިކަލް އެވެ. ދުވަހަކު ވެސް މީހަކާ ނުއިނދެ އެވެ. ހުންނަނީ ދުނިޔެއިން މޮޔަވެފަ އެވެ. އަތްދަނޑިމައްޗަށް ނަގައިގަންނާށެވެ. އޭނާއަށް ރަހުމް ކުރާށެވެ. ތިޔައީ ބަލި މީހެކެވެ. ސިކުނޑި ހަމައެއް ނުޖެހޭނެ އެވެ. ލޯބީގައި ދިމާވި ގޮތުންނެވެ. އަވަހަށް ޑޮކްޓަރަށް ގެންދާށެވެ."

***

ސަހަރާގެ ހިނަވާގޭގެ އަށިމަތީގައި ފަސްތަނުން ބަނދެ ސަންދޯކު އަޅާފައިވާ ޒާހިޔާ ފެނުމުން ހައިކަލް ބަޑިފަޅައިގެންދިޔަ އެވެ. ލޮލުން އޮހިގަތް ކަރުނަ އިން މޫނު ދޮވެވެން ފެށި އެވެ. ކެތެއް ނުކުރެވުނެވެ.

ފުރާނަ ނެތް މަސްގަނޑު އޭނާއާ ދިމާ އަށް ބުނާ ކަހަލަ އެވެ: ހައިކަލް އެވެ. އަހަރެން ދަނީ އެވެ. އެހެން ދުނިޔެ އަކަށެވެ. އެކަމަކު އަހަރެންގެ ދަރިފުޅު ކަލާއާ ހަވާލުކޮށްފަ އެވެ. ދެރަ ގޮތެއް ނުހަދައްޗެވެ. އަޅާލައްޗެވެ. އެއީ ހަމަ ހައިކަލް އެވެ. އެއީ ކަލޭގެ ވެސް މޭގެ އެތިކޮޅެކެވެ.

ހައިކަލްއަކަށް ނުހުރެވުނެވެ. ސުވާލުތައް ކުރަން ފެށި އެވެ. މޮޅިވެރި މޫނުތަކެއްގައި ތިބި މީހުންގެ ތެރޭގައި ހުރެ އެވެ.

ޒާހިޔާ ވިހެއީ ހެއްޔެވެ؟ މަރުވީ ވިހާފައި ހެއްޔެވެ؟ އޭނާ އަކަށް ޖަވާބެއް ނުލިބުނެވެ. އެންމެން ކަރުނަ އަޅަނީ އެވެ. ހައިކަލް މޮޔަ ހެއްޔެވެ؟ އެ ކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ؟

އޭނާ އަކަށް ނުހުރެވުނެވެ. ހިނގައިގަތެވެ. ދަރިފުޅު ދެކިލާށެވެ. އޭނާގެ ހިތަށް އަރަމުން ދެ އެވެ: ޒާހިޔާ ވިހާނީ އަހަރެން ދަރިއެކެވެ. އަހަންނަށް މާ ދުރުގައި އުޅެވުނީ އެވެ. ޒާހިޔާ އާދޭސް ކުރި އެވެ. އަހަރެން އުޅުނީ އަޅައި ނުލަ އެވެ. ފޯނު ކުރެ އެވެ. އަހަރެން ފޯނު ކަނޑައިލަނީ އެވެ. އެސްއެމްއެސް ފޮނުވަ އެވެ. އަހަރެން ޑިލީޓް ކޮށްލަނީ އެވެ. ސިޓީ ފޮނުވަން ފެށި އެވެ. އެއް ސިޓީ އެވެ. ދެ ސިޓީ އެވެ. އަހަރެން ނުކިޔަމެވެ. ވަތް ގަނޑަށްލީ އެވެ.

ހައިކަލް ސަހަރާއިން ނުކުތްތާ ކިތަންމެ އިރެކެވެ. ގަޑި ބަލައިލި އެވެ. އަކުރު ދިއްލޭ ގަޑިއެއް ނޫނެވެ. އެހެންވެ ސާފެއް ނުވި އެވެ. އެކަމަކު އިރު އޮއްސެނީ އެވެ. ހާދަ ދުރަކަށް ހިނގައިފި އެވެ. ދެ ފަޔަށް ހިރަފުސް އަރައިފި އެވެ. އޭނާ އަށް ވަދެވިއްޖެ އެވެ. ގެއަށެވެ. ހާވާން ފެށި އެވެ. ފެނިއްޖެ އެވެ. ކިޔަން ފެށި އެވެ. ޒާހިޔާގެ ސިޓީ ތަކެވެ. ރޮވެން ފެށި އެވެ. އިބާރާތަކުންނެވެ. ހައިކަލް ކިޔަމުން ދިޔަ ފުރަތަމަ ސިޓީގައި ޒާހިޔާ ލިޔެފައިވެއެވެ:

ލޯބިވާ ހައިކަލް އަށް،

ހެޔޮ ދުއާ ސަލާމް ބަރުތީލަ ކުރަނީ ހިތުގެ ފުނުންނެވެ.

ހައިކަލް އެވެ. ކަލާ ތިޔައީ އަހަންނަށްޓަކައި "މުޅި އުމުރަށް ވެސް ބިޒީ" މީހެއްކަން މިހާރު ޔަގީން ވެއްޖެ އެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. އެކަމަކު މާތް ﷲ ހައިކަލް އަށް ހަމަ ނޭވާ ލެވޭނެ ފުރުސަތެއް މިންވަރު ކުރައްވާށި އެވެ!

ކުރިން އަހަރެން ޔަގީންކުރީ ތިޔައީ ގޮނޑަކުން އަހަންނަށް ފެނުނު މުތެއް ކަމަށެވެ. އެކަމަކު ހައިކަލް އެވެ. ހުހަށް އޮތް އަހަރެންގެ ހިތް ކަލާ ހަލާކު ކޮށްފީމު އެވެ. ކަލާގެ "ސަޅި ބައިސާ" ވާހަކަތަކާއި ކިޔައިދިން "ލޮނު ހެޔޮވަރު ފަރިހި" ތަކުންނެވެ. ފޯނުން ފޮނުވައިދިން މާމުއިގެ ފޮނިކަން އިހުސާސްވާ ފަދަ، ހިތަށް ލައްޒަތު ލިއްބައި ދިން ލޯބީގެ އެސްއެމްއެސް ތަކުންނެވެ. ބުނެ ބަލާށެވެ. މިއީ ދޮގެއް ހެއްޔެވެ؟

އަހަރެން މި އުޅެނީ ކުޑަކުޑަ މާލޭގެ އެވެ. އެކަމަކު އެ ރެއަށް ފަހު ފޯނުން ވާހަކައެއް ނުދެއްކެ އެވެ. އެއީ ކޮން ރެއެއް ކަން ކަލާ އަށް އެނގޭނެ އެވެ. މަގެއް މަތިން ފެނި ނުލެވެ އެވެ. ބިޒީ ކަމުންނެވެ. އަވަދިނެތި އުޅެން ހަދައިގެނެވެ. ހައިކަލް އަހަރެން ގާތުގައި އެންމެ ތެދެއް ވެސް ހަދާފައެއް ނުވެ އެވެ. ތިއީ ބޮޑު ދޮގު ބަނޑިޔަލެކެވެ. ތެދަށް ބުންޏަސް އަހަންނަށް ކުރެވޭނީ ކީއްހެޔެވެ؟

ހައިކަލް އަށް ނިކަމެތިންގެ އިހުސާސްތައް ނޭނގޭކަން އަހަންނަށް މިހާރު އެނގެ އެވެ. އެކަމަކު ހަނދާން ކުރާށެވެ. އަހަންނަށް ތިޔަދިނީ ވަރަށް ބޮޑު އަނިޔާ އެކެވެ. ކުށަކާ ނުލައި އަހަރެންގެ ހިތުގައި ތަޅައިފީމު އެވެ. އަމިއްލަ ނަފުސަށް ވިސްނާލައްޗެވެ. ނިކަމެތިންގެ ހިތާ ކުޅެލުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަހަރެންގެ ހިތަށް ކިހާ އަނިޔާ އެއް ދިނިން ހެއްޔެވެ؟ ކިހާ ވަރަކަށް އަހަރެން ހިތުގައި ޖެއްސިން ހެއްޔެވެ؟ ކަލާގެ ނަޒަރުގައި ލޯބިވަނީ ކީއްކުރަން ހެއްޔެވެ؟ ލޯބި ސިފަވަނީ ގާތްގޯޅި ވުންތަކަކުން އެކަނި ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ އަހަރެންމެންގެ ލޯބީގެ ނިޝާން ވަރަށް އަވަހަށް ދުނިޔެއަށް ނޭވާލައިފާނެ އެވެ. އެއީ އަހަރެމެން އެންމެ ފަހުން ބައްދަލުވި ރޭގައި ދިއްލުނު ހުޅުކޮޅެވެ.

އަހަރެން ކަލާ އަށް އިންތިޒާރު ކޮށްކޮށް ވަރުބަލިވީ އެވެ. ކަލާ އަހަރެން ދެކެ ލަދުގަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މީހަކަށް ފެނިދާނެތީ ހެއްޔެވެ؟ އެނގިދާނެތީ ހެއްޔެވެ؟ އެކަމަކު ބުނަން ހެއްޔެވެ؟ ހައިކަލް އަހަންނާ ރައްޓެހިވިއިރު ވެސް އަހަރެން ހުރީ މިގޮތަށެވެ.
އަހަރެންގެ ޝަކުވާއެއް ނެތެވެ. ހިތަބަރު ކަމެއް ވެސް ނެތެވެ. ހައިކަލް ބުނާހެން ވެދިޔަތަން މަރުވީ އެވެ. އިއްޔެ ވަނީ މާޒީގެ ތެރޭގަ އެވެ. މާދަމާ އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ.

ހައިކަލް އެވެ. ތުނޑު ހަސަނާ އަވަލި މީދާހެން ހައިކަލް ދިރިއުޅުމުގެ ތެރެއަށް ފުންމާލަކަށް އަހަރެން ނެތީމެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަނިހެން ކަލާއަށް ތުރާ ކުރާކަށް ވެސް ނެތީމެވެ. އަހަރެންގެ ވެސް އޮތީ ހިތެކެވެ. އެ ހިތުގައި އޮތީ ކަލާ އަށް ހެޔޮ އެދުމެވެ.

ހައިކަލް އެވެ. ކަނޑުން ނަމަ ކަނޑު ރަސްގެފާނުގެ ބޭކަނބަލަކާ ވިޔަސް، ހަވާއިން ނަމަ ޕަރީޒާދަކާ ވިޔަސް ބިންމަތިން ނަމަ ރެހެންދި ކަނބާއަކާ ކައިވެނި ކުރިއަސް ކަލާއަށްޓަކައި އަހަރެންގެ ހިތް ބިއްލޫރި ހާ ސާފެވެ. ކަލާ އަށް ބާއްޖަވެރި ހަޔާތެއް ދެއްވާށި އެވެ.

ނަގާހާ ވިލައަކުން ވާރެއެއް ނުވެހެ އެވެ. ކިޔާ ކޮންމެ އަޑަކީ ރެނދެއްލާނެ އަޑެއް ވެސް ނޫނެވެ. މާޒީ ނިއުޅާކަށް ނެތީމެވެ. ވެއްޓު ކޮއްތު ނަގަން އުޅުމަކީ މޮޔަ ކަމެކެވެ. ހިތިކަދޫ ވެލުގެ ބުޑަށް ފެން ކަމުގައި މާމުއި އެޅިއަސް އެ ގަހުގެ ވަސް ބަދަލެއް ނުވާނެ އެވެ.

އަހަރެންގެ ހަޔާތައް ތޫފާން ގެނެސްދިން "މިސްޓަ ބިޒީ" އެވެ. ތިޔަ ބިޒީ ކަމުގެ ތެރޭން ރެޑް ލައިނުން އަންޑަލައިން ކޮށްފައިވާ "އިންތިހާ ބިޒީ ވަގުތު" ތަކުގައި ދިމަދިމާ އިން ކަލާ އަށް ފިރުމުންތަކާއި ލައްޒަތުތައް ލިބޭކަން އެނގެ އެވެ. އެ ލޯބީގެ ރާހަތްތަކަށްޓަކައި އަހަރެން ވެސް އުފާ ކުރަމެވެ. އެކަމަކު ދެން ފަހަތަކުން ނުދާނަމެވެ. ދުވާ މަހެއްގެ ނިގުލުގައި ހިފަން އުޅެނީ މޮޔައިންނެވެ. އެކަމަކު އެ މަސް ވެސް ކޮންމެވެސް އެއް ދުވަހަކު ވަރުބަލިވާނެ އެވެ. އަޒަލުގައި އެ މަހަށްވާނެ ގޮތް އެނގޭނީ ކިހިނެއް ކާކަށް ހެއްޔެވެ؟ ހައިކަލް އެވެ. ވިދާ ކޮންމެ އެއްޗަކީ ރަން ނޫންކަން ކަލާ އަށް އެނގޭނެ އެވެ. ވީއިރު ހުދު ނޫން ކޮންމެ އެއްޗަކީ ކަޅު އެއްޗަކަށް ވެސް ނުވާނެ ދޯ އެވެ؟

ހައިކަލް ވަރަށް މޮޅެވެ. ދޮގު ހަދާށެވެ. ވަރަށް ހުނަރުވެރި އެވެ. އޮޅުވާލާށެވެ. ބުނެބަލާށެވެ. ދަސްކުރީ ކިހިނެއް ހެއްޔެވެ؟ އަހަރެން ގާތުގައި ހާދަ ދޮގުތަކެއް ހެދި އެވެ. ފުރަބަދަހާ ބޮޑެއްޗެވެ. ހީކުރަނީ އަހަރެން މީ އެއްޗެއް ނުވިސްނޭ ކުޑަ ކުއްޖެއް ކަމަށް ހެއްޔެވެ؟ ޔަގީނެވެ. އަދި ވެސް ހަދާނީ ދޮގެވެ. މީހުން ބުނޭ ނޫން ހެއްޔެވެ. ބަކަރި އަށް ފުޅަފެއް މަތިން ފުންމައިގަނެއްވިއްޖިއްޔާ ކިތަންމެ ފުޅަފެއް ވެސް ގިރާކުރާނެ އެވެ. އެކަމަކު ވަސް ބަލަން ދަސް ކޮށްދޭހެން ކުއްތާ އަށް ޖެހޭނީ ފުންމަން ވެސް ދަސްކޮށްދޭށެވެ. އެ ސޮރަށް ދަސް ވެއްޖިއްޔާ ފުޅަފެއް ނޫނެވެ. އުސް ފާރުމަތިން ފުންމާނެ އެވެ.

ހައިކަލް ރީއްޗެވެ. މޮޅެވެ. އެކަމަކު ތިހާ ރީތި ތިހާ މުއްސަނދި މީހަކު ފަހުން ލަދުގަންނަން ޖެހޭ ވަރުގެ މީހަކާ ހީތާވީ ކީއްވެގެން ހެއްޔެވެ؟ އެކަމަކު ވެސް އަހަރެންގެ ޝަކުވާއެއް ނެތެވެ.

ހައިކަލް އަށް ނޭނގެނީ ހެއްޔެވެ؟ އަހަރެން ކުރި ހުރިހާ އުންމީދެއް ކަފުންކޮށް މި ވަޅުލަނީ ވަރަށް އަސަރާއެކު އެވެ. ހާދަ ވަރަކަށް ރޮއިފަ އެވެ. ހާދަ ކަރުނަ އެއް އޮއްސާފަ އެވެ. އެކަމަކު އިރާދަ ކުރެއްވިއްޔާ އަހަރެންގެ ހިތަށް ކިތަންމެ ތަދެއް ވިޔަސް ދެނެއް ހައިކަލް އަށް އުނދަގުލެއް ނުކުރާނަމެވެ. އަހަރެމެން ދެ މީހުން އެއްމަގަކުން ވެސް ދިމާ ނުވުމަށް ދުއާ ކުރަމެވެ. އަހަންނަށް ވެގެން ވާނަމަ އެއް ރަށުގައި ވެސް ނުހުރީމެވެ. ހައިކަލްގެ ހަނދާންތައް އަހަރެންގެ ހިތުން ނެރެލީމުހެވެ.

އެންމެ ފަހު ފަހަރު ބުނަމެވެ. ކަލާ ހޭށެވެ. އަހަރެން ރޯނަމެވެ. ކަލާ އުދުހޭށެވެ. އަހަރެން ބިންމަތީގައި ލޫދޭނަމެވެ. ކަލާ އުފަލުން ފުމޭށެވެ. އަހަރެން މޮޅިވެރި ކަމާއެކު ހަމަހިމޭންކަން އިހުތިޔާރު ކުރާނަމެވެ. ހައިކަލް އަށް ސާބަހެވެ. ފިރިހެން ކުދިން ތިބޭނިީ ތިޔަހެނެވެ.
-- ޒާހިޔާ

ޒާހިޔާގެ އެ ސިޓީ މޫނުގައި ޖައްސައިގެން އިރުކޮޅަކު އިނުމަށް ފަހު ހައިކަލް ދެ ވަނަ ސިޓީ އެއް ކިޔަން ފެށި އެވެ. އެއީ ކުރު ސިޓީ އެވެ. އޭގައި ވެއެވެ:

ލޯބިވާ އަށް ސަލާމް،

އަހަރެންގެ ފިރިޔަކަށް ނުވިޔަސް އަހަރެންގެ ދަރިފުޅުގެ ބައްޕައަކަށްވާނީ ހައިކަލް އެވެ. އޭ ލޯބިވެރިޔާ އެވެ. ކަލާ އަހަރެން ގާތުގައި ހުރި ނަމަ އަހަރެން އުފަލުން ގޮސް މަރުވެދާނެކަން ނޭނގެ އެވެ. ބަނޑުން ތޮޅެނީ އެވެ. ދިމަދިމާއިން ފުއްޕަނީ އެވެ. އަހަންނަށް އަބަދުވެސް ފެންނަނީ ކަލާގެ ވެސް އެ ދަރިފުޅު ބޮޑުވެގެން އަންނަ ތަނެވެ. އަހަރެން އެންމެ އުފާ ވަނީ ކަލާގެ ދަރިއަކަށް ބަލިވެ އިނދެވުނީތީ އެވެ. ލޯބިވާ ހައިކަލް އެވެ. ލޯ މަރާލަބަލާށެވެ. އަހަރެންގެ ބަނޑުގައި އޮތީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ - ޒާހިޔާ

ސިޓީ ކިޔާ ނިމުމުން ހައިކަލް ލޯ މަރާލި އެވެ. އޭނާގެ ހިތަށް ސިފަވި އެވެ. އަންހެން ކުއްޖެކެވެ. ދޮނެވެ. ކަންފަތް ރަތެވެ. ފުފިފައިވާ ދެ ކޮލެވެ. ކުޑަކުޑަ ކޮށްޓެއްގައި އަރިއަށް އޮވެ ނިދަނީ އެވެ.

ލޯމަރައިގެން އިނދެ ހައިކަލް އަތް ދިއްކުރި އެވެ. ދަރިފުޅާއޭ ގޮވާލެވުނެވެ. އަތެއް ނުލެވުނެވެ. ރޮވިއްޖެ އެވެ. ލޯ ހުޅުވިއްޖެ އެވެ. ހަމަ ހޭ ޖެހިއްޖެ އެވެ. އެ ހާލުގައި ހަމައެކަނި ބުނެވުނު ޖުމްލައަކީ "ލޯބިވާ ޒާހިޔާ އެވެ. ސިޓީތައް އަހަންނަށް ކިޔާލެވުނީ މާ ލަހުންނެވެ،" ދެން އޭނާގެ ބުއްދި ފިލައި ހިނގައްޖެ އެވެ. ސަހަރާއަށް ދާން ބޭނުންވި އެވެ.

ދުއާ ކުރާށެވެ. ހުސް އަނގަ ތެޅެން ފެށި އެވެ. ގަބުވެއްޖެ އެވެ. އެކަނި ވާހަކަ ދައްކަން ފެށިއްޖެ އެވެ. ލަކިޔަ ކިޔަން ފެށުނެވެ. އެންމެ ފަހުން އާވާރާވީ އެވެ. މޮޔަވީ އެވެ. މަގު މެދުގައި ހިނގަނިކޮށް އަނިޔާ ލިބި ޒަހަމް ވީ އެވެ. ވޭނަށް ކެތް ނުކުރެވޭ ހާލު، ބަލިއެނދުގައި އޮވެ މޮޔަގޮވަމުން ދުނިޔެ ދޫކުރީ އެވެ. (ނިމުނީ)