ލޯފަން ބީރު ލޯބި

ފަންނާނުންނަކީ އެ މީހުންނަށް ލިބިފައިވާ ޚާއްޞަ ހުނަރެއްގެ ސަބަބުން އެހެން މީހުންގެ ސަމާލުކަން އެމީހުންނަށް ހުއްޓޭ ބައެކެވެ. ބައެއްފަހަރު އެ ހުނަރަކީ ކޮބައިކަން ތިމާއަށް ނޭނގި ހުއްޓައި ގާތުގައި އުޅޭ ކޮންމެވެސް އެހެން މީހަކު އެކަން ފާހަގަކޮށްފާނެއެވެ. ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި ބައެއް ފަންނާނުންނަކީ މޮޅެތި ހުނަރުތަކާއެކު އުފަންބާއެކެވެ. މަޝްހޫރުކަމަކީ ހަމައެކަނި ފަންނުވެރިކަމާ ގުޅިފައި އޮންނަކަމެއް ކަމަށް އަހަރެން ޤަބޫލެއްނުކުރަމެވެ. ހުރިހާ އެއްޗަކީ ވަގުތެވެ. އޭނާގެ ނަސީބެވެ. ހުނަރެއް ހުއްޓެއްކަމަކު މީހާ ކުރިއެއް ނާރައެވެ. ނަސީބު އައިސް ފުރުޞަތުގެ ދޮރުފަތް ހުޅުވާލަދިނުމުން ނޫނީ ކުރިއަށްދާނޭ ގޮތެއް ނޯވެއެވެ. އެ ނަސީބުގެ ރޮދިފަށް ކެނޑޭ ހިސާބުން އޭނާގެ މަޝްހޫރުކަން ގެއްލިދެއެވެ.

އަހަރެންނަކީ ކުރަހާ މީހެކެވެ. ކުރަހާ ފޮތަކާއި ފަންސޫރެއް އަތުގައި ނޯންނަ ހަނދާނެއް ނުހުރެއެވެ. އުމުރުން ތޭރަ އަހަރުގައި ޑިޖިޓަލް ކުރެހުމުގެ ދުނިޔެއަށް ވަނީމެވެ. އަހަރެން ޚާއްޞަވީ ވެސް އެ ދާއިރާއަށެވެ. އެއްކަލަ ނަސީބުގެ ދޮރުފަތް ހުޅުވުނީ ދެނެވެ. އެ މަސައްކަތަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން ލިބެން ފެށި ކޮންމެ ފުރުޞަތެއްގެ ބޭނުން އަހަރެން ހިފީމެވެ. މަޑުމަޑުން ހަޤީޤީ މިސްރާބުން ކައްސާލީ ގިނަބައެއްގެ މަޤުބޫލުކަން ލިބެން ފެށީމައެވެ. ތިމާއަށް ތިމާ ފެނުނީއެވެ. ލިބިފައި ހުރި ހުނަރާމެދު ބޮޑާވެވުނީއެވެ. ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް އަހަރެން ހޭދަކުރީ މަސައްކަތުގައެވެ. ލިބޭ ޕްރޮޖެކްޓްތަކުގެ އިތުރުން އަމިއްލަ މަސައްކަތްތައް ވެސް ކުރަމެވެ. ފޭސްބުކްއާއި އިންސްޓަރގްރާމްގައި އަހަރެންގެ މަސައްކަތްތައް ޖަހަންފެށުމުން މީހުންގެ ތަރުހީބު އިހުނަށްވުރެ އިތުރުވިއެވެ. އެކަންވީ މަސައްކަތުގައި ހޭދަކުރާ ވަގުތު ގިނަކުރުވި ކަމަކަށެވެ.

ލިބުނު މަޝްހޫރުކަން މިއަދުވަނީ ގެއްލިފައެވެ. އަހަރެންނަކީ ކާކުކަން މީހުން ހަނދާންނައްތާލައިފިއެވެ. ކުރެހުން ހުއްޓާލި ފަހުންނެވެ. އެހެންވިޔަސް އޭރުގެ އެ ހަނދާންތައް އައުކުރުވި ބަޔަކީ ނޫސްވެރިންނެވެ. އެ މީހުން އަހަރެން ހޯދީ ކިހިނެއްކަމެއް ނޭނގެއެވެ. އިއްޔެ އައީ ފޯނުކޯލެކެވެ. ޖަވާބު ދިނުމުން ބުނީ ނޫހުގައި އަހަރެންގެ އިންޓަވިއުއެއް ޖަހާލަން ބޭނުންވަނީ ކަމުގައެވެ. ކުރިން ގިނަ ބަޔަކަށް އެނގުނު "އާރިޝް" މިހާރު ކުރަނީ ކީއްކަން އެނގެން ބޭނުންވާ ބަޔަކު ވެސް ތިބޭނޭ އެ ނޫހުން އަހަރެންނަށް ގުޅި ކުއްޖާ ބުންޏެވެ. ކުރެހުމާ ގުޅޭ ކަންކަން ހުއްޓާލިތާ ވިހި އަހަރު ވެއްޖެއެވެ. އަހަރެންގެ މަތިން ބަޔަކު ހަނދާންވީ މީ ފުރަތަމަ ފަހަރެވެ.

އަސަރުން ފަސްވީ ފަހުން ނޫހުގެ ފަރާތުން އަހަރެންނާ އިންޓަވިއު ކުރަން އައީ ދެ ފިރިހެން ކުދީންނެވެ. އެއްކުއްޖަކު ކެމެރާ ކުރާއިރު އިންޓަވިއު ކުރިއަށް ގެންދާނީ ދެން ހުރި ކުއްޖާ ކަމުގައި ބުންޏެވެ. އަދި އެތަނުން ކުއްޖަކު އަހަރެންގެ އަތުގައި ހިފާލައި އޭނާގެ ނަމަކީ ސިރާޖު ކަމާއި ކެމެރާކުރަން ހުރީ ޒަޔާން ކަމަށް ބުންޏެވެ. އަދި އެމީހުން އަހަރެން ހޯދުމަށް ކުރި މަސައްކަތް ބުންޏެވެ. އެވަގުތު އެތަނަށް އިތުރު މީހަކު އަތުވެއްޖެއެވެ. އެހިނދު ކޮފީގެ ވަސް ނޭފަތުގައި ހަރުލިއެވެ.

"ޝުކުރިއްޔާ..." އަހަރެންނާ ވާހަކަދެއްކި ސިރާޖު ބުންޏެވެ.

"އޭނާއަކަށް އަޑެއްނީވޭނެ" އަހަރެން ހިނިތުންވެލަމުން ބުނީމެވެ. ހިނދުކޮޅަކަށް ވެރިވި ހިމޭންކަމާއެކު ސިރާޖާއި ޒަޔާންއަށް އެވީގޮތް އަހަރެން ލަފާކޮށްލީމެވެ.

"އެއީ އާރިޝްގެ އަންހެނުންތަ؟" ސިރާޖު އެއްސެވެ.

"ރަނގަޅަށް ތި ހީވީ! އެއީ ނީލާ... އަހަރެންގެ އަނބިމީހާ" އަހަރެން ބުނީމެވެ.

ސިރާޖު އޭނާގެ އިންޓަވިއުގައި އެނގެން ބޭނުންވާ ކަންކަން ކުރު ގޮތަކަށް އަހަރެންނަށް އޮޅުން ފިލުވައިދިނެވެ. އަދި އަހަރެން އެ ސުވާލުތަކަށް ޖަވާބުދޭން ތައްޔާރުތޯ އަހާލިއެވެ. އަހަރެން "ހޫން" ލައްވާލައި ބޯޖަހާލީމެވެ. ގާތް މީހުން ފިޔަވައި އިތުރު މީހަކަށް ނޭނގި އޮތް ވާހަކަތައް ކިޔައިދޭން އަހަރެން ފެށީ ސިރާޖުގެ ސުވާލުތަކާއެކުއެވެ. އިރުއަރާ އޮއްސުނު ފަދައަކުން ކުއްލިއަކަށް ފާޅުވެފައި އަހަރެން ގެއްލުނު ސަބަބެއް އެނގެން ބޭނުންވާ ބަޔަކު ތިބިއްޔާ މި އިންޓަވިއުއަށްފަހު އެނގޭނެތާއޭ ހިތަށް އަރައިގެންނެވެ.

"އާން! ވަރަށް އުފާވޭ މީހުން ކޮއްފަ ހުންނަ ކޮމެންޓްތައް ފެނުނީމަ، ދޭތެރެ ދުރުވެ މެދުކެނޑަމުން އައި އިރު ވަރަށް ގިނަ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވި، އެހެންވިޔަސް ނުވާވަރުން ކުރަން އުޅުމުގެ ނަތީޖާ މީ... އައިޕެޑްއާއި ޑެސްކްޓޮޕްގެ އިސްކުރީނަށް ގެއްލިފައި އިނދެ އަހަރެންގެ ލޮލުގެ ނާރުތަކުގެ ބާރު ދިޔައީ، އަމިއްލައަށް ފަރުވާކުޑަކުރެވުނީ، އެއްވެސް ފުރުޞަތެއް ދޫކޮށްލާކަށް އޭރު ބޭނުމެއްނުވޭ، ރޭގަނޑު އެތައް ދަމެއްވަންދެން އިންނަން ކުރަހާލަ ކުރަހާލައި، އަސްލާއި އެއްގޮތްވާވަރަށް ޕާފެކްޓް ލުކްއެއް ގެނެވެނީ ވަރަށް ގިނަ ވަގުތު އެކަމުގައި ހޭދަކުރާ ފަހުން، ފުރަތަމަ ލޯ ފުސްވާން ފެށުމުން އުނދަގޫވެގެން ޑަކްޓަރަށް ދިޔައިން، އޭރު ވެސް ޑަކްޓަރު ލަފާދިން، ގިނައިރު ކޮމްޕިއުޓަރ އަދި ޓީވީ ފަދަ އިސްކުރީނުތަކަށް ބަލަން ނީނުމަށް، އޭރު އައިނު އަޅަންފެށީ، ފުސްކަން ކެނޑުނު، އޭގެ ދުވަސްކޮޅެއް ފަހުން ވަރަށް ބޮޑު ޕްރޮޖެކްޓެއް ލިބުނީ... އެއީ ބޭރުގެ ކޮމިކް ޓީމްއަކާ ގުޅެން ލިބުނު ފުރުޞަތެއް، އެކަމުގައި އުޅެނިކޮށް އެއްދުވަހު ބޮލަށް އެނބުރުން އަރައި ލޮލަށް އަނދިރިވާ ގޮތްވީ، ދެން މަޑުމަޑުން ނުފެންނަމުން ގޮސް މިހާރު ދެ ލޮލަށް ވެސް ނުފެނޭ، ނާވް ޑެމޭޖްވެފަ ކަމަށް ޑަކްޓަރުން ބުނީ، އެކަމަށް ފަރުވާއެއްނެތް، އެއްކޮށް އަނދިރިވީ.... ކުރިން ފެނުނު އެއްވެސް އެއްޗެއް ކުއްލިއަކަށް ނުފެންނަން ފެށީމައި ނަފްސާނީ ގޮތުން ވަރަށް އަސަރުކުރި، އުޅޭނޭ ގޮތެއް ނޭނގުނު، މީހެއްގެ އެހީއަކާއިނުލާ އުޅެމުން އައީ... އެކަން ބަދަލުވީމާ ހިތްބިރުގަންނަންފެށީ، ރަނގަޅު އެއްޗެއް ހިތަށް ވެސް ނާރަނީ، މީހުންނާ ގުޅުން ކަނޑާލީ، އެއްބަނޑު ބޭބެ ފިޔަވައި އަހަރެންގެ އެހެން މީހަކުނެތް، އޭނާގެ ދިރިއުޅުމުން ބޮޑުބައެއް އަހަރެންނާހެދި އުނިވަމުންދިޔައީ، މީހުން އަހަރެންނާމެދު ދެކޭނޭ ގޮތެއް ނޭނގޭތީ މިއިން އެއްވެސް ކަމެއްގެ ވާހަކަދައްކާކަށް ނުކެރުނު، ކޮންމެ މީހަކު ވެސް ބުނާނީ އަހަރެންގެ އަމިއްލަ ފަރުވާކުޑަކަމުން ވީގޮތެކޭމީ... ހުރިހާ ކަމަކާ ބޯގޮވާފައި ހުއްޓާ، ނީލާއާ ދިމާވީ، އޭނާ އައީ އަހަރެންގެ ބޭބެ ފޮނުވައިގެން ގޭތެރެ ސާފުކޮށް، ކައްކާ ހަދަން، އެ ދުވަހު ދޮރުގެ ބެލްއަޅާ އަޑަށް އަހަރެން ކާކުތޯ އަހައަހައި އަނގައިން ނުބުނީމަ ހުރީ ނުހުޅުވަން، އޭރު ބޭބެ ވެސް ވީ އޮފީހުގައި، އެކަމަކު ހުއްޓުމެއްނެތި ބެލްއަޅާވަރުން އެންމެފަހުން ދޮރު ހުޅުވީ، ދެން ވެސް ކާކުތޯ އެހުމުން ވާހަކައެއް ނުދެއްކި، މީހަކު ހުރިކަން އެނގޭ... އަހަރެން ލޮލަށް ނުފެންނަ މީހަކު އެވަގުތު ކިހާ ބިރެއް ގަންނާނެ، ހިތަށް އެރީ ނުބައި މީހަކު އައީއޭ، ވަގަކަށް ވެސް ވެދާނޭ... އަހަރެންގެ އަތުގައި ހިފަން ނީލާ މަސައްކަތް ކުރުމުން އިތުރަށް ގަތީ ބިރު، އަހަރެން ބެލީ ފިލޭތޯ... އެދުވަހު މަރުނުވީ ވެސް ހަމަކިރިޔާ، ދެވޭތަނެއް ނޭނގި ބެލްކަނީ ދޮރުފަތުގައި ޖެހި ބިއްލޫރުގަނޑު ތަޅައިގެން ގޮސް ތިރިއަށް ފޭބީ، ނީލާ އަހަރެންގެ މެދުހަށީގައި ބައްދައި ހަޅޭލަވަން ފެށުމުން އަހަރެންނަށް މައިތިރިވެވުނީ، އެވަގުތު އެނގުނު އަންހެނެއްކަން ވަދެގެން އުޅެނީ... އޭނާ އަހަރެންގެ އަތުގައި ހިފަން އުޅުނީ ކީއްވެކަން ވެސް އެނގުނީދެން، އޭނާ އަހަރެންގެ ކަނާއަތުގެ ޝަހާދަތް އިނގިލި ނަގައި ވައަތްތިލައިގައި ޖައްސައި ލިޔުނީ ބޭބެގެ ނަން... އަހަރެން އެވަރަށް ސުވާލުކުރުމުން ވެސް ޖަވާބުނައީ ކީއްވެކަން ވިސްނުނީ ދެން... ލޯފަން މީހަކާއި ބީރެއްގެ ދެމެދު ކުރެވުނު ފުރަތަމަ މުއާސަލާތު އެއީ... އަދި ލޯތްބެއްގެ ފެށުން އެއީ، މަރުވުން ވެސް މާރަނގަޅުވާނޭ ހީވެފައިވަނިކޮށް އަލުން ދިރިހުރުމުގެ އުންމީދު އައުކޮށްދިނީ ނީލާ، މީހުންގެ މަޤުބޫލުކަން ލިބުމަކީ ނަފްސުގައި ބަލިމަޑުކަމެއް އުފެދޭކަމެއްކަން މިހާރު އެނގޭ، އޭރު އަރާމެއްނެތި ލިބޭ ހުރިހާ ފުރުޞަތެއްގެ ބޭނުން ކުރެވުނީ ލިބިފައިހުރި ހުނަރުން މަޝްހޫރުކަން ހޯދަން، އެނޫން އެއްވެސް ބޭނުމަކުނޫން، އޭރަށްވުރެ މިހާރުގެ ދިރިއުޅުން މާ ހިތްހަމަޖެހޭ، ޒަވާޖީ ހަޔާތެއް ފެށިއްޖެ، ތިންކުދީން އެބަތިބި، އޯގާތެރި ހިތްހެޔޮ އަނތްބެއް ނީލާއަކީ، އަހަރެން ލޯފަން މީހަކަށްނުވިނަމަ ބީރު މީހަކު ބަލައިގަތުން ފަސޭހައެއްނުވީސް، ދުނިޔޭގެ ކުލަތަކަށް އަހަރެން ހުރީ ހޭނިފައި، އޭރުގެ ފުރިހަމަކަމާއި މިހާރު އަހަރެން ޤަބޫލުކުރާ ފުރިހަމަކަން މާބޮޑަށް ވެސް ތަފާތުވެއްޖެ، އޭރު އަހަރެން ކުރަހަން ގެންގުޅުނު އައިޕެޑް މިހާރު ބޭނުންކުރަނީ އަހަރެންގެ އަނބިމީހާއާ ވާހަކަދެއްކުމަށް، ނުފެންނަ އަޑުނީވޭ ލޯތްބަކަށް ވިޔަސް، މި ލޯބި ކުރަހާލެވޭ ވަރަށްވުރެ މާ ބޮޑަށްވެސް އަހަރެންގެ ނަޒަރުގައި ފުރިހަމަ... މިކަމުން އިބްރަތް ހާސިލުކުރަން ބޭނުންވާބަޔަކަށް އެއްޗެއް ވިސްނޭނެކަން ޔަގީން" ސިރާޖު ބޭނުންވީ ވަރަށް އަހަރެން އެއްވެސް ކަމެއް ފޮރުވުމެއްނެތި ކިޔައިދިނީމެވެ.

ކޮންމެ ކަމެއް ވެސް މެދުވެރިވުމުގައި ސަބަބެއް ވާނެއެވެ. ލޮލުގެ ފެނުން ގެއްލުމަކީ އަހަރެންނަށް ލެއްވި ނިޢުމަތަކޭ މިހާރު ޤަބޫލުކުރެވެއެވެ. އިހު އަހަރެން ދުށް ކުލަރީތި ދުނިޔޭގެ ދަޅައަކީ ހެއްލުމެކެވެ. އަދި ހަޤީޤީ އަނދިރިކަމުގައި އުޅެވުނީ އޭރުއެވެ. މިސްރާބައި މަޤްސަދު ގޯސްވީ އެހެންވެއެވެ. ނުފެނުމުގެ ތެރޭގައިވާ އަލިކަމާއި ސިފަވާ ކުލަތައް ހަޤީޤަތުގައި ވެސް ފުރިހަމައެވެ. އަހަރެންގެ ލޮލަކީ ނީލާއެވެ. އޭނާގެ ކަންފަތަކީ އަހަރެންނެވެ. ލޯފަން ބީރު ލޯތްބެކެވެ. މި ލޯބީގެ ޖޯޑު ފުރިހަމަނޫން ހެއްޔެވެ. --- ނިމުނީ