ވާހަކަ

އިމްތިޙާން

ދަރީންނަކީ މާތް ﷲ އަހަރެމެންނަށް ހަވާލުކުރައްވާފައި އަމާނާތެކެވެ. ދަރިއަކު ލިބުމުގެ ނަސީބު ލިބުމަކީ ހަމަ ކޮންމެ މީހަކު ވެސް ލިބުމަށް އެދޭ ނިޢުމަތެވެ. ނަމަވެސް އެ ފިނިކަން ނެތި ހުސްކޮށްވީ އުނގުތައް މަދެއްނޫނެވެ.

އަހަރެން ނާޝިދުއާ އިނދެގެން ފަސް ކުދީން ލިބުނެވެ. ދޮށްޓަށް ތިބެނީ ނާސިރާއި ނޫމާންއެވެ. އެމީހުންނާ ޖެހިގެން ހުންނަނީ ޝަކީލާއެވެ. އޭނާގެ ހަގަށް ތިބެނީ ނިޔާނާއި ޝާހިދާއެވެ. ހުރިހާ ކުދީން ވެސް ޒަވާޖީ ހަޔާތެއް ފަށައިފިއެވެ. އެންމެ ހަގަށް ހުންނަ ޝާހިދާ ކައިވެނި ކުރިތާ އަދިވީ އަހަރެކެވެ. ދަރީންގެ ދިރިއުޅުން ބަދަހިވާތަން ދުށުމުގެ ނަސީބު ލިބުމަކީ މައިންބަފައިންގެ ހިތަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ.

އަހަރެންނަކީ ގެއެއް ގެދޮރެއް ހުރި މީހެއް ނޫނެވެ. ނާޝިދުގެ ގޯއްޗެއް މާލޭގައި އޮވެއެވެ. މާލޭ މީހަކަށްވީމައޭ ކިޔައި ބޮޑުދައިތަ ބުނެގެން ވިޔަސް އޭނާއާ ކައިވެނި ކުރެވުމަކީ އަހަރެންގެ ހަޔާތް އުޖާލާކުރުވި ކަމެކެވެ. އެއީ އޯގާތެރި ހެޔޮ ފިރިއެކެވެ. ދަރީންދެކެ އިންތިހާއަށް ލޯބިވާ ބައްޕައެކެވެ. ރިވެތި އަޚުލާޤެއްގެ ވެރިއެކެވެ. ދަރީން ދަރިބިއްޔަތު ކުރުމުގައި އިސްލާމީ ރިވެތި އާދަތައް ދަރީންނަށް ދަސްކޮށްދިނެވެ. އެއްވެސް ކުއްޖެއްގެ މެދުގައި ތަފާތުކުރުމެއް ނެތެވެ. އެކުދީން ބޮޑުވީ އަހަރެމެންގެ ފުރިހަމަ ލޯތްބާއި އަޅާލުމުގެ ހިޔަލުގައެވެ. އެއްވެސް ކަމެއް އުނިނުވެއެވެ.

ޒަމާނަކީ އަބަދު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. ފާއިތުވާ ދުވަހާއެކު އުމުރުން ދުވަހެއް ވެސް ދެއެވެ. ޒުވާންކަމުގެ އާރާއި ބާރު ނެތި މުސްކުޅިވެ ގައިބާރު ދެރަވެއެވެ. މިއީ ޠަބީޢީ ކަމެކެވެ. ދިރިހުރި ކޮންމެ އިންސާނަކު ކުރިމަތިލާނޭ މަރުހަލާއެކެވެ. ގިނަ ދުވަހު ދުނިޔޭގައި ހުރުމަކީ ބައެއްފަހަރު ނިޢުމަތެވެ. އަނެއްބައިފަހަރަށް އެއީ ތިމާއާ ކުރިމަތިވާ ގަދަފަދަ އިމްތިހާނެކެވެ. ދުށުން ނޭދޭ އެތައް މަންޒަރެއް ބަލަން ޖެހިދެއެވެ. ކެތްތެރިވާން ޖެހެއެވެ.

އަހަރެން ފަސްދޮޅަކުގެ އަހަރުތައް ގުނަމުން ދާއިރު ނާޝިދަށް މިހާރު ހަތްދިހަ ފަސް އަހަރު ވެއްޖެއެވެ. އެހެންވިޔަސް ނާޝިދަކީ ހެލެފެލިވެ އުޅުމުގައި ހަލުވި މީހެކެވެ. ސަރުކާރުގެ ވަޒީފާއިން މުސްކުޅި ކުރެވި ގޭގައި ހުންނަން ޖެހުމުން ދެއަތް އުރާލައިގެން ހުރުން ނާޝިދަށް ފަސޭހައެއްނުވިއެވެ. އެހެންވެ އަމިއްލަ މަސައްކައްތުން ކުޑަކުޑަ ކެފޭއެއް ހުޅުވައި އެތަނުގައި އޭނާގެ ވަގުތުތައް ހޭދަކުރެއެވެ. ދަރީންގެ މަޝްވަރާއާއެކުއެވެ. ފަސްކުދީން ބޮޑުވެ މީހުންނާ އިންނަންވީއިރު ގެ ބޮޑުނުކޮށް ވާކަށްނެތެވެ. ބިންބޮޑު ކުރުމަކީ ވާނޭކަމެއްނޫނެވެ. އެހެންވެ ބިމުން މައްޗަށް އަށްބުރިއަށް ގެ ހިއްލާލީ ވެސް ނާޝިދުއެވެ. އެކަމަށް ނެގި ލޯނުން ނުދެއްކި އޮތީ ވަރަށް ކުޑަ މިންވަރެވެ. އެހެންނަމަވެސް އަހަރެން ދުށުމަށް އެދުނު އުފާވެރި ހަމަޖެހޭ ދިރިއުޅުމުގެ ތަސައްވަރު ހަޤީޤަތަކަށްނުވިއެވެ.

އެއްދުވަހުގެ މެންދުރުގެ ވަގުތެވެ. ނާޝިދުގެ ކެފޭގައި އެންމެ އިސްކޮށް ހުންނަ ޖަވާދު ގުޅާފައި އެދުނީ ވަރަށް އަވަހަށް އައިޖީއެމްއެޗްއަށް އައުމަށެވެ. ނާޝިދު ވެއްޓިގެން ހޮސްޕިޓަލަށް ގެންދެވިއްޖެ ކަމަވެ. ހުރިހާ ކުދީން ކަހަލަ ގޮތަކަށް އެވަގުތު ވީ ވާޒީފާތަކުގައެވެ. ދޮށްޓަށް ތިބޭ ދެކުދީންގެ ތެރެއިން ނޫމާންގެ އަންހެނުން ފަދުވާ ގެއަށް އައިސްވަނީ އެވަގުތެވެ. ލެއްވި ރަޙުމަތަށް ޝުކުރުކުރަމުން ޅީދަރިފުޅާއެކު ހޮސްޕިޓަލަށް އައީއެވެ. މާމަ ދަރީންކޮޅު ބަލާނޭ މީހަކު ނެތުމުން އެކުދީން ވެސް ފަހަތުލައިގެންނެވެ. އަހަރެމެން ދެމަފިރިންނަށް ހިތްދަތިކަމާއި އެކަނިވެރިކަމަކީ ކޮބައިކަން އިޙްސާސް ކުރެވެން ޖެހުނު ސަބަބެއްކަމުގައި ނާޝިދު ބަލިއެނދުގައި އޮށޯތުން ވިއެވެ. ޑަކްޓަރާ ބައްދަލުވުމުން ބުނީ ނާޝިދަށް ސްޓްރޯކެއް ޖެހުނީ ކަމަށެވެ. ކުރެވުނު ތަހުލީލުތަކުން ކުރީން ވެސް ނާޝިދަށް ސްޓްރޯކެއް ޖެހިފައި ހުރިކަމަށް ބުންޏެވެ.

އެނދުގައި ނާޝިދަށް ލޯހުޅުވާލެވުނުއިރު އޭނާއަށް ހަރަކާތްކުރުމާއި ވާހަކަދެއްކުމުގައި އުނދަގޫތަކެއް ކުރިމަތިވީތަން ދުށީމެވެ. ޖެހުނު ސްޓްރޯކްގެ ސަބަބުން އޭނާގެ އެއްފަރާތް ވާގިނެތުނީއެވެ. ހަޔާތުގައި އަހަރެން އެންމެ ދެރަވި ދުވަހަކީ އެއީއެވެ. ނިކަމެތިކަމުގެ ވަގުތުގައި އަހަރެންގެ ކެތްތެރިކަމުގެ ބައިވެރިއަކަށްވީ ﷲ އެވެ. ފިރިމީހާއަށް ޝިފާ ދެއްވުވުން އެދި އަދި މި ދަތި ދުވަސްތައް ނިމުމަކަށް އެދި ދުޢާކުރުން މަތީ ދެމި ހުރީމެވެ.

ބައްޕަ ބަލި އެނދަށް ދިއުން ވީ ހުރިހާ ކުދީންނަށް ވެސް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ. ރާއްޖޭން ބޭރަށް ނާޝިދު ގޮވައިގެން އެކުދީން ދިޔައެވެ. ނަމަވެސް އަލިކަމެއް ނުފެނުނެވެ. މަޑުމަޑުން ގޭތެރޭގެ މާޙައުލު ބަދަލުވާން ފެށީ ދެނެވެ. އަބަދު ބަލި އެނދުގައި އޮންނަ މީހަކަށް ކަންތައްތައް ކޮށްދޭން ޖެހުމުން ބުރަވީއެވެ. ލޯބީގެ ހިޔަލުގައި ބޮޑުކުރި ދަރީން އެމީހުންގެ ބަފާ މީހާ ހާލުގައި ޖެހުނު ދުވަހު އޭނާ ބަލަން ބޮޑުވެގެން އެއްކުއްޖަކު އަނެއްކުއްޖެއްގެ ބޮލަށް ފޫޅުކަނޑަން ފެށިއެވެ. އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމައިގެން އަވަދިނެތި އުޅެމުންދިޔައިރު ބައްޕަގެ ހާލު ބެލުމަށް އަންނަނީ ބަލިމީހާއަށް ގޮވާލަން އަންނަ މެހެމާނުން ފަދައިންނެވެ. މި މަންޒަރުން އަހަރެންގެ މޭގައި ވޭން އަޅަމުން ދިޔައިރު އެނދުގައި އޮންނަ ނާޝިދުގެ ހިތަށް ވާނީ ކިހިނެއް ހެއްޔެވެ. އޭނާ ޝަކުވާނުކުރިޔަސް ދަރީންގެ ޢަމަލުތަކުން އޭނާގެ ދެ ލޯ ތެމޭފަހަރު އާދެއެވެ. އަހަރެން އެ ދެ ލޯ ފުހެލާ ދެނީ އަމިއްލަ ކަރުނަ ދިރުވާލަމުންނެވެ.

ދަރީން ބޮޑެތިވަނީ އެއްމެ ދުވަހެއް ނޫނީ ދެދުވަހެއްގެ އަޅާލުމާއި ލޯބި ދީގެންނެއްނޫނެވެ. މައިންބަފައިން ދަރީން ބޮޑެތި ކުރުމަށް އެތައް ޤުރުބާނީއެއްވެއެވެ. އެމީހުންގެ އުރުތަކާއި ކޮނޑާއި ދެއަތުގެ ތެރޭ އެކުދީން އުފަލައި ހެދީ އެއްވެސް ވަރުބަލިކަމެއްނެތިއެވެ. ނަމަވެސް މިއަދު މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވެ ބަލިހާލުގައިވީ ދުވަހު އެ މައިންބަފައިން އުފުލައި ބަލަހައްޓާނޭ އަތްތަކެއް އެ ދަރީންގެ ނެތެވެ. ގިނަ ދަރީންތަކެއް ތިއްބެއްކަމަކު މިއަދު އެކަމުން އަހަރެންނާއި ނާޝިދަށް ލިބުނު ހިތްހަމަޖެހުމެއްނެތެވެ. އަމިއްލަ ދަރީންނަށް ވިޔަސް އެ މީހުންގެ ބޭނުން ޖެހުމުން ދުރުހިލޭ ބައެކޭ އެ މީހުންނޭ އެއްވަރު ވެއްޖެއެވެ. ނާޝިދުގެ ކެފޭއާ ދޮށީ އަންހެން ދަރިފުޅު ޝަކީލާ ހަވާލުވިއެވެ. ކޮންމެ މަހަކު ފަނަރަހާސް ރުފިޔާ ގެނެސްދެއެވެ. ލިބެނީ ކިހާވަރެއްކަމެއް ނޭނގެއެވެ. އެއީ ކޮންމެ މަހަކު ވެސް ގެނެސް އަހަރެންގެ އަތަށް ދޭ އަދަދެވެ. އެކަމާ އެއްޗެކޭ ނާޝިދު ނުބުނާތީ އަހަރެން ވެސް ސުވާލުނުކުރަނީއެވެ.

ހުރިހާ ކުދީން ލަފާ ދިނީ ބައްޕަ ބެލުމަށް ބިދޭސީއަކު ގެނައުމަށެވެ. އަހަރެމެން އުޅޭ ބައިގައި ހުސްކޮށް ހުންނަ ދެކޮޓަރިން އެއްކޮޓަރީގައި އެ މީހާ ބަހައްޓާނީ ކަމުގައެވެ. އޭރުން ހުރިހާ ވަގުތަކު ބައްޕަގެ ކަންތައް ކުރާނޭ މީހަކު ހުންނާނޭ ކަމެވެ. ދަރީންގެ ކުރިމަތީ އަހަރެން ކަރުނައެޅީ އެ މީހުން އުފަންވުމަށް ﷲ މެދުވެރި ކުރެއްވި، އެ ބައްޕަ ބެލުމުގެ ޒިންމާއާ ހަވާލުވާން އުޒުރުވެރިވީމައެވެ.

އަހަރެންގެ ގާތުގައި ނާޝިދު އެދުނީ އެގޮތް ޤަބޫލުކުރުމަށެވެ. ދަރީންނަށް އެއްޗެހި ނުކިޔުމަށެވެ. އެމީހުންނަށް އަހަރެމެން އުނދަގޫ ނުކުރުމަށެވެ. އަހަރެމެންނެކޭ އެއްފަދައިން މިއީ އެމީހުންނަށް ވެސް ކުރިމަތި ކުރުވި އިމްތިޙާނެއް ކަމެވެ. ދުނިޔޭގައި ދިރިހުރިއްޔާ މުސްކުޅިނުވާނޭ އިންސާނަކު ނުހުންނާނެ އެވެ. އެ ދަރީންނަށް ވެސް މިހާރު އެ ތިބީ ދަރީން ލިބިފައެވެ. އެމީހުންގެ ދަރީން ބޮޑުވެ އެ މީހުންނާ މެދު މިފަދައިން ކަންތައް ކުރުމުން ލިބޭ ހިތްދަތިކަން އެނގޭނެކަން ގައިމެވެ. ވީއިރު އެމީހުންގެ ބައްޕައާ މެދު ކަންތައް ކުރެވުނު ގޮތް ހިތަށް އަރާ އެ ދުވަހަކުން ކަރުނަ އަޅާނެވެ. ނަމަވެސް އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. އިހުމާލުވަނީ ހަމައެކަނި މައިންބަފައިންނެއްނޫނެވެ. ދަރީން ވެސް މައިބަފައިންގެ މައްޗަށް އިހުމާލުވާލެއް މަދެއްނޫނެވެ.

ސުވަރުގެ ވަންނަން އެދޭ މީހާގެ މައްޗަށް އޮތީ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އެމީހުންގެ ފައިބުޑުގައި އޮވެގެންމަރުވެގެން ދިއަޔަސް އެމީހުންގެ ޙައްޤުތައް އަދާނުކުރެވޭނެއެވެ. މުޅިޢުމުރުދުވަހަށް އެމީހުންގެ ފައި ބުޑުގައި އޮވެ، އެމީހުންނަށް ނޯކަރީކުރިއަސް އެމީހުންގެ މައްޗަށްވާ މަސްއޫލިއްޔާތަކެއް އަދައެއްނުކުރެވޭނެއެވެ. މައިންބަފައިން ދަރީންގެ މައްޗަށް ކުރާ ދުޢާއަކީ އިޖާބަވެގެންވާ ދުޢާއަކަށް ވާހިނދު، އެބައިމީހުންގެ ދުޢާއަށް ދަރީން ބޭނުންޖެހިގެންވެއެވެ. ހަމައެފަދައިން، އެބައިމީހުން ދަރީންގެ މައްޗަށް ކޮށްފާނެ ބަދުދުޢާއަކަށް ދަރީން ބިރުވެތިވާންޖެހެއެވެ. --- ނިމުނީ