އަހަރެމެން ރޯދަ ފެށީ ތިޔާގިކޮށް، ގާޒާ ރޯދަ ފެށީ ހައިހޫނުކަމުގަ!

މިދިއަ ދެ ތިން ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުގައި ހިރި ނުލެވޭ ވަރަށް މީހުން ގިނަ އެވެ. ދެ އަތް ފުރާ ކޮތަޅުތައް ހިފައިގެން ރަނގަޅަށް ހިނގައި ނުގަނެވިގެން އުޅުނު އަންހެންވެރިންނެވެ. ސައިކަލުގައި މަތި މައްޗަށް ކޭސްތަކާއި ބޮޑެތި ފޮށިގަނޑުތައް ޓީވީތަކާއި މިކްސްޗަރުތައް އަރުވައިގެން ދެ އަތަށް ކިރެމުން ދުއްވަމުންދިއަ ފިރިހެންވެރިންނެވެ. އަނެއް ބަޔަކު ޕިކަޕުތަކާ ލޮރީތަކަށް މުދާ ބަރުކުރުމުގައި ދާހިއްލާ ފޯވެފަ އެވެ. މި ހުރިހާ އެންމެންގެ ވެސް އެއް މަގުސަދެކެވެ. މުލަ ރޯދަ ދުވަހުގެ ކުރިން ގެއަށް ބަރުކޮށް މުދާ ވެއްދުމެވެ.

ކޮންމެ ދެ ދިޔަވަޅަކުން ކަންމަތީ ފިހާރަތައް ހުންނަ މާލޭގައިވެސް ގޭގެ ދޮރުން އެތެރެކޮށްލީ ބިސް ވެސް ކޭސް ކޭހުންނެވެ. ދަޅު މަހާއި ގެރިކިރު ވެސް ހަމަ އެގޮތަށެވެ. ފިޔާ ގަތްއިރު ބަސްތާއަކުން ނޫނީ ހިތްފުރުނު ގެއެއް ވަރަށް މަދެވެ. ކާޑު ގަތުމުގައި ވެސް އެ ހަމަ އެވެ. ފަނި ގިރާލަން ނިޔަތް ގަނެގެން ކިރިއާ ހިފާލެވޭ ވަރުގެ ބޮޑެތި ކޮތަޅުތަކުގައި ވެއްދި ޒާތްޒާތުގެ މޭވާގެ ލިސްޓު ވެސް ކުރެއް ނުވާނެ އެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެގި މި ފޯރީގެ މަންޒަރު ސިފަވާނީ މިއަދު އިރުއޮއްސޭއިރު ގޭގޭގެ ސުފުރާ މަތިންނެވެ. ދެ ތިން ފުރާނަ އެއް އުޅޭ ގޭގޭގައި ވެސް ލަޝްކަރަކަށް ކާންދެވޭހާ ބާތްވަތަކުން ފުރާފައިވާ މޭޒުތައް ހުންނާނެ އެވެ. އަމިއްލަ ބަތްކާތައްޓައް ވެސް ޖާގަ ލިބޭނީ ހަމަ ކިރިއާ އެވެ. ވަރު ވަރުން ހެދިކާތަކާއި، ކުޅު ދިޔާވާހާ މީރު ރިހަ ގަނޑު ގަނޑެވެ. ފިހުނު ކުކުޅުތަކާ، ތެއްލި މަސް ބުރިތަކެވެ. ފަނި ވެސް ނަން ހުސްކޮށެވެ.

ޣައްޒާގެ ނިކަމެތި މާހައުލު

ފަހަރަކު ފިހާރައެއް "ދޮވެލަމުން" އެންމެން މާލެ ތެރޭގައި ދުވިއިރު، ރާއްޖެއާ ގާތްގަނޑަކަށް 3،000 މޭލު ދުރުގައި ދިރިއުޅެމުންދާ މުސްލިމުންނަށް ކުރިމަތިވެފައިވަނީ މުޅީން ތަފާތު ހާލަތެކެވެ. ރާއްޖެއެކޭ އެއްފަދައިން ޣައްޒާ، ވެސްޓް ބޭންކް އަދި ޖޯޑަންގައި ދިރިއުޅޭ ދެ މިލިއަނެއްހާ ފަލަސްތީނު މީހުން ވެސް މިއަދު ރޯދަ ހިފަން ފަށާނެ އެވެ.

ނަމަވެސް، އެ މީހުންނަށް މިއަހަރުގެ ބަރަކާތްތެރި މަހަށް މަރުހަބާ ކިޔާފައިވަނީ އެމީހުންގެ ބިން ފޭރިގަނެގެން އުޅޭ އިޒްރޭލްގެ ސިފައިންގެ އެތަކެއް ސަތޭކަ ވައިގެ ހަމަލާތަކާއެކު އެވެ. ޣައްޒާ އާ އިޒްރޭލް ގުޅޭ ސަރަހައްދީ ރޮނގު ކައިރީ ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ދިން ބަޑީގެ ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ ދެ މީހަކު ޒަހަމްވިކަމަށް ބުނެ، އިޒްރޭލުން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ވައިގެ ހަމަލާތައް ދެމުންނެވެ. ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުން އެ ހަމަލާތަކުގެ ރައްދު ދެމުންދާއިރު، އޭގެ ޝިކާރައަކަށް ވަމުންދަނީ ނިކަމެތި ރައްޔިތުންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 15 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި މާބަނޑު ދެ އަންހެނުންނާ، 14 މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެ އެވެ. މީގެ ފަސް އަހަރު ކުރިން ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގައި، ފަލަސްތީނުގެ 1،400 އަށް ވުރެ ގިނަ އެއްވެސް ކުށެއްނެތް އާންމު ރައްޔިތުން މަރުވި އެވެ. މިއީ މި އަހަރުގެ ރޯދަ މަހު ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި އަދި ނާމާން ހަގީގަތެވެ.

އެތަކެއް ހާސް މުސްލިމުން ބަނޑަށް

ޣައްޒާގައި ދިރިއުޅޭ ދެ މިލިއަން މީހުންގެ ތެރެއިން، 80 ޕަސަންޓް މީހުންނަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް ބަރޯސާވާން މަޖުބޫރުވެ އެވެ. އެފަދަ އެހީތެރިކަމުގެ އަތްތަކަށް ވެސް އިޒްރޭލަށް ވާގިދޭ އެމެރިކާއިން ވަނީ ތާށިކޮށްފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން، އެމެރިކާއިން ފަލަސްތީނު މީހުންނަށްދޭ އެހީގެ ތެރެއިން 500 މިލިއަން ޑޮލަރު ވަނީ ކަނޑާލައިފަ އެވެ.

ޣައްޒާ އާއި ވެސްޓް ބޭންކުގައި ދިރިއުޅޭ އެތަކެއް ހާސް ފަލަސްތީނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ބޭނުންވާ ފައިސާ ހޯދަން މިދިއަ ޑިސެމްބަރު މަހު ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ގޮވާލި ގޮވާލުމަށް އިޖާބަދީފައިވަނީ މަދު ގައުމެކެވެ.

ފަގީރުކަންމަތީގައި ދިރިއުޅެން މަޖުބޫރު ކޮށްފައިވާ ގިނަ ފަލަސްތީނު ރައްޔިތުންނަށް މި ރޯދަ މަހު ކާބޯތަކެތީގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. އަގުތައް އިންތިހާއަށް މަތިވެފައިވާއިރު، ހަމައެކަނި ބަތް ކޮޅެއް ހިންދާލައިގެން ފަރުޖައްސާލަންޖެހޭ އާއިލާތައް ވަރަށް ގިނަ އެވެ. ޣައްޒާގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންގެ ވަޒީފާނެތް އިރު، ގިނަ އާއިލާތަކުގެ ފޯރުންތެރިކަން ހުރި މިންވަރަކީ އެއީ އެވެ. ދިރިއުޅުމުގެ ހުރިހާ ހަރަދުތައް ހަމަޖައްސާނެ ފޯރުންތެރިކަން ނެތީމަ އެވެ. ލިބޭ ކުޑަކުޑަ އާމްދަނީން ޒަރޫރީ ބޭނުންތަކުގެ ތެރެއިން ވަކި ކަންތައްތަކެއް ހިޔާރުކުރަންޖެހޭ މާޔޫސް ކަމެވެ.

މާތްވެގެންވާ ގުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސޯގައި މިނިވަންކަމާއެކު ނަމާދުކޮށްލުމުގެ ނަސީބު ވެސް އެ ނިކަމެތި ރައްޔިތުންގެ އަތުން އެވަނީ ފޭރިގެންފަ އެވެ.

އިސްރާފުވިއަސް ވަރިހަމަކޮށްލައިގެން މިއަދު ރޯދަވީއްލަން ސިކުނޑިއަށާއި ހިތަށް އައިހާ ވައްތަރުތަކުން ސުފުރާމަތި ފުރާލަން ހިތުއެޅުމުގެ ބަދަލުގައި، ޣައްޒާ ފަދަ ބިންތަކުގައި ދިރިއުޅޭ މުސްލިމުންގެ ނިކަމެތި ހާލު ހިތަށް ގެނައުން ވެސް މުހިންމެވެ. އަދި އިރުއޮއްސޭ ވަގުތު މޭޒުމަތީގައި ފަތުރާލާ ޖާފަތުން ޅިސްޖެހެންދެން ކާން ފެށުމުގެ ކުރިން، މި ރޯދަ މަހު ރޯފިލުވާނެ ކާއެތިކޮޅެއް ހޯދަން އެތަކެއް މުސްލިމުންނެއް ކޮންމެ ދުވަހަކު އުފުލަންޖެހޭ ތަކުލީފާމެދު ވިސްނާލުމަކީ ބަރަކާތްތެރި ރަމަޟާން މަހުގެ އަސާސެވެ. އެ މަހުގެ ހަގީގީ ބޭނުންވެސް މެއެވެ.