ޣައްޒާއަށް އެއްގަމަގުން އަރައިގަނެ ޔަހޫދީ ސިފައިން ހިންގަމުން ގެންދާ އޮޕަރޭޝަން މިހާރަށް ވުރެ ފުޅާކުރަން ޒަޔޮނިސްޓް ސަރުކާރުން ހުއްދަ ދީފި އެވެ.
ޣައްޒާގައި ޔަހޫދީ ސިފައިން މިހާރު އެންމެ ގިނައިން ކުރާ ކަމަކީ ފޭރުމާއި ލޫޓުވުމެވެ. ފަލަސްތީންގެ ނިކަމެތި ރަައްޔިތުން އެއްކޮށްފައި ހުރި މުދާކޮޅު ވަގަށް ނެގުމާއި ބަލަހައްޓަމުން ގެންދާ ދަނޑުބިންތައް ސުންނާފަތިކޮށް ބޭނުންހިފޭ އެއްޗެއް ހުރި ނަމަ ގެންދަނީ އެވެ.
ޣައްޒާ ހަނގުރާމަ އޮކްޓޯބަރު ހަތެއްގައި ފަށައިގަތްއިރު ބޮޑު ސުރުޚީގައި އޮތީ އެއްގަމު މަގުން ޣައްޒާއަށް އަރައިގަނެ ހަމާސްއަށް ނަންކިއޭ މީހަކު ހުރި ނަމަ ހައްޔަރުކުރުމަށް ނުވަތަ ހުރިތަނެއްގައި ހުއްޓައި ބޮލަށް ބަޑިޖެހުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއަށް އަރައިގަނެގެން އުޅޭ ޔަހޫދީ ސިފައިންގެ އޮޕަރޭޝަންގެ ބައެއްގެ ގޮތުގައި ލޫޓުވުން އޮތީ ހިމަނާފަ އެވެ.
މުސްލިމުންގެ މުގައްދަސް އިމާރާތެއް ހުރި ނަމަ ރޮކެޓުން ހަމަލާދީ ބިމާ ހަމަކުރުމާއި ފިހާރަތަކުން ވަގަށް ތަކެތި ނަގައި މުހުތާދުކުރަމުން ދަނީ އެވެ.
ޔަހޫދީން ޣައްޒާއަށް ކުރިން ދިން ވަރަށް މިހާރު ހަމަލާ ނުދިނެއް ކަމަކު ފަލަސްތީންގެ އާންމުންނަށް ދެމުންގެންދާ އަނިޔާއަށް އަދިވެސް ބަދަލެއް ނާދެ އެވެ. ހުޅަންގު އައްސޭރި އާއި ޣައްޒާ ބޯޑަރުން ވެސް މީހުން ހައްޔަރުކޮށްގެން ގެންދަނީ އެވެ.
ހަމަލާތައް މި ވަގުތަށް ހުއްޓާލާފައި އޮތީ އަސީރުން ބަދަލުކުރުމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވެއްދުމަށެވެ.
ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައި ތިބި ޔަހޫދީން -- އެއްބަސްވެވޭ ނުކުތާތަކަކުން ދޫކުރާއިރު، ޔަހޫދީންގެ ޖަލުތައި ތިބި ފަލަސްތީން މީހުން ވެސް ވަނީ ދޫކޮށްފަ އެވެ.
ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީ ޖަލުތަކުން ދޫކުރާ މީހުންނަށް ވުރެ ގިނަ މީހުން ޔަހޫދީ ސިފައިން ދަނީ ހައްޔަރުކުރަމުންނެވެ.
ޣައްޒާގައި އެއްގަމު ހަމަލާތައް އިތުކުރާނެ ކަމަށް ޔަހޫދީން ވަނީ އެތައް ފަހަރަކު ބުނެފަ އެވެ. މި ވަގުތައް ހަމަލާތައް ހުއްޓާލާފައި އޮތް ނަމަވެސް، ދެން ފަށާ ހަމަލާތައް ވަރުގަދަވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ޣައްޒާގައި ކުރަން ޖެހެނީ ކޮން ކަމެއްކަން ޔަހޫދީ ސިފައިންނަށް އެނގޭނެ ކަމަށް ޔަހޫދީންގެ ދިފާއީ ވަޒީރު ވެސް ވިދާޅުވި އެވެ.
ޣައްޒާ ހަމަލާތައް މިހާރު ހުއްޓާލާފައި އޮތް ގޮތަށް މުޅިން ހުއްޓާލުމަށް އަރަބި ގައުމުތަކުންނާއި އދ އިން ވެސް އޮތީ ގޮވާލާފަ އެވެ.
ތުރުކީ އާއި ރަޝިއާ އަދި ޗައިނާ އިން ވެސް ވަނީ ޣައްޒާއަށް އިތުރު ހަމަލާތަކެއް ދީގެން ނުވާނެ ކަމަށް ޒަޔޮނިސްޓުންނަށް ގޮވާލާފަ އެވެ.