ދުނިޔެ

އުތުރު ޣައްޒާގެ ރައްޔިތުން ވަޒަނަށް ދާން ހުއްދަ ނުދޭނަން: އިޒުރޭލު

އިޒުރޭލު ސިފައިން ޣައްޒާއަށް ދޭންފެށި ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ދިޔަ އުތުރު ޣައްޒާގެ އެއްވެސް މީހަކަށް، ދެން އަލުން އެ މީހުންގެ ވަޒަނަށް ދިއުމަށް ފުރުސަތު ނުދޭނެ ކަމަށް އިޒުރޭލުގެ ދިފާއީ ބާރުތަކުން ބުނެފި އެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް އެތައް ދުވަހެއް ވަންދެން ވައިގެ މަގުން ހަމަލާތައް ދިނުމަށް ފަހު -- އެއްގަމު މަގުން ސިފައިން އުތުރު ޣައްޒާއަށް ވަދެގަތުމާ ގުޅިގެން 65،000 އަށް ވުރެ ގިނަ މީހުން އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ތަނެއް ހޯދުމުގެ ނިޔަތުގައި ދިޔަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިޒުރޭލުގެ ދިފާއީ ބާރުތަކުން ޣައްޒާއަށް ހަމަލާދޭން ފެށީ އޮކްޓޯބަރު 7، 2023 ގައެވެ. މިއީ ޔަހޫދީންގެ ދިފާއުގައި އިޒުރޭލުން ދޭން ފެށި ރައްދު ހަމަލާތަކެއް ކަމަށް އޭރު އިޒުރޭލުން ބުންޏެވެ.

މި ހަމަލާތައް ފަށަން މެދުވެރިވި ސަބަބަކީ، ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް އަރައިގަނެ އާންމުންނަށް ހަމަލާދީ އަދި ގިނަ ބަޔަކު އަސީރުކުރާ ގުޅިގެންނެވެ.

ޣައްޒާއިން ހަމާސް ނައްތާލަން ކަމަށް ބުނެ އިޒުރޭލުގެ ދިފާއީ ބާރުތަކުން ދޭން ފެށި ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އިޒުރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 45،050 އަށް ވުރެ ގިނަ މީހުން މިއަދާ ހަމައަށް ވަނީ މަރުވެފަ އެވެ.

އިޒުރޭލުގެ އަނިޔާވެރި ހަމަލާތަކުން ރައްކާތެރިވުމަށް އުތުރު ޣައްޒާ ދޫކޮށް ދިޔަ މީހުން އެބުރި ވަޒަނަށް ދިއުން އިޒުރޭލުން މަނާކުރަނީ އެ މީހުންގެ ސަބަބުން އިޒުރޭލަށް ނުރައްކާވެދާނެތީ އެވެ.

ޣައްޒާއިން ފައިބައިގެން ދިޔަ މީހުންގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ތިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އިޒުރޭލުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުން ދިން ގަދަފަދަ ހަމަލާތަކާ އެކުވެސް، އުތުރު ޣައްޒާގައި -- ސްކޫލްތަކާއި ބޭސްފަރުވާދޭ ބޮޑެތި އިމާރާތްތަކުގެ ބިންގަރާހުގައި، ޣައްޒާގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދާ ހަމައަށް އެބަ ތިއްބެވެެ. އެ މީހުންގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ތިބި ކަމަށް ވެސް އިޒުރޭލުން ބުނެ އެވެ.

އުތުރު ޣައްޒާގެ އެކި ތަންތަނުގައި އަދިވެސް ބަޑިޖަހާ މީހުން -- ހަމާސްގެ ހަނގުރާމެރިން މުސަލުހަރު ހަދައިގެން އުޅޭ ކަމަށް އިޒުރޭލުން ބުނެ އެވެ.

ޣައްޒާއިން ހަމާސްގެ ހަނގުރާމަވެރިން މުޅިން ސާފު ނުވަނީސް، އެ ސަރަހައްދަށް ވަނުމަށް އާންމުންނަށް ފުރުސަތު ނުދޭނެ ކަމަށް އިޒުރޭލުން އޮތީ ބުނެފަ އެވެ.