ދުނިޔެ

ޣައްޒާއަށް އެހީތެރިކަމަށް ވުރެ ބޮޑަށް ބޭނުންވަނީ ސުލްހަ: ޓެޑްރޮސް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓަރު ޖެނެރަލް، ޑރ. ޓެޑްރޮސް އަދަނޮމް ޣެބްރަޔޭސުސް ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާއަށް އިންސާނީ އެހީތެރިކަމަށް ވުރެވެސް ބޮޑަަށް ބޭނުންވަނީ ސުލްހަވެރިކަމެވެ.

ޣައްޒާގައި 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު އިންސާނީ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެ ކަމަށް ޓެޑްރޮސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސާނީ އެހީތެރިކަމުގެ ގޮތުގައި ބައިވަރުތަކެއް ހަދިޔާނުކުރެވުނު ނަމަވެސް ސުލްހަވެރިކަމާ އެކު ދިރިއުޅެވޭނެ ފުރުސަތު ލިބިއްޖެނަމަ މާބޮޑު އުފާވެރި ކަމަކަށް ވާނެ ކަމަށެވެ.

ކުރިއަށް އޮތް ފިނި މޫސުމުގައި ޣައްޒާ ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތި ހާލަތާ މެދު ކަންބޮޑުވެވަޑައިގެން، ޑައިރެކްޓަރު ޖެނެރަލް ވިދާޅުވީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފުރުސަތު ހުޅުވިގެން ދިއުމަކީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާގައި އެތައް ލައްކަ ބަޔަކު ދޮންފޫޑުވެފައި ތިބި ކަމަށް ޓެޑްރޮސް ވިދާޅުވި އެވެ. އަދި އަމުދުން އެކަށީގެންވާ ވަރަށް ކާންބޯން ނުލިބުނުގެ ސަބަބުން ބަނޑަޖެހި އާންމު ރައްޔިތުން މަރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޣައްޒާއަށް އެންމެ ރަނގަޅީ ހަނގުރާމަ ހުއްޓުވާލެވޭނެ ގޮތެއް ހޯދުން ކަމަށެވެ. ހަނގުރާމަ މިހާރު ކުރެވިއްޖެ ކަމަށާއި ދެން މުޅިތަން ވާނީ ހަލާކު ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ލާޒިމުވެފައި އޮތީ ދުނިޔޭގެ ސިއްހަތު ކަމަށް ޓެޑްރޮސް ވިދާޅުވި އެވެ. ދުނިޔޭގެ ސިއްހަތާ ބެހޭ ގޮތުން ރިޕޯޓްތައް އެކުލަވާލި ނަަމަވެސް ނުފޫޒުގަދަ ގައުމުތަކުން މަސްހަލަތު ހިމާޔަތްކުރުމަށްޓަކައި އިހުމާލުވެވެނީ ކަމަށްވެސް ވިދާޅުވި އެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސްގެ ހަނގުރާވެރިން ޔަހޫދީ އާބާދީތަކަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން އިޒުރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އިޒުރޭލުގެ ހަމަލާތަކުގައި 45،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފަ އެވެ.

އިޒުރޭލުގެ ހަމަލާތަކުގައި 134 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ މަރާލާފަ އެވެ. ޣައްޒާއަށް އެހީދޭން އުޅުމުގެ ތެރޭގައި، އަންރާގެ 197 މުވައްޒަފުންވެސް ވަނީ މަރާލާފަ އެވެ. ސިއްހީ މަސައްކަތްތެރިންގެ 120 އޮފޮޝަލުން ވެސް ވަނީ މަރުވެފަ އެވެ.