ދުނިޔެ

ޗައިނާގެ ތެޔޮ ޓޭނަކަރަކަށް ރަތް ކަނޑުގައި ހޫސީން ހަމަލާދީފި

ރަތް ކަނޑުން ދަތުރުކުރި ޗައިނާގެ އަމިއްލަ ތެޔޮ ޓޭންކަރަކަށް، ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ އަސްކަރިއްޔާ އިން ބެލިސްޓިކް މިސައިލުން ހަމާލާ ދީފި އެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ހޫސީންގެ އަމާޒުތަކަށް ހަމަލާދިނުމާ ގުޅިގެން އެ ޖަމާއަތުންވެސް ވަނީ ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދިނުން އިތުރުކޮށްފަ އެވެ.

ޗައިނާގެ ތެޔޮ ޓޭންކަރު -- ވަންގް ޕޫއަށް މިސައިލް އެރުމާ އެކު، އުޅަނދަށް ނުރައްކާވެއްޖެކަން އިއުލާންކުރުމަށް ފޮނުވާ އެމެޖެންސީ ސިގްނަލް ފޮނުވި ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނާ ގޮތުން އިތުރު އެއްވެސް އެހީއަކަށް އެދިފައެއް ނުވެ އެވެ.

ޗައިނާގެ އުޅަނދަކަށް ހޫސީންގެ ހަމަލާއެއް އަރާފައި މިވަނީ -- ރަތް ކަނޑުގައި ޗައިނާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ގައުމުން ބުނެފައި ވަނިކޮށެވެ. އަދި ހޫސީންވެސް ވަނީ ޗައިނާއާ ގުޅުން ހުރި އެއްވެސް އުޅަނދަކަށް ހަމަލާނުދޭނެ ކަމަށް ބުނެފަ އެވެ.

މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި އުޅަނދަށްވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތެޔޮ ޓޭންކަރު އަމާންކަމާ އެކު މަންޒިލަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

ބެލެވޭ ގޮތުގައި ޗައިނާގެ އުޅަނދަކަށް ހޫސީންނަށް ހަމަލާ ދެވިފައި މިވަނީ އޮޅުމަކުންނެވެ. އަދި މި ހަމަލާ އަކީ ބޮޑު ގެއްލުމެއް ލިބޭ ވަރުގެ ހަމަލާއެއް ނޫނެވެ.

ރަތް ކަޑުން ދަތުރުކުރާ ކޮންމެ ކޮންމެ އުޅަނދަކަށް ހޫސީން ހަމަލާއެއް ނުދެ އެވެ. އެ ޖަމާއަތުން ހަމަލާދެނީ އިޒުރޭލަށް މުދާ އުފުލާ އުޅަނދުތަކަށެވެ. އަދި ޔަހޫދީންނާ ގުޅުން އޮންނަ އުޅަނދުތަކަށެވެ.

ހޫސީންގެ ހަމަލާތައް ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީ އުޅަނދުތަކަށް އަމާޒުކުރާ ސަބަބަކީ އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ބަދަލުހިފުމެވެ.

ހޫސީން ބުނާ ގޮތުން އެ ޖަމާއަތުން ރަތް ކަނޑަށް ދޭ ހަމަލާތައް ހުއްޓާލާނީ ޣައްޒާ ދޫކޮށް ޔަހޫދީން ފޭބުމުންނެވެ.

ހޫސީންގެ ހަމަލާތަކުން ރަތް ކަނޑު ރައްކާތެރި ކުރުމަށް އެމެރިކާއާއި އިނގިރޭސިން ގުޅިގެން ހިންގާ ހަރަކާތްތަކުގެ ސަބަބުން އެ ސަރަހައްދު މިހާރުު އޮތީ ކުރިއަށް ވުރެ ނުރައްކާ ބޮޑު ހާލަތުގަ އެވެ.

ބަދަލުހިފުމަށް ދެކޮޅުން ދޭ ހަމަލާތަކުގެ ސަބަބުން ނުރައްކާ ބޮޑުވަނީ ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށެވެ.