ދުނިޔެ

އިނގިރޭސި ކޮންޓޭނަރު ބޯޓު ސަލާމަތްކުރަން ހޫސީންގެ ޝަރުތެއް

ޔަމަނުގެ އަދަންއާ މާ ދުރު ނޫން ހިސާބެއްގެ ކަނޑުގައި ދިޔަވަމުންދާ އިނގިރޭސިވިލާތުގެ މުދާއުފުލާ ކޮންޓޭނަރު ބޯޓު އެމްވީ ރުބީމާރު ސަލާމަތްކުރަން ފުރުސަތު ދެވިދާނެ ކަމަށް -- ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ހޫސީން ޖަމާއަތުން ބުނެފި އެވެ.

ހޫސީން ބުނި ގޮތުން ރުބީމާރު ސަލާމަތްކުރަން އެ ބޯޓު ދޮށަށް ފަންނީ މީހުންނަށް ދެވޭނީ ފަލަސްތީންގެ ޣައްޒާއަށް އެހީގެ ލޮރީތަކަށް ހުރަހެއް ނެތި ވަދެވޭނެ ގޮތް ހެދުމަށް ފަހު ކަމަށެވެ.

ރުބީމާރުގައި ވާޖަހައި ދަމާފައި ނުވަތަ ޓަގެއްގެ އެހީގައި ކަފުޖަހައި އިނގިރޭސީން ބޭނުން ތަނަކަަށް ގެންދިއުމަށް އެއްބަސްވުމެއްގެ ދަށުން ހުއްދަ ދެވިދާނެ ކަމަށް ހޫސީންގެ ސްޕްރީމް ޕޮލިޓިކަލް ކައުންސިލްގެ މެމްބަރު މުހައްމަދު އަލީ އަލް ހޫސީ ބުންޏެވެ.

މުހައްމަދު އަލީ ބުނީ މި ދެވެނީ ބޮޑު ލުޔެއް ކަމަށާއި ވިސްނާލުން ރަނގަޅު ކަމަށެވެ.

ރުބީމާރަކީ ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރި މުދާއުފުލާ ކޮންޓޭނަރު ބޯޓެކެވެ. ހޫސީންގެ ހަމަލާއެއް އަރައި ފެބްރުއަރީ 18 އިން ފެށިގެން އެ ބޯޓު އޮތީ ޔަމަނާވީ ކޮޅުން ރަތް ކަނޑުގެ އަނގަމަތީގަ އެވެ.

ރުބީމާރު ސަލާމަތްކުރަން އެއްވެސް ބަޔަކަށް އެ ބޯޓު ދޮށަށް ނުދެވިފައި ވަނީ ހޫސީންގެ ހަމަލާތަކާ ހެދި އެވެ. ބޯޓަށް އެހީ ފޯރުކޮށް ނުދެވިއްޖެނަމަ، އެހެން އޮވެ ތެޔޮ ހުސްވެ ކޮންޓޭނަރުތަކާ އެކު އަޑިއަށް ދިއުމަކީ އެކަށީގެންވާ ކަމެވެ.

ގަލްފް އޮފް އަދަންގެ އެ ސަރަހައްދަކީ ބައިނަލްއަގްވާމީ ކަނޑުއޮޅި އެކެވެ. މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ރަތް ކަނޑުން ދަތުރުކޮށް އޭޝިއާ ގައުމުތަކަށް މިސްރާބުޖަހާ ހުރިހާ އުޅަނދެއް މި ކަނޑުން ދަތުރުކުރަން ޖެހެ އެވެ.

ޔަމަނުގެ ސަރުކާރުންވެސް ވަނީ މި ކަނޑުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އޮތް ކަމަށް ބުނެފަ އެވެ. ހަނގުރާމައިގައި ބޯޓުތައް އެ ކަނޑަށް ފެތުނަ ނުދިނުމަށްވެސް ޔަމަން ސަރުކާރުން -- ކަމާ ބެހޭ ގައުމުތަކަށް ވަނީ ގޮވާލާފަ އެވެ.

ހޫސީންގެ ފަރާތުން ދިން ލުޔަކީ ބެލެވޭ ގޮތުގައި ޔަމަނުން ފާޅުކުރި ކަންބޮޑުވުމާ ގުޅިގެން ދިން ލުޔެކެވެ.

ރަތް ކަނޑުން ދަތުރުކާ މުދާއުފުލާ ބޯޓުތަކަށް ހޫސީން ހަމަލާދޭން ފެށީ އިޒުރޭލުން ޣާއްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެންނެވެ. އެކަމު އެ ޖަމާއަތުން ހަމަލާދެނީ އިޒުރޭލަށް މުދާ އުފުލާ ބޯޓުތަކަށެވެ.

އިނގިރޭސިވިލާތުގެ ބޯޓަކަށް ހޫސީން ހަމަލާދިނީ -- ޔަމަނުގައި ހުންނަ ހޫސީންގެ މަރުކަޒުތަކަށް އެމެރިކާއިއާ ގުޅިގެން ހަމަލާދިނުމަށް އިނގިރޭސިވިލާތުން ބައިވެރިވުމުންނެވެ.