ޔަމަނުގެ ކަނޑުގެ ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދެއް އެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަން ޖެހެ ކަމަށް ހޫސީން ކޮޮންޓްރޯލް ކުރާ މެރިޓައިމް އެފެއާޒް އޮތޯރިޓީން ދުނިޔެއަށް އަންގައިފި އެވެ.
ހޫސީ ޓެލެކޮމިއުނިކޭޝަން ވަޒީރު މިސްފަރު އައްނުމައިރު ވިދާޅުވި ގޮތުން މިފަދަ އަމުރެއް ނެރެން ޖެހުނު ސަބަބަކީ ރަތް ކަނޑުން ދަތުރުކޮށް އަދަން ކަނޑުއޮޅިއަށް ނުކުންނަ އުޅަނދުތަކުގެ ރައްކާތެރި ކަމަށްޓަކަ އެވެ.
އިޒުރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކަށް ދެކޮޅު ހެދުމަށް -- ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތުން ވެސް ވަނީ ބަދަލުހިފުމުގެ ހަމަލާތައް ފަށާފަ އެވެ. މިގޮތުން އިޒުރޭލަށް މުދާއުފުލާ ކޮންޓޭނަރު ބޯޓުތަކަށް ހަމަލާދޭނެ ކަމަށް އެ ޖަމާއަތުން އޮތީ އިއުލާންކޮށް އަންގާފަ އެވެ.
އޭޝިއާ އިން ޔޫރަޕަށް އަދި ޔޫރަޕުން އޭޝިއާއަށް މުދާއުފުލާ ކޮންޓޭނަރު ބޯޓުތައް އެންމެ ގިނައިން ދަތުރުކުރަނީ ރަތް ކަނޑުންނެވެ. ނަމަވެސް ހޫސީންގެ ހަމަލާތަކާ ހެދި މުދާއުފުލާ ބައެއް ބޯޓުތައް މިހާރު ދަތުރުކުރަނީ ވަރަށް ދުރު މަގަކުން -- އެފްރިކާ ވަށާލާފަ އެވެ.
މި ގޮތަށް ދިގު މަގަކުން ދަތުރުކުރަން ޖެހުމުން މުދާ ލިބެން ނަގާ މުއްދަތު އިތުރުވެ ތަކެތީގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ހޫސީންގެ އެންގުމަކީ ހަމައެކަނި އިޒުރޭލަށް އޮތް ބިރެއް ކަމަށް އެ ޖަމާއަތުން ބުންޏެވެ. ރަތް ކަނޑުން ދަތުރުކުރާއިރު އެ ބޯޓެއް ދަނީ ކޮން ގައުމަކަށް ކަމަށް ހޫސީންނަށް އަންގާ ނަމަ، އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ. އަދި ކޮންމެ އުޅަނދެއްގައި ވެސް "އިޒުރޭލާ ގުޅުމެއް ނެތް" ކަމަށް ބުނާ ބެނާއެއް ދަމާލުމުން އެ ނިމުނީ ކަމަށް ހޫސީން ބުނެ އެވެ.
ކަނޑުގެ ސަރަހައްދު ކޮންޓްރޯލް ކުރާ ހޫސީންގެ އިދާރާއިން ބުނި ގޮތުން ޔަމަނުގެ ކަނޑުގެ އިމަށް ވަންނައިރު ހުއްދަ އޮތް ނަމަ ވެސް ރައްކާތެރިވީ އެވެ.
ހުއްދަ ހޯދަން ޖެހެނީވެސް އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ހޫސީން ބުންޏެވެ.
ރަތް ކަނޑަށް ހޫސީން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ތިމާވެށި ތަޣައްޔަރުވުން ވެސް ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. އަދި ރަތް ކަނޑު ހުރަސްވާ ގޮތަށް އަޅާފައި ހުރި މުއާސަލާތީ ކޭބަލްތަކަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.