ދުނިޔެ

އިނގިރޭސި ކޮންޓޭނަރު ބޯޓު ރުބީމާރު ފެތިއްޖެ: ޔަމަން

އިނގިރޭސިވިލާތުގެ މުދާއުފުލާ ކޮންޓޭނަރު ބޯޓު، ރުބީމާރު ރަތް ކަނޑަށް ފެއްތިއްޖެ ކަމަށް ޔަމަނުން ބުނެފި އެވެ.

މި ބޯޓު ފެތުނީ ވައިގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ބުނެވެ އެވެ.

ޔަމަނުން ބުނި ގޮތުގައި ރުބީމާރު ފެތުނުއިރު 41،000 ޓަނުގެ ގަސްކާނާ ހުއްޓެވެ. އޭގައި ވަރަށް ގިނަ އަދަދަކަށް އެމޯނިއާ އާއި ތެޔޮ ހުރި ކަމަށްވެސް ވެއެވެ.

މި ބޯޓު އަޑިއަށް ދިޔައީ ރަތް ކަނޑު ނިމި އަދަން ކަނޑުއޮޅިއަށް އެޅޭ ތަނަށެވެ. ޔަމަނާ މިހާ ގާތަށް މި ބޯޓު ފެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ގައުމުން ބުންޏެވެ.

އެމްވީ ރުބީމާރު އަދަން ކަނޑަށް ފެތުމުގެ ކުރިން އޮތީ އެއްކޮޅު އަޑިއަށް ގޮސްފަ އެވެ. އެއީ އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން އެ ބޯޓަށް ހަމަލާދިނުމުގެ ސަބަބުންނެވެ.

ހޫސީންގެ ހަމަލާތައް އިނގިރޭސި ބޯޓަކަށް އަރަން މެދުވެރިވި ސަބަބަކީ، ޔަމަނުގައި ހުންނަ ހޫސީންގެ މަރުކަޒުތަކަށް ހަމަލާދިނުމަށް އެމެރިކާއާ އެކު އިނގިރޭސި ޖެޓުތައް ބައިވެރިކުރުމެވެ.

އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓައި ނުލައިފިނަމަ ރަތް ކަނޑުން ދަތުރުކުރާ އިޒުރޭލު ބޯޓުތަކަށް ހަމަލާދޭނެ ކަމަށް ހޫސީން އޮތީ ބުނެފަ އެވެ. ނަމަވެސް އިޒުރޭލަށް ދަތުރުކުރާ ބޯޓުތައް ފިޔަވައި އެހެން އެއްވެސް ބޯޓަކަށް ހަމަލާ ނުދޭނެ ކަމަށްވެސް އެ ޖަމާއަތުން އޮތީ ބުނެފަ އެވެ.

ހޫސީންގެ އަތްދަށުން ރަތް ކަނޑު ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އެމެރިކާ އިސްވެ އުފައްދާފައި އޮތް އަސްކަރީ ބާރުތަކުން ހޫސީންނަށް ހަމަލާދޭން ފެށުމުން -- އެމެރިކާއާއި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް ހޫސީންގެ އަސްކަރިއްޔާ އިން ހަމަލާދޭން ފެށީ އެވެ.

އެމްވީ ރުބީމާރު އަދަން ކަނޑަށް ފެތުމުން ޔަމަނަށް އޮތް ބިރުވެރި ކަމަކީ، ބޯޓުގައި ހުރި ގަސްކާނާތައް ގިރި މުޅި ކަނޑު ތަޣައްޔަރުވުމެވެ. އަދި އޮޔާ އެކު އޭގެ ބައިތައް ޔަމަނަށް ލެއްގުމެވެ.

ބައިނަލްއަގްވާމީ ގުޅުމަކުން އެ ތަކެތި ކަނޑުން ކަހައި ނުނަގައިފިނަމަ ޔަމަނުގެ ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އެ ގައުމުން ބުންޏެވެ.