ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަރާގެ އަގު ހެޔޮވެ ކުކުޅު ބިހުގެ އަގު ބޮޑު ވެއްޖެ އެވެ. މީގެ ކުރިން ރޯދަ މަސް ފެށެން ތިން ދުވަހަށް އޮތް އިރުވެސް ބިސް ކޭހެއް ލިބެން ހުރީ 300ރ. އަށެވެ. މިހާރު ބިހުގެ އަގު ވަނީ ކޭހެއް 350ރ. އާއި 500ރ. އަށް އުފުލިފަ އެވެ.
ބާޒާރުގެ އެއް ފިހާރައެއްގެ ސޭޓަކު މިއަދު ބުނީ ބިހުގެ އަގު ބޮޑުވެފައި ވަނީ ލަފާ ކުރިވަރަށް ބިސް ބާޒާރުގައި މަދުވުމުން ކަމަށެވެ.
"ބިސް މާ ބޮޑަށް މަދުވީ އެހެން އަގު ބޮޑުވެގެން އުޅެނީ. އެކަމަކު މާދަމާގެ ވަގުތެއްގައި އިތުރު ބިސް މާކެޓަށް ނެރެ އަގު ހެޔޮ ވާނެހެން،" އެ ސޭޓު ބުންޏެވެ.
ބިސް އަގު ބޮޑުވި ނަމަވެސް ފިޔާ އަލުވީގެ އަގަށް ބަދަލެއް ނާދެ އެވެ. މާރުކޭޓުގައި ރޯދަ މަސް ފެނުނުއިރާއި މިހާރު ވެސް މި ދެ ބަވާތުގެ އަގަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.
ބާޒާރުގައި މިއަދު އަގު ދަށްވެފައިވާ އެންމެ މުހިންމު އެއް ބާވަތަކީ ކަރަ އެވެ. އިއްޔެ ކަރާ ކިލޯއެއް 40ރ. އާއި 45ރ. އަށް ހުރި ނަމަވެސް މިހާރު ކަރާ ކިލޯއެއް ހުރީ 30ރ. އަށެވެ. ކަރާ ވިއްކާ މީހުން ބުނާ ގޮތުގައި ކަރާގެ އަގު ކުރި އަށް އޮތްތަނުގައި ވެސް ހެޔޮވާނެ އެވެ. ކަރާގެ އަގު ހެޔޮވުމާ ދިމާލަށް ދިޔަ ނަމަވެސް ކަނޑޫދޫ މިރުހުގެ އަގަށް ކުޑަވެސް ބަދަލެއް ދާނެ އެވެ. ކަނޑޫދޫ މިރުސް 100 ގްރާމް ލިބެނީ 100ރ. އަށެވެ. އަދި މިރުސް ކިލޯއެއްގެ އަގު އަދިވެސް އުޅެނީ 1000ރ. އަށެވެ.