ދޯނި އައިސް ބަނދަރަށް ވަނުމާއެކު މީހުންގަނޑު އަރައިގެންފި އެވެ. އެންމެން އަވަސް އަވަހަށް ތޮށިގަނޑު މައްޗަށް އަރައިފި އެވެ. ހަމަ އިސާހިތަކުން އަގުތައް ވެސް ކިޔަން ފަށައިފި އެވެ.
"ކަރާ ކިލޯއެއް 28ރ. އަށް. ނަގާ؟"
"ކަންބާ ކިލޯއެއް 30ރ. އަށް. ނަގާނަންތަ؟"
މިއީ މާލެ ލޯކަލް މާރުކޭޓަށް ބޭނުންވާ މުދާ މާލެއަށް ކޮންމެ ދުވަހަކު ގެންނަ މުދާ ގަނޑުކޮށް ދޫކުރާ "ނީލަން" ބާޒާރެވެ. އެހެން ނީލަންތަކާ ހިލާފު ފާޑެއްގެ ނީލަމެކެވެ. މި ތަނުގައި އޮންނަ އުސޫލަކީ އަޑުގަދަ މީހާއަށް ގަދަ ގޮތެވެ. އަޑުގަދަ ވި ވަރަކަށް ފަސޭހައިން އެއްޗިހި ލިބޭނެ އެވެ. މިކަމުގައި އެންމެ ކުރީގައި އުޅޭނީ ވެސް ބިދޭސީންނެވެ.
ބާޒާރަށް ގެންނަ މުދަލުގެ އެ ދުވަހެއްގެ އަގުތައް ކަނޑައަޅާނީ ވެސް މި ތަނުންނެވެ. މާލެ މަސް މާރުކޭޓާ ދިމާލުގައި ކޮންމެ ދުވަހެއްގެ ހެނދުނު ފެށޭ މި ބާޒާރަކީ މި ސަރަހައްދުގައި އެންމެ ފޯރިގަދަ އެއް ކަންތަކެވެ. ދޯނިން މުދާ ބޭލުމާއެކު ރާސްލާފައި ގޮސް އަގުތައް ކިޔަން ފަށާނެ އެވެ.
މި ބާޒާރުގައި އަގު ކޮންޓްރޯލް ކުރުމުގެ ބާރު އޮންނަނީ ރަށްރަށުގައި ދަނޑުވެރިކަން ކުރާ ބިދޭސީންގެ އަތް މަތީގަ އެވެ. ދަނޑުވެރިކަމުގެ ގިނަ ރަށްރަށުގައި އެ މަސައްކަތުގައި އިސް ދައުރެއް އަދާކުރާނީ ވެސް ބިދޭސީންނެވެ. ދަނޑު ހައްދާނީ އެމީހުންނެވެ. ދޯނި ފަހަރުގައި ވެސް ތިބޭނީ އެމީހުންނެވެ. އަދި މާލެ އަންނަ ތަނުން މާރުމޭޓު ގޮޅިތަކުގެ "ބޮޑުން" ނަކީ ވެސް ހަމަ އެމީހުންނެވެ. އެހެންވެ މާލެއަށް ގެންނަ ގިނަ މުދަލުގެ އަގު ކޮންޓްރޯލް ކުރުމުގައި މި މީހުންގެ ބާރުގަދަ އެވެ.
އެހެންވެ، ދޯނިން މުދާ ބާލައި ގޮޅިއާ ހަމައަށް އަންނައިރު އެ ފެންނަ އަގުގައި ބޮޑު ތަފާތެއް ހުރެ އެވެ. އަގަށް މި ބަދަލު އަންނަނީ މި ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ ސަބަބުންނެވެ. މި ބާޒާރުގައި އެންމެ ރުއް ގިނަވާނީ އެމީހުންނެވެ.