މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދިހައިގެ ރޯދަތައް ދުނިޔޭގެ ހުރިހާ މުސްލިމު ގައުމުތަކުން ހިފަން ފަށާފައިވާއިރު މުސްލިމް ގިނަ ގައުމުތަކުގައި ރޯދަމަހުގެ ފެށުމާއި ނިމުންވެސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެއެވެ. އެ ބައްރެއް ނުވަތަ އެ ގައުމެއްގެ ސަގާފަތާ އާދަކާދަތަކާއި އެންމެ ގުޅޭގޮތައް، ކާބަފައިންގެ ޒަމާނުން ދަސްކޮށްދެމުން އަންނަ ކުލަގަދަ އިހުތިފާލްތައް ފާހަގަ ކުރުމާއެކު އެވެ. ނޫނީ ރަމްޒީގޮތުން ނަމަވެސް އާދަކާދައިގެ ތެރޭގައި ހިމަނާފައިވާ ކަންކަމަށް ސަމާލުކަން ދީގެނެވެ.
އިންޑޮނޭޝިއާގެ ހިނައިގަތުން
އިންޑޮނޭޝިއާގެ ހުރިހާ ހިސާބެއްގެ މުސްލިމުން ރޯދަމަހުގެ އެއް ދުވަސް ކުރިން ހިނައިގަނެ އެވެ. މެދުތެރޭ އަދި އިރުމަތީ ޖާވާގައި "ޕަޑުސަން" ދިވެހި ބަހުން ނަމަ ފެންވެރުން ނުވަތަ ހިނައިގަތުމުގެ އާދަކާދަ ގެންގުޅެ އެވެ. އެގޮތުން ޖާވާގެ މުސްލިމުން މޫދަށާއި ކޯރުތަކަށާއި ފެންގަނޑުތަކަށް އެރި ފައިން ފަށައިގެން ބޮލާ ހަމައަށް ތެންމާލަ އެވެ.
މި ޒަމާނުގެ ގިނަ މީހުން ހިނައިގަތުމަށް އެފަދަ ތަންތަން ބޭނުންކުރާ އަދަދު މަދުވަމުން ދިޔަނަމަ ވެސް މި އާދަކާދަ ދަމަހައްޓާ ގިނަ ބަޔަކު އިންޑޮނޭޝިއާގައި ދިރިއުޅެ އެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް މި އާދަ އޮވެ އެވެ.
މެދުއިރުމަތީގެ ބޮޑުބަޑި ޖެހުން
މެދުއިރުމަތީގެ ގިނަ ގައުމުތަކުގައި ރޯދަވީއްލާ ގަޑި ޖެހުނުކަން އެންގުމަށްޓަކައި ކޮންމެ ދުވަހެއްގެ މަޣުރިބު ނަމާދު ވަގުތަށް ބޮޑުބަޑި ޖަހަ އެވެ. މި އާދަކާދަ ފެށިފައި ވަނީ މީގެ 200 އަހަރު ކުރިން މިސްރުގައި ކަމަށް ބެލެވެ އެވެ.
ބުނެވޭ ގޮތުގައި މީގެ ޒަމާންތަކެއް ކުރިން މިސްރުގައި ވެރިކަންކުރި އޮޓޮމަން ރަސްކަމުގެ ވެރިއެއް ކަމަށްވާ ޚޮޝް ގަދާމް އިރު އޮއްސުނު ވަގުތެއްގައި އާވައްތަރެއްގެ ބޮޑުބަޑިއެއް ޓެސްޓް ކުރަން އުޅެނިކޮށް އޮޅިގެން ބަޑި ޖެހުމުން މުޅި ހިސާބުގަނޑުގައި އެ އަޑު ގުގުމާލި އެވެ.
ގާހިރާގެ ރައްޔިތުންނަށް އެއީ ރޯދަވީއްލަން އަންގާ އާ ގޮތެއްކަމުގައި ހީކުރެވުނެވެ. އަދި ގިނަބަޔަކު ގަދާމް އަރިހަށް ދުރުވެ އެކަމަށް ޝުކުރު އަދާ ކުރުމުން އޭނާގެ ދަރި ހާޖާ ފާތިމާ ކޮންމެ ދުވަހަކު އެކަންތައް ކުރުމަށް ބާރު އެޅިއެވެ. އެގޮތުން ބޮޑުބަޑި ޖަހައިގެން ރޯދަ ވީއްލާ ގަޑި އާންމުންނަށް އެންގުމުގެ ސަގާފަތް ފެށިގެން ދިޔައެވެ.
ޔޫއޭއީގައި ކުޑަކުދިން ލަވަކިއުން
ރޯދައިގެ ކުރިން އަންނަ ޝައުބާން މަހުގެ 15 ވަނަ ދުވަހު "ހަގް އަލް ލައިލާ" ގެ ސަގާފަތުގެ ތެރެއިން ކުލަގަދަ ހެދުންތައް ލައްވާފައި ތިބޭ ގިނަ އަދަދެއްގެ ކުޑަކުދިން ގަލްފުގެ ގިނަ ގައުމުތަކުގެ މަގުތައް ފުރާލަ އެވެ. އަދި "ޚަރީތާ" ގެ ނަންދީފައިވާ ދަބަސްތައް އަޅުވައިގެން ތިބެ ސަގާފީ ލަވަތަކުގެ އަޑުން މަގުތައް ގުގުމާލަ އެވެ. އެ ކުދިން ގޮސް ހުއްޓޭ ކޮންމެ ގޯއްޗެއްގެ އަހުލުވެރިން އެ ކުދިންނަށް މެޓަ އާއި އެކިވައްތަރުގެ ބަދަން ހަދިޔާ ކުރެއެވެ.
ޔޫއޭއީގައި "ހަގް އަލް ލައިލާ"ގެ ސަގާފަތަކީ އެމީހުންގެ މުޖުތަމައުގެ އާއިލާތަކުގައި އެއްބައިވަންތަކަން އުފައްދާ އެންމެނަށް އުފާވެރިކަން ހޯދައިދޭ އެގައުމުގެ ގައުމިއްޔަތާއި ގުޅިފައިވާ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރާ ސަގާފަތެކެވެ.
ޕާކިސްތާނުގެ އަންހެންވެރިން އީދަށް އެއްވުން
ރަމްޟާން މަހުގެ ނިމުން އައިސް އީދަށް ހަނދު ބެލުމާއެކީ ޕާކިސްތާނުގައި "ޗާންދް ރާތު" ގެ ހަރަކާތްތަށް ފެށިގެން ދެއެވެ. އެންމެ ފަހު ރޯދަ ވީއްލުމާއެކީ ޕާކިސްތާނުގެ ގިނަ އަންހެނުންނާއި އަންހެންކުދިން އެ ގައުމުގެ ލޯކަލް ބާޒާރުތައް ތޮއް ޖައްސާލަ އެވެ. އަދި އެކި ކުލަކުލައިގެ ތަނޑިއާއި އުޅާތަކުން އަތްފައި ފުރާލާ އެކިއެކި ހީނާ ޑިޒައިންތަކުން އަތާއި ފައި ޒީނަތްތެރި ކުރެއެވެ.
މި ސަގާފަތަށް އެއްބާރުލުމުގެ ގޮތުން ވިޔަފާރިވެރިން އެމީހުންގެ ފިހާރަތަކާއި ސްޓޯލްތައް ޖަރީކޮށް އީދު ވިލޭރެއިން ފެށިގެން އީދު ދުވަހުގެ ފަތިހާ ހަމައަށް ފިހާރަތަށް ހުޅުވާފައި ބަހައްޓަ އެވެ. ޕާކިސްތާނުގެ އަންހެނުންގެ ތެރެއިން ބައެއް އަންހެނުން ހީނާފަތް އަޅާދޭ ސްޓޯލްތައް އެ ފިހާރަތައް ކައިރީ ހުޅުވަ އެވެ. އަދި މާރުކޭޓުތަކުގައި އުފެދިފައި ވަނީ އަންނަން އޮތް ދުވަހުގެ އީދާމެދު އުފާވެރިކަމާއި އެންމެންގެ ދެމެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މާހައުލެކެވެ.
މޮރޮކޯގައި ފަތިސް ނަމާދަށް ގޮވުން
ރޯދަ މަހު މޮރޮކޯގެ މަގުތަކުގައި ފަތިސް ނަމާދަށް ގޮވަން "ނަފާރުން" ނިކުމެ ހަރަކާތްތެރި ވެއެވެ. މޮރޮކޯގެ ރައްޔިތުންނަށް ރޯދަމަހުގެ ކޮންމެ ފަތިހެއް ފެށިގެން ދަނީ ސަގާފީ ހެދުން އަޅައިގެން ހުންނަ ނަފާރުގެ ރާގުތަކުން ނެވެ.
އެބަޔަކު ދިރިއުޅޭ އަވަށެއްގެ އިސް ބޭފުޅުން އިތުބާރު ކުރާ މީހަކު ކޮންމެ އަވަށަކުން ހޮވުމަށް ފަހު އެ މީހަކު އެ އަވަށެއްގެ މަގުތަކުގައި ފަތިސް ނަމާދަށް ގޮވަން ކޮންމެ ފަތިހަކު ދުންމާރިއެއް ފުމެމުން ހަރަކާތެރި ވެއެވެ. ބައެއް ގައުމުތަކުގައި ދުންމާރިއެއްގެ ބަދަލުގައި ބެރު ބޭނުން ކުރެއެވެ.
މެދުއިރުމަތިން މޮރޮކޯއަށް އައިސްފައިވާ މި ސަގާފަތަކީ މީގެ އެތައް ގަރުނެއް ކުރިން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ޒަމާނުގައި ފަތިސް ނަމާދަށް ގޮވުމަށްޓަކައި ކުރަން ފަށާފައިވާ ކަމެކެވެ. ނަފާރުގެ އަޑު ޖެހުމުން އެ އަޑަށް ހުރިހާ ރައްޔިތުން އިޖާބަދެނީ ހިނިތުންވުމާއި ޝުކުރާއެކީގަ އެވެ. އަދި އީދު ވިލޭރޭ ނަފާރު ކޮށްދީފައިވާ މަސައްކަތައް ރަސްމީގޮތުން ބަދަލު ދެއެވެ.
ތުރުކީގައި ފަތިހަށް ބެރު ޖެހުން
އޮޓޮމަން ޒަމާނުއްސުރެ ރޯދަ މަހުގެ ރޯދަވެރިން ފަތިސް ނަމާދަށް ހޭލައްވަން ބެރު ބޭނުންކޮށްފައި ވެއެވެ. ގަރުނުތަކެއް ފާއިތު ވެގެން ދިއުމަށްފަހު -- އަދި އެއާއެކު ސޯނާ ގަޑި އީޖާދު ކޮށްފައިވާއިރު ވެސް -- މިއަދާ ހަމައަށް ވެސް ރޯދަމަހުގެ ކޮންމެ ފަތިސް ނަމާދަށް މީހުން ތެދު ކުރަން 2000 އަށްވުރެ ގިނަ ބެރު ޖަހާ މީހުން ހަރަކާތްތެރި ވެއެވެ.
އޮޓޮމަން ޒަމާނުގެ ސަގާފީ ހެދުން އަޅައިގެން ތިބޭ ބެރުޖަހާ މީހުން "ދަވުލް" ކިޔާ ބެރުތައް ހިފައިގެން ފަތިސް ނަމާދައް ގޮވަން އުޅޭ އުޅުމުގެ ތެރޭގައި ބައެއް ގެތަކުން އެމީހުންނަށް ހާރު ކެއުމަށް ދައުވަތު އަރުވާ އަނެއް ގޯތިތަކުން އެމީހުންނަށް ޗަންދާ ބަހައެވެ.
ދެކުނު އެފްރިކާގެ ހަނދުބަލާ މީހުންް
ރޯދަމަހުގެ ފެށުމާއި ނިމުން ވެސް ފާހަގަ ކުރަނީ ހަނދު ބަލައިގެން ނެވެ. ހަނދު ބަލައިގެން ރޯދައަށް ތިބުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި ވެސް ކަންކުރާ ގޮތެވެ. ނަމަވެސް ދެކުނު އެފްރިކާގައި މިކަމަށް އަހަންމިއްޔަތު ދީފައިވާ މިންވަރު ހަނދުބަލަން ހާއްސަކޮށްފައިވާ މީހުން ރަމްޒު ކޮށް ދެއެވެ.
ރޯދަ މަސް ފަށާ އިރާއި ނިމޭ އިރަށް ދެކުނު އެފްރިކާގެ އެކި ކަންކޮޅުތަކުން އެ ގައުމުގެ މީހުން "މަންމަ" ރަށުގެ ގޮތުގައި ދެކޭ ކޭޕް ޓައުންއަށް "ހަނދު ބަލަން" ޖަމާ ވެއެވެ. ނަމަވެސް ރަސްމީ ގޮތެއްގައި ހަނދު ފެނިއްޖެކަމަށް އިއުލާން ކުރެވޭނީ ދެކުނު އެފްރިކާގެ މުސްލިމް ޖުޑީޝަލް ކައުންސިލް އިން ހުއްދަދީފައިވާ "މާން ކައިކަރް" ހަނދުބަލާ މީހުންނަށެވެ. އެފްރިކާ ބަހުން މާން ކައިކަރް ކިޔަނީ ހަނދުބަލާ މީހާ އަށެވެ.
ސީޕޮއިންޓް ޕްރޮމެނާޑް ނޫނީ ތްރީ އެންކާ ބޭ ނޫންނަމަ ސިގްނަލް ހިލްގައި ތިބެ ހަނދުބަލާ މީހުންގެ ޒިންމާއަކީ ހަނދު ފެނުނުކަން އިއުލާންކޮށް ފިތުރު އީދުގެ އަތުވެއްޖެކަމުގެ އުފާވެރި ހަބަރު ރައްޔިތުންނަށް ދިނުމެވެ.
މިސްރުގައި ދިއްލާ ކުލަގަދަ ފާނޫޒުތައް
މިސްރުގައި ކޮންމެ އަހަރަކުވެސް ރޯދަ މަހަށް މަރުހަބާ ކިޔަނީ އެކި ކުލަކުލައިގެ އަލިގަދަ، ކުލަގަދަ ފާނޫޒު ބައްތިތަކުގެ އަލީގަ އެވެ.
އެ ސަގާފަތުގެ އަސްލާމެދު ހިލާފުވުންތަކެއް އުފެދިފައިވާ ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "ފާތިމިއްޔޫން ހަލީފާ" އިންގެ ޒަމާނުގައި ހަލީފާ އަލް މުއިއްޒު ގާހިރާއަށް ވަޑައިގެންނެވި ފަހަރެއްގައި ދުނިޔެ މައްޗަށް އޮތީ އަނދިރިކަން ވެރިވެފަ އެވެ.
ހަލީފާއަށް މަގު އަލިކޮށްދިނުމުގެ ގޮތުން އާންމު ރައްޔިތުންނާއި ސިފައިންނާއި ގުޅިގެން އުއްބައްތި ރޯކޮށް ފިލާ ފްރޭމްތަކެއްގެ ތެރެއަށް އުއްބައްތިތައް ލައިގެން މަގުތަށް ވަނީ އަލިކޮށްދީފަ އެވެ. ޒަމާން ބަދަލުވަމުން ގޮސް އޭރު ބޭނުންކުރަމުން ދިޔަ ފިލާ ފްރޭމްތައް މިއަދު މުޅި އެގައުމު އަލިކޮށްދޭ ރީތި އެކި ޑިޒައިންތަކުގެ، އެކި ކުލަކުލައިގެ އަލިގަދަ ފާނޫޒު ބައްތިތަކަށް ވަނީ ބަދަލުވެފަވަ އެވެ.
އިރާގުގެ ފިރިހެނުން "މައިބްސް" އަށް އެއްވުން
ރޯދަ ވީއްލާ އަވަދިވެ ރޭގަނޑުގެ ކުރީކޮޅުގެ ވަގުތެއްގައި އިރާގުގެ އެކި ޖީލުތަކަށް ނިސްބަތްވާ ހުރިހާ ފިރިހެނުން އެ ގައުމުގެ އެކި ކަންކޮޅުތަކަށް އެމީހުންނަށް ހާއްސަ ކުޅިވަރެއް ކުޅެން ޖަމާ ވެއެވެ.
މައިބްސް ނުވަތަ އަލްމުހައިބްސް ގެ ނަން ދީފައިވާ ކުޅިވަރަކީ ވަރަށް އާދައިގެ ކުޅިވަރެކެވެ. ދެ ޓީމަކުން ބައިވެރިވާ މައިބްސް ގައި ކޮންމެ ޓީމަކުން 40 އާއި 250 ދެމެދުގެ އަދަދަކަށް މީހުން ބައިވެރި ވެއެވެ.
އޮޅުވާލުމުގެ އުކުޅުތައް ބޭނުންކުރާ އެ ކުޅިވަރުގައި ދެ ޓީމުން ތެރެއިން އެއް ޓީމު ގޮނޑިތަކުގައި އިށީނދެގެން ތިބެއެވެ.
ދެން އިށީނދެގެން ތިބޭ ޓީމުގެ ކެޕްޓަން އަތުގައި އޮންނަ އަނގޮޓިއެއް ފަރުދާއެއްގެ ފުރަގަހުގައި ހުރެ ނޫނީ އަތުގައި ބާއްވައިގެން އަތްމަތީގައި ފޮތިގަނޑެއް އަޅައިގެން ތިބެ ގޮށް މުއްކަވައިގެން އިށީނދެތިބި ޓީމު މެންބަރުންގެ ތެރެއިން ކޮންމެސް އެއް މެމްބަރެއްގެ އަތަށް އަނގޮޓި ބަދަލުކޮށްލަ އެވެ.
އިދިކޮޅު ޓީމުގެ ކެޕްޓަނަށް ޖެހެނީ އަނގޮޓި އޮތީ އަނެއް ޓީމުގެ ކޮން ބައިވެރިއެއްގެ އަަތުގަތޯ އެމީހުންގެ މޫނަށާއި ބޮޑީ ލެންގުއޭޖް ނުުވަތަ ހަށިގަނޑުގެ ހަރަކާތްތަކަށް ބަލައިގެން ހޯދާށެވެ.
އިންޑިއާގެ ސެހެރީވާލާއިން
ދިއްލީގެ ސެހެރީވާލާއިން ނުވަތަ ޒޮހޮރިދާރުންނަކީ އިންޑިއާ މުސްލިމުންގެ ސަގާފަތުގެ ތެރެއިން މިއަދާ ހަމައަށް ވެސް އެ ގައުމުގައި ދެމިގެން އައިސްފައިވާ ސަގާފަތެކެވެ.
ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ރޯދަ މަހު ފަތިސް ނަމާދަށް ގޮވަމުން ދާ މީހުންގެ ރޯލު އިންޑިއާގައި އަދާކުރާ ސެހެރީވާލާއިން ފަތިހާ ގާތްކޮށް ﷲ ސުބްހާނަހޫ ވަތައާލައަށް ހަމްދުކޮށް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އަށް ސަލަވާތް ކިޔަވަމުން ގޭގޭގެ ދޮރުތަކުގައި ދަނޑިކޮޅަކުން ޓަކިދެމުން ގޮސް މީހުން ނަމާދަށް ތެދު ކުރެއެވެ.
ގިނަ ސެހެރީވާލާއިންނަށް އެ ޒިންމާ ވާރުތަވެގެން އަންނަނީ އާއިލާ އެހެން މެމްބަރެއްގެ ފަރާތުން ނެވެ. އެ މީހުންގެ މަސައްކަތް ގިނަ ފަހަރަށް މެންދަމު 2:30 އިން ފަށާނެ އެވެ.