ދުނިޔެ

ގިނަ މުސްލިމު ގައުމުތަކަށް މިއަދު ރޯދަ

May 6, 2019
2

ބޮޑެތި އިސްލާމީ ގިނަ ގައުމުތަކަށް މިއަދަކީ މިހިނގާ 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.

ރާއްޖޭއެކޭ އެއް ފަދައިން މިއަދު ރޯދަމަސް ފެށި ގައުމުތަކުގެ ތެރޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑޮނޭޝިއާ ހިމެނުނު ނަމަވެސް، ދެވަނަ އަށް އެންމެ އާބާދީ ބޮޑު ޕާކިސްތާނުގައި ރޯދަ މަސް ފަށާނީ މާދަމާ، އަންގާރަ ދުވަހެވެ. އަވަށްޓެރި އިންޑިއާގެ އިތުރުން ބަންގްލަދޭޝްގައި ވެސް މިއަހަރު ރޯދަ ހިފަން ފަށާނީ ޕާކިސްތާނާއެކީގަ އެވެ.

މީގެ އިތުރުން ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމުގައި އެ ގައުމެއްގެ ކަލަންޑަރަށް ތަބާވާން ޖެހޭ ސައުދީ އަރަބިއްޔާއަށް ވެސް މިއަދު ރޯދަކަމަށް ވަނީ އިއުލާނު ކޮށްފަ އެވެ. ސައުދީއާއެކު އިރާގު، މިސްރު އަދި ގަތަރު ފަދަ މެދުއިރުމަތީގެ ގައުމުތަކުގައި ވެސް މިއަދު ރޯދަ ހިފަން ވަނީ ފަށައިފަ އެވެ. އެ ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އޮމާން ވަނީ މުލަ ރޯދަ އަންގާރަ ދުވަސް ކަމުގައި ކަނޑައަޅައިފަ އެވެ.

އެމެރިކާ އަދި ޔޫރަޕުގެ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ވެސް މިއަދަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. މުސްލިމުންގެ އާބާދީ ބޮޑު ނައިޖީރިއާއާއެކު އެފްރިކާ ބައްރުގެ ގިނަ މުސްލިމުން ވެސް މިއަދު ވަނީ ރޯދަ ހިފަން ފަށައިފަ އެވެ.