ރޯދަވައިބްސް އަންނަނީ ކޮން ކަމަކުން؟

ރޯދަމަހަކީ އެއްމެނަށް ވެސް ވަރަށް ހާއްސަ މަހެކެވެ. އަޅުކަމުގެ ގޮތުން ވެސް ވަރަށް ހާއްސައެވެ. އަދި ރޯދަމަހު ލައިފްސްޓައިލަށް ވެސް ބަދަލުތަކެއް އާދެއެވެ. މަސައްކަތް ވަގުތު ކުރުވުމާއި ކެއިން ބުއިންގެ ގަޑިތަކާއި ކާނާ އާއި ނިދުމާއި މިހެން ގޮސް ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ބަދަލު އާދެ އެވެ. "ރޯދަވައިބްސް" ނުވަތަ ރޯދަމަހަށް ހާއްސަ ކަންކަމަށް ބަލާއިރު ދިވެހިންގެ ތެރޭގައި ފާހަގަކޮށްލާ ބައެއް ކަންކަން ހުރެ އެވެ. މިކަންކަން ފުރިހަމަ ނުވަނާނަމަ ރޯދަމަހެއް އައިހެންވެސް ހީއެއް ނުވެއެވެ.

ރޯދަވީއްލުންތަ؟ ނޫނީ އިފްތާރުތަ؟

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކިޔައި އުޅެނީ ރޯދަވީއްލުމެވެ. މީހަކަށް ދައުވަތު ދޭ ނަމަވެސް "ރޯދަވީއްލުމަކަށް" ދައުވަތު ދެއެވެ. ނަމަވެސް މި ބަސް ބޭނުން ކުރުމަށް ވެސް މިއޮތީ ބަދަލުތަކެއް އައިސްފަ އެވެ. މިހާރު ގިނައިން ކެފޭތަކުން މެނޫ އާއްމު ކުރުމުގައި ވެސް ގިނައިން ރޯދަވީއްލުމަށް މި ކިޔަނީ "އިފްތާރު" އެވެ. ރޯދަވީއްލުމަށް ބޭނުން ކުރާ އަރަބި މި ބަސް އަހަރުމެންގެ ދިވެހި ބަހުގެ ތެރެއަށް ވަދެ ލާމެހިއްޖެ އެވެ. ބަހަކީ އަރަބި ބަހެއް ކަމުގައިވީ ނަމަވެސް އާއްމުކޮށް މި ބަސް ޕްރަނައުންކޮށް އުޅެނީ އިނގިރޭސިން މިބަސް ކިޔާގޮތަށެވެ.

ވާހަކަ ދެއްކުމުގައި ގެންގުޅޭ ބަސްކޮށާރު މިއީ އަބަދުވެސް އެކި އެކި ބަދަލު އަންނަ އެއްޗެއްކެވެ. އެއް ޒަމާނެއްގައި އާ ބަސް ބަސްކޮށާރަށް ވަދެ ނުވަތަ ވަކި ބަސްތަކެއް ވައިގަ ހިފައިގެން އުޅޭ ދުވަސްތަކެއް ވެސް އާދެ އެވެ. އަހަރުމެން އެކަން ތަޖުރިބާކޮށްފީމެވެ. މިގޮތުން ރޯދަ ވައިބްސްގެ ވާހަކަ ދައްކާއިރު މިއީ ފާހާގަކޮށްލެވޭ ކަމެކެވެ. ހާރު ކެއުމަށް އަރަބިން "ސުހޫރު" ކީ ކަމުގައި ވިޔަސް މި ބަސް އަދި މާބޮޑަކަށް އަހަރުމެންގެ ތެރޭގައި ބޭނުން ކުރުން އާއްމެއް ނޫނެވެ.

މުލަ ރޯދައަށް ފެންފޮޅިއާއި ކުކުޅު ރިހަ!

މުލަ ރޯދަ ދުވަހުގެ ރޯދަވީއްލުމަކީ ހާއްސަ ކެއުމެކެވެ. އަހަރުމެންގެ ތެރޭގައި ގިނަ ގޭ ގައި ޒަމާނުއްސުރެ މުލަ ރޯދައަށް ހަދަމުން ގެންދާ ހާއްސަ ކުކުޅު ރިހަ އާއި ފެންފޮޅިއަކީ ސުފުރާގައި ހުންނަންޖެހޭ ދެ ބާވެތެކެވެ. ގިނަ ގޭގޭގައި މިހާރު ވެސް މިބާވަތް މުލަ ރޯދަ ދުވަހު ހަދައެވެ. އަދި މިކަމަށް ބަދަލެއް ނައިސް އާދަކާދަ ކުރިއަށް ދެއެވެ. މިއީ ރޯދަވީއްލުމުގެ މެނޫގައި ކޮންމެ މުލަ ރޯދައެއްގައި އަދި ފަހު ރޯދަގައި ހުރެއެވެ.

ސުފުރާތަކުން ޖާގަ ހޯދާ އަނެއް ބާވަތަކީ ކަރާއެވެ. ރޯދަ ވައިބްސް ދެން އެންމެ ބޮޑަށް އަންނަނީ ކަރާއިންނެވެ. ކަރާ ވަނީ އަހަރުމެންގެ ރޯދަ އާއި ގުޅިފަ އެވެ. ރޯދަމަހު ކަރާއަށް އޮންނަ ޑިމާންޑް ބޮޑެވެ. ރޯދަ ވީއްލުމުގެ ސުފުރާގައި ކޮންމެހެން ވެސް ކަރާ ފަނި ޖަގެއް ކޮންމެ ގެއެއްގެހެން ހުންނަނީ މި ސަބަބާއި ހެދިއެވެ.

ސިޔަރަތު ގެ އަޑު

ރޯދަމަހާއި އެއްކޮށް ގޭގައި ގެންގުޅުނު ރޭޑިއޯ ހިރަސްފޮޅާލާ ފޮރުވާފައި އޮތްތަނަކުން ހޯދައިލެވެއެވެ. އެންމެ ބޭނުއްމެއްގަ އެވެ. ރޯދަމަހު މެންދުރު ފަހުގެ ވަގުތަކީ ހާއްސަކޮށް ރޭޑިއޯއިން ފޮނުވާ ކީރިތި ރަސޫލާގެ ސިޔަރަތު އަޑުއަހާ ވަގުތެވެ. މި އަޑު މިއީ އެންމެ ބޮޑަށް ރޯދަ ވައިބެއް މީހާއަށް ގެންނަ އަޑެކެވެ. ގޭގައި ބަދިގޭގައި ކައްކަން ހުންނަ އިރުވެސް ރޭޑިއޯއިން މި އަޑު އަހާ މީހުން އަދިވެސް މަދެއް ނޫނެވެ. ޓެކްސީއަކަށް އެރިޔަސް ބާޒަރަށް ދިޔައަސް މި ޕްރޮގްރާމްގެ އަޑު އެއީ އޭރުވެސް މިހާރުވެސް ރޯދަމަހުގެ ހާއްސަ އެއްކަމެވެ.

ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ބަލާއިރު ކޮންމެ ގަހެއްގައި ހެން ރޭޑިއޯއެއް އަޅުވާލާ އަތިރިމަތީގައި ހުންނަ ޖޯލިތަކާއި ހޮޅުއަށީގައި ވެސް ރޭޑިއޯ އަޑުއަހަން މަޑުކޮށްގެން އެތަށް ބަޔަކު ތިބެއެވެ. މާލޭގައިވެސް ރަސްފަންނު ޖޯލިފަތިތަކުގައި އާއި ބާޒަރުމަތީގައިވެސް ކޮންމެވެސް އެއް ރޭޑިއޯއިން ސިޔަރަތު އަޑުއިވެއެވެ.

ކޭބަލް ޓީވީ އާއި ނެޓްފްލިކްސް، ޔޫ ޓިއުބް ސްޓްރީމިން އަދި މިހެންގޮސް އެތަށް އެއްޗެއް ބަލަން އޮންނަ އިރުވެސް ރޭޑިއޯއިން ރޯދަމަހު ފޮނުވާ ހާއްސަ ޕްރޮގްރާމްތަކަށް މީހުންގެ ޝައުގުވެރިކަން އޮންނަވަރަށް އަދިވެސް ބަދަލެއް ނައިސް ވާދަކޮށްލެވެ އެވެ.

މުހައްމަދުއް ރަސޫލުﷲ ޓީވީ ޝޯ

މިއީ މި ޝޯ ބަލައިގެން އަހަރުމެން ރަސޫލު ބޭކަލުންގެ ވާހަކަތަށް ދަސްކުރި ޝޯ ކަމުގައި ވެސް ވެދާނެ އެވެ. ފޫހިކަމެއް ނެތި އެތައް އަހަރެއް ވަންދެން މެދުކެނޑުމެއް ނެތި ޝޯ ބަލަމުން ދިޔައީ ކުރިއަށެވެ. މި ޝޯގެ ބައެއް ޑައިލޮގްތަކަކީ ހިތު ދަސްވެފައި އެއްޗެއްކެވެ. އަދި ރޯދަމަސް އައުން އަހަރުމެން އެންމެ ގަޔާވާ މި ޝޯ އަލުން ބެލުމަށް ސްޓްރީމްކުރާ މީހުން ވެސް މަދެއް ނޫނެވެ. މި ޝޯގެ ދިވެހި އަޑު އެޅުމުގައި މަސައްކަތްކޮށްފައިވާ މީހުން އަޑުއަޅާފައިވާ ގޮތުން ބައެއް އަޑުތަކަކީ ރޯދަވައިބްސް މި އަޑުއިވޭ އެއްމެންނަށް ގެންނާނެ އެއްޗެއްކެވެ. ޝޯގެ އޯޕަނިން އިން ފަށައިގެން ނިމެންދެން ކޮންމެ އަހަރަކު ގަވާއިންދުން ބަލާ މީހުންގެ އިތުރުން ކޮންމެ މީހެއްގެ ވެސް ފެވަރިޓް ކެރެކްޓަރތަކެއް ވެސް ހުރެއެވެ.

ގުޑި އެރުވުން

ޒަމާނުއްސުރެ ގުޑި އެރުވުމަކީ ރޯދަ ކުރުކުރުމަށް ރޯދަމަހު ހާއްސަކޮށް ކޮށްއުޅޭ ކަމެކެވެ. މި ގުޑި އެރުވުމުގައި ގޭގެ ފުރާޅަށް އަރާ މި ކަންކޮށް އުޅުނު ޒަމާނެއް ވެސް ދިޔަ އެވެ. ބިއްލޫރި ލާ ރޯދި ތޫނުކޮށް މަޑި ތޯޅުވާ މަޑިވެއްޓުމުން ހިފަންދުވާ ހަދާންތަކެއް ވެސް އޮވެއެވެ. ރޯދަމަހުގައި އިހުގައި ގުޑި އަރުވަން ހަމައެކަނި ފިރިހެން ކުދިން ފެނުނަސް މިހާރު ރަސްފަންނު ސަރަހައްދުން އަންހެން ކުދިން ވެސް ގުޑިއަރުވާ މަންޒަރު ފެނެއެވެ. ހަވީރު ފިންޔަށް ހިނގާލަން ގޮސް ގުޑިއަރުވާލާ ހިތަށް އުފާވެރިކަން ގެނެސް ރޯދަކުރުކުރާ މަންޒަރު މިއީ ރޯދަވައިބްސް ހިތަށް ފެންނަ ކަމެކެވެ.

ބާޒާރުމަތި

އާއްމުކޮށް ބާޒަރަށް ނުދާ މީހާވެސް ކޮންމެވެސް އެއްޗެއް ގަނެލަން ރޯދަމަހު ބާޒަރަށް ޖައްސާލެ ވެއެވެ. ރޯދަމަހު ބާޒަރު ތިޔާގިވެ ހަލަބޮލިއެވެ. ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ވެސް ބާޒަރުގެ ވާހަކަތަކާއި ހަލަބޮލިކަމުގެ ފޮޓޯތަށް ފެންނަލެއް ގިނައެވެ. މިއީވެސް ރޯދަވައިބްސް ގެންނާނެ މުހިއްމު ތަނެއްކަން ޔަގީނެވެ.

މިހެން ގޮސްވެސް ރޯދަމަހާއި ގުޅޭ ހާއްސަ އެތަށް ކަމެއް އޮވެއެވެ. ރޯދަވައިބްސް ގެ ހޭޝްޓެގުތަކުން އެމީހަކަށް ރޯދަ ވައިބްސް ގެންނަ ފޮޓޯތަށް ސޯޝަލް މީޑީއާގައި ހިއްސާކުރުމަކީ ވެސް ޒަމާނަށް އައި ބަދަލާއި އެކު މިހާރު އާއްމުކަމެކެވެ.