ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ގައިދުރު ކުރަންވީ މާކަނައެއްގެ ބޮޑުމިނަށް!

ކޮވިޑުން ރައްކާތެރިވާން ރަނގަޅަށް އެޅޭނެ ބައިވަރު ފިޔަވަޅުތައް އެޗްޕީއޭ އިން ބުނެދީފައި ހުރެ އެވެ. ސިއްހީ ދާއިރާގެ މަގަތުސަފު -- ފްރޮންޓް ލައިން -- އަބަދުވެސް ދަނީ އެފަދަ ފިޔަވަޅުތައް ހަނދާން ކޮށްދެމުން މީހުން ހޭލައްވަމުންނެވެ. އެފަދަ އެއް ފިޔަވަޅަކަށް އޮންނަނީ ގައިދުރު ކުރުމެވެ. ނޫނީ ގާތް ދުރު ކޮށްލައިގެން އުޅޭން ދަސް ކުރުމެވެ.

ގައިދުރު ކުރަން އެންމެންގެ ސިކުނޑީގައި މިހާރު ހަރުލާފައި އޮތް ގޮތަކީ އަންދާޒާ ކޮށްލެވޭ ގޮތަކަށް ދެ މީހުންގެ ދެމެދަށް ތިން ފޫޓުގެ ދުރު ކަމެއް ލައިގެން ތިބުމެވެ. ގައިދުރު ކަމުގެ މިންތައް އެކި ގޮތަށް އެކި ނަމުން ވެސް ކިޔައި ދެވިދާނެ އެވެ. ކޮންމެ ގޮތަކަށް ކިޔަސް ކަން ވާންވީ ގޮތަކީ އެކަކު އަނެކަކަށް ގައިދުރު ވުމެވެ. އޭރަށް އެވީ އެވެ.

އެކަމަކު މިއީ އެހެން ކަހަލަ ވާހަކައެކެވެ؛ ގައިގޯޅިކަން ބޮޑު އަދި ގައިގައި އުނގުޅިގެން އުޅެން ޖެހޭ ގޮތަށް ހަދާފައިވާ މާލޭގެ ލޯކަލް ދެ މާރުކޭޓުގައި ގައިދުރު ކުރަން ހަނދާން ކޮށްދޭން މިންގަނޑުތަކެއް ފާހަގަކޮށް ދީފައިވާ ބޯޑުތަކެއްގެ ވާހަކަ އެކެވެ. ދެ މާރުކޭޓްގައި ވެސް ގައިދުރު ކުރުމުގެ މިންގަނޑު އަންގައިދޭން މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބޭނުން ކުރަނީ މުޅީން ތަފާތު ފޫޓު ފީތާ ތަކެވެ. އޭގެ އެއް މިންގަނޑެއްގައި ބުނެ ދެނީ މާކަނެއް އުދުއްސައި ގަންނައިރު ހުންޏްނެ ބޮޑުމިން ދެ މީހުންގެ މެދުގައި ބަހައްޓައިގެން އުޅޭށޭ އެވެ.

"އެކިވަރުގެ އެކި މާކާނާ ނޫންތަ ހުންނާނީ މާކަނާގެއެއްގެ ފުޅާ މިންލައިގެން އުޅޭނީ،" ބޯޑުގައިވާ އެއްޗެއް ލޮލުގައި އަޅައިގަތުމުން އެ ދިމާއަށް ބަލަން ހުރި މީހަކު ބުންޏެވެ.

ކޮވިޑުން ރައްކާތެރި ވެވިދާނެ ގޮތްތައް ކިޔައިދޭ މެސެޖުތައް މާރުކޭޓުގެ އެތަން މިތާނގައި ލިޔުމާއި ކުރެހުމުން ކިޔައިދީފައި ހުރެ އެވެ. އޭގެ ތެރެއިން އެންމެ އަޅައިގެންނަ ގޮތެއްވީ އުޑު ނޫކުލައިގެން ބޯޑުތަކެއްގައި ކަޅުން ލިޔެފައިވާ މެސެޖާއި ކުރެހުންތަކެވެ. މާރުކޭޓަށް ވަންނަ ގިނަ ބަޔަކު އެ ބޯޑުތަކަށް ބަލަން ވެސް ތިބެ އެވެ. ފަހަރުގައި މާރުކޭޓަށް ވަންނަ މީހުނަށް "ގައިދުރު" ފަހުމް ވާނީ އެހެން ބުނެ ދިނުމުންނޭ ހީވާ ގޮތަށް ތައްޔާރު ކޮށްފައިވާ ބޯޑުތަކެއްހެން ވެސް ހީވާން އުޅެ އެވެ.

ވަރަށް ގިނަ އަދަދަކަށް މާކަނާ ވެސް އުޅޭ މާރުކޭޓް ސަރަހައްދުގެ އެ ބޯޑުތަކުން ބުނެ ދެނީ މާކަނެއްގެ ދުރުމިނަށް ގައިދުރު ކުރާށޭ އެވެ. އެތަނަށް ކޮންމެ މީހަކަށް ކޮންމެ ވަގުތަކު ވެސް މާކަނާތައް ފެންނާނެ އެވެ. ފުރާޅުމަތީންނާއި ކަނޑާއި އެއްގަމު ތޮށި މަތީން ވެސް މާ ޖައްސާތަނާއި އުދުހޭތަން ފެނެ އެވެ.

ގައިދުރު ކުރުމުގެ ނަސޭހަތް ދޭ އެހެން ބޯޑަކުން ބުނެ ދެނީ "ހަތަރު ކޮތަރު ދުރުމިން" ހުންނާނެ ވަރަށް ގައިދުރުކަން ބަހައްޓައިގެން އުޅުމަށެވެ. އެ ބޯޑުގައި ބުނާ ގޮތުން އޭރަށް ހުރެވޭނީ ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ތިން ފޫޓުގެ ދުރުމިނުގަ އެވެ. ޖުމްހޫރީ މައިދާނުގެ ކޮތަރު އައިން ވެސް އުދުހޭ ދިމާލެވެ.

އެފަދަ ކިތަންމެ ބޯޑެއް މާރުކޭޓުގައި ވެއެވެ. އެއް ބޯޑަކުން ބުނެދީފައި ވަނީ ރާޅާ އަޅާ ބޯޑެއް / ފިލާގަނޑެއްގެ މައްޗަށް އަރާ ހުންނަ މީހަކު ބެލެންސް ކުރުމެކެވެ. އެ ބޯޑުގެ މެސެޖަކީ މާރުކޭޓް ތެރޭގައި އުޅޭ އިރު ކޮންމެ މީހަކު ވެސް ވިސްނަންވީ ބައިބޯ ތަނަކަށް ވަންނައިރު އެ މީހެއްގެ ދެއަތް ދަމާލީމަ ބަމަ އެއްގެ ދުރުމިނަށް ދުރުވެލައިގެން ތިބޭށެވެ. ދެ އަތް ދަމާލީމަ އަތުގައި ނުޖެހޭ ހިސާބުގައި ހުރީމަ އެ ހުރެވުނީ އެޗްޕީއޭއިން ދަސްކޮށްދީފައިވާ ގައިދުރުގެ ތިން ފޫޓުގަ އެވެ.

އެހެން ބޯޑެއްގައި ކުޑަ ޑޯލްފިނެއްގެ ސައިޒުގެ ދުރުމިނުގައި ތިބީމާ އެންމެ ރަނގަޅުވާނެ ކަމަށް ބުނެ ދެއެވެ.

ބޯޑުތަކާއި ކުރެހުންތައް ތަންކޮޅެއް ތަފާތީ އެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ދޭން ބޭނުންވި މެސެޖް ދިން ގޮތުގައި ތަފާތެއް ހުރީ އެވެ. އެކަމަކު ކުރީ އެއް ކަމެކެވެ. ކޮވިޑް ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގައިދުރު ކޮށްގެން ރައްކާތެރިކަން ކަށަވަރުކޮށް ދޭނެ މިންގަނޑަކީ ތިން ފޫޓުގެ ދުރުމިން ކަމެވެ. މެސެޖް ރަނގަޅިއްޔާ އަދި ގައިދުރުވެވޭނެ އިރުޝާދަކަށް ފުދެންޏާ މާކަނައެއްގެ ދުރުމިން ވެސް މައްސަލައެއް ނެތެވެ.