ދޮޅު މަހެއްހާ ދުވަހު ލޮކްޑައުންގައި ތިބި ފަހުން މިހާރު މިވަނީ ލުއި ދޭން ފަށާފަ އެވެ. ލުއިތައް ދިން ކަމުގައި ވިޔަސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންމެ ބޮޑު ވާހަކައަކީ ރަައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމެވެ. ގެއިން ބޭރަށް ނުކުތުމުގައި އަމިއްލަ މީހާ އާއި ދެން ތިބޭ މީހުންނަށް ވެސް ވިސްނައިގެން އުޅުމެވެ.
ބޭރުގައި އުޅޭއިރު ރައްކާތެރިކަން ހޯދަން އާއްމުންނަށް ކުރެވެންް އޮތީ މަދު ނަމަވެސް މުހިންމު އަދި ފަސޭހަ ވެސް ކަންކަމެވެ. އެއީ ގައިދުރު ކުރުމާއި މާސްކު އެޅުމެވެ. އަޅާނެ މާސްކެއް ހޯދުމުގައި ދަތިތަކެއް ހުރިކަން އެޗްޕީއޭ ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި އެކަމަށް ހައްލު ހޯދަން ފަހާ ތަންތަނުން މާސްކު ތައްޔާރުކޮށް ވަކި ހުއްދައަކާއެކު ޑެލިވަރީ ކުރެވޭނެ އިިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
މާސްކު އަމިއްލައަށް ތައްޔާރު ކުރުމުގައި ވަކި ގަވައިދެއް ނެތް ކަމުގައިވިޔަސް ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަން ޖެހޭ ކަންކަން ހުރެ އެވެ. އެ އިރުޝާދުތައް ވެސް އެޗްޕީއޭ އިން ވަނީ ހިއްސާ ކޮށްފަ އެވެ.
ވިިސްނަން ޖެހެނީ ކޮން ކަމަކަށް؟
ފޮތި މާސްކެއް ގޭގައި ވެސް ތައްޔާރު ކުރެވިިދާނެ އެވެ. އެކަމަކު މޫނަށް ހެޔޮވަރަށް، ތިން ފަށަލަ ހިމަނަން ޖެހެ އެވެ. މި ފޮއްޗަކީ ފަސޭހައިން ނޭވާލެވޭ އަދި ފެން ހަރުނުލާ ފޮއްޗަކަށް ވާން ޖެހޭނެ އެވެ. ދެ އަހަރުން ދަށުގެ ކުޑަކުދިން މާސްކު އެޅުމަކީ އެދެވިިގެންވާ ކަމެއް ނޫނެވެ. އަދި އަމިއްލައަށް މާސްކު ނުބޭލޭ ފަދަަ ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް މާސްކު ނާޅަން ވަނީ އިލްތިިމާސް ކޮށްފަ އެވެ. އެފަދަ މީހުން މާސްކު އަޅަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ސަމާލުވެ އެހީތެރިން ތިބެން ޖެހޭނެ އެވެ.
ފޮތި މާސްކު ފަހާނެ ގޮތް
10 އިންޗި ދިގު ހަ އިންޗި ފުޅާ ތިން ފޮތިކޮޅު، ރޮދި ކައިރިކޮށް ވިިޔެފައި (ތުރެޑް ކައުންޓް ގިނަ) ކޮޓަން ފޮތި
ހަ އިންޗި ދިގު ދެ އިލާސްޓިކް ފަށް (ނުވަތަ ވާފަށެއް، ބޮލުގައި އަައްސާ ރަަބަރު، ފޮތި ފަށެއް، ބަންނަ ރަބަރު)
ތިނޯސް ބަރަނި / ފަހާފޮށި
ކަތުރު
10 އިންޗި ދިގު ހަ އިންޗި ފުޅާ ތިން ފޮތިކޮޅު ކަފާލުމަށް ފަހު އެއްފޮތިކޮޅު މަތީ އަނެއް ފޮތިކޮޅު ބާއްވާ
ފޮތިކޮޅުގެ ދިގު މިނުން 1/4 އިންޗި ފަތްޖެހުމަށް ފަހު ފަތި ޖަހާށެވެ. އެއަށްފަހު ފޮތިކޮޅުގެ ފުޅާ މިނުން 1/2 އިންޗި ފަތް ޖެހުމަށް ފަހު ތިރިއަށް ފަތި ޖަހާށެވެ.
ފޮތިކޮޅުގެ ފުޅާމިނުން ދެ ފަރަތާށް ޖެހި ފަތީގެ އެތެރެއަށް ހަ އިންޗި ދިގު 1/8 އިންޗި ފުޅާ އިލާސްޓިކު ލައްވާށެވެ. އެއަށްފަހު އިލާސްޓިކުގެ ދެކޮޅުގައި ގޮށެއް ޖަހާށެވެ. (އިލާސްޓިކު ނެތް ނަމަ ބަންނަ ރަބަރު / ބޮލުގައި އައްސާ ރަބަރު ބޭނުން ކުރެވިދާނެ އެވެ. ހަމަ އެކަނި ފޮތިފަަށެއް ނަމަ ދިގުކޮށް ބެހެއްޓުމަށް ފަހު ބޮލުގެ ފަަހަތަށް އެއްސިދާނެ)
އިލާސްޓިކުގައި ޖެހިގޮށް ފަތީގެ އެތެރެއަށް ވެއްދުމަށްފަހު އިލާސްޓިކް ފަށް ފަތީގެ ތެރެއަށް ދަމާލާށެވެ. އެއަށްފަހު މާސްކު މޫނަށް ހެޔޮވަރުކޮށް އިލާސްޓިކް މާސްކުގައި ހަރު ކުރުމަށް މާސްކުގެ ކަނުން ފަަހާލާށެވެ.
މާސްކު ދޮވެ ސާފު ކުރާނީ ކިހިނެތް؟
ބޭނުން ކުރުމަށް ފަހު ކޮންމެ ފަހަރަކު ވެސް މާސްކު ދޮވުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރައްވަ އެވެ. އާއްމުކޮށް ބޭނުން ކުރާ ޑިޓާޖެންޓު ބޭނުން ކޮށްގެން ދޮންނަ މެޝިނުން ނުވަތަ އަތުން ދޮވެ ހިއްކުމަށް ފަހު އަލުން ބޭނުން ކުރެވޭނެ އެވެ.
ކޮންމެ މީހަކު މާސްކެއް ހޯދާއިރު ފަސޭހައިން މާސްކެއް ނުލިބި ދާނެ އެވެ. އެކަމަކު ފަސޭހައިން ނޭވާ ލެވޭނެ ފޮއްޗެއްގައި އިރުޝާދުތަކަށް ވިސްނައިގެން ގޭގައި ތިބެ މިހާރު މާސްކެއް ތައްޔާރު ކޮށްލެވިދާނެ އެވެ.