ކޮވިޑް-19 އިގެ ލޮކްޑައުން ލުއި ކުރުމުން ބޭރުތެރެއަށް ނުކުންނަން ކިރިޔާ ހިޔާލެއް ހުރި މީހަކު ވެސް އެންމެ އަވަހަށް ހޯދާނީ ކޮންމެސް ކަހަލަ މާސްކެއް ކަން ޔަގީނެވެ. އެ ދަނޑިވަޅު އެންމެން ގަންނަން ހިފާލާނެ އެކައްޗަކަށް ވެފައި އޮންނާނީ މާސްކު ކަން މުޅީން ޔަގީނެވެ. މިހާރު ވެސް މާސްކްގެ އަގު ވަނީ ބޮޑުތަނެއް އުފުލިފަ އެވެ.
އަދި ބައެއް މީހުން އަމިއްލައަށް ފަހައިގެން ފޮތި މާސްކް ވެސް އެބަ ބޭނުން ކުރެ އެވެ. ކުދިންނަށް ދޭން ބޭނުން ވެގެން ވެސް މައިންބަފައިން މި އުޅެނީ އެ މާސްކެވެ.
އެއް ސުވާލު އެބައޮތެވެ؛ ރައްކާތެރިވާން އަޅާ މި މާސްކް ކުޑަކުދިން ވެސް އަޅުވަންޖެހޭ ހެެއްޔެވެ؟
އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. ނިޔާފް ވިދާޅުވި ގޮތުގައި ތިން އަަހަރުން ދަށުގެ ކުޑަކުދިން މާސްކް އެޅުވުން ރަނގަޅެއް ނުވާނެ އެވެ. ސަބަބަކީ މާސްކާއެކު އެ ކުދިންނަށް ނޭވާލާން އުނދަގޫ ވެދާނެތީ އެވެ. އަދި މާސްކެއް މޫނުގައި އަޅައިގެން ވެސް އެކުދިން ނޫޅެވޭނެެތީ އެވެ.
އަބަދު އެއަށް ދަމާ ނައްޓައި އެ ލައްވާ ކުޅެ ހެދުމުން މޫނުގައި ކުރީން އަތް ނުލައި ވަރަށް ކުދީން އަތްލައި ފާނެ އެވެ. އެހެންކަމުން އެ ކުދީން މާސްކެއް އެޅުމުގެ ބޭނުން އެ ކެނޑުނީ އެވެ.
ނިޔާފު ވިދާޅުވި ގޮތުގައި މާސްކް އަޅައިގެން އުޅެން އެނގޭވަރު ކުދިންނަށް މާސްކް އަޅަން ބާރު އަޅަންވީ، އެއީ މާސްކެއް އަޅައިގެން ތަފާތެއް ފެންނަ ހާލަތްތަކުގަ އެވެ.
ކޮވިޑް-19 އަށް ފަހު ގެނެސްފައިވާ ލޮކްޑައުން ލުއި ކުރަން އުޅޭ މި ދަނޑިވަޅަކީ ވަރަށް ހުޝިޔާރު ވެގެން ތިބެންޖެހޭ ވަގުތެކެވެ.
ކަމާބެހޭ ފަރާތްތަކުން ދޭ ލަފާ އާއި އިރުޝާދަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ. ޑޮކްޓަރުންގެ އިރުޝާދަށް ސަމާލުކަން ދޭންވާނެ އެވެ. އެއީ ރައްކާތެރި ކަމެއްގެ ގޮތުގައި އަހަރުމެން އަމިއްލައަށް ދެކޭ ކަމެއްގެ ސަބަބުން ކުއްޖަކު ނުރައްކަލެއްގެ ތެރެއަށް ލެވިދާނެތީ އެވެ.