ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އަންހެންވެރިންގެ ހިތްވަރުން ކޮވިޑް ނެތް އަވަށެއް!

ކޮވިޑް-19 ގައި ބިޔަ ބޮޑު ދެ ވަނަ ރާޅެއް އިންޑިޔާގެ ގިނަ ސްޓޭޓްތަކަކަށް ބިންދާލައި ދުވާލަކު އެތައް ލައްކަ ބަޔަކަށް ބަލިޖެހި އެތައް ހާސް ބަޔަކު މަރުވަމުންދާއިރު އެ ގައުމުގެ މަދްޔަ ޕްރަދޭޝްގައި ކޮވިޑް އެއްގޮތަކަށް ވެސް އަވަށެއް އެބައޮތެވެ. ޗިކާލާ ނަމަކަށް ކިޔާ މި އަވަށުގައި މިއަދާ ހަމައަށް ވެސް އެންމެ މީހަކަށް ވެސް ކޮވިޑް ޖެހިފައެއް ނެތެވެ. ގަބޫލު ކުރަން ކިތަންމެ ދައްޗަށް މިއީ ހަގީގަތެކެވެ. މި އަވަށުގައި ކޮވިޑް ނުފެތުރެނީ އަވަށުގެ އަންހެންވެރިންގެ ސަބަބުންނެވެ. އެމީހުންގެ މިންނަތް މަސައްކަތުންނެވެ.

ޗިކާލާ އަވަށުގެ އަންހެންވެރިން އަމިއްލައަށް ޒިންމާ ނަގައިގެން އަވަށުގައި ކޮވިޑް ނުފެތުރޭކަން ޔަގީން ކުރުމުގެ ގޮތުން ގިނަގުނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެގޮތުން އެހެން އަވަށްތަކުން އަންނަ އެއްވެސް މީހަކަށް މި އަވަށަށް ނުވަދެވޭ ގޮތް ހެދުމުގެ އިތުރުން އަވަށުގެ އެއްވެސް މީހަކަށް ވެސް އަވަށުން ބޭރަށް ހިނގައްޖެނަމަ އަނބުރާ އަވަށަކަށް ނާދެވެ އެވެ.

އެ އަވަށް އަންހެންވެރިން ވަނީ މުޅިން ލޮކްޑައުން ކޮށްފަ އެވެ. އަދި އަވަށަށް ވަންނަ މައި ދޮރާށީގައި އަންހެންވެރިން ދަނޑިބުރި ހިފައިގެން ފޯރިމަރަމުން ދެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި އަންހެންވެރިން ދަނީ އަވަށަށް ވަދެވެން ހުރި ހުރިހާ ތަންތަނެއް އޮނާއި ބެރިކޭޑުން ބަންދުކޮށް އަވަށަށް މަނާ ކަމަށް ލިޔެފައިވާ ޕޯސްޓަރު ތަތްކޮށް އެތަންތަނުގައި ފޯރިމަރަމުންނެވެ. އަދި މި ވަރަކުން ވެސް އެމީހުން ފުއްދައެއް ނުލަ އެވެ. ސްޓޭޓް ހައިވޭ އިން ދަތުރުކުރާ ވެހިކަލްތައް ވެސް އެ އަވަށާ ކައިރިއަށް މަޑުކުރޭތޯ އަންހެންވެރިން ބަލަމުން ގެންދެ އެވެ.

އަވަށުގެ އަންހެންވެރިން ބުނަނީ މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން އެމީހުންގެ އަވަށް ކޮވިޑް-19 އިގެ ބަލިމަޑުކަމުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

އެ އަވަށުގެ ގޭގޭގެ މީހުން ވެސް އަވަށުން ބޭރަށް ކަންކަމު ވެސް ގޮހެއް ނޫޅެ އެވެ. މިކަން ހަވާލު ކޮށްފައި އޮންނަނީ އަވަށުގެ ޒުވާން ދެ ފިރިހެނުންނާ އެވެ. އަވަށުން ބޭރުން އަވަށުގެ މީހުން ހޯދަން ޖެހޭ ހުރިހާ އެއްޗެއް ގެނެސްދެނީ މި ދެ ޒުވާނުންނެވެ. މި ދެ މީހުން އުޅެނީ އަވަށުގެ މީހުންނާ މުޅިން ވަކިންނެވެ.

މި އަވަށް އެ ސްޓޭޓަކަށް ނިސްބަތްވާ މަދްޔާ ޕްރަދޭޝްގައި ހޯމަ ދުވަހު އެކަނިވެސް 12،686 މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައި ވެއެވެ. އެއާއެކު އެ ސްޓޭޓުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ ފަސް ލައްކަ އަށް އަރާފަ އެވެ.