ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކަށް ވުރެ ތިރީގައި އޮންނަ ނިއުޒިލޭންޑަކީ ޖޯގްރަފީ ގޮތުން އެހެން ގައުމުތަކާއި ތަފާތު ގައުމެކެވެ. ބޮޑު ދެ ރަށަށް -- ނޯތް އައިލޭންޑް އަދި ސައުތް އައިލޭންޑް -- ބިން ބެހިފައިވާ އެ ގައުމަކީ އާދަޔާ ހިލާފު ރީތި ކަމެއް ލިބިފައިވާ ވެސް ގައުމެކެވެ. އާބާދީގައި ފަސް މިލިއަނެއްހާ މީހުން ދިރުއުޅޭ އެ ގައުމުގައި ވެރިކަން ކުރަނީ ވެލިންގްޓަންގަ އެވެ.
ނިއުޒިލޭންގް ގުދުރަތީ ޗާލު ކަމުގެ އިތުރުން އެ ގައުމު ދުނިޔޭގެ ސަމާލުކަން ހޯދާފައި ވަނީ ސަރުކާރު ހިންގުމުގެ ސިޔާސަތާއެކު އެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން އެކުލަވާލާ ކޮރަޕްޝަން ބަލާ މިންގަނޑެއް ކަމުގައިވާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ނިއުޒިލޭންޑް ހިމެނެ އެވެ.
ވިހިވިހީގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ގްލޯބަލް ޕެންޑެމިކެއް ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އާއި ކުރިމަތިލައި ނިއުޒިލޭންޑް ވަނީ ކުރި ހޯދާފަ އެވެ. އެ ގައުމުގައި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަ ފަހުން އާ ކޭހެއް ނުފެންނަތާ މިހާރު 30 ދުވަހަަށް ވުރެ ގިނަ ވެއްޖެ އެވެ.
އެ ގައުމުން ގެންގުޅުނު ސިޔާސަތު ހަރުދަނާވެފައި ވަރުގަދަ އެވެ. އެ ގައުމުން ފުރަތަމަ ކޭސް ފެނުމާއެކު އެ ގައުމުގެ އަޒުމަކީ ކާވް ތެދު ކުރުމުގެ ބަދަލުގައި ވައިރަސް އެއްކޮށް އެ ގައުމުން ނައްތާލުން ކަމަށް ޕްރައިމް މިނިސްޓަރު ޖަސިންޑާ އާޑަަން ވިދާޅުވި އެވެ.
ނިއުޒީލޭންޑްގެ ފިޔަވަޅުތަކުގެ ތެރޭގައި ގައުމުގެ ބޯޑަރު ބަންދު ކުރުމާއި، ސުކޫލާއި އޮފީސް ކެފޭތައް ބަންދުކޮށް ހަ ހަފުތާގެ ލޮކްޑައުނެއް ގެނަ އެވެ. ފްރަންްޓްލައިންގައި މަސައްކަތް ކުރާ މީހުނާއި އަސާސީ ހިދުމަތް ދޭ ތަންތަން ފިޔަވާ ހުރިހާ ތަނެއް ތަޅުލީ މައިގަނޑު ހަތަރު ލެވެލަކަށް ބަހައިލައި ފިޔަވަޅު އަޅައިގެނެވެ. އެވަރުން ވެސް އެ ގައުމުން 1154 ކޭސް ފެނުނެވެ. އަދި 22 މީހުން މަރުވި އެވެ.
ޕްރައިމް މިނިސްޓާ ޖަސިންޑާ އާޑަންއަކީ ނަމޫނާ ލީޑަރެކެވެ. އޯގާތެރިކަމާއި ހިތްތިރިކަމާއެކު ރައްޔިތުންނަށް ވިސްނައި ދެއްވީ ބަލީގެ ސީރިއަސް ކަމެވެ. ރައްޔިތުންނާއި ހިނިތުންވުމާއެކު އެކަމަނާ ދިޔައީ ބަރާބަރަށް މުހާތަބް ކުރައްވަމުންނެވެ. ޒާތީ ދިރިއުޅުމުގެ ވާހަކަ ދެއްކެވި އެވެ. އަދި ރައްޔިތުންގެ އިތުބާރު އެކަމަނާ ހޯއްދެވީ ބަލީގެ ސީރިއަސްކަން ހާމަ ކުރައްވައި މައުލޫމާތު ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް ގެނެސްދެއްވައިގެނެވެ. ރައްޔިތުންގެ އިތުބާރު ފުރަތަމަ ދުވަހުން ފެށިގެން އެކަމަނާ ހޯއްދެވި އެވެ.
އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ނިއުޒިލޭންޑް ގެންގުޅުނު އުސޫލަކީ "ބަބްލް" އެޕްރޯޗެވެ. ލެވެލް 4 ގައި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވާ އިތުރު ބަޔަކާއި ބައްދަލުވުމެއް ނެތެވެ. ހަރުކަށި އުސޫލެއް ގެންގުޅުނެވެ. މި އުސޫލުގެ ލެވެލް 3 ގައި އާއިލާއާއި އިތުރު މީހުންނާއި ބައްދަލު ކުރެވޭ ގޮތް ހެދިއެވެ.
ކޮވިޑް-19 ނައްތާލުމަށް ސިޔާސަތު ކަނޑައެޅީ މީހުންގެ ޖިސްމާނީ ދުޅަހެޔޮ ކަމާއި އެއްވަރަށް ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ވިސްނައިގެނެވެ.
ގައިދުރުކަން ބޭއްވީ މީހުންނަށް އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ވަރަށް ދޫ ދީގެންނެވެ. ރައްޔިތުން ޒިންމާދާރު ކުރުވި އެވެ. އެކަނި އުޅޭ މީހުން އިތުރަށް އެކަނިވިޔަ ނުދިނުމަށް ބާރު އެޅުއްވި އެވެ. ލެވެލް 3 ގައި އެކަނި ދިރިއުޅޭނަމަ އާއިލާގެ ކޮންމެވެސް އެއްބަޔަކާއި ދިމާވެލުމަށް ފުރުސަތު ދިނެވެ. އަބަދުވެސް ދިމާވާ އެއްބަޔަކާއި ދިމާވެވޭ ކަހަލަ އުސޫލެކެވެ. އަދި މިއީ އެމީހަކު އެމީހެއްގެ "ބަބްލް" ގައި އުޅުން ކަމުގައި ނިންމި އެވެ. އަދި މިގޮތަށް ގައި ދުރު ކަން ބެހެއްޓުމުން އިޖްތިމާއީ ގުޅުންތައް ނެތުމުގެ ސަބަބުން މީހުންނަށް ކުރާ ނަފްސާނީ ބަލިމަޑުކަމުން ރައްޔިތުން އެއްކިބާވި އެވެ.
ޕްރައިމް މިނިސްޓަރުވެސް އިޖްތިމާއީ ގައިދުރު ކުރުމުގައި މިސާލު ދެއްކެވި އެވެ. ވެލިންޓަން ސިޓީގެ ކެފޭއަކަށް އެކަމަނާ ވަޑައިގަތް ދުވަހަކީ ލޮކްޑައުން ލުއިކޮށް ކެފޭތައް ހުޅުވި ދުވަހެވެ. އަދި އިޖްތިމާއީ ގައިދުުރު ކުރުމުގެ ގައިޑްލައިންގައިވާ ގޮތުން ވަކި އަދަދަަށްވުރެ މީހުން ވަނުން މަނާކޮ ށްފައިވާ އިރު އެކަމަނާ އެކަމަށް އިހްތިރާމް ކުރައްވާ އެހެން އާއްމު ރައްޔިތެއް ގޮތުގައި ކިއޫގައި ހިދުމަތަށް މަޑު ކުރެއްވި އެވެ.
މީގެ ކުރިން ވެސް ޖަސިންޑާ އަކީ މަގުބޫލު ލީޑަރެކެވެ. އެކަމަކު ކޮވިޑް-19 އާއި ދެެކޮޅު ހަނގުރާމައިގައި އެކަމަނާގެ ލީޑަޝިޕާއި ގެންގުޅެއްވި ސިޔާސަތުތަކާއި އުސޫލުތަކުގައި ހިފެހެއްޓުމުގައި ދައްކެވި ނަމޫނާގެ ސަަބަބުން ދުނިޔެ އެކަމަނާއަށް ތައުރީފު ކުރި އެވެ.
ކުރީން ދުނިޔޭގެ ސަމާލުކަން އެކަމަނާ ހޯއްދެވީ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް މި ދިޔަ އަހަރު ދިން ޓެރަރިސްޓް ހަމަލާގައި 50 މީހުން މަރާލި ހާދިސާއިންނެވެ.
ނިއުޒީލޭންޑްގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް ނެތުމުން އެލާޓް ލެވެލް ދަށްކޮށް މަސައްކަތް ކުރަމުން ދަނީ އިގްތިސޯދަށް އެރި ލޮޅުން ކުޑަ ކުރާށެވެ. ތައްޔާރުވަނީ ބޯޑަރު އަވަށްޓެރި އޮސްޓްރޭލިއާ އަށް ހުޅުވާލާށެވެ. މިކަމުގައި ވެސް އަވަސް އަރުވާލައިގެން މުޅި ދުނިޔެއަށް ހުޅުވުމުގެ ބަދަލުގައި ގެންގުޅެނީ އިޖްތިމާއީ ގައިދުރު ކުރުމަށް އެ ގައުމުން ބޭނުން ކުރާ "ބަބްލް" އުސޫލެވެ.
ރާއްޖެއަށް ރަނގަޅު މިސާލެއް
ރާއްޖެއަށް ނިއުޒިލޭންޑުން މިސާލު ނެގޭނެ ބައިވަރު ކަންކަން އެބަހުއްޓެވެ. ނިއުޒިލޭންޑްްގެ ނޯތުއައިލޭންޑްގެ ސިޓީއެއްގައި ދިރި އުޅޭތާ 13 އަހަރުވެފައިވާ އެކުވެރި ދިވެހި އާއިލާއެއްގެ މެންބަރަކު އެމީހުންގެ އެ ތަޖުރިބާތައް ހިއްސާ ކުރި އެވެ.
ކޮވިޑް-19 އާއެކު ދުނިޔޭގެ އެކި ހިސާބުތަކުން ފެނިގެން ދިޔައީ މީހުން ހާސްވެ ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރާއިއެކު އުފެދުނު "ޕެނިކްބައިން" އެވެ.
"އަހަރުމެން އެއްވެސް ވަރަކަށް ޕެނިކް ބައި އެއް ނުކުރަން. އަހަރުމެންނަށް އޮތީ އަންގާފަ ކާބޯތަކެތި ގަންނަ އިރު ވީހާވެސް ނޯމަލްކޮށް ކަންކަން ކުރުމަށް. އާއްމު ދިރިއުޅުމުގައި ކާތަކެތި ހަފުތާއަކު ގަންނަ ގޮތަށް ހަމަ އާދައިގެ މަތިން ކަން ކުރަން. ރޯދަމަހު ކޮންމެ ހަފުތާއަކު ކާބޯތަކެތި ގަންނަން ބޭރަށް ދިއުމުގެ ބަދަލުގައި މަހަކަށްވާ ވަރަށް އެއްޗެހި ގަތިން. އެކަމު އޭގެ ކުރިން އަދި ފަހުން ކާބޯތަކެތި ގަންނަމުން އައި ކުރިން ވެސް އެކަން ކުރަމުން އައި ގޮތަށް. ފިހާރަތަކުގައި މީހުން ވަރަށް ޑިސިޕްލިން ބެހެއްޓި. ކިއޫގައި ތިބެނީ ދެ މީޓަރު ދުރުގައި. ބޭރުން އެއްވެސް ކޮތަޅެއް ވެއްދުން މަނާ. މީހަކު ހުރޭ ޑިސްއިންފެކްޓް ކުރަން. ޑީސްއިންފެކްޓްކޮށް އަތްސާފުކޮށްގެން ފިހާރައަށް ވަދެވެނީ."
މިއީ މި ރާއްޖޭގައި ވެސް ކަންކަން ކުރާ އުސޫލެވެ. އެކަމަކު ތަފާތު އެހެން ކަމެއް ފެނެ އެވެ. އެކުވެރިޔާ ބުނި ގޮތުގައި މާސްކެއް އަޅާކަށް ނުޖެހެ އެވެ.
"ލެވެލް 4 އަށް އެލާޓްގައި އެކަނި ކާއެއްޗެހި ގަންނަން ސުޕަމާކެޓަށް ގެއަކުން އެކަކަށް ދެވެނީ. ލެވެލް 2 ގައި އެކަކަށް ވުރެ ގިނަ މީހުނަށް ފިހާރަތަކަށް ދެވޭ. އަދި އާއިލާއަށް އެއްކޮށް ވެސް ދެވޭ،"
ލޮކްޑައުންގައި ލެވެލް 4 ގައި ކަންތައް ކުރި ގޮތް ވެސް އޭނާ ކިޔައިދިނެވެ:
"އަހަރެންގެ ފިރިމީހާ މަސަައްކަތުގެ ގޮތުން، އަސާސީ މަސައްކަތްތެރިއެއް ވީމާ އެނާ މަސައްކަތަށް ނުކުންނަން ޖެހުން. ދެ ކުދިންނާއެކު އަހަރެން ހުރީ ގޭގައި. ލޮކްޑައުން ކުރީ 48 ގަޑިއިރުގެ ނޯޓިސްއެއް ދީފައި. އަަހަރުމެންނަށް ތަައްޔާރުވެލުމަށް ފުރުސަތެއް ލިބުން. މިގޮތަށް ހަ ހަފުތާ ހޭދަވި. އެހެން އެއްވެސް ބަަޔަކާއި ދިމާވުމެއް ނެތް،
ލޮކްޑައުން ކުރަން ނިންމުމުން އަހަރެން އެންމެ ފުރަތަމަ ގަތީ ސީޑްސް. އެ ގަނެގެން ގޭގައި އިންދީ. ސްޕިނޭންޗް، ކޭލް، ސިލްވާބީޓް، ސްޕްރިންގް އަނިއަން އަދި މިރުސް. އަހަރުމެން ހަތަރުމައިން ގޭގައި ހޭދަކުރީ ގިނަ ވަގުތު ގަސްއިންދުމުގެ މަސައްކަތުގައި. އަލްހަމްދުލިﷲ މިހާރު ގޭގައި މި ތަކެތި ހެދިފައި ހުރީ،"
ލެވްލް 4 ގައި ނިއުޒިލޭންގް ރާއްޖެ އާއި ތަފާތު ކޮށް ކުރި އެއްކަމެއް އޮތެވެ. ކޮންމެ މީހަކަށް ވެސް ދިިރިއުޅޭ ހިސާބުގަނޑުގައި ހިނގާލަން ނިކުމެވެ އެވެ.
"ލެވެލް 4 ގައިވެސް ކޮންމެ ދުވަހަކު ވެސް ކަސްރަތަށް ހިނގާލަން ބޭރަށް ނުކުތުމުގެ ފުރުސަތު އޮތް. އަހަރެން މި ގަޑީގައި ފުރިހަމަ ބޭނުން ހިފައި ކޮންމެ ދުވަހަކު ވެސް ހިނގާލަން ނުކުތިން. އަދި ކަސްރަތުކޮށްލާ ތާޒާވައި ޖައްސާލާ ހެދިން. އޯޓަމްގެ ފަހުކޮޅާއި ބަލާ މޫސުން ވެސް އޮތީ ވަރަށް ރީތި ކޮށް." އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ނިއުޒިލޭންޑުން ގެންގުޅުނު ސިޔާސަތަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި ޕްރައިމް މިނިސްޓާ ޖަސިންޑާ އާޑަން ކޮންމެ ދުވަހަކު ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅު އަޑުއެހުމަށް އެ އާއިލާގެ ހަތަރުމައިން ވެސް ތިބެ އެވެ.
"ލޮކްޑައުންގައި ކޮންމެ ދުވަހަކު ޕްރައިމް މިނިސްޓާ އަދި ޑިރެކްޓަ ޖެނެރަލް އޮފް ހެލްތް ޑރ. އޭޝްލީ ބްލޫމް ކޮވިޑް-19 އާއި ނިއުޒިލޭންޑްގެ ހާލަތު ކިޔައި ދެެއްވި. ކޮންމެ ދުވަހަކު އާއިލާ އެއްކޮށް މެންދުރު 1:00 ޖަހާއިރު ޓީވީ ކައިރިއަށް ދަނީ. ސޯޝަލް މީޑިއާ އިން މުޅި ނިއުޒިލޭންޑް މި ވަގުތު ޓީވީ ކައިރިއަށް ޖަމާވާކަން އެނގޭ،"
ރާއްޖޭގައި ބާއްވާ ޕްރެސްއެކޭ އެއްގޮތަށް ކޮންމެ ދުވަހަކު ޕޮޒިޓިވް، ނެގެޓިވް ސްޓެޓިސްޓިކް، ކޭސަސް ކްލަސްޓާސް މި ޕްރެސްތަކުގައި ނިއުޒިލޭންޑްގައި ވެސް އެ ގައުމުގެ ސަރުކާރުން ރައްޔިތުންނަށް ދިޔައީ ހިއްސާ ކުރަމުންނެވެ.
"ނިއުޒިލޭންޑްގެ ހާލަތާއި މެދު އެމީހުންގެ ކަންބޮޑުވުން ހިއްސާކުރީ ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަށް. އުޒުރުވެރި ކަމެއް ނެތި ހެޔޮ ނިޔަތުގައި އިހްލާސްތެރި ކަމާއެކު. މިކަމުން އާއްމުންގެ ވަރަށް ބޮޑު ލޯއްބެއް އެ ފަރާތަށް ލިބުނު. ބެހެއްޓެވީ އޯގާތެރިކަން. ރިޕޯޓަރުންނަށް އޯގާތެރިކަމާއެކު ޕްރައިމް މިނިސްޓާ ވާހަކަފުޅު ދައްކަވާއިރު ނަމުން މުހާތަަބު ކުރައްވާނެ. އަދި ބައެއް ފަހަރަށް ނިދުން އަދި މީޑިއާ ވެސް އަރާމު ބޭނުން ވާނެ ކަމަށް ދަންނަވާނެ. ކޮންމެ ދުވަހެއްގެ އެ ގަޑީގައި ޓީވީ ބެލުން ވެގެން ދިޔައީ އުއްމީދާއެކު ބަލަން ބޭނުންވާ ނެޓްފިލްކްސްގެ ޝޯ އެއް ގޮތަށް،"
މިހާރު އެ ގައުމު ހުޅުވާލުލަން ކަނޑައަޅާ އެލާޓް ލެވެލް 2 ދަށްކޮށްފައިވާ އިރު އާއިލާ އާއި އިތުރު މީހުންނާއި ދިމާވުމަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
"އަހަރެންގެ އާއިލާގެ އެެހެން ބައެއް ވެސް އުޅޭ މި ތަނުގައި، އެމީހުންނާއި ދިމާވި. ލެވެލް 3 ގެ ލުޔާ އެކުވެސް އަދިވެސް ވަރަށް ރައްކާތެރި ކަމަށް ބަލައިގެން މިއުޅެނީ. ރައްޓެހިންނާއި އަދި ދިމަލެއް ނުވޭ. މިހާރު ވިޔަފާރި ކުރުމާއި މީހުން އެއްވާތަން ފެނޭ. އެކަމު ޑޮކްޓަރުން އަދިވެސް މިކަމަށް ވަރަށް ކަންބޮޑުވޭ. އެއީ އެމީހުންގެ އަމާޒަކީ ވައިރަސް މުޅިން މި ގައުމުން ނައްތާލުން ކަމުގައިވާތީ. މީހުން ގައިގޯޅިވެ އުޅުމަކީ ވައިރަސްއަށް ފެތުރުމަށް ދެވޭ ދައުވަތަކަށްވާތީ"
އެކުވެރިޔާ ބުނި ގޮތުގައި ނިއުޒިލޭންޑްގެ މި ތަޖުރިބާ އިން ވަރަށް ގިނަ ކަން ކަން ދަސްވެއްޖެ އެވެ. އަބަދު ބޭރަށް ދާކަށް ނުޖެހެ އެވެ. އަބަދު ބޭރުން ކާކަށް ނުޖެހެ އެވެ. ހާއްސަކޮށް މިނިމަލްކޮށް އުޅެން ދަސްވެއްޖެ އެވެ.
"ވީހާވެސް ކުޑަގޮތޮކަށް ފުއްދާލައިގެން އުޅެން ދަސްވެއްޖެ. ބޭކާރު އެއްޗެހި ހޯދުމަށް ދުރުހެލިވެ ތިބެން ދަސްވެއްޖެ. އަހަރެންނަކީ ވެސް ވަޒީފާއެއްގައި އުޅޭ މީހެއް. ވަޒީފާގެ ވަގުތު ހޭދަ ކުރަނީ ގެއިން މަސައްކަތް ކުރަމުން. މަސައްކަތަކަށް އެއްވެސް ބުރުލެއް ނާރާ ކުރިއަށް މި ދަނީ. ލޮކްޑައުންގައި ވަޒީފާ ވަގުތުގެ އިތުރު ވަގުތު ހޭދަކުރީ ބޮޑަށް ޕެއިންޓް ކުރުމާއި ފޮތް ކިއުމާއި ދީނުގެ ކަންކަމުގައި. ދަރިފުޅު ޔުނިވާސިޓީގައި އޮންލައިންކޮށް ކިޔެވުމުގައި،
އާއިލާއެއްގެ ގޮތުގައި އެކަކު އަނެކަކާއި ވަރަށް ބޮޑަށް ގުޅުން ބަދަހިވި. އަދި ބުނެލަން ވަރަށް ބޭނުންވޭ އަހަރެންގެ ހިތް އޮތީ ދިވެހިރާއްޖެ އަށް. އާއިލާ އާއި ގައުމަށް. އުއްމީދު ކުރަނީ އަދި ދުއާ ކުރަނީ ވެސް ދިވެހިންނަށް މިކަމުން އަވަހަށް އަރައިގަނެވޭނެ ކަމަށް"
މިއީ ނިއުޒިލެންޑްގައި ހުރި އެކުވެރިއެއްގެ ތަޖުރިބާ އެވެ. އެ މީހުނަށް މި ބަަލިން ސަލާމާތް ވެވުނީ އެ ގައުމުގެ ރައްޔިތުން ސިއްހީ މާހިރުންގެ ލަފާއާއެކު ގޭގައި ތިބެ އަތް ދޮވެ ގައި ދުރުކަން ބާއްވައި ބަސް އެހުމުންނެވެ. ނިއުޒިލޭންްޑް އިން މިސާލު ނަގައިން އަހަރުމެން ވެސް މަސައްކަތް ކުރަންވީ އެއްމެން އެއްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށެވެ.