ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

2020ގެ ތަސައްވުރު: ހިތްހެޔޮ ކުރައްޗޭ!

މީގެ އަހަރުތަކެއް ކުރިން ސްކޫލް ގައި އުޅުނު އިރު 2020 ގެ ތަސައްވަރުގެ ގޮތުގައި އެކި އެކި މޮޅު ހިޔާލުތައް ސްކޫލް މަޒުމޫންތަކުގައި ލިޔުނު ހަނދާން އެކަކު ވެސް އެބަހުރި ހެއްޔެވެ؟ އުދުހޭ ކާރާއި އެހެން ޕްލެނެޓްތަކަށް ބަލާލަން ދިއުމާއި މިހެން ގޮސް މޮޅު އެތަކެއް ހިޔާލު ހިމެނޭ ބައިވަރު މަޒުމޫނުތައް ލިޔުނީމެއް ނޫން ހެއްޔެވެ؟

އެކަމަކު މި ވިހިވިހި ދުނިޔެއާ ލައްވާލީ އެއިން އެއްވެސް ކުލައަކާ ނުލައި ބިރު ބޮޑު ބަލާއާފަތަކާއެކު އެވެ. ލިޔުނު މަޒުމޫނު ތަކުގައި ދެއްކި ވާހަކަތަކާއި ދުށް ފޮނި ހުވަންފެންތަކާއި ދިމާ އިދިކޮޅަށް ކަން ހިނގާތަން ލޯ މަތީގައި ކުރެހި ސިފަވެ، ތަޖުރިބާކުރަމުން މިއޮއް ދަނީ އެވެ.

ކޮވިޑް-19 އާއެކު ދުނިޔެ މިއޮތީ ހުއްޓިފަ އެވެ. އެއީ މަޒުމޫނުން ތަސައްވަރު ކުރިގޮތާއި މުޅިން ހިލާފަށް ހިނގައިދާ ކަމެކެވެ. ކަންކަން ބަދަލުވެގެން މި އައި ގޮތުން ދުނިޔޭގެ ތާރީހުގައި ވެސް ދިވެހިންގެ ހަޔާތުގައި ވެސް ލިޔާނެ 2020 ތަސައްވުރުގެ އެންމެ ފަހު މަޒުމޫނަކަށް ވާނީ އެކެއް އަނެކަކަށް ހިތްހޮޔޮ ކުރުމެވެ.

ކޮވިޑްގައި އެތައް ބައެއްގެ ފުރާނަ ދިޔަ ވާހަކަ އެއީ ހަމަ ނަމްބަރު ތަކެއް ނޫނެވެ. އެއީ ކޮންމެވެސް އާއިލާއަށް ނިސްބަތްވާ މީހުންތަކެކެވެ. ކޮންމެވެސް މީހެއްގެ ކޮއްކޮ އެއް ނޫނީ ދައްތައެކެވެ. މަންމައެއް އެހެންނާ މާމައެކެވެ. ކޮންމެވެސް މީހެއްގެ ބައްޕައެއް ދެން ކާފައެކެވެ. އާއިލާގެ މީހުން ވަކިވެ ދިއުމުން ލިބޭނެ ފުން ހިތާމައިން އެ އާއިލާއަށް ދުރަށް ނުދެވި އުޅެނިކޮށް ފަހަރަކު ނަމްބަރެއް އިތުރުވަމުން ދަނީ އެވެ.

އެތައް ދިމާއަކުން އެތައް ބަޔަކު މާލީ ގޮތުން ފުން އަނދަވަަޅެއްގަ އެވެ. ހީވެސް ނުކުރާ ގޮތަށް ދިރިއުޅުން ބަދަލުވެފަ އެވެ. ވަޒީފާ ގެއްލި މަގުމަތިވެފަ އެވެ. އުމުރުގެ ބޮޑުބައެއް ބުރަ މަސައްކަތުން އެއްކުރި ފައިސާއިން ހޯދި ގެދޮރު ކުލި ނުދެއްކި ރަށަށް ބަދަލުވެ އާ ފެށުމަކުން ފަށަން ޖެހިފަ އެވެ.

ކުޑަ އުޖޫރައަކަށް މަސައްކަތްކުރާ ބިދޭސީން ވެސް އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ގެނބިގެން ދިޔައީ އެވެ. ކުޑަމިނުން ބަނޑުހައިކަން ފިލުވައިލެވޭނެ ގޮތެއް ވެސް އެމީހުނަކަށް ނެތެވެ. ރަށުގައި އޮތް ދަނޑުބިމާއި ގޯއްޗާއި ހުރިހާ އެއްޗެއް ވިއްކާލާ އަނބިދަރީނަށް ކާންދޭން މަސައްކަތު އައުމުން އެ ހާލުގައި އަނބުރާ ރަށަށް ދާން މިޖެހެނީ ލާން ގެންގުޅޭ ދެތިން ހެދުން ޕްލާސްޓިކް ކޮތަޅަކަށް ލައިގެނެވެ.

ކޮވިޑް ބައްޔާއެކު އައިސޮލޭޝަންގައި އެކަނިވެރިކަމާއި ހިތްދަތިކަން ތަޖުރިބާކުރާ މީހުން ވެސް މަދެއް ނޫނެވެ. ލޮކްޑައުންގެ ހިއްޗާއި ކޮވިޑްގެ ވޭން އަދިވެސް ލޯ ކުރިމަތިން މި ދަނީ ފެންނަމުންނެވެ.

އެހެން އޮތް ނަމަވެސް އަދި ވިހިވިއްސަށް ސިފަކޮށް ލިޔުނު، އުދުހޭ ކާރުގައި ނުޅޭވުނަސް 2020 މިއީ އަހަރުމެންނަށް ހަނދާނުން ނުފިލާ އަހަރެއް ކަމުގައި ވާނެ އެވެ. މި އަހަރުގެ މާޗް މަހުގައި ގެއަށް ވަން ގޮތަށް އަދިވެސް ހަމަައަކަށް ނޭޅި މިދަނީ އޯގަސްޓް މަސް ވެސް ނިމޭށެވެ. އެއީ ތަފާތު ހަނދާންތަކަކަށް ވާނެ އެވެ.

އަހަރެމެން ލަފާކުރި ފަދަ ތަސައްވުރެއް ވިހިވިއްސަށް ނުލިބުނަސް އެކަކު އަނެކަކަށް އަޅާލައި އޯގާތެރި ބަޔަކަށް ވެވިދާނެ އެވެ. އަހަރުގެ ކުރިއަށް އޮތް ހަތަރު މަސްތެރޭ ހަޔާތަށް ބަދަލެއް ގެނެވިދާނެ އެވެ. އަދި އެހެން މީހެއްގެ ހަޔާތަށް ތަފާތެއް ހެޔޮ ބަދަލެއް ގެންނަން ނުވަތަ ހަނދާނުން ނުފިލާ ހެޔޮ ކަމެއް ކޮށްލައިދޭނެ އެހީއެއް ވެވިދާނެ އެވެ.

އެއްބަޔަކު އަނެއް ބަޔަކާއި ގުޅޭ އެކުވެރި އެއްބައިވަންތަ މުޖުތަމައުއަކަށް އާ ތަސައްވުރެއް ކަނޑައެޅިދާނެ އެވެ. ދިވެހި މުޖުތަމައަކީ އޯގާތެރި އެއްބައިވަންތަ މުޖުތަމައެކެވެ. ދިމާވާ ކޮންމެ ބޮޑު ހާދިސާއެއް އަދި ހިތާމަވެެރި ކާރިސާއެއްގައި ވެސް ދިވެހިންގެ މި ނަމޫނާ ދައްކަ އެވެ.

ދަތި ވަގުތު ދިގު ވެގެންދާ ނަމަ ކެތްތެރިކަން ކޮޅުންލައި ދެއެވެ. އަނެކާއާ މެދު އެންމެ އެދެވޭ ގޮތަށް ކަންކަން ނުކޮށް ދެވި ވެސް ދެއެވެ. އެހެންވެ މި އަހަރަކީ އިހުސާސްތައް ދެގެންނަން މަސައްކަތް ކުރަން ފަށަން ރަނގަޅު އަހަރެކެވެ. އެހީތެރިކަމެއް ފޯރުވައި ދެވެން އޮތްނަމަ އެކަން ފޯރުކޮށްދިނުން ރަނގަޅެވެ. އެއީ މި އަހަރުގެ ތަސައްވުރެއް ޝިއާރެކެވެ.

ކޮވިޑްގެ ދެވަނަ ރާޅުގައި ކޮންމެ ދުވަހަކު ސަތޭކައެއްހާ މީހުން ބަލިވާ އިރު އެއީ ވެސް އިންސާނުން ކަން ދަންނަންވީ އެެވެ. އެފަދަ އާއިލާއަށް ވެވެން އޮތް އެހީތެރި ކަމެއް ފޯރު ކޮށްދޭށެވެ. ތަށިބަރިއެއް ގެންގޮސްދޭންވީ އެވެ. އެމީހުންގެ ވާހަކަތައް އަޑުއަހާލުމަށް ވަގުތުކޮޅެއް ދޭށެވެ. ބަލީގައި ތިބި މީހުނަށް އަވަސް ޝިފާއަކަށް އަދި ދުއާ ކުރާށެވެ.

ބަލި ޖެހިފައިވާ މީހުންނާއެކު ރެއާއި ދުވާލު މިކަމުން އަރައިގަތުމަށް މަސައްކަތްކުރާ އޮފިސަރުން އަށް އޯގާތެރިވާާށެވެ. މިއިން ޒަމާނަކު ސިއްހީ ނުރައްކަލުގެ ހާލަތު މިހާ ދިގުލައިގެން ގޮސްފައި ނުވާއިރު ބައެއް ކަންކަން އަތްދަށުން ގޮސްފައި ހުންނާނެ އެވެ. އެކަމަކު ވެސް ހިތްހެޔޮ ކުރާށެވެ. މީހަކަށް ބަލި ޖެހުނަސް މަސައްކަތުގައި ތިބީ އެއްބައެކެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ލެބޯޓަރީ ޓެކްނީޝަނުންނެވެ. ދަރުމަވެރިންނެވެ. ސިފައިންނާއި ފުލުހުންނެވެ. މުޅީން ދިވެހިންނެވެ.

ގައިމުވެސް މިއީ 2020 ގައި އަހަރުމެންނަށް ކުރެވިދާނެ ކަމެކެވެ. ކުރެވޭނެ ވެސް ކަމެކެވެ. އެއީ އެކެއް އަނެކަކަށް ހިތްހެޔޮ ކުރަންވީ އެވެ. އެއްބަނޑު ތިމާގެ ރައްޓެހި ރަހުމަތްތެރި މީހުންނަށް ހިތްހެޔޮ ކުރަންވީ އެވެ. އަޅައިލަންވީ އެވެ. އަވަށްޓެރިޔާއަށް އެހީވާނީ އެވެ. މި ބަލާއާފާތް އަހަރުމެންގެ ތެރެއިން ފިލައިގެން ދާނީ އެއްމެން އެއްކޮށް ތެދުވެ ހެޔޮ ހިތަކާއެކު މަސައްކަތް ފަށައިގެނެވެ.