ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ސަރުކާރަށް އެކަނި ކޮވިޑް ކޮންޓްރޯލް ނުވާނެ: ޖަމްޝީދު

ކޮވިޑް-19 އިގެ ބަލި ހިމެނޭ ގޮތަށް ބާރަށް ފެތުރެމުންދާ ބަލިތައް ސަރުކާރަށް އެކަނި ކޮންޓްރޯލް ނުވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ހެލްތު މިނިސްޓަރު ކަން ކުރެއްވި ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިގެ ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައި ވަނިކޮށް އަނެއްކާ ވެސް ވަރަށް ބޮޑަށް ފެތުރެމުންދާ ދަނޑިވަޅެއްގައި ކުރީގެ ވަޒީރު ޖަމްޝީދު ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ސަރުކާރާ އެއް މިންވަރަކަށް ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އުޅުމާއި ދިރިއުޅުމުގެ އާންމު އާދަކާދަތައް އެސެސްކޮށް، އަޅުގަނޑުމެން ކޮންމެ މީހަކަށް އޮންނަ ދައުރު އަދާކޮށް، ބަލި ފެތުރެމުންދާ މިންވަރު ހިފަހައްޓަން މަސައްކަތް ކުރަންވީ،" ޖަމްޝީދު ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލޭން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާއެކު މުޅި ރާއްޖެ ލޮކްޑައުން ކުރި އެވެ. އޭގެ ފަހުން ބަލި ކޮންޓްރޯލް ކުރެވެން ފެށުމުން، ނިއު ނޯމަލްގެ ހަމަތަކާއެކު ރާއްޖެ ހުޅުވާލި ފަހުން އަނެއްކާ ވެސް ބަލި ފެތުރުން ވަނީ ފަށައިފަ އެވެ. ޑޮކްޓަރުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މިއީ ކޮވިޑްގެ ދެވަނަ ރާޅެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މުޅި ދުނިޔޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އިގެ 3،950 ކޭސްއެއް މިހާތަނަށް ރާއްޖޭން ފެނިފައިވެ އެވެ. އޭގެ ތެރެއިން 2،613 މީހަކު ރަނގަޅު ކުރެވުނުއިރު، މިހާރު ފަރުވާ ދެމުން ދަނީ 1،305 މީހެކެވެ. މި ބަލީގައި ރާއްޖޭން މިހާތަނަށް 17 މީހަކު މަރުވެފައިވެ އެވެ.