ކޮވިޑާއެކު އާ ހާޔަތަކަށް އަހަރުމެން ދިއުމަށް އެޅި މުހިއްމު އެއް ފިޔަވަޅަކީ ލޮކްޑައުން ލުއި ކޮށް ބޭރުގައި އުޅެވޭ ވަގުތު އިތުރު ކުރުމެވެ. މިއާއެކު ކުރީގެ އާއްމު ހާލަތަކަށް ދެވިދާނެގެ ކަމުގެ އުއްމީދު އާވި އެވެ. އެހެންޏާ ވެސް އާއްމުކޮށް ފެންނަ މަންޒަރުތައް މަގުމަތިން ފެނެ އެވެ.
ޓޭކްއަވޭ ކޮފީ އާއި، ކަސްރަތަށް ދުވުމާއި ކުޑަކުދިންނާއެކު މަގުތަކުގައި ނުކުމެ އުޅެ އެވެ. ފޮޓޯއަކަށް ނޫނީ ސެލްފީއަކަށް ނަލަ ހެދިލާ ހުއްޓިލައިގެން މީހުން ފޮޓޯ ނަގާ މަންޒަރު ފެނެ އެވެ. މިއީ މިހާރު މާލޭގެ ކޮންމެ ސަރަހައްދަކުން ވެސް އާއްމު މަންޒަރެކެވެ.
ލޮކްޑައުންއަށް ލުއި ދީފައިވާ އިރު ބޮޑެތި މަގުތަކުގެ ކަންމަތިން ފެންނަ އެއްބަޔަކު ތިބެ އެވެ. ހާއްސަ ހެދުމުގައި މި މީހުން ހަރަކާތްތެރި ވަނީ ގުރޫޕެއްގެ ގޮތުގަ އެވެ. މިއީ ރެޕިޑް ރެސްޕޮންސް ޓީމް ތަކެވެ. އެ މީހުންގެ މަސައްކަތަކީ ބަގީގައި ތިބެ، މަގުމަތިން ދާ މީހުން ހުއްޓުވާ އެމީހުންގެ ސާމްޕަލް ނަގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމެެވެ.
ނޭވާލުމުގެ ނިޒާމަށް ޖެހޭ މި ބައްޔަށް ސާމްޕަލް ނަގަނީ މީހާގެ ކަރު ތެރެއިން އަދި ނޭފަތުން ނަގާ ސްވޮބަކުންނެވެ. ނޭފަތުން ސްވޮބް ނަގާއިރު ތަދެއް ނުވެ އެވެ. އެހެން ނަމަވެސް ފެންނަ ފެނުމުގުައި ގަޔަށް ހީއްޔެއް އަރައިގެންދާ ކަހަަލަ ގޮތަކަށް ބޭއިހުތިޔާރުގައި މޫނަށް ގޮތްތަކެއް ހެދެއެވެ. މިއާއެކު މީހާގެ މުޅި އެކްސްޕްރެޝަން ބަދަލުވެ އެވެ. ބައެއް މީހުންގެ ސާމްޕަލް ދޭ ވީޑިއޯ ބަލާއިރު ހީވަނީ އަނގަޔަށް ލުނބޯއެއް ފިތާލައިގެން އުޅޭހެނެވެ.
އެހެން ކަމުން ސްވޮބް ނަގާ ފޮޓޯ އަދި ވީޑިއޯ ކުރުމަށް ސާމްޕަލް ދޭ މީހާގެ ރަހުމަތްތެރިއެއް ވަރަށް ކައިރީން ހަރަކާތްތެރިވާތަން ފެނެ އެވެ. މިއީ ރެޕިޑް ރެސްޕޮންސް ޓީމް މަސައްކަތުގައި އުޅޭއިރު އާއްމުކޮށް ފެންނަ މަންޒަރެކެވެ. ބައެއް ފަހަރަށް ރަހުމަތްތެރިޔާގެ ސާމްޕަލް ނަގާތީ ހެމުން ހެމުންގޮސް ބިނދެ އެވެ. ނޫނީ ވިއްޔާ ހިއްވަރު ދެމެން ފޮޓޯ ނަގައެވެ. އަދި ބައެއް ޒުވާނުންގެ މެދުގައި މި ސާމްޕަލް ދިނުމަކީ ވެސް ނިއު ނޯމަލްގެ މަޖާ ކަމެއްހެން ވެސް މިހާރު ހީވެއެވެ.
ކޮވިޑްގެ ކުރިން މެޑިކަލް ޓެސްޓެއް ހެދުމަށް ސާމްޕަލް އާއްމު ތަންތަނުން ނެގުން މިއީ އެހެންޏާ އަހަރެމެންނަށް ފެންނަ މަންޒަރެއް ނޫނެވެ. މެޑިކަލް ޓެސްޓްތަކަކީ މީހާގެ ވަރަށް ޒާތީ ކަމެކެވެ. ބައެއް މެޑިކަލް ޓެސްޓް ހަދަނީ އިގުރާރެއްގައި ސޮއި ކޮށްފަ އެވެ. ހޮސްޕިޓަލެއްގެ ލެބުން ނޫނީ މި ފަދަ ކަމެއް ނުވެ އެވެ. އެހެން ނަމަވެސް މި ދުވަސްވަރުގެ ފޮޓޯއަކީ މިއީއެވެ. މިއީ ކޯވިޑްގެ ތަސްވީރެވެ. މި ތަސްވީރު ވެސް ބަލަނީ ތަސްވީރު ބުނާހެނެވެ.
ގާތް ރަހުމަތްތެރިޔަކު ބުނިގޮތުގައި އޭނާ މި ޓެސްޓް ހެދި ތަން ކައިރީގައި ހުރި އަންހެނުން ނެގީ ފޮޓޯއެކަންޏެއް ނޫނެވެ. ފުލް ވީޑިއޯއެކެވެ.
"އަހަރުމެން ދެމީހުން އެއްކޮށް ބޭރުގައި އުޅެނިކޮށް ސާމްޕަލް ނެގީ. ފުރަތަމަ އަންހެނުންގެ ނެގީ. ނޭފަތުން ސްވޮބް ނަގާއިރު އެއްވެސް ތަދެއް ނުވޭ. ކުޑަކޮށް ހިރުވާ އެއްޗެއް ނޭފަތަށް އަރާކަހަލަ އިހުސާސެއްވީ"
ބައެއް މީހުން ކޮވިޑް-19 އަށް ޓެސްޓް ހަދަން ޖެހިލުން ވެއެވެ. އަދި ލިބުނު ލުޔާއެކުވެސް މަގުމަތިން ހިނގަނީ ރެޕިޑް ރެސްޕޮންސް ޓީމަށް ފިލައި ބޮނދަ ބޮނދަމުންނެވެ. މަގުމަތިން ދަނިކޮށް ހުއްޓުވާ ސާމްޕަލް ނަގާފަނެތީ އެވެ.
"ސާމްޕަލް ނެގުމަށް އެދުނީ ފިހާރައަކުން ބައިވަރު ކޮތަޅު ހިފައިގެން ގެއަށް ދަނިކޮށް. އަދި ސާމްޕަލް ދޭން ޖެހިލުންވެ ކޮތަޅުތައް ގެއަށް ލާފައި އަންނަ ކަމުގައި ބުނިން. އެކަމަކު ސާމްޕަލް ދިނުމަށް ސްވޮބް އެއް ދޭން އެއްވެސް ގޮތަކަށް ނުކެރުނު." އުމުރުން 30 މައްޗަށް ގޮސްފައިވާ އަންހެނަކު ތަޖުރިބާ ހިއްސާ ކުރި އެވެ.
"ލޮކްޑައުންގެ ފުރަތަމަ ފޭސްގައި ދިން ލުޔާއެކު އުމުރުން 80 އިން މަތީގެ މަންމަ ގޮވައިގެން ފަތިހު ހިނގާލަން ދާން ހުއްދަ ހޯދިން. އެކަމަކު މަންމަ ބުނަނީ އޭރުން އޮބި އަޅާ ސާމްޕަލް ނަގާނެ ކަމަށް" މީހަކު ބުންޏެވެ.
ބައެއް ދޮށީ އުމުރުގެ މީހުން މިކަމާއި ބިރުން މަގަށް ނުނުކުމެވެސް އެބަ ތިބެއެވެ.
ސާމްޕަލް ދޭން ޖެހިލުންވެ ބިރު ގަންނަނީ ކީއްވެތޯ ސުވާލު ކުރުމުން ބުނަނި ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ އެއްމެންނާއި އެކަހެރިކޮށް އެކަނި ތަނެއްގައި ހުންނަން ޖެހިދާނެތީ ކަމުގައެވެ. ބަލި އެނދެއްގައި އާއިލާއާއި ދުރުގައެވެ. މިކަމާއި ގަންނަ ބިރުން ފަހަރުގައި ސާމްޕަލް ދޭންވެސް ނުކުރެނީ ކަމުގައި ވެދާނެއެވެ.
އުމުރުން 60 އަހަރުގެ އެހެން މީހެއް ބުނިގޮތުގައި އޭނާ ހިނގަނީ ބަގީތަކަށް ވަރަށް ސަމާލުވެގެންނެވެ.
"ސާމްޕަލް ދޭން ބިރުގަނޭ. އެހެންވެ ވީހާވެސް އެމީހުން [ރެޕިޑް ރެސްޕޮންސް ޓީމު] ނޫޅޭ މަގުތަކުން މި ހިނގަނީ. ޖެހިލުން ވަނީ ސާމްޕަލް ދިނުމަށް. ބިރުގަންނަނީ"
އެޗްޕީއޭއިން ވެސް ވަނީ މީގެ ކުރިން ދޮށީ އުމުރުގެ މީހުން ސާމްޕަލް ހޯދުމަށް ބޭނުންވާ އެއްބާރުލުން ނުލިބޭ ކަމުގައި ބުނެފަ އެވެ. ސާމްޕަލް ދިނުމުން ޓެސްޓް ހަދާ ނަތީޖާ ފޯނަށް މެސެޖުކުރެ އެވެ. އަދި ބަލި ނެތްކަން އެމީހަކަށް ފުރިހަމަ އަށް ޔަގީން ކުރެވެއެވެ. ދޮށީ އުމުރުގެ މީހުންނަށް ވެސް އަވަހަށް ޓެސްޓް ކުރުމުން ބަލިން އަރައިގަތުމަށް ފަސޭހަ ވެއެެެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ސާމްޕަލް ދިނުމަށް އިންކާރު ނުކޮށް މިކަަން ކުރަންވީ އެވެ.