އެއް އިރެއްގައި ގޭގޭގެ ބޮޑު ގޯތި ތެރެއާއި ދިގު ފެންޑާ އޮވެ އެވެ. ގޭގޭގައި ކުދިން ދުވެލައި އުފާ ކޮށްލައި ކުޅެ، ފުމެން އަދި ދުވާނެ ވެސް ތަން އޮވެ އެވެ. އޭރު ކުދިން ކުޅެ އުޅެނީ އުފާވެރި މާހައުލެއްގަ އެވެ. އުނދޯލި ހެއްލާލައި ބަތްކައްކާ ކުޅެލައި ގަހުން ވެއްޓޭ މަދު ހޮވާ މަދެއް ފަޅާލައި ބޮލުގައި ހީނާފަތް އަޅާލައި ގޯތި މެދުގައި ހުޅެއް ޖަހައި މަހެއް ފިހެލައިގެން ކައި ވެސް ހަދާލެވި ދާނެ އެވެ. އެކަންކަން ކުރަން ޖާގަ އޮވޭވިއްޔާ އެވެ. ކަންކަންކޮށްލަން ފަސޭހަ އެވެ. ކުދިން ފޫހި ވެގެން އުޅޭކަށް ނުޖެހެ އެވެ. މިނިވަން ކަމާއެކީ އެކުދިން އަމިއްލައަށް ކުޅެއުޅެ އެވެ. އެހެން ނަމަވެސް، އަހަރުމެންގެ ދިރިއުޅުން މިހާރު މިއޮތީ ބަދަލުވެފަ އެވެ.
އޭރާ ބަލާއިރު އަހަރުމެންގެ ދިރިއުޅުން މިހާރު ހަމަޖެހިފައިވާ ގޮތުން ކުދިން ގޭގައި ބައިތިއްބައިގެން އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިހާރު ގޭގޭގައި ހަމަޖެހިލައިގެން ކުޅެލާނެ ތަނެއް ނޯވެ އެވެ. ބޭރުގައި ކުޅެލަން ބޭނުންނަމަ ދާންޖެހެނީ ކޮންމެ ވެސް ޕާކަކަށެވެ. އަދި ދެވެނީ ވެސް މަދުފަހަރަކު އެވެ. ކޮވިޑް-19 އާއެކު ގެނެސްފައިވާ ލޮކްޑައުންއާއި އެއްކޮށް އެކަން ވެސް ހުއްޓުނީ އެވެ.
އެހެންކަމުން މީގެ އަސަރު ކުދިންނަށް ކުރާނެ އެވެ. އެ ކުދިންނަށް ވަރަށް ތަފާތު އިހުސާސްތަކެއް ކުރާނެ އެވެ. ލޮކްޑައުން އާއެކު އާއްމުކޮށް އެ ކުދިންގެ އޮންނަ ޝެޑިއުލް ބަދަލުވީ އެވެ. ސުކޫލަށް ދިއުމާއި ކްލާސްތަކަށް ދިއުން އަދި ބޭރަށް ދިއުން ހުއްޓުނީ އެވެ. ގޭގެ ހަތަރު ފާރުގައި ބަންދުވީ އެވެ.
ކުޑަކުޑަ ތަންކޮޅެއްގައި އެކުދިން ގޮވައިގެން އުޅޭއިރު އެކުއްޖަކަށް ވުރެ ގިނަ ކުދިން ތިބޭނަމަ ދެ ކުއްޖެއްގެ މެދުގައި ޖެހޭ ކުދި ކުދި މައްސަލަތައް ވެސް އޮންނާނެ އެވެ. މައްސަލަތައް ހައްލު ކުރަމަށް މައިންބަފައިން ޝާމިލްވެ "ރެފްރީ"އެ އްގެ ދައުރު ވެސް ކުޅެން ޖެހިދާނެ އެވެ.
ގޭގައި ކައްކާ ކެއްކުމާއި އެހެނިހެން ކަންކަން ބަލަހައްޓަމުން، އޮފީހުން ފޮނުވާ އީމެއިލަށް ޖަވާބު ދެމުން އަދި ބަރާބަރަށް އޮންލައިން މީޓިންގްތަކުގައި ބައިވެރިވެ މަސައްކަތް ނިންމަމުން، ކުދިންގެ ކަންކަން ހަމަޖެއްސުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. މީގެ އިތުރުން މީޑިއާއިން އަންނަ ކޮވިޑް-19 އާއި ގުޅޭ އެކިއެކި ހަބަރުތަކާއެކު ހިތް ނުތަނަވަސްވެ މީހާގެ ސްްޓްރެސް އިހަށްވުރެ ބޮޑު ވެސް ވެދާނެ އެވެ. ސްކީރީން ދޮށުގައި ކުދިން ބޭއްތިއްބުމަށް ހިތް ނޭދުނަސް އެނޫން ގޮތެއް ނެތިގެން އެކަން ވެސް ކުރަން ޖެހިދާނެ އެވެ. އެކަމާހެދި ވެސް މީހާ އިތުރަށް ޕްރެޝަރު ބޮޑުވެފައި ހުރެދާނެ އެވެ.
ކުއްޖަކާއި ދިމާއަށް ބާރަށް ބަހެއް ބުނެވިދާނެ އެވެ. އަދި ފަހުން އެކަމާ ދެރަވެދާނެ އެވެ. ކުދިންނަށް މިހާރު ދުނިޔޭގައި އަދި ރާއްޖޭގައި މި ވަމުންދާ ކަންކަން ރަނގަޅަށް ނޭގިދާނެ އެވެ. ފްރަންޓްލައިންގައި މައިންބަފައިން މަސައްކަތް ކުރާ ނަމަ ލޯބިވާ މަންމަ ނުވަތަ އަބަދުވެސް ހިއްވަރުދޭ ބައްޕަ އެކުދިން އާއި ދުރުގައި ތިބެނީ ކީއްވެކަން ކުދިންނަށް ނުވިސްނި ދާނެ އެވެ. މާމާ އާއި ކާފަ އެކުދިން ދެކިލަން ނާންނަނީ ކީއްވެގެން ނޭގިދާނެ އެވެ.
އަހަރުމެންނަށް އޮތީ ކިޔައި ދިނުމެވެ. ކަންކަން އޮޅުފިލުވައި ދިނުމެވެ. ވީވަރަކުން އެ ކުދިންނަށް ފުރިހަމަ ސަމާލުކަން ދިނުމެވެ. އެ ކުދިންގެ ވާހަކަތައް އަޑުއެހުމެވެ. ކެތްތެރިވުމެވެ. އެ ކުދިންނަށް އުމުރާއި ގުޅޭ ވަރަށް ވަމުންދާ ކަންކަން ކިޔައިދިނުމެވެ. ރައްކާތެރިވުމުގެ ގޮތުން އަތްދޮވުމާއި ސެނިޓައިޒް ކުރުން އަދި ގައިދުރު ކުރުމަކީ ކޮބައިކަން ބުނެދިނުމެވެ. ފޮތް ކިޔައި ދިނުމެވެ.
މި ލޮކްޑައުންގައި ދަރިފުޅަށް ކިޔައިދިނުމަށް ރަނގަޅު ފޮތެއް ކަމުގައި ފާހަގަވި އެއް ފޮތަކީ "މަންމާ ލޯބިވޭތަ؟" މިފޮތެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި އައިމިނަތު މަފްތޫހާ ލިޔެ އައިމިނަތު ޝަރީހާން އިލަސްޓްރޭޓް ކޮށްފައިވާ މި ފޮތަަކީ 2019 ޝާއިއު ކޮށްފައިވާ ފޮތެކެވެ.
ފޮތުގައި ކިޔައިދޭ ވާހަކަ އަކީ ކުޑަ ކުޑަ ޔޫސުފް ނިދަން އޮޝޯންނަމުން އޭނާގެ މަންމައާއި ކުރާ ސުުވާލެކެވެ. "މަންމާ ލޯބި ވޭތަ؟" މަންމަ ޔޫސުފް ގާތު ލޯބިވާކަމަށް ބުނުމުން، ދެން ޔޫސުފް އަހަނީ އޭނާ ކުރާ އެކި އެކި ކަންކަމާއެކު ވެސް މަންމަ ޔޫސުފް ދެކެ ލޯބިވޭ ހެއްޔޭ އެވެ؟
ޔޫސުފް އަތުން ޖޫސް ތައްޓެއް ބަންޑުން ވީމަވެސް ލޯބިވާނެތޯ އަހަ އެވެ. އަދި ސްކޫޓަރުން މަންމަ ފައިގައި ޖެހުނީމާ ލޯވިވޭތޯ އާއި ކޮއްކޮ އާއި ތޮޅުނަސް ލޯބިވޭތޯ ސުވާލު ކުރެ އެވެ. އަދި ވާހަކައިގައި މަންމަ ޔޫސުފަށް ކިޔައިދެނީ އެކި ކަންކަން ކުރުމުން މަންމަގެ އިހުސާސްތަކާއެކު އަބަދުވެސް ލޯބިވާ ކަމެވެ.
މި ފޮތް ދަރިފުޅަށް ކިޔައި ދިނުމަށް މި ދުވަސްކޮޅު ހާއްސައީ ގޭގައި ތިބޭއިރު ކުދި ކުދި ކަން އެހެން ދިމާވި ކަމުގައި ވިޔަސް މަންމަގެ ލޯތްބަށް ބަދަލެއް ނާންނަކަން ކުދިންނަށް ކިޔައި ދެވޭތީ އެވެ. ބޮޑާހާކާލާ ވަގުތު އެހެން ބާރަށް އެއްޗެެއް ބުނަން ޖެހުނަސް އެކަމަށް "ސޮރީ" ބުނެލުމުގެ ގޮތުން ވެސް މި ފޮތް ކިޔައި ދެވިދާނެތީ އެވެ.
ކިޔުންތެރިންނަށް ފޮތެއް ކަމުދަނީ އެ ފޮތް ކިޔުންތެރިންގެ ދިރިއުޅުމާއި ގުޅުވައިލެވޭތީ އެވެ. ކުޑަކުދިން އަށް ފޮތެއް ކިޔައިދޭ އިރު އެއީ ކުއްޖާގެ އުމުރާއި ގުޅޭ އަދި ޝައުގުވެރިވާ ކަންކަން ހިމަނާފައިވާ ފޮތެއްނަމަ އެ ކުދިން ވެސް އެ ފޮތަކާއި މާ ބޮޑަށް ހިތްޖެހެ އެވެ. މާހީ މާހީގެ މި ފޮތް ކަމުދިޔައީ އެހެން ވެއެވެ.
ލިޔުންތެރިޔާ މަފްތޫހާ ފޮތާއި ގުޅޭގޮތުން ވިދާޅުވެ އެވެ:
"ކުޑަކުދިންނަކީ ގިނަ ފަހަރަށް މާ ބޮޑު ވިސްނުމެއް ނެތި ކަންކަން ކޮށްލާ ބައެއް. އަަހަރުމެންގެ ދަރީންގެ ސަބަބުން އެއްބައި ފަހަރަށް ހެވޭ، އެއްބައި ފަހަރަށް ރޮވޭ. ހިތްހަމަ ނުޖެހޭ ފަހަރާއި ލަދުގަންނަ ފަހަރުވެސް އާދޭ. އެކަމަކު މިއިން ކޮންމެ ހާލެއްގައި ވެސް އަހަރުމެންގެ ލޯތްބަށް ބަދަލެއް ނާންނަކަން ވިސްނައި ދޭންވާނެ. އަހަރުމެންގެ ލޯތްބަކީ އެއްވެސް ހާލަކަށް ބަރޯސާ ނުވާ އެއްޗެއްކަން އެ ކުދިންނަށް އިހުސާސްވާން ވާނެ. ލޯތްބާއި އަޅާލުމަކީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަން" .
ކުޑަކުދިންނަކީ ގިނަ ފަހަރަށް މާ ބޮޑު ވިސްނުމެއް ނެތި ކަންކަން ކޮށްލާ ބައެއް. އަަހަރުމެންގެ ދަރީންގެ ސަބަބުން އެއްބައި ފަހަރަށް ހެވޭ، އެއްބައި ފަހަރަށް ރޮވޭ. ހިތްހަމަ ނުޖެހޭ ފަހަރާއި ލަދުގަންނަ ފަހަރުވެސް އާދޭ. އެކަމަކު މިއިން ކޮންމެ ހާލެއްގައި ވެސް އަހަރުމެންގެ ލޯތްބަށް ބަދަލެއް ނާންނަކަން ވިސްނައި ދޭންވާނެ،އައިމިނަތު މަފްތޫހާ | ލިޔުންތެރިޔާ
ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަނީ ހާއްސަ ގުޅުމެކެވެ. އަދި ލޮކްޑައުންގައި މި ގުޅުން ފަނޑުވިޔަ ނުދީ އެ ކުދިންނަށް މީގެ އެތަކަށް ދުވަހެއް ފަހުން މި ލޮކްޑައުންގެ ހަނދާންތަކަކީ މަންމަ ނުވަތަ ބައްޕައާއެކު ހޭދަ ކޮށްލި އުފާވެރި ވަގުތެއް ކަމުގައި ހެދުމަކީ މައިންބަފައިންނަށް ވެސް އަދި ދަރިންނަށް ވެސް ލިބޭނެ ބޮޑު އުފަލެކެވެ.