ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ލޮކްޑައުންގެ އެންޒައިޓީއަށް ނަދާގެ އިރުޝާދު!

ކުރީގެ ސޮފުހާތަކުން އެނގޭ ގޮތުގައި ދިވެހިންނަކީ ތަދާއި ބަލިމަޑު ކަމާއި އުނދަގޫ ދުވަސްތަކާ ވެސް ކުރިމަތި ލާފައިވާ ބަޔެެކެވެ. ދުނިޔޭގައި އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރި، އެ ބަލިމަޑުކަން ރާއްޖޭގައި ވެސް ހަލުވިކަމާއެކު ފެތުރިގަތެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަކީ އަހަރުމެން ހީނުކުރާ ގޮތަކަށް އޭގެ އަސަރު ދިރިއުޅުމަށް ކުރި ވެސް ކަމަކެވެ. ވައިރަހުގެ ބާރުގައި ދިރިއުޅުމުގައި އަހަރުމެން ގެންގުޅުނު އެތަކެއް އާދައެއްގެ މި ފުށް އެ ފުށަށް ޖަހާލައިފި އެވެ.

އުންމީދީ ވިހިވިހީގެ ތަސައްވަރުތަކާއެކު ޕްލޭންގައި ހިމެނި އެތައް ކަމެއް ކެންސަލްވީ އެވެ. އާއްމުކޮށް އުޅޭ ޝެޑިއުލްއަށް ވެސް ބަދަލުގެންނަން ޖެހުނީ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ހުއްޓުމަކަށް އައީ އެވެ. ދަރިން ސްކޫލަށް ފޮނުވުން ހުއްޓާލަން ޖެހުނީއެވެ. މަސައްކަތަށް ނުކުތުން ހުއްޓުމަކަށް އައީ އެވެ. ކުޑަމިނުން ދުވަހުގެ ވަރުބަލިކަން ފިލުވާލާން މަސައްކަތް ނިންމާލާ އާދެވެފައިވާ ކޮފީތަށި ބޯލަން ދިއުން ވެސް ހުއްޓުނީ އެވެ.

ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑާއެކު ދަންނަ ތިމާގެ މީހުން އަދި އަވަށްޓެރިންގެ ގެތައް ކަމާބެހޭ ފަރާތުން ލޮކްޑައުންކޮށްލީ އެވެ. އިއްޔެ ޒަރޫރީ ކަމެއްގައި ވަން ފިހާރަ މިއަދު ހުންނަނީ މޮނިޓަރިން ހާލަތުގަ އެވެ.

މި ދަނޑިވަޅެއްގައި ސްޓްރެސް އާއި އެންޒައިޓީ އިތުރުވެގެން ހަނދާނެ ގޮތް ހުސްވެފައި ބައެއް މީހުން ތިބުން އެކަށިީގެން ވެއެވެ. އެހެންވި މިއީ "ތިބާ ސައިކޮލޮޖީ" ގެ ކޯ ފައުންޑާ މެންބަރު އަދި ސައިކޮލޮޖިސްޓް ނަދާ ޝަރީފްގެ އިރުޝާދުގައި ހިފަންވީ ވަގުތެވެ.

1
 

ވީހާވެސް ބޮޑަށް ގުޅުންތައް ދެމެހެއްޓުން

ފޯނާއި މެސެޖުން އަދި އެހެނިހެން އޮންލައިން ގޮތް ގޮތުން އެކަކު އަނެކާއި ވީހާވެސް ބޮޑަށް ގުޅުން ބޭއްވުން މިދުވަސްވަރު މުހިއްމެވެ. އެކަކު އަނެކަކުގެ ހާލުބަލައި ވީހާވެސް އެއްބައިވަންތަވާންވީ އެވެ. އޭރުން އެކަނި ދިރިއުޅޭ މީހަކަށް ވިއަސް އޭނާގެ އެކަނިވެރިކަން އިހްސާސް ނުކުރެވޭނެ އެވެ. އަޅައިލާ ބަޔަކު ތިބިކަން އިހުސާސް ކުރެވޭނެ އެވެ.

2
 

ރަނގަޅު ރޫޓިންއެއް ގެންގުޅުން

ނިދުމާއި ކެއުމާއި ކަސްރަތު އަދި ސެލްފްކެއާ ހިމެނޭ ރަނގަޅު ރޫޓީންއެއް ގެންގުޅޭށެވެ. އެއްވެސް ކަހަަލަ ރޫޓީންއެއް ނެތް ނަމަ ނެގަޓިވް ތިންކިން އަދި އެންޒައިޓީ އިތުރު ވެއެވެ. އެހެން ނަމަވެސް އަބަދު އެއްކަމެއްކޮށް އެއްގޯސްވާހެން ހީވަންޏާ ރޫޓީން ބަދަލު ކޮށްލާށެވެ.

3
 

އަބަދު ނޫހަށް ގެއްލިފައި ނީނުން

މީޑިއާގައި ހިމެނޭ ނޫސްތަކާއި ޓީވީ/ރޭޑިއޯ އިން ފޮނުވާ ކޮންމެ ހަބަރެެއް ކިޔާ ބަލައި އަޑު އެހުމުގެ ބަދަލުގައި ސައްހަ މައުލޫމާތު ގެންނަ އެއް ނޫހެއް ފޮލޯ ކުރާށެވެ. ހާލަތާއި ގުޅޭ އަޕްޑޭޓް މުހިއްމުވާއިރު އެންޒައިޓީ ހުންނަ މީހެއްނަމަ ދުވާލެއްގެ މައްޗަށް އެއްފަހަރު އަޕްޑޭޓެއް ހޯދުން އެންމެ ރަނގަޅެވެ.

4
 

ކޮންމެ ދުވަހަކު ވެސް ޝުކުރުވެރި ވުން

ކޮންމެދުވަހަކު ވެސް ޝުކުރު ވެރިވާންވީ އެވެ. އަމިއްލަ މީހާއަށް ނުކުރެވި ހުންނަ ކަންކަމަށް ފޯކަސް ކުރުމުގެ ބަދަލުގައި ލިބިފައިވާ ނިއުމަތްތަކަށް މާތް ﷲ އަށް ޝުކުރުވެރިވާންވީ އެވެ. މިގޮތުން ކުރެވިދާނެ ފަސޭހަ އެއް ކަމަކީ ގްރެޓިޓިއުޑް ޖާނަލްއެއް ގެންގުޅުމެވެ. އަދި ކޮންމެ ދުވަހަކު ވެސް ޝުކުރުވެރިވާ ކަންކަން މީގައި ލިޔެލާނީ އެވެ.

5
 

ޑީޕް ބްރީތިން ޕްރެކްޓިސް ކުރުން

ކޮންމެ ދުވަހަކުވެސް ތިނެއް ނޫނީ ފަސް މިނެޓު ނޭވާލުމުގެ ކަސްރަތު ނުވަތަ ޑީޕް ބްރީތިން ހަދަންވާނެ އެވެ. މި ކަސްރަތު ކުރާއިރު، މިސާލަކަށް ފުންކޮށް ނޭވާއެއް އެތެރެއަށް ލާ އިރު ބަނޑުފުއްޕާލަން ވާނެ އެވެ. އަދި ނޭވާ ލާ ހިނދު ހަތަރަކާ ހަމައަށް ގުނާށެވެ. އެއަށް ފަހު ހަތް ސިކުންތަށް ނޭވާ ހިފަހައްޓާލުމަށް ފަހު ދެން ނޭވާ ބޭރަށް ލާ އިރު އަނެއްކާ ވެސް ހިތުން އަށަކާއި ހަމައަށް ގުނަމުން ބަނޑު ވެސް ތިރިއަށް ދޫކޮށްލާށެވެ.

މިގޮތަށް ނޭވާ ލާއިރު ބަނޑު، ނޭވާލުމާއިއެކު މައްޗަށް ތިރިއަށް ރަނގަޅަށް ދޭތޯ ޔަގީން ކުރަން އޮށޮވެލައިގެން ބަނޑުގައި އަތް ބާއްވާލެވިދާނެ އެވެ، ފުންކޮށް ނޭވާލުމުގެ މި ކަސްރަތަށް ކޮންމެ ދުވަހަކުވެސް މިނެޓްކޮޅެއް ދޭށެވެ.

6
 

އިހުސާސްތައް ހިއްސާ ކުރުން

މާ ބޮޑަށް ކަންކަމާއި ހާސްވެ ބިރުގަންނަ ނަމަ މި އިހުސާސްތައް ހިފެހެއްޓުމުގެ ބަދަލުގައި ލިޔާށެވެ. އެހެން ނޫންނަމަ ކޮންމެވެސް އިތުބާރު ކުރެވޭ ގާތް މީހަކާއި ހިއްސާ ކުރާށެވެ. މިގޮތަށް އިހުސާސްތައް ބޭރު ނުކޮށް ހިފެހެއްޓުމަކީ މީހާގެ އެންޒައިޓީ އިތުރުވާ ކަމެކެވެ. އަދި އިހްސާސްތައް ހިއްސާ ކުރުމުން ބިރުގަތުމާއި ހާސްވުމުން ދުރުވެވޭނެ އެވެ.

7
 

ވިސްނާ ގޮތް ބަދަލު ކުރުން

އަހަރުމެންގެ ހިޔާލުތަށް ވަރަށް ފަސޭހައިން "ދެންވާނީ ކިހިނެއްތޯ؟" އާ ދިމާލަށް ދެއެވެ. ދެން "އެހެން ވެސް ވެދާނެ، މިހެންވެސް ވެދާނެ" މިހެން ގޮސް ނެގެޓިވް ހިޔާލުތަކެއްގެ ތެރެއަށް މީހާ ވެއްޓެ އެވެ. ނަމަވެސް، މިީގެ ބަދަލުގައި ވިސްނުން ތިމާއަށް ކޮންޓްރޯލްވާ އަދި ކަނޑައެޅިގެން އެނގޭ ކަންކަމުގެ ތެރޭގައި ބެހެއްޓުން ރަނގަޅުވާނެ އެވެ. މުސްތަގުބަލުގައި ވެދާނެ ކަންކަމުގެ ބަދަލުގައި ހިޔާލުތައް ބަހައްޓަންވީ އެމީހަކަށް ކަނޑައެޅިގެން އެނގޭ ކަންކަމުގަ އެވެ.

8
 

އެހެން މީހުންގެ ފަރާތުން އެހީއަށް އެދުން

އެކުވެރިންނާއި އާއިލާގެ މީހުންގެ ފަރާތުން އެހީއަށް އެދޭށެވެ. ޕްރޮފެޝެނަލެއްގެ އެހީ ބެނުންވާ ނަމަ އޮންލައިންކޮށް ސައިކޯސޯޝަލް އަދި ކައުންސެލިން ތެރެޕީ ފޯރުކޮށްދޭ ބައިވަރު ފަރާތްތަށް ތިބެ އެވެ. އެފަރާތްތަކާއި ގުޅޭ އެފަދަ އެހީ ހޯދާށެވެ.