ކޮވިޑް-19 ގެ ބަލާއާފާތުން ދިވެހިން އިޖްތިމާއީ ގުޅުންތަކަށް ހީވެސް ނުކުރާ ބޮޑު ބަދަލެއް ގެނުވައިފި އެވެ. ކޮވިޑް-19 ފެތުރުނު ނުދޭން މީހުން އެއްވެ އުޅުން މަނާ ކުރީ އެވެ. އެކެއް އަނެކަކާއި ގައިދުރު ކުރަން ޖެހުނީ އެވެ. އަތާއި އަތްޖޯޑުކޮށް ސަލާން ކުރުމާ ދުރުވީ އެވެ. ޖަމާއަތު ނަމާދެއް ނެތެވެ. އެންމެ ފަހުން މި ގެނައި ލޮކްޑައުނަކާ ހަމައިން އެއްކޮށް ގެއިން ބޭރަށް ފިޔަވަޅެއް އަޅައި ލެވެން ވެސް ނެތީ އެވެ.
ރާއްޖެއިން ކޮވިޑް-19 ގައި ހަތަރު މީހަކު މަރުވެފައިވާ އިރު އެމީހުންގެ ޖަނާޒާ ކަންކަން ކުރިއަށް ދިޔައީ ވެސް ތަފާތު ގޮތަކަށެވެ. އެ މަންޒަރު ވެސް އަހަރުމެންނަށް އޮންލައިންކޮށް ފެނުނެވެ. ދިވެހިންގެ ސަގާފަތުގައި އޮންނަ ގޮތުން ދުރުތާ ތިމާގެ މީހަކަސް ރައްޓެއްސަކު ނިޔާ ވިއަސް ވަރަށް ގިނަ ބަޔަކު އެ މީހާގެ މޫނު ބަލަން ދާނެ އެވެ. އާއިލާއަށް ހިތްވަރު ދިނުމަށް ސަހަރާއަށް ގޮސް ޖަނާޒާގައި ބައިވެރިވާނެ އެވެ. އަދި އެއްބަޔަކު އަނެއްބަޔެއްގެ ހިތާމާއިގައި ބައިވެރިވުމަށް އެ ގެއަކަށް ޒިޔާރަތް ކުރުން ވެސް އޮވެ އެވެ.
އެކުވެރިއެއްގެ މާމަ ނިޔާވީ މި ލޮކްޑައުންގަ އެވެ؛ އޭނާ ބުނިގޮތުގައި އޭނާގެ މާމަ ނިޔާވެގެން މޫނު ބަލަން ޖެހުނީ އޮންލައިންކޮށެވެ. ކަށުނަމާދު ކުރާ ތަަނާއި މޫނު އެޅާތަން ބަލާލަން ޖެހުނީ ސްކްރީނަކުންުނެވެ.
"ވަރަށް ދެރަވޭ. އެކަކު އަނެކަކަށް ހިތްވަރުދޭން ބައްދަލެއް ނުވޭ. އާއިލާގެ އެކި މީހުން އެކި ގޭގައި އުޅޭތީ ނުދެވޭ" އޭނާ ބުންޏެވެ.
ގާތްމީހަކު ނިޔާވުމުން ލިބޭ ފުން ހިތާމައިގެ ވަގުތަކީ އެހެން މީހުންގެ އެހީތެރިކަމާއި މަދަދު އެންމެ ބޭނުންވާ ވަގުތެވެ. ބޭނުން ވަނީ ކޮންމެވެސް މީހެއްގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޯށެވެ. އާއިލާއަށް ލިބޭ ހިތްދަތިކަމުގެ ވަގުތުގައި ކެތްތެރިވާން ހިއްވަރު ދޭށެވެ. މި ލޮކްޑައުންގައި އޮތީ އޮންލައިންކޮށް މޫނު ބަލާލައި ކެތްތެރިވުމެވެ. ވާޗުއަލްކޮށް އޮންނަ ޖަނާޒާ އާއި ހިތާމަވެރި ވަގުތުތައް އެހާ ކަމު ނުގޮސްދާނެ އެވެ.
އެކަމަކު އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުން ކިހިނެއް ވާނެބާ އެވެ؟ އެކަން އަޖުމަ ބަލައިލައިފިންތަ؟ ކިރިޔާ ތަނަކަށް ތަދުވެ ކަމެއްވާ އިރަށް އެންމެ އަަވަހަށް މިސްރާބު ޖަހަނީ ހޮސްޕިޓަލަކަށް ނޫނީ ކްލިނިކަށް ގޮސް ޑޮކްޓަރެއްގެ ލަފަ އަށެވެ.
ބައެއް ފަހަރު މެމޯ ހަދަން ކިއުއެއްގައި އެތައް އިރެއްވެ އެވެ. އަދިގޮސްގެން ނޫނީ ނުހެދޭ މި މެމޯ އާއެކު ޑޮކްޓަރަށް މަޑު ކުރުމަކީ އުނދަގޫ ކަމަކެވެ. ވެއިޓިން ރޫމްތަކުގައި އުނދަގޫ ގޮނޑިއެއްގައި އިށީނދެ އިނދެގެން އެތައް އިރެއްވާ އިރުވެސް އަދި ޑޮކްޓަރަށް ނުދެއްކި ހިނގައި ދެއެވެ. ކިއުގެ އިންތިޒާމަށް ކަމޭ ނުހިތާމީހުންނާއި ހެދި އިތުރު ލަސްތަކެެކެވެ. އެހެންކަމުން ޑޮކްޓަރަކާއި ބައްދަލުކޮށް މަޝްވަރާކޮށްލަން ގިނަ ވަގުތުތަކެއް ހިނގައިދާނެ އެވެ.
ކޮވިޑް-19 ގެ ބިރާއެކު އެންމެ ދާން ޖެހިލުންވި އެއްތަނަކީ ހޮސްޕިޓަލްތަކެވެ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަކަށްވީ ކޮންމެހެން ދާން ނުޖެހޭނަމަ ނުދިއުމާއި އޮންލައިން ކޮންސަލްޓޭޝަނެއް ހަދާލުމަށެވެ. އޮންލައިން ކޮންސަލްޓޭޝަންގެ ތަޖުރިބާ ޔަގީނުން ވެސްް ފަސޭހަ ވެގެން ދާނެ އެއްބަޔަކު އެބަތިއްބެވެ.
އަތޮޅުތަކުގެ ތެރެއިން ސްޕެޝަލިސްޓެއްގެ މަޝްވަރާ ހޯދާލަން ބޭނުންވެފައިތިބި މީހުންނެވެ. ރަށްރަށުން ޑޮކްޓަރަށް ދައްކަން މާލެ އައިސް ކުލީ ކޮޓަރިއެއްގައި ތިބެފައި ޑޮކްޓަރަކަށް ދެއްކުމަށްވުރެ އޮންލައިން ކޮންސަލްޓޭޝަން އެތައް ފަސޭހަ ވާނެ އެވެ. ހޭދަވާ ފައިސާ އާއި ހޭދަވާ ވަގުތު މަދުވާނެ އެވެ.
މާލޭގައި ދިރިއުޅޭނަމަ ގޭގެ ސިޓިން ރޫމުގެ ސޯފާގައި އިންދާ ޑޮކްޓަރު ގުޅާލަނީ ފޯނަށެވެ. ޑޮކްޓަރާއި ވާހަކަ ދައްކާލާ އިރު އެހެންޏާ އާއްމުކޮށް ޗެކްކޮށްލާ ބްލަޑް ޕްރެޝާ އާއި ޖައްސާލާ ހުންކަށިގަނޑު ވަޗުއަލްކޮށް ޖައްސައި ނުލެވުނަސް ތަޖުރިބާކާރެއްގެ ހިޔާލު ބައްޔާއި މެދު ހޯދޭނެ އެވެ. ބައްޔަށް ޑައެގްނޯސްއެއްކޮށްލާ ބޭހެއް ލިޔެލާ ވައިބަރު ކޮށްލުމާއި އެކި ބޭސް ހޯދުމަށް އުޅެންވީ އެވެ. ޑޮކްޓަރަށް ދެއްކުން ކޮންމެ ވެސް ވަރަކަށް ހިތަށް ފަސޭހަވީ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވި ގޮތުގައި އޮންލައިން ކޮންސަލްޓޭޝަން އަށް މަޑުމަޑުން މީހުން އެބަ ހޭނޭ އެވެ.
"އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް މީހުން އެބަ ހޭނެ. އެކަމަކު މިއީ މިހާރު އޮތް ހާލާތާއި ގުޅޭގޮތުން ހަމަޖައްސައިފައި އޮތް ގޮތެއް. ލޮކްޑައުން ނިމުމާއެކު އޮންލައިން ވަކި ގޮތެއް ނިންމުމާމެދު ވިސްނަން ޖެހެނީ" އޭނާ ވިދާޅުވި އެވެ.
ހަޔާތުގެ ސަފުހާތަކުގެ ތެރެއިން އަބަދު ވެސް ހަނދާނުގައި ބަހައްޓަން ބޭނުން އެއް ކަމަކަށް ކައިވެންޏެއް ކުރާ ދުވަސް ވާނެ އެވެ. ކައިވެނީގެ އުފަލުގައި އާއިލާއާއި ރަހުމަތްތެރިން އަދި އަވަށްޓެރިން ބައިވެރި ކުރަން ބާއްވާ ޕާޓީ އެއީ ހަނދާނުން ފޮހެވެން ބޭނުންވާނެ ދުވަހެއް ނޫނެވެ.
ކޮވިޑް-19 އާއިއެކު މާލޭގައި ކައިވެނި ކޮށްދިނުން ބަދަލުވީ އޮންލައިންކޮށެވެ. ކައިވެނީގެ އުފާ ފާޅުކުރުން އަދި ތަހުނިޔާ މެސެޖު މިއޮތީ އޮންލައިންކޮށް ކުރާ ކޯލްތަކުންނެވެ.
އާއްމު ދިރިއުޅުމުގައި އޮންލައިންކޮށް ފޯނު ބިލު ނުވަތަ ކަރަންޓް ބިލް ދައްކާލުން އަހަރުމެންނަށް އާއްމެވެ. ނަމަވެސް، އޮންލައިންކޮށް ގޭބިސީތަކަށް ބޭނުންވާ ހުރިހާ އެއްޗެެއް ގަތުމަކީ އަހަރުމެންގެ ކުރީގެ އާދައެއް ނޫނޭވެ. އެއީ ފިހާރައަށް ކޮންމެހެން ގޮސްގެން ނޫނީ މީގެ ކުރިން ނުވާނެ ކަމެއް ކަމަށް ދެކުނު ކަމެކެވެ. ކޮވިޑް-19 އާއެކު އޮންލައިން ވިޔަފާރިިއަށް ޑިމާންޑް ބޮޑެވެ. އަދި ޑިމާންޑް ބޮޑު ވެގެން ދިޔައީ ވިޔަފާރިވެރިން ކެތް ނުވާވަރަށެވެ. މީގެ ކުރިން އެ ޑިމާންޑެއް އަތުވެދާނެ ކަމަކަށް މަދު ބައެއް ނޫނީ ތައްޔާރު ވެފައެއް ނުވެއެވެ.
ވެބްސައިޓްތަކާއި އޯޑަރިން އެޕެއް ތައްޔާރަށް ނެތް ހާލަތެއްގައި މިކަން ކުރުން އުޅުމުން އެކި ކަހަލަ މައްސަލަތަކާއި ދިމާވި އެވެ. އޮންލައިންކޮށް އޯޑަރު ކުރުން ވެގެން ދިޔައީ ޒަމާނުންސުރެ ކަންކުރަމުން އައި ގޮތަށް ބޮޑު ބަދަލަކަށެވެ.
އޮންލައިން އޯޑަރުކުރުން ވެެގެން ދިޔައީ ބޭނުން ޖެހުނީމާ ކަންމަތީ ފިހާރަތަކަށް ވަދެ ގަނެލާހާ ފަސޭހަ ކަމަކަށް ނޫނެވެ. އޮންލައިންކޮށް ގެންނަ އެއްޗެހި ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ޑިސްއިންފެކްޓް ކުރަން ވެސް ޖެހުނީ އެވެ. މިއީ ކުރިން ކަންކުރަން އައިގޮތާއި ބަލާއިރު ތަކުލީފެކެވެ.
ކޮވިޑް-19 އިގެ މޫތަށް ރަށުތެރެއަށް ފެތުރި އޮންލައިން ދިރިއުޅުމަކަށް ދިރިއުޅުން ބަދަލު ކޮށްލަން ޖެހުނު މި ހާލަތުގައި އަހަރުމެންނަށް އެތައް ކަމެއް ދަސްވެއްޖެ އެވެ. ކުރިން އަހަރުމެންނަށް މުހިއްމުވި ކަންކަން މިހާރު މުހިއްމެއް ނުވެއެވެ. ޖަނާޒާގައި ބައިވެރިވުން މުހިއްމުވީ އިރު ކައިވެންޏަށް ބޮޑު ޕާޓީއެއް މުހިއްމު ނުވިއެވެ. ބަލި ފަސޭހަ ކުރަން ހޮސްޕިޓަލަށް ދިއުމަށްވުރެ ގޭގައި ހުރެ ލިބޭ ޝިފާ މުހިއްމުވީ އެވެ. ފިހާރަތަކަށް ގޮސް ކޮންމެ އެއްޗެއްގައި އަތްލާ ހޯދާ ބަލައިގެން ގަަތުމަށްވުރެ އޮންލައިންކޮށް އޯޑަރު ކޮށްލުމުގެ ޕްލޭނެއް އޮތީއްޔާ އެކަން ފަސޭހަވީ އެވެ.
މިގޮތަށް ކުދި ކުދި ކަންކަން އޮންލައިންކޮށް ކޮށްލަން ފަސޭހަ ވިޔަސް އަހަރުމެންގެ އެއްބަޔަކު އަނެއް ބަޔަކާ އޮންނަ ގާތްކަމާއި، އިޖްތިމާއި ގުޅުންތަކަށް ބޮޑެތި އަސަރެއް ވަނީ ކޮށްފައިކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ.