ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ފަގީރުކަމުން ރަށް ސަލާމަތްވާނީ މަހަށް ފުރައިގެން!

ރާއްޖޭގެ ގިނަ ރަށްތަކަކީ މީގެ ދިހަ ވަރަކަށް އަހަރުގެ ކުރިއަށް ބެލިއަސް އިގްތިސޯދީ ގޮތުން މާބޮޑު ހަރަކާތެއް ނެތް ތަންތަނެވެ. ނަމަވެސް ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރި ފެށުމާއެކު ރަށްތަކަށް ތިޔައިގިކަން އާއްމުވި އެވެ. އާއިލީ ވިޔަފާރިތަކުގެ ގޮތުގައި ގެސްޓްހައުސްތައް ހުޅުވި އެވެ. ޓޫރިސްޓުން ރަށުގައި ވިޔަފާރި ކުރަމުން ދިއުމާއެކު ކަންމަތީ ފިހާރަތަކުގެ ސޭލްސް އުފުލުނެވެ. ނަމަވެސް މުޅި ދުނިޔޭގެ އިގްތިސޯދު "ހެއިނައްތާލި" ކޮވިޑް-19 ގެ ބަލާއާފާތާއެކު ޓޫރިޒަމް ހީނަރުވުމުން ރަށްރަށުގެ ކުދި އިގްތިސޯދުތަކަށް ވަނީ ހީނަރުކަން އައިސްފަ އެވެ. މިހާރު ޓޫރިޒަމާ ގުޅުންހުރި އެއްވެސް ކަމަކުން ޖީބަށް ފައިސާ ފޮއްޗެއް ލިބޭނެ ގޮތެއް ނެތެވެ.

މިހާރު ހޯދަން ޖެހިފައި އެ ރަށްތައް ފަގީރުނުވެ، ސަލާމަތް ކުރެވޭނެ އަވަސް ގޮތެވެ. ރަށްރަށުގެ އިގްތިސޯދު ބޮޑު ހީނަރު ކަމަކަށް ވެއްޓިގެން ގޮސް އެންމެ ބޮޑުވަރު ނުވާނެ ފޯމިއުލާއެއް ހޯދުމެވެ. އެކަހަލަ ފޯމިއުލާއަކީ ކޮބައި ހެއްޔެވެ؟ މިހަލަ ދަނޑިވަޅެއްގައި އެ ގޮތަކީ ކޮބައި ހެއްޔެވެ؟

"ދަނޑުވެރިކަން ފެށިއަސް ހިނގައި ގަންނަން ދުވަސް ނަގާނެ. އެކަމަކު މަސްވެރިކަން އެބަ ކުރެވޭ މިހާރު ވެސް އެހެންވެ، އެބަޖެހޭ މަސްވެރިން ހޭލުންތެރި ކުރުވައިގެން، އެހީތެރި ވެގެން ދޯނި ފަހަރު މަހަށް ފުރުވަން. މަސްވެރިކަން ކުރިއަރުވަން،" ރާއްޖޭން ޔޫރަޕަށް އެންމެ ގިނައިން ބޮޑު ކަންނެލި ބޭރު ކުރާ އެއް ކުންފުނި ކަމަށްވާ އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވިދާޅުވި އެވެ.

ކޮވިޑަށް ފަހު "ނިއު ނޯމަލް" ގައި އިގްތިސޯދު ހުޅުވާލިއަސް، ގެސްޓްހައުސް ތަކަށް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވެނީ ވަރަށް ފަހުން ނޫނީ އެންމެ ފަހުންނެވެ. ސަބަބަކީ މި ވިޔަފާރި ރަށުގެ އާއްމު އާބާދީއާ ގުޅުން ބޮޑުވުމެވެ.

ކޮވިޑަށް ވެކްސިނެއް ހޯދުން ނޫނީ މި ބަލީގެ ބިރު ފިލައި ދިޔަކަމުގެ ކަށަވަރުކަން ލިބިގެން ނޫން ގޮތަކަށް މި ވިޔަފާރި ހުޅުވައެއް ވެސް ނުލާނެ އެވެ. އެހެންވެ އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ދިވެހިންގެ ގިނަ ބަޔަކަށް އާމްދަނީއެއް އިތުރު ކުރެވޭނެ އެއް ގޮތަކީ މަސްވެރިކަން އަލުން ރަނގަޅަށް ދިރުވުމެވެ. ކަންނެލި މަސްވެރިކަމާއި ކަނޑު މަހާއި ފަރު މަސްވެރިކަން ފުޅާ ކޮށްގެންނެވެ. މަސް ގަނެވޭނެ ރަނގަޅު ގޮތްގޮތް ހޯދައިގެނެވެ. މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ އެފިޝެންޓް އިންތިޒާމު ތަކެއް ހަމަޖައްސައިގެނެވެ.

ޓޫރިޒަމް އާއްމު ހާލަތަށް ދިއުމާ ހަމައަށް ވެސް ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ފަގީރުނުވެ، ސަލާމަތް ވާނެ އެއް ގޮތަކީ މި އެވެ. އެހެން ނޫނީ ދެން އޮތީ، ސަރުކާރުން އެތައް ބިލިއަން ރުފިޔާއެއްގެ އެހީގެ ޕެކޭޖު ތަކެއް ނެރުމެވެ.

އޭގެ ބަދަލުގައި އިގްތިސޯދީ ނަޒަރަކުން ބަލާއިރު އެންމެ ފައިދާ ހުރި ގޮތަކީ މަސައްކަތް ކުރަންތިބި ބަޔަކު ނެރެ މަސައްކަތުގައި ޝާމިލް ކުރުވުމެވެ. އެހެންވެ، މިހާރު ޕްލޭން ހަދަންވީ ނިއުނޯމަލްގައި ޓޫރިޒަމް އޮންނާނެ ގޮތެއް ރޭވުން އެކަންޏެއް ވެސް ނޫނެވެ. އަވަސް ފިޔަވަޅު ތަކެއްއަޅައި މަސްވެރިކަން ދިރުވޭނެ ޕްލޭން ތަކެއް ވެސް އަވާ ކުރަހަން އެބަޖެހެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ދަށުގައި އޮތުމުން މަސްވެރިން ތެލަށް ކުރާ ހޭދަ ކުޑަ އެވެ. އެހެންވެ މި ވަގުތު ވެސް އޭގެ ފައިދާ ނަގަން އަވަސްވެ ގަންނަން އެބަ ޖެހެ އެވެ.

މަސްވެރިކަމަށް އެހީ ވެގެން އެކަން ވަރުގަދައަށް ދިރުވި ދާނެ ހެއްޔެވެ؟ މަސްވެރިކަމުގައި މިހާރު ކިހާ ބަޔަކު އުޅޭ ހެއްޔެވެ؟

މިހާރުގެ ހަމައެކަނި އިގްތިސާދީ ހަރަކާތް

ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މަސްވެރިކަން ކުރާ އާބާދީ ބޮޑުތަނުން ކުޑަވެގެން އަދިވެސް ނުދެ އެވެ. ރާއްޖޭގައި މަސްވެރިކަމުގެ މަސައްކަތުގައި 17،000 އެއްހާ މީހުން އަދިވެސް އެބަ އުޅެ އެވެ. މިއަދަދަކީ ޓޫރިޒަމް ސިނާއަތުގައި ދިވެހިން އުޅޭ އަދަދާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. އެއީ އަދި ގެސްޓްހައުސް ފުޅާވުމާއެކު މަހަށް ނުކުންނާނެ ބަޔަކު ނުވެ އެތައް އޮޑިއެއް ފަޅުގައި އަޅާފައި އޮތުމާވެސް އެކު އެވެ.

އަޅާފައިވާ އޮޑިތަކުގެ އޮޑިވެރިންނަށް އެހީވެ މަހަށް ނުކުނަން ވަގުތު ދޭންވީ އެވެ. ބޮޑެތި ލޯނު ނަގައިގެން ތިބި އޮޑިވެރިންނަށް ލުއި ދޭންވީ ވަގުތަކީ މިއީ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ 95 ޕަސެންޓް ހިއްސާއަކީ މަހާއި މަހުން އުފައްދާ ބާވަތް ތަކެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ މަހުގެ އެކްސްޕޯޓް 13 ޕަސެންޓް ދަށްވި އެވެ. ނަމަވެސް 158 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

މިދިޔަ އަހަރު ރާއްޖޭން ބޭރުކުރި މަހުގެ ތެރެއިން 29 ޕަސެންޓް އެކްސްޕޯޓް ކޮށްފައި ވަނީ ރޯމަހުގެ ގޮތުގައި ތައިލެންޑަށެވެ. ޖަރުމަނާއި އިނގިރޭސިވިލާތާއި ފްރާންސް ފަދަ ގައުމުތަކުގެ ބާޒާރު ތަކަށް ދަޅު މަހާއި ޕައުޗް ނުވަަތަ މަސް ޕެކެޓާއި ބޮޑު ކަންނެލި ވެސް އެކްސްޕޯޓް ކޮށްފައިވެ އެވެ. މިދިޔަ އަހަރު އެކްސްޕޯޓް ދަށްވި ނަމަވެސް މަސްވެރިންނަށް ވަނީ ކުންފުނި ތަކުން ބޮޑު އަދަދުތަކުން ފައިސާ ދީފަ އެވެ. އެ ފައިސާ ގޮސްފައި ވާނީ ސީދާ އާއިލާތަކަށެވެ. ނޫނީ ރަށްރަށުގެ އިގްތިސޯދީ ދާގަނޑުގެ ތެރެއަށެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް އެކަނި ބަލައިލި ނަމަ އެވްރެޖު ގޮތެއްގައި ކަޅު ބިލަމަސް ރޮލާ ކިރުވާ މަސްވެރިންނަށް އަހަރަކު 800 މިލިއަން ރުފިޔާ ވަރު ދޫކުރެ އެވެ. އަދި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒަށް ބަލާނަމަ މިދިޔަ އަހަރު މަސްވެރިން ނަށް 280.7 މިލިއަން ރުފިޔާ ވަނީ ދިނެވެ. އަދި މި އަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާ ވަނީ ދޫކުރި އެވެ.

ރަނގަޅު އާމްދަނީއެއް ލިބޭ

މަހަށް ގޮސްގެން ކިހާ ވަރެއްގެ އާމްދަނީއެއް ލިބޭ ހެއްޔެވެ؟ ކަޅު ބިލަ މަހުގެ މަސްވެރިކަމަށް ބަލާނަމަ މަސްވެރިކަން އެންމެ ދަށް ދުވަސްވަރު ވެސް، އެއް ޓަނާއި 15 ޓަނާ ދެމެދުގެ އަދަދަކަށް ދޯންޏަކުން މަސް ބާނަ އެވެ. އެހެންވެ މި ވަރުން ބަލާނަމަ 20 ނޫނީ 25 މީހުން އުޅޭ ދޯންޏެއްގެ ފަޅުވެރި އަކަށް ހަފުތާއަކު 3،000ރ. އާއި 15،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބެ އެވެ. ރާއްޖޭގައި އަހަރުގެ މެދުތެރޭގައި އަންނަ މަސްވެރިކަން ރަނގަޅު ދުވަސްވަރު ދޯންޏަކުން އެވްރެޖު ގޮތެއްގައި 15 ޓަނާއި 18 ޓަނުގެ މަސް ބާނަ އެވެ. އަދި މަސްވެރިކަން އެންމެ ރަނގަޅު ދުވަސް ދުވަހު 20 ޓަނު ވެސް ބާނަ އެވެ.

މަސްވެރިކަން އެންމެ ރަނގަޅު ދުވަސް ދުވަހު މ،ަސް ބާނާނަމަ މަސްވެރިއަކަށް ހަފުތާއަކު 20،000ރ. ވަރު ލިބިފައި އެބަހުއްޓެވެ. މިއީ އެވްރެޖު ގޮތެއްގައި މަސް ދުވަހަކަށް ބަލާނަމަ 80،000ރ. ގެ އާމްދަނީ އެކެވެ. އެހެންވެ މިއީ މިނިމަމް ވޭޖު، ނުވަތަ އަސާސީ މުސާރައަށް ކަނޑައަޅަން ނިންމާފައިވާ އަދަދަށް ވުރެ ވެސް މާމަތީ އަދަދެކެވެ. އަދި ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކަށް އެވްރެޖު ގޮތެއްގައި ލިބޭ މުސާރަ އަށް އެކަނި ބަލާނަމަ ވެސް ބޮޑު އަދަދެކެވެ.

ދެން އޮތީ ކަންނެލީގެ މަސްވެރިކަމެވެ. ކަންނެލި މަސްވެރިން އާމްދަނީ ބަހަނީ ތިން ދުވަހުންނާއި ހަފުތާ އަކުންނެވެ. އާއްމު ގޮތެއްގައި ތިން ޓަނާއި ހަ ޓަނު ވަރު ދޯންޏަކުން ބާނަ އެވެ. އަދި ކަންނެލީގެ އަގު ރާއްޖޭގައި އާއްމު ގޮތެއްގައި ހުންނަ ވަރުން ބަލާނަމަ މަސްވެރިއަކަށް ތިން ދުވަހުން ނޫނީ ހަފުތާއަކުން 10،000ރ. އާއި 15،000ރ. ގެ އާމްދަނީއެއް ލިބެ އެވެ. އެހެންވެ މިއީ ވެސް މަސް ދުވަހަށް ބަލާނަމަ ބޮޑު އާމްދަނީ އެކެކެވެ.

މަސްވެރިންކަމުން މި ވަރުގެ ރަނގަޅު އާމްދަނީއެއް ލިބޭއިރު މިކަން ދިރުވަން މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ މަސްވެރިކަމަށް ޒުވާނުން އެބަ ނުކުމެ އެވެ. އެހެންވެ، ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ ހަމައެކަނި މަސައްކަތުގެ ގޮތުގައި މަސްވެރިކަން ވެފައިވާއިރު، މިކަން ދިރުވަންވަން މަސައްކަތް ކުރަން އެބަޖެހެ އެވެ.

މާކެޓު ގެއްލުނަ ނުދޭން ހިތްވަރު ބޭނުންވޭ

ކޮވިޑަށްފަހު، ދުނިޔޭގެ ބާޒާރުގައި ކަންނެލީގެ އަގު އުފުލެން ފަށާފައިވާ ކަމަށް، މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ވަނީ ބުނެފަ އެވެ. އެހެންވެ، ދިވެހި ފިނި ކުރި ބޮޑު ކަންނެއްޔަށް ޔޫރަޕުގައި އޮތް ޑިމާންޑް މަތިވަމުން ދިއުމާއެކު، މަސް ގަންނަ ކުންފުނި ތަކުން ވަނީ ރާއްޖޭގައި މަސް ގަންނަ އަގު ވެސް މަތިކޮށްފަ އެވެ. ކޮވިޑުގެ ހާލަތު ފެށުނުއިރު ބޮޑު ކަންނެލި ކިލޯއެއް 25ރ. އަށް ހުރި ނަމަވެސް މިހާރު ކަންނެލި ގަންނަނީ ކިލޯއެއް 60ރ. އަށެވެ. އެހެންވެ މިއީ މަސްވެރިންނަށް ލިބިގެން ދާނެ އިތުރު ހިތް ވަރަކަށްވާނެ އެވެ.

އެންސިސް ކުންފުނީގެ އެމްޑީ ވަސީމް ވިދާޅުވި ގޮތުގައި ޔޫރަޕު ހުޅުވި ނަމަވެސް މަސް އެކްސްޕޯޓް ކުރެވޭނެ މަތިންދާ ބޯޓުތައް މަދުވުމަކީ ހުރަހެކެވެ.

"ދަޅު މަހުގެ ޑިމާންޑު ވެސް ބޮޑު. ކަންނެލީގެ ޑިމާންޑު ވެސް އެބައޮތް. އެކަމަކު ފްލައިޓް ނެތީމަ ދަތިވަނީ. މި އަންނަ މަދު ފްލައިޓުން މަސް ކޮޅެއް ފޮނުވަނީ. އެކަމަކު މަސް ނުލިބުމުގެ މައްސަލަ ބޮޑު. ފްލައިޓް އަންނަން ވާއިރަށް އެކަށީގެންވާ ވަރަށް މިހާރު މަހެއް ނުލިބޭ. އެހެންވެ މަސްވެރިން މަހަށް ނުކުންނަން ހިތްވަރު ދޭން އެބަޖެހޭ،" ވަސީމް ވިދާޅުވި އެވެ.

މަސް ނުލިބެނީ މަސްވެރިން މި ދުވަސްވަރު މަހަށް ނުނުކުންނާތީ އެވެ. މީގައި މި ދުވަސްވަރު މޫސުން ވެސް ހުރަކަށްވެ އެވެ. އަނެއް ހުރަހަކީ ކޮވިޑް-19 އާ ގުޅިގެން ހިތުގައި އުފެދިފައިވާ ބިރުވެރި ކަމެވެ. އެކަމަކު ބޭރުގެ މާރުކޭޓަކީ ހަމައެކަނި ދިވެހި މަހަށް ހުސްކޮށް އޮންނަ ތަނެއް ނޫނެވެ. ރާއްޖެ އިން މަސް ނުލިބޭނަމަ އެ މާކެޓުތައް ގެއްލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެހެންވެ މިހާރު މަސްވެރިން ވެސް އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރަން އެބަ ޖެހެ އެވެ. މިހާރު މަހުގެ އަގު ރަނގަޅު ދުވަސްވަރު މަސައްކަތް ކުރުމަކީ ރަނގަޅު އާމްދަނީއެއް ވެސް ލިބޭނެ ގޮތެކެވެ. މިއާއެކު ރަށްރަށަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމަށް ކޮންމެ ވެސް ލުޔެއް ވެސް މިކަމުން ލިބިގެން ދާނެ އެވެ. ރަށު އިގްތިސޯދުގައި ދައުރު ކުރާ ފައިސާ އިތުރު ވާނެ އެވެ. ރަށްތައް ފަގީރު ނުވެ ހިފަހައްޓާލެވިދާނެ އެވެ.