ހަވީރު ގަޑީ ކޮންމެ ދުވަހަކު ވެސް ދަރިފުޅާއެކު ބެލްކަންޏަށް ނުކުންނަމެވެ. އެ ދުވަހަކު ހެދި ކްރާފްްޓެއް ހިފައިގެން ބެލްކަންޏަށް ނުކުތުމަކީ ކުރިން ވެސް އަހަރުމެންގެ އާދައަކެވެ. މި ކޮވިޑް އައިސް އަހަރެމެން، ގޭ ބަންދު ކުރުމުން ޕާކްގައި ކުޅޭށާއި މާލެ ވަށައި ބުރެއް ޖަހާލާށައި ފިހާރައިން ބަނަހެއް ގަނެލައި ކާލާށާއި ވައިޖައްސާލައި ހީނ މަޖާކޮށްލައި ސަކަރާތް ގަންނަން ވެސް އަހަރެމެން ނުކުންނަނީ މި ކުޑަކުޑަ ގޭގެ ހިމަ ހިމަ ބެލްކަންޏަށެވެ.
ހުޅަނގު ފަށައި ރޯނު ނަކަތުގެ ވިއްސާރައާ ހަމައަށް އާދެވިފައިވާއިރު ވައިވެސް މި ހުންނަނީ ވަރަށް ބާރު ވެފަ އެވެ. ވައި ފަހި ކަމުން ގައުމީ ދިދައެއް ހިފައިގެން ވައިގެ ތެރޭ ދިދަ ވިހުރުވައިލާން ބެލްކަންޏަށް ނުކުންނަން ދަރިފުޅު އެދުނެވެ. ދަރިފުޅުގެ ބޭނުމަކީ ދިވެހި ދިދަ މިނިވަން ވަޔާ ކުޅޭ މަންޒަރު ބަލައިލާ އަހަރެންގެ ފޯނުން ފޮޓޯއެއް / ވީޑިއޯކޮޅެއް ނެގުމެވެ.
ދެމައިން ބޭނުން ވެގެން ދިދަ ހިފައިގެން ބެލްކަންޏަށް ނުކުތް ތަނުން އައި ވައި ރޯޅިއެއް، އެ ދިދަ ދަމައިގަނެ އެއްލާލައިފި އެވެ. އަހަރުމެން ދެމައިންނަށް ވެސް ގޮތް ހުސްވެގެން މަތީގައި ބަލަން ތިބެވުނީ އެވެ.
މި ގެ މި ހުންނަނީ ލޮކްޑައުންކޮށްފައިވާ މި މާލޭގެ މައި އެއް މަގަށް ކަމަށްވާތީ މެދު ނުކެނޑި އަބަދު ވެސް ވެހިކަލްތައް މި މަގުން ދުއްވަ އެވެ. މީހުން ވެސް އުޅެ އެވެ. މަގު އެކަށް ހުސްކޮށް ފެންނަނީ ހާލުން ހާލުންނެވެ. ނުކިއްސަރަށް އައި ވައި ރޯޅިއެއް ދަރިފުޅު އަތުން ޖަހައިގަތީ ގޭތެރޭގައި އަހަރެމެން ދެމައިން ވެސް ހިތާ އެންމެ ކައިރި ކޮށްގެން އުޅޭތާ އެތައް ދުވަހެއްވެފައިވާ ފެހިރާތާއި ހުދު ހަނދުފަޅީގެ ދިވެހި ދިދަ އެކެވެ.
ވަޔާ ގެންދިޔަ ދިދަޔަށް ބަލަން ބެލްކަނީގައި ދެމައިން ތިއްބާ ދެތިން މީހަކު އެ ދިދަ ހުރަސްކޮށް އަޅައިވެސް ނުލާ ހިނގައްޖެ އެވެ. ހަތަރު ވަނައަށް ދިދަ ހުރަސް ކުރީ ކިރިޔަ ކިރިޔާ ދިދައަށް ނޭރޭ ހިސާބުން ދިޔަ ސައިކަލެކެވެ. އޭގައި ތިބީ ގައުމީ ދިފާއީ ބާރުގެ ސިފައިންގެ ދެ މީހެކެވެ. ދިދަ ފަހަށްލައި އެ މީހުން ތަންކޮޅަކަށް ގޮސްފައި ސައިކަލު މަޑުކޮށް ހަރުޖައްސާލައި ފަހަތުގައި އިން މީހާ ފައިބައިގެން ގޮސް ވަރަށް އިހުތިރާމާއި ލޯތްބާއެކު އެ ދިދަ ނެގި އެވެ.
ސިފައިންގެ އެ އެމީހާ ސައިކަލް އަނބުރާލީ އަހަރެމެން ދެމައިންގެ ދިދަ -- އޭނާގެ ވެސް ދިދަ -- ބިންމަތީ އޮންނާން ކަމު ނުދިޔައީ އެވެ. ދިވެހި ގައުމީ ދިދަޔަށް ކުރާ އިހުތިރާމާއި އެ ދިދަައިން ރަމްޒު ކޮށްދޭ ގައުމަށް އޮތް ގަދަރާއި އިތްޒަތާ ހެދި އެވެ.
ލޯތްބާއެކު އެ އޮފިސަރު ބިންމަތީން އެ ދިދަ އަތަށް ނެގިއިރު އޭނާއަކަށް ބެލްކަނީގައި ތިބި އަހަރެމެންގެ ދެމައިންނެއް ނުފެންނާނެ އެވެ. އެކަމަކު އަހަރެންގެ ދަރިފުޅު އިޝާރަތް ކޮށްލުމުން މަތި ބަލާލާފައި އޭނާ ދިދަ ގެނެސްދިނެވެ. ގައުމިއްޔަތުގެ ޝުއޫރު އެހެން މީހުނަށް ވުރެ ސިފައިންގެ ވަރުގަދައޭ ބުނަނީ އެހެން ވެގެން ކަން އަހަންނަށް ވިސްނިފައި އޮތްނަ އޮތުން އެ ވަގުތު މުޅީން ޔަގީން ކަށަވަރު ކުރެވުނެވެ.
އަހަރެމެން ދެމައިންގެ އަތުން ވަޔާ ދިޔަ، އެ ދިދަ، ސިފައިންގެ މީހާ ނަގައި ދިނުމުން އަހަރެން ދަރިފުޅު އެއްސެވެ:
"މާންމާ އެވެ. އަހަރެންގެ ދިދަ ނަގަން އެހީވީ އެއީ ކާކު ހެއްޔެވެ؟"
އަހަރެންގެ ހިތަށް އެރީ މިހެނެވެ؛ ބަލާއާފާތަކަށް ވެފައި މިވާ ކޮވިޑް-19 ލައްވާލުމުން ގައުމީ ހިދުމަތަށް ނުކުމެ އާއިލާއާ ދުރު، ފްރަންޓްލައިންގައި މަސައްކަތް ކުރާ އެތައް ބަަޔަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް އެމީހުން އެ ތިބީ ގައުމަށްޓަަކައި ފުރާނަ އަތްމައްޗަށް ލައިގެން ވަރުގަދަ އަޒުމެއްގަ އެވެ. ގައުމީ ޖޯޝްގައި އެންމެ ފަހު މީހާއާއި ޖެހެންދެން ވެސް ހިދުމަތުގައި ދެމިތިބޭށެވެ. ނުރައްކަލުގެ ތެރޭގައި ހުރި ސިފައިންގެ އެ މީހާ ބޭނުންވީ ދިވެހި ދިދަ ކޮޅަށް ހުންނާށެވެ. ވަޔާއެކު ވިހުރި ވިހުރި ހުންނާށެވެ.
ދަރިފުޅު ގާތުގައި އަހަރެން ބުނީ މިހެނެވެ: "އެއީ އަހަރެމެންގެ ފަހުރެއް ކަމަށްވާ ސިފައިންގެ މީހެކެވެ!"
އަހަރެމެން ދެމައިން މިހެން ބެލްކަނީގައި ތިބޭއިރު އެކަހަލޭވެސް ބައިވަރު މީހުން ފެނެ އެވެ. އެއްވެސް އަމިއްލަ އެދުމެއް ނެތި މި ގައުމަށް ހިދުމަތް ކޮށްދޭން ނުކުމެ ތިބޭ މީހުނެވެ. ފްރަންޓްލައިން ހީރޯއިންނެވެ. ތަފާތު އެކި ހައިސިއްޔަތުގެ ތޮފީގަ އެވެ.
ބެލްކަނީގައި ތިއްބާ "އެ އޮތީ ޕިކަޕެކޭ" ދަރިފުޅު ބުނެލައިފި އެވެ. އަހަރެން ބަލައިލި އިރު މި ގޭ ކައިރީ ބިދޭސީންގެ ބަޔަކު ދިރިއުޅޭ ގޭ ދޮރުމައްޗަށް ޕިކަޕެއް ކައިރިކޮށްފައި އޮތެވެ. ދެ ޓަނު ހަމަވާވަރުގެ އެ ޕިކަޕް ގެ ފަހަތުގައި އޮތީ ކޮތަޅު ކޮތަޅަށް އަޅާ ބަންދު ކޮށްފައިވާ ކާ އެއްޗެއްސެވެ. ޕިކަޕުން ޒުވާނަކު ފައިބައި ކާތަކެތީގެ ކޮތަޅުތަކެއް އެ އެގޭގެ ބިދޭސީންނާނާ ހަވާލު ކުރި އެވެ. އެ ކޮތަޅުތަކާ ހަވާލުވި ބިދޭސީ މީހާ އުފަލުން އުޅުނު ގޮތުން އަހަރެން ދަރިފުޅު އަހައިލީ "އެ ބޭބެ އެހެރީ އުފާވެފައި ދޯ" އެވެ.
ކާނާ ހިފައިގެން ދިޔަ ޒުވާނާއަށް ބޭރު މީހާ ޝުކުރު އަދާ ކުރާ ތަން ފެނުނެވެ. އެކަކު އަނެކަކަށް އަޅައިލާ ލޯތްބާއެކު މުއާމާލާތް ކުރި މަންޒަރު އަހަރެމެން ދެމައިންނަށް ރީއްޗަށް ފެނުނެވެ. އަހަރެންގެ ހިތަށް އެރީ މިކަހަލަ ހީރޯއިންގެ ވާހަަކަ ޓީވީ ރޭޑިއޯ އާއި ނޫސްތަކުން ގިނައިން ނުދައްކަނީ ކީއްވެބާވައޭ އެވެ. މިފަދަ ޒުވާނުންނަށްޓަކައި އަހަރުމެން ފަހުރުވެރިއެއް ނުވަމުން ހެއްޔޭ އެވެ. ކަށިން ހިއްވަރު ނެރެ ދަރުމައަށްޓަކައި މަސައްކަތް ކުރާ މީހުންގެ ވާހަކަ އަހަރެމެން ނުދައްކާނަމު ހެއްޔެވެ؟
އަހަރެންމެން ދެމައިން މިހެން ބެލްކަނީގައި ތިބޭއިރު އެމްބިއުލަންސްތައް މަޑުނުޖެހި ކޮޅުކޮޅަށް ދުވެ ދެއެވެ. އެމްބިއުލާންސްންތައް އަވަދިނެތި އެއްކޮޅުން އަނެއް ކޮޅަށް އެ ދުއްވަނީ ފިންޏަށް ނޫން ކަމާއި އެއީ ހިދުމަތުގައި ކުރާ ދަތުރެއް ކަން ދަރިފުޅަށް ވިސްނޭނެ ގޮތަށް ދެފަހަރަކު އަހަރެން ކިޔައި ވެސް ދީފީމެވެ.
ކޮވިޑް މި ރަށުތެރޭ ފެތުރުމުން ރެޕިޑް ރެސްޕޮންސް ޓީމުތައް ހަރަކާތްތެރިވަނީ އަލާމާތެއް ކިރިޔާ ރިޕޯޓްކުރާ މީހެއްގެ ވިއަސް ސާމްޕަލް ނަގާށެވެ. އަދި ބަލިޖެހިފައި ހުރެދާނެހެން ހީވާ ނަމަވެސް އެމީހަކު ހޯދައި ސާމްޕަލް ނެގުމުގައި ސަމާލުވެ އެވެ. ރައްކާތެރި ހެދުން އަޅައިގެން ހުންނައިރު އެމީހަކީ ކާކު ކަން އެހެން މީހުނަށް ނޭގިދާނެ އެވެ. ނަމަވެސް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އޭނާ ދޭ ހިދުމަތަކަކީ އަހަރުމެން އެމީހުންނަށް ޝުކުރުވެރި ވާން ޖެހޭނެ ކަމެކެވެ.
ދަރިފުޅަށް އަހަރެން ބުނެ ދިނީ އެ ހިދުމަތްތެރިންނަކީ ބަތޮލުންގެ ގޮތުގައި ދުށުމަށެވެ. ކިތަންމެ ޒަމާނެއް ވިޔަސް އެ ހިދުމަތްތެރިންނަށް އޮތް ލޯތްބާއި ގަދަރު އިހުތިރާމް ހިތުގެ ފުނުގައި ބާވައިގެން ދަރިފުޅު ދިރިއުޅޭށޭ އެވެ.
ވާހަކައިގައި ތިއްބާ އެހެންލައިގެން ދިޔަ އެސްޓީއޯގެ ބޭރު މުވައްޒަފުންތަކެއް ދަރިފުޅު ދައްކައިފި އެވެ. ރަށާއި އާއިލާ ދޫކޮށް ބޭރު ގައުމެއްގައި އައިސް ތިބި މި ވަގުތަކީ ބޮޑުވެގެންވާ ބަލިމަޑުމަކެއް މި ރަށުތެރެއަށް ފެތުރިގަނެގެން އުޅޭ ރައްކާތެރި ކަމެއް ނެތް ވަގުތެކެވެ. ހާސް ކަމާއި ބިރުވެރިކަން އެމީހުންގެ ހިތުގައި އޮންނާނެ ކަން ޔަގީނެވެ. އެކަމުވެސް އެމީހުން ތިބީ އަހަރެމެން ދިވެހިންނަށް ހިދުމަތް ކުރުމުގައި އަތުކުރި އޮޅައި އަރުވާ ޖަހައިގެނެވެ. އެ ބަރު ކާޑު ބާސްތާތައް ކޮނޑުޖައި ފިހާރަތަކަށް އުފުލައި ދެނީ އެވެ. ވަރުބަލިވުމެއް ނެތި ގުއް ކިޔާފައި އެ މަސައްކަތް ކުރަނީ އަހަރުމެން އެންމެނަށް ބޭނުންވާނެ ކާބޯތަކެއްޗަށް ޖެހުނަ ނުދޭން އަޒުމު ކަނޑައަޅައިގެނެވެ.
މިތާނގައި މިހެން އެމީހުނާ ދިމާއަށް ބަލަހައްޓައިގެން އިނދެ އަހަރެން ދަރިފުޅަށް މި ކިޔައި ދެނީ އެވަރު ބޮޑު ބަރާއި ބުރަ ވޭނުގައި އުފުލައިގެން އެ މީހުން މަސައްކަތް އެ ކުރަނީ ދަރިފުޅާއި މަންމަ އާއި ބައްޕައާ އެހެން އެންމެނަށް ހިދުމަތް ކޮށްދޭށޭ އެވެ. އެ މަސައްކަތްކުރާއިރު އެ މީހުނަށް އަޅާލައި ހެޔޮ ބަހެއް ނޫން އެއްޗެއް ބުނުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެއޭ އެވެ.
އިއްތިފާގަކުން ހަމަ އެ ގަޑީގައި ފެހި ހެދުމުގެ ވެމްކޯ މުވައްޒަފަކު ވެސް އަރަމެން ދުށީމު އެވެ. ދާ ހިއްލާ ފޯވެފައިވާ ދޮށީ އުމުރުގެ އެ މީހާ ރޯދަ މަހު ހަވީރުގެ މި ވަގުތުގައި އޭނާއަށް ވުރެ ބޮޑު ކުނި ޓައްޕެއް ދަމަމުން ދިޔައިރު މޫނުމަތީން ފެންނަނީ ވަރުބަލި ކަމެވެ.
އޭނާގެ ކިޔަމަނުގައިވާ ބޮޑު އެ ކުނި ޓައްޕާއެކު އޭނާ ވެސް އެދަނީ މި ގައުމަށް ހިދުމަތެއް ކޮށްދެމުންނެވެ. އެގޮތުގައި އޭނާ ކޮންމެ ދުވަހަކު ދަލާ ފޯވާން ތައްޔާރަށް ނެތިއްޔާ މާދަމާ މި ރަށް ކުނި ވާނެ އެވެ. މާލެ ގޮނޑަކަށް ވާނެ އެވެ. ޑެންގީ އެހެންނާ ކޮންމެވެސް އެހެން ބަލިމަޑުކަމެއް ފާވާނެ އެވެ. މިހާރު ކޮވިޑް އުޅޭއިރު ކުނީގެ ސަބަބުން އިތުރު ބަލިމަޑުކަމެއް ފެތުރުނު ނުދިނުމަށް އަދި އަހަރެމެން ދެމައިން ފަދައިން ގޭ ބަންދުވެފައިވާ އެންމެންގެ ނުކުޅެދުންތެރި ކަމަށް ހައްލެއް ހޯދައި ދެނީ އޭނާގެ ވެސް ވަރަށް ބުރަ މަސައްކަތުންނެވެ. އަހަރެމެންގެ މި ގައުމުގެ "ފެހި ފެހި އާޒާދީ" އަކީ އޭނާ އާއި އޭނާގެ އެކުވެރިން ނޫން ހެއްޔެވެ؟
މި ބެލްކަނީ އަހަރެމެން ދެމައިންގެ މެދު ލައްކަ ގިނަ ވާހަކަ އަބަދުވެސް އޮވެ އެވެ. އެކަމަކު މިފަހަރު މިވީ އެހެންނާ ނުވާ މުޅިން އާ ގޮތެކެވެ؛ ދަރިފުޅު ގާތުގައި އަހަރެން ބުނާންވީ އެއްޗެއް ދަރިފުޅު އަހަރެންގެ ގާތުގައި ބުނީ އެވެ.
"މުޅީން ހީރޯއިން ދޯ!"
އާނއެކެވެ. އެއީ އަހަރުމެންގެ -- ހީރޯއިން -- ބަތޮލުންނެވެ. އެ މީހުން އަހަރުމެންގެ ހީރޯއިންނަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ދިމާވާ ކޮންމެ ކަމެއް، ހާދިސާއެއް އަދި ކާރިސާއެއްގައި އަތުކުރި އޮޅާލައި މަންމަ އާއި ދަރިފުޅު ރައްކާތެރިކޮށް ހިމާޔާތް ކޮށްދޭން މޭ ދިއްކޮށްލައިގެން އެ މީހުން ނުކުންނަނީ ގައުމު އިސް ކޮށްގެނެވެ. ހިތުގެ އެންމެ ފުނުން ވާންވާނީ އެފަދަ ބަތޮލަކަށެވެ. ޝުކުރުކުރަންވީ އެ މީހުންގެ ބުރަ މަސައްކަތުން އަހަރުމެންނަށް މިހެން ގޭގެ ބެލްކަނީގައި ހަމަޖެހިލައިގެން ތިބެވޭތީ އެވެ.
އިރުއޮސް ފުހޭން ދާތީ އަހަރެން އަތް ދިއްކޮށްލީމެވެ. ދަރިފުޅު އަހަރެންގެ އަތުގެ އިންގިއްޔެއްގާ ހިފި އެވެ. ބެލްކަނީން ގޭތެރެއަށް ވަންނާން އަހަރެމެން ދެމައިން ހިނގައިގަތީ ގެންގުޅުނު ދިވެހި ދިދަ މޭމަތީން ވާތްފަރާތާ ކައިރިކޮށްލައި މި ގައުމުގެ ބަތޮލުންނަށް އޮތް ލޯބި ބުނެލައިދެމުންނެވެ. -- ވަރަށް ލޯބިވޭ