ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ހަލުއި ކަމާއެކު ފެތުރިގަތް ކޮވިޑް-19 އިގެ ބަލާއާފާތް ދިވެހިންގެ މުޖުތަމައުގެ ތެރެއަށް ފެތުރިގެނަގެން މިއުޅެނީ މިދިއަ މަހުގެ 15 އިން ފެށިގެނެވެ. މިކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ބަރަކާތްތެރި ރޯދަ މަސް އައިސް އެ މަސް ވެސް ދެބައި ވެގެން މި ދިޔައީ އެވެ. އެހެންވެ މި ފަހަރުގެ ރޯދަ މަހުން އަހަރުމެންނަށް ކުރެވެމުން މިދަނީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. މި ރޯދަ މަހަކީ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ އަދި އެހައި ތަފާތު ވެސް ރޯދަ މަހެކެވެ. މި ރޯދަ މަހަކީ ރޯދަމަހެއް ހެން ހީވެސް ނުވާ ރޯދަ މަހެކެވެ.
ކޮވިޑް-19 އާއެކު ދިރިއުޅުމުގެ އެއްމެހާ ކަންކަން ބަދަލު ކޮށްލަން ޖެހުނީ އެވެ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަކަށްވީ ބަލި ވީހާ ވެސް ބޮޑަށް ކޮންޓްރޯލްކޮށް ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ހިނގައިދާނެ ހުރިހާ ކަމަކަކުން ދުރުވުމަށެވެ. އޭގެ ސަބަބުން އަހަރުމެނަށް ރޯދަ މަހުގެ ރޫހު އިހުސާސް ކުރެވޭ އެތައް ކަމެއް ޖެހުނީ އިހަށް މަޑުޖައްސައިލާށެވެ.
ޖަމާއަތުގެ ނަމާދު
ރޯދަ މަހަކީ އަހަރެމެންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ދީނީ ކަންކަން ރަނގަޅަށް ކުރަން ހިތު ނިޔަތް ގަނެ އެކަން ކުރާ މަހެކެވެ. މުލަ ރޯދަ ދުވަހު މާލޭގެ މިސްކިތްތައް އާއްމުކޮށް ފުރި މަގުތަކުގައި ސަފު ހަދައިގެން ޖަމާއަތުގެ ނަމާދުގެ ދަރުމަ ހޯދަން ވެސް ވަރަށް ގިނަ ބަޔަކު އަވަސްވެ ގަނެ އެވެ. މިފަހަރު އަހަރުމެން ވަނީ އެ ޖަމާއަތުގައި ނަމާދު ކުުރުމުގެ ނިއުމަތުން ވެސް މަހުރޫމްވެފަ އެވެ.
ރޯދަ ވީއްލުމާއި އެކީ މިސްކިތުގައި ތަރާވީސް / ތަރާވީހު ނަމާދު ކުރަން ފަހަކަށް އައިސް ގިނަ އަންހެނުން ވެސް މިސްކިތަށް ދެއެވެ. ޖަމާއަތުގައި ރޭ އަޅުކަން ކުރުމުގެ ބޭނުމުގަ އެވެ. ތަރާވީސް ނަމާދު ދިގުކޮށް އެކަމާ ވަރަށް ގަޔާ ވެގެން މިސްކިތުގައި ނަމާދު ކޮށްލުމަށެވެ. ނަމަވެސް މިފަހަރު އެ ނަސީބެއް ވެސް މިންވަރެއް ނުވި އެވެ.
ބާޒަރަށް ދިއުން
ރޯދަމަހާއެކު ބާޒަރު ތިޔާގި ވެއެވެ. ރަށްރަށުން މާލެއަށް ވިއްކަން އެތައް ބާވަތެއް ގެނެސް މުޅި ބާޒާރު އޮންނަނީ ފުރާލާފަ އެވެ. ބާޒާރަކީ ރޯދަ މަހާއެކު އަބަދުވެސް އިތުރަށް ހަލަބޮލިވާ ވެސް ތަނެކެވެ. ކޮންމެ ދުވަހަކު އޮފީސް ނިންމާލައި ނުވަތަ އަސްރުން ފައިބައިގެން ދާނީ ބާޒަރަށެވެ. ރޯދަވީއްލަން ތައްޔާރު ކުރަން ބޭނުންވާ މަސްހުނިކޮޅު ހެދުމަށް ފަތްކޮޅެއް ނުވަތަ ފަނި ގިރާލަން އެއްޗެއް ހޯދުމުގެ ބޭނުމުގައި ނޫނީ އެހެން ކޮންމެވެސް އެއްޗެއް ގަނެލާށެވެ.
ކޮންމެހެން އެއްޗެއް ގަންނަން ނެތަސް ބާޒަރަށް ވަދެލާ އަގު އަހާލައި ގަންނަ ހިތްވާ އެއްޗެއް ފެނުމުން ގަނެލުމަކީ ވެސް އާދެއެކެވެ. މާރުކޭޓުގެ އެއްގޮޅިން އަނެއް ގޮޅިއަށް ދާއިރު ހާޖަރާ މުހައްމަދު ތައުފީގު އަޑުން އަންނަ ސިޔަރަތުގެ އަޑު ގޮޅިތަކުން އިވޭނެ އެވެ. އެ ސިޔަރަތުގެ އަޑު ޖެހުމުން ހިތަށް ލިބޭ މަޑުކަމާއެކު އެއްގޮޅިން އަނެއް ގޮޅިއަށް ވަދެލާ ތާޒާ ތަރުކާރީ މޭވާ ކޮޅެއް ގަނެލައިގެން ދެން ވަންނާނީ ބަދިގެއަށެވެ. މިއީ ވަރަށް ގިނަ މީހުންގެ އާންމު ޝެޑިއުލެވެ. މިފަހަރު ރޯދަމަހަކީ ބާޒަރު މައްޗަށް ނާރާ ނިމޭ ފުރަތަމަ ރޯދަ މަސް ކަމަށް ފަހަރެއްގައި ވެދާނެ އެވެ.
ހަވީރު ފިނި ބުރުޖަހާލަން ދިއުން
ރޯދަމަހުގެ ހަވީރު ފިނި ބުރު މިއީ ހުރިހާ އުމުުރުފުރައެއްގެ މީހުން ވެސް ވަރަށް ބޮޑަށް ގަޔާވާ ކަމެކެވެ. ސައިކަލާއި ކާރުގައި ނުވަތަ ހިނގާފައި ވެސް ބުރެއް ޖަހަން ނުކުމެ އެވެ. ކުދިން ގޮވައިގެން ގުޑިއަރުވަން ދިއުން މިއީ އޮންނަ ކަމަކެވެ. މާލޭގެ މަގުތަކަކީ ހަވީރު ހަލަބޮލި މަގުތަކެވެ. އެހެން ނަމަވެސް މި ރޯދަމަހު މިއޮތީ "ދުން" އަޅާފަ އެވެ. ބޮޑެތި މަގުތަކުގައި ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްދޭ ފަރާތްތަށް ހަރަކާތްތެރިވާ މަންޒަރު ފެނުނަސް ފިނި ބުރެއް ނުޖެހެ އެވެ.
އަދި ފަހަކަށް އައިސް ރޯދަމަހު ހަވީރަކީ ކަސްރަތު ކުރާ މީހުންގެ ވެސް ހާއްސަ ގަޑިއަކަށް އޮންނަނީ ވެފަ އެވެ. ރޯދަވީއްލަން ގަޑިއެއްްހާއިރު ލިބުމާއެކު ނައްޓާލަނީ މާލެ ވަށައި ބުރަކަށް ދުވެލުމަށެވެ. މިއީވެސް މި ރޯދަމަ ދުވާ މީހުން ވަރަށް މިސްވާނެ ކަމެކެވެ.
ރޯދަވީއްލަން ބޭރަށް ނުދާ ފުރަތަމަ ރޯދަ މަސް
މި އަހަރުގެ ރޯދަމަހަކީ އަހަރުމެން ރޯދަ ވީއްލަން ބޭރަށް ނުދާ ފުރަތަމަ ރޯދަ މަސް ކަމުގައި ވެދާނެ އެވެ. ރޯދަ މަހު ކެފޭ ތަކުން އެކި އެކި މެނޫތަކަށް ތައްޔާރު ކުރާ ހާއްސާ ކާނާ އާއެކު ބާއްވާ ރޯދަވީއްލުމަކަށް އިންސާފު ނުކޮށްލައި ނިންމާލާ ފުރަތަމަ ރޯދަމަސް ކަމުގައި ވެސް ވެދާނެ އެވެ. މިގޮތަށް ރޯދަވީއްލަން ގުރޫޕު ހަދާފައި އެކުވެރިންނާއެކު ދާއިރު ރޯދަވީއްލުމަށް ދައްކާ އަގާއި އެއްވަރަަށް އެކަކަށް ވެސް ނުކެވި ހިނގައި ދާނެ އެވެ.
ނަމަވެސް ބޭރަށް ރޯދަ ވީއްލަން ދިއުމަކީ މިހާރު އަހަރުމެންގެ ރޯދައިގެ ސަގާފަތަށް މަޑުމަޑުން އައިސް ވަދެފައިވާ ކަމެކެވެ. ކެފޭ ތަކަށާއި، ރެސްޓޯރަންޓް އަދި ރިޒޯޓްތަކަށް އޮފީސް އެކުވެރިން، އާއިލާ އެއްކޮށް އެއް މޭޒެއްގައި ރޯދަވީއްލައި ވާހަކަ ދައްކާލައި ގުޅުން ބަދަހިކޮށް ގެއަށް އަންނަނީ ރޯދަވީއްލުމުގެ ހާއްސަ ސެލްފީ ތަކާއެކު އެވެ. މިފަހަރު މިކަމެއް ވެސް ނެތެވެ.
ރޭގަނޑު ދުވެލަން ނުކުތުން
އާއްމު މަސްތަކާއި ހިލާފަށް ރޯދަމަހު ރޭގަނޑު ތަންކޮޅެއް ލަސްކޮށް ކަސްރަތު ކުރާ މީހުންގިނަ އެވެ. ދުވާ ޓްރެކްގެ ބޮކިތައް ދިއްލާލުމާއެކި އެތަން އޮންނާނީ ފުރިފަ އެވެ. ރޭގަނޑު ގަޑީގައި އެކި ކަހަލަ ބޫޓް ކޭމްޕްތައް ވެސް އެތާނގައި ކުރިއަށް ދެއެވެ. ގައިގަ ސަރުބީތައް އަންދާލަން އެމީހަކަށް ވީ ވަރެއް ކުރެ އެވެ. މި ފަހަރު ގުރޫޕް ހަދާފައި ކަސްރަތު ކޮށްލަން ދެވޭކަށް ނެތެވެ.
މި ނޫނަސް ރޯދައިގެ ރޫހު އިހުސާސް ކުރެވޭ އެތައް ކަމެއް އަހަރުމެނަށް މި ރޯދަ މަހު ތަޖުރިބާ ކޮށްލަން ނުލިބި އޮވެ ދާނެ އެވެ. އަދި މިކަމާ ހެދި ރޯދަމަހެއް އައިހެން ހީވެސް ނުވެދާނެ އެވެ. މި ރޯދަމަހު މިހާތަނަށް އެންމެ މިސްވީ ކޮން ކަމެއް ހެއްޔެވެ؟