ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޔޫސުފު ރަފީއު

މީ 30 އަހަރު ކުރި، ދެން އަލިކޮއި ވިސްނާ މިހާރު އޮންނާނެ ގޮތް!

އެކި މީހުން ދިރިއުޅުން ސިފަ ކުރާނީ އެކި މާނައިގައި އެކި ގޮތަށެވެ. ދިރިއުޅުމަކީ ހަނގުރާމައެއް ކަމަށް ވެސް ވަރަށް ގިނަ މީހުން ސިފަކޮށް އުޅެ އެވެ. މީގެ ޖަވާބު ހޯދަން އެންމެ ރަނގަޅުވާނީ ކުރިންސުރެ ރޯދަ މަހު ޓީވީއެމުން އަދި މިހާރު އެކި އަހަރު އެކި ޓީވީ ޗެނަލުން ގެނެސްދޭ "ދިރިއުޅުމަކީ މިއީ" ގެ ކޮންމެވެސް އެޕިސޯޑެއް ބަލައިލުމެވެ. "ދިރއުޅުމަކީ މިއީ" އަކީ ދިވެހިން ދުވަހަކު ވެސް ދެކޭނެ އެންމެ ވަރު ގަދަ ކޮމެޑީ ސީރީޒެވެ. އަދި އެ ސީރީޒްގެ ތަރި، ޔޫސުފު ރަފީއު (ޔޫސޭ) އަކީ ދިވެހިން ދުވަހަކު ވެސް ދެކޭނެ އެންމެ ތަފާތު ބޮޑު އެފަދަ ދެވަނައެއް ނެތް ކޮމޭޑިއަން އެވެ.

ޔޫސޭ މީގެ އެތަކެއް އަހަރު ކުރިން ފެށިގެން އަހަރުމެންނަށް ގެނެސް ދެނީ ހެއްވާ މަޖާ ގޮތަކަށް ދިވެހިންގެ ތެރޭގައި އޮންނަ ތަފާތު އިޖްތިމާއީ ކަންކަމުގެ މައްޗަށް އަލިއަޅުވާ އުފައްދާފައިވާ ސިލްސިލާ ޑްރާމާއެކެވެ. އެ ޑްރާމާތަކުގައި ހިމެނޭ ހުރިހާ ކަމެއް ހިމުން ކޮށްލައި އެންމެން ހެއްވާލުމެއްގެ ތެރެއިން ޔޫސޭ ބުނެލަނީ "ދިރިއުޅުމަކީ މިއީ؟" އޭއެވެ.

އިޖްތިމާއި ބޮޑެތި މައްސަލަތައް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލަ އާއި ކޮރަޕްޝަނާއި ފަސާދަ އާއި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ރާއްޖޭގައި ސިޔާސީ ކަންކަމާއި ކުޅިވަރާއި ވިޔަފާރީގެ ކަމެއް ގަދަވެގެންދާ ކޮންމެ ދުވަސްވަރެއްގައި ވިއްޔާ އެކަމަކާ ގުޅުވާފައި ދިވެހިންގެ ހުރިހާ އުމުރެއް ގަޔަވާ ގޮތަށް ޔޫސޭ އުފައްދި އެތައް އެޕިސޯޑެއް "ދިރިއުޅުމަކީ މިއީ" ގެ ސީރީޒްގައި ވެއްޖެ އެވެ. ކޮންމެ ދިވެއްސަކު ވާނީ މިއިން ކޮންމެވެސް އެޕިސޯޑެއްގެ ކޮންމެވެސް ތަންކޮޅެއް ބަލައިފަ އެވެ.

އެ އިރެއްގައި އޮންނަ ކަމަކާއި ގުޅުވާ އުފައްދާ ބެލުންތެރިންނަށް ދޫކޮށްލި ސިލްސިލާތަކަކީ އެތައް އަހަރެއްގެ ކުރީން ފެށިގެން ދިވެހިން ފޫހި ކަމެއް ނެތި ބަލަމުން އިންތިޒާރު ކުރަމުން އަންނަ ސިލްސިލާއެކެވެ.

ރޯދަމަހު ޓީވީ ޕްރޮގްރާމްތަކުގެ ތެރެއިން އިންތިޒާރު ކުރެވޭ އެންމެ ހާއްސަ އެއްޗަކީ ވެސް "ދިރިއުޅުމަކީ މިއީ" އެވެ. އިއްޔެވެސް މިއަދު ވެސް އޯޑިއަންސްއަށް ބަދަލެއް ނައިސް ޔޫސޭގެ "ދިރިއުޅުމަކީ މިއީ" މަގުބޫލު އެއްވަނަ އެވެ.

ކޮވިޑް-19 އިގެ ބަލާއާފާތް ރާއްޖެއަށް ލެއްގުމުން ކަމާބެހޭ ފަރާތްތަކުގެ ކެނޑިނޭޅި ދެމުންދިޔަ އިރުޝާދަކީ އިޖުތިމާއީ ގައިދުރު ކުރުމެވެ. މިއާއެކު މި ބޮޑު ބަލިމަޑުކަން އިތުރަށް ނުފެތުރުމަށް އާއްމުކޮށް އަހަރުމެންގެ ސަގާފަތުގައި އޮންނަ އަތާ އަތް ޖޯޑުކޮށ ސަލާންކުރުމާ ވެސް މިތިބީ ދުރުވެގެނެވެ.

މިގޮތަށް އިޖްތިމާއި ގައިދުރުކުރުން ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ނުބެހެއްޓޭ އެއް ބަޔަކު ތިބިއެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީނެވެ. ދުވާލުދާ ހަތަރު ދަމު ބުރަ މަސައްކަތް ކޮށްފައި ލޮލުފިޔައެއް ޖަހާލާން ވަންނަން މި ޖެހެނީ އެތައް ބަޔަކާއެކު ނިދަން ކުޑަކުޑަ އެއް ކޮޓަރިއަށެވެ. ބަރިބަރިއަށް ބަންކް ބެޑް ޖަހާލާފައި ހުންނަ އެއް ކޮޓަރިއެއްގައި 100 އެއްހާ މީހުން ވެސް ނިދައިފާނެ އެވެ.

މާލޭގައި މީހުން ނިދައި އުޅޭ ހާލަތު "ދިރިއުޅުމަކީ މިއީ" ގެ އެއް އެޕިސޯޑުގައި ޔޫސޭ ވަނީ މީގެ 30 އަހަރު ކުރިން ދައްކާލާފަ އެެވެ. ޔޫސޭ އޭނާގެ ސޯޝަލް މީޑިއާގެ ޝެއާކޮށްލި މި އެޕިސޯޑްގެ ވީޑިއޯކޮޅަކާއެކު ލިޔެފައިވަނީ މިހެންނެވެ.

"މިިއީ މީގެ 30 އަހަރު ކުރިން މި މައްސަލަ އޮތް ގޮތް. ދެން ވިސްނާލާ މިހާރުގެ ހާލަތު އޮންނާނެ ގޮތް؟ ދޯ އަލިކޮއި!"

ޔޫސޭގެ އެ އެޕިސޯޑުގައި ދައްކަނީ މާލޭގެ ކުޑަ ކޮޓަރިއެއްގައި އޭނާ ނިދަން ޖައްސާލާ މަންޒަރެވެ. ނިދާފައި އޮއްވާ ހޭލެވެނީ މީހެއްގެ އަތުން މޫނުގައި ޖެހިގެނެވެ. އަދި އެއާއެކު އޭނާއަށް ހޭލެވި ކޮޓަރި ތެރެއަށް ކަޅި ހިންގާލާ އިރު އޭނާ ނިދަން އޮތް އެނދާއި ތަޅުމާއި ބިންމަތީގައި ވެސް ތިބެނީ އެތަކެއް ބައިވަރު މީހުން ނިދާފަ އެވެ. ޔޫސޭއަށް ބުނެލެވެނީ "ސުބުހާނަﷲ" އޭ އެވެ.

ދެން ގޭ ވެރިފަރާތް ކަމުގައިވާ އަލިކޮއި، ހޯދަން އޭނާ ކޮޓަރީގައި ނިދާފައި ތިބި އެކި މީސް މީހުންގެ ގައި މަތިން ދެވޭތޯ އުޅެ އެވެ. އަލިކޮއި އާއި ވާހަކަ ދެއްކުމުން އަލިކޮއި ބުނަނީ އެއީ މާލޭގެ ހާލަތު ކަމަށެވެެ.

މީގެ 30 އަަހަރުގެ ކުރިން ވެސް އަހަރެމެންގެ ތެރޭގައި ކަން އޮތީ މިގޮތަށެވެ. "ދިރިއުޅުމަކީ މިއީތޯ؟" ކޮށްލި ސުވާލުގައި ބުނެލަން މި ޖެހެނީ އާނއެކޭ އެވެ. މީގެ އެތައް އަހަރުތަކެއް ކުރިން ވެސް އަހަރުމެން ކުރަމުން އައީ އެއް ހަނގުރާމައެކެވެ. އެކަމަކު އެކަމެއް ބަދަލެއް ނުވިއެވެ. އެ ހަނގުރާމައިން މޮޅުވޭވޭ ގޮތެއް ނުވި އެވެ.

އޭރު ޓީވީން މި މަންޒަރު އަހަރުމެންގެ ސިޓިން ރޫމާއި ހިސާބަށް އައުމުން ސިޓިން ރޫމްގައި ތިބެ އެޕިސޯޑް ބަލައި ބިނދިނދިފައި ހެމުން ހެމުން ގޮސް ބަނޑަށް ގޮށް އަރުވާލައިގެން ނިންމާލީ އެވެ. އެއާ ހިލާފަށް މިކަން ހައްލު ކުރަން ދުރު ވިސްނުމެއް ގެންގުޅުނު އެކަކު ވެސް ނެތެވެ. ރަނގަޅު ސިޔާސަތެެއް އެކުލަވައިލާފައެއް ނެތެވެ. މިކަން ހައްލު ކުރަން ކުރި ކަމެއް ވެސް ނެތެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ފަރުދީ ގޮތުން ޔޫސޭ ވަނީ މާލޭގެ އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނަށް ގޮސް އެމީހުން ހޭލުންތެރި ކުރުމުގެ ގޮތުން މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އެ ވީޑިއޯތައް ވެސްސޯޝަލް މީޑިއާގައި ޔޫސޭ ހިއްސާ ކުރިއެވެ.

މި ބޮޑު ބަލިމަޑުކަމުގައި ކޮމިއުނިޓީ ސްޕްރެޑެއް އަހަރުމެންގެ ތެރޭއަށް ފެތުރިގަތް މި ވަގުތު ދިވެހިންނަށް މި ޖެހުނީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް މި މައްސަލަ ހައްލު ކުރާށެވެ. އިންސާނުން ނިދަން ހެޔޮ ނުވާވަރު ތަންތަނުގައި ނިދަން ތިބި އެތައް ބިދޭސީންނަކަށް އެމީހުންގެ އިންސާނީ ހައްގު ހޯދައި ދޭށެވެ. "ދިރިއުޅުމަކީ މިއީ" ގައި އެ ދައްކުވައިދޭ ދިރިއުޅުމުގެ މާނައަކީ މިއީ އެވެ.