ހެނދުނު ހޭލެވުމާއެކު، ތުނބުން ނެއްޓޭ ކޮފީ ތައްޓާއެކު ތެޅެމުން ފޮޅެމުން ދަނީ އޮފީހަށެވެ. ގޭގެ ތެރޭގައި އެވަގުތު އުޅޭ މީހެއްގެ ގާތުގައި "ދަނިއްޔޭ" ބުނެލެވޭ ފަހަރުވެސް މަދެވެ. އެހިސާބުން އިރުއޮއްސެންދެން މަސައްކަތުގައި އަވަދިނެތި އެވެ. ލިބޭ ވަގުތުކޮޅަށްވުރެ މީޓިންތަކުގެ އަދަދު ގިނަ އެވެ. ފޮނުވަންޖެހޭ އީމެއިލްތަކާއި ސޮއި ކުރަންޖެހޭ ސިޓީތަކުގެ ބަންޑެލި އެހާ ގިނަ އެވެ. ހުސްވަގުތުކޮޅުގައި ވެސް ދެވެނީ އޮފީސް މީހުނާއެކު ސަޔަށެވެ. ނޫނީ ކެއުމަކަށެވެ. ހަޔާތުގެ ބައިވެރިޔާ، މަންމަ ނޫނީ ބައްޕަ ގުޅާލިޔަސް ގިނަ ފަހަރު ކަނޑާލެވެނީ ބޮޑު ޗޮކެކެވެ. ދަރިފުޅާ ބައްދަލުވާނީ ސްކޫލް ދޮށަށް ބަލައި، ނޫނީ ލާން ވަގުތުކޮޅު އެކަންޏެވެ. އޮފީސް ނިމުމާއެކު ހުރިހާ ރަށްޓެހިންނަށް ގުޅަ އެވެ. ކޮފީއެއް ބޯ ނުލައި، ގައި ހިރުވާ ވަރުން، އެކަމަށް ބައިވެރިއެއް ހޯދަން ކުރާ އާދޭހެވެ. އެކަމުގައި ގަޑި ދެ ގަޑިއިރު ހޭދަކޮށްފައި ވެސް ގެއަށް މިސްރާބު ޖެހޭނީ ފިނި ބުރެއް ޖަހައިލައިފަ އެވެ. ގެއާ ހިސާބަށް ފޯރާނީ، އެންމެން ނިދައި ފައިހިލަވަޅު އޮބޭ ފަހުންނެވެ.
މިއީ ރާއްޖޭގައި ގިނަ ބައެއްގެ ދިރިއުޅުން ތަރުތީބުވެފައި އޮންނަ ގޮތެވެ. ޖިންސީ ތަފާތުކުރުމޭ ބުންޏަސް، ހާއްސަކޮށް ދިވެހި ފިރިހެންވެރިންނެވެ. ދިރިއުޅޭ ގެޔަކީ ފެންވަރާލަން، ނޫނީ ނިދަން އަރާ ހާއްޔެވެ. އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުން އޮންނަނީ ލިސްޓުގެ އެންމެ ފުލަށް ވައްޓާލައިފަ އެވެ. މި ތަރުތީބަށް ކިރިޔާވެސް ބަދަލެއް އަންނާނީ ހުކުރު ދުވަހެވެ.
އުމުރުން 57 އަހަރުގެ ފާތުމަތު ނަސްރީނާއަކީ މާމަ އެކެވެ. ތިން ކުދީން ތިއްބަސް، އޭނާ މިހާރު ދިރި އުޅެނީ އެންމެ ދޮށީ ފިރިހެން ދަރިފުޅާއެކު އެވެ. އެ ފިރިހެން ދަރިފުޅުގެ ދެމަފިރިންވެސް ވަޒީފާއަދާ ކުރާތީ ނަސްރީނާ ގިނަ ވަގުތު ގޭގައި އިންނަންޖެހެނީ އެކަނިމާއެކަންޏެވެ. އެހެންކަމުން، ކޮންމެ ހަފުތާއެއްގެ އެއް ދުވަހަށް ނަސްރީނާ އަބަދުވެސް އިންތިޒާރުކުރެ އެވެ.
"ގިނަ އިރު އެކުގައި ކާނެ މީހަކުވެސް ނުހުންނާނެ. ގިނަ ދުވަހު ދަރިންނަށް ގެއަށް އާދެވޭނީ އަޅުގަނޑު ނިދާފަހުން. އެހެންވީމާ ހުކުރު ދުވަހަށް އިންތިޒާރުކުރަން. ހުކުރުން ފައިބައިގެން، އެހެން ފުރާނައަކާއެކު ކާލަން ލިބޭ ހަމައެކަނި ދުވަސް އެއީ،" ނަސްރީނާ ކިޔައިދިނެވެ.
އޭގެ އަނެއް ކޮޅުގައި ތިބެނީ އަލީ ފަދަ ޒުވާނުންނެވެ. ކުރާ މަސައްކަތުގެ ގޮތުން އަލީ އުޅޭ އޮފީހަށް އަބަދުވެސް ވަދެވެ އެވެ. މަންމަ އާއި ދައްތައާއެކު ދިރިއުޅޭ އަލީ ބާކީ ގަޑިތަކުގައި އުޅެނީ ރަށްޓެހިންނާއެކުގަ އެވެ. ކޮފީ މޭޒުތަކުގެ މަތީން ނޫނީ ފޯރިއާއެކު ފުޓުބޯޅަ ކުޅޭށެވެ.
"ގޭ މީހަކު ނުވެސް ފެންނަ ދުވަސް ގިނަވާނީ. ހެނދުނު އޮފީހަށްދާއިރު ނުފެނުނިއްޔާ ދެން ނުފެންނާނެ. ދެން ކުޅެންދާން އެއްޗެހި ބަދަލުކޮށްލަން ވަދެލަން. ރޭގަނޑު ގެއަށް އަންނައިރު އެންމެން ތިބޭނީ ނިދާފައި،" އެ އަލީގެ ހަޔާތް އާއްމުކޮށް ބިނާވެފައި އޮންނަ ތާވަލެވެ.
ބަލާއާފާތަކާއެކު ހަޔާތުގެ ތަރުތީބު އަނެއް ފުށަށް
މިހާރު މުޅި ދުނިޔެއެކޭ އެއް ފަދައިން ރާއްޖޭގައި ވެސް އޮތީ ބަލާއާފާތެއްގެ ހާލަތެވެ. ދިރިއުޅުމުގައި މިހާތަނަށް އިސްކަންދީފައިވާ ކަންތައްތަކުގެ ތަރުތީބު މިވަނީ އަނެއް ފުށަށް ޖެހިފަ އެވެ. މުއްސަންޖެއް ފަގީރެއް އިސްތިސްނާއެއް ނުވެ އެވެ. ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. މާލޭ ސަރަހައްދުގެ ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން، ކެފޭތަކާއި ރެސްޓޯރަންޓުގައި ތިބެގެން ކެއުން ވަނީ މަނާކޮށްފަ އެވެ. ހައްތަހާވެސް، ދިރިއުޅުމުގެ އަސާސް ބިނާ ކޮށްފައި، އެކަމަކާ ނުލާ ނޫޅެވޭނެ ކަމަށް ނިންމައިގެންތިބި ކަންކަން ކުއްލިއަކަށް ހުއްޓުނީ އެވެ. ވަގުތު ގިނަވިއިރު، އެ ހޭދަ ކުރަން ކޮށް އުޅުނު ކަންކަން ވަނީ ބަންދުވެފަ އެވެ. އެންމެ ކުޑަމިނުން، ފިނި ބުރެއް ޖަހައިލަންވެސް މަގުތަކަށް ނުނިކުތުމަށް ސަރުކާރުން އެދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
މުސީބާތެއްގެ ދަނޑިވަޅެއް ނަމަވެސް، ނަސްރީނާ ފަދަ މީހުނަށް މިހާރު ކޮންމެ ދުވަހަކީވެސް ހުކުރު ދުވަހެވެ. ދަރިފުޅާއި ދަނބިދަރިފުޅާއެކު ކޮންމެ އިރަކު އެއް ސުފުރާމަތީން ބައްދަލުވެ އެވެ. މާމަ ދަރީން ވެސް ގޭގައި ހޭދަކުރާ ވަގުތު ގިނަ އެވެ. އެންމެން އެކުގައި އުޅޭ މަންޒަރާއެކު ނަސްރީނާއަށް ލިބެނީ އާދަޔާ ހިލާފު ހިތްހަމަޖެހުމެކެވެ.
"ވަރަށް އުފާވޭ އަސްލު. ބަދިގޭގައި އުޅޭއިރުވެސް، އެމީހުން ވާހަކަ ދައްކާ، ސަކަރާތް ޖަހާލައި ހަދާ އަޑުވެސް މިހާރު ކޮންމެ ދުވަހަކު އިވޭ. އޮފީހަށް ނުދާތީ ދަނބިދަރިފުޅު ވެސް މިހާރު އަޅުގަނޑާއެކީ ބަދިގޭގައި އުޅެވޭ. އެކަނިވެރިކަމުގެ އިހުސާސެއް ނުކުރެވޭ،" އުފަލުން ފޮޅިފައިހުރި ނަސްރީނާ ބުންޏެވެ.
ސްކޫލް ދައުރު ނިމި، ވަޒީފާއަދާ ކުރަންފެށި ފަހުން، އަލީ ވެސް މިހާ ގިނަ ވަގުތު ގޭގައި ހޭދަކުރި ދުވަހެއް ވެސް އޭނާގެ ހަނދާނުގައި ނެތެވެ. އޮފީސް ބަންދެވެ. ފުޓުބޯޅަ ކުޅަލަން ނޫނީ ކޮފީއަކަށް ދެވެވެންވެސް ނެތި އަލީ ވެސް ޒާތަކަށް ގޭގައި ބަންދުވީ އެވެ.
"މިސްވޭ ދެން ކޮފީއަށް ވެސް ނުދެވޭތީ. ކުޅެން ނުދެވޭތީ އެންމެ ދެރައީ. ދެން ގޭގަ އިނދެގެން މަންމަވެސް ބަލާހިތްވާ ކަހަލަ ފިލުމުތައް އަޅުވައިގެން ދައްތަ އާއި ދެ މީހުން މި ތިބެނީ. ވަރަށް ދުވަސްކޮށްފަ އަސްލު މިގޮތަށް ޓައިމް ސްޕެންޑްމި ކޮށްލެވެނީ،" އަލީ ކިޔައިދިނެވެ.
މިހާރުގެ ހާލަތާ ގުޅިގެން މަރީއަށް ވެސް ކުރެވެނީ ތަފާތު އިހުސާސްތަކެކެވެ. ކުޑަ ދެ ކުދިން ގޮވައިގެން މަރީ ގިނަ ވަގުތު އުޅެންޖެހެނީ އެކަންޏެވެ. ވަޒީފާ އަދާކުރާ ފިރިމީހާއަށް އާއިލާއަށް ވަގުތު ދޭން އުނދަގުލެވެ. އެ ގޭގައިވެސް ކޮންމެ ދުވަހަކީ މިހާރު ހުކުރެވެ.
"ކުޑަކޮށް އުނދަގޫވެސް ވޭ. ކުރިން ދަރިންކޮޅު ސްކޫލަށް ފޮނުވާލާފައި އަމިއްލައަށް ވަގުތު ހޯދޭ. އެކަމަކު މިހާރު އެ ވަގުތެއް ނުލިބޭ. ހުރިހާ ވަގުތެއްގައި ކުދިން ފަހަތުން މި އުޅެންޖެހެނީ. ދެން ސްކޫލްތައް ބަންދުވީމާ، ގޭގައި ކިޔަވައިދީ، ސްކްރީން ޓައިމް ލިމިޓްކުރަން ވެސް މިހާރު އުނދަގޫ،" މަރީގެ ތަފާތު ތަޖުރިބާއެއް ހިއްސާކުރި އެވެ.
އަމިއްލައަށް ވަގުތު ނުލިބުނަސް މަރީގެ މާބޮޑު ފަރުވާލެއް ނެތެވެ. އެކަން އޭނާ ސިފަ ކުރަނީ ވަރަށްވެސް ހާއްސަ ގޮތަކަށެވެ. "ކުރިންނަމަ، ހުކުރު ދުވަހަށް ހުރިހާ ކަމެއް ފައްތަން އުޅެންޖެހޭނީ. އެކަމަކު ބޭރަށް ނުދެވޭތީ، ގޭގައި ތިބެގެން ބޯޑް ގޭމްސް ކަހަލަ އެއްޗެހި ކުދިންނާއެކު ކުޅެލެވޭ ފިރިމީހާ އާއި ދެމީހުން އެއްކޮށް،" މަރީ ބުންޏެވެ.
އޭނާ ސިފަކުރި ގޮތަށް، ހުކުރު ދުވަހު އަންހެންވެރިންނަށް އޮންނާނީ ކެއްކުމާއި ގޭތެރެ ފޮޅުމާއި އަންނައުނު ދޮވުމެވެ. ހުކުރަކީ ފިރިހެންވެރިން ނިދި ހަމަ ކުރާ ދުވަހެވެ. ކުދީން ކޮޅު އުޅޭނީ ޓީވީ ބެލުމާއި ގޭމު ކުޅުމުގަ އެވެ. އެންމެ ބޮޑުވަރަކަށްދާނީ މޫދަށް ނޫނީ ހަވީރު ޕާކަށެވެ. ސްކޫލު ބަންދުވީމާ ރަށުން ބޭރަށެވެ. ކަމަކައިގެން މަސްއޫލުނުވެ، އާއިލާއާއެކު ހަގީގީ ވަގުތުކޮޅެއް ހޭދަކޮށްލެވޭނީ މަދު ފަހަރަކު އެވެ.
މިއީ ބަލާއާފާތެއްގެ ވަގުތެވެ. އެކަމުގައި އެއްވެސް އޮޅުމެއްނެތެވެ. އެކަމަކު ބޮޑު މުސީބާތެއްގެ ދަނޑިވަޅެއްގައި މުޅި ދުނިޔެ މި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ކުރިން އެންމެ އިސްކަމެއްދިން ވަޒީފާ އާއި ކުޅުމާއި މެޗު ބެލުން ފަދަ ކަންކަމުން މަޖޫބޫރުން ނަމަވެސް މިންޖުވީ އެވެ. ދިރިއުޅުމުގެ ރުކުންތައް އަލުން ތަރުތީބުވީ އެވެ. މި ބަލިމަޑުކަމުގައި ހަގީގީ ރައްކާތެރިކަމެއް އޮތީ ދިރިއުޅޭ ގެއާއި އާއިލާއާއެކުކަން އެނގި ދަސްވީ އެވެ.
މިކަމުން އަރައިގަނެވޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަންނާނެ އެވެ. އެ ދުވަހަކުން ދިރިއުޅުން އަލުން ތަރުތީބު ކުރާއިރު، މިއަދު ގުދުރަތުން ނަގައިދިން ފިލާވަޅު ހަނދާނުގައި ބެހެއްޓުން މުހިއްމެވެ.