އިހުގެ ނޫހުން: ރޭޑިއޯ ހުއްދަ ނެގިންތަ؟

މިވާހަކަ ކުރިން އަޑު ނީވޭ މީހަކަށް ގަބޫލު ކުރަން ވަރަށް ދަތިވެދާނެ އެވެ. މިހާރުގެ މި ދުނިޔެއަށް ނޭވާލައި، ޓެކްނޮލޮޖީއާ ނުލާ ދިރި ނޫޅެވޭނެ ކަމަށް ބުނާ ޖީލަށް މިކަން ގަބޫލު ކުރަން ދަތިވެދާނެ އެވެ. މިއަދު ރޭޑިއޯ އަޑު އިވޭނީ އަރާ ޓެކްސީއަކުންނެވެ. މުޅި ދުނިޔެ މުށުތެރެއަށް ލައިގެން އަބަދުވެސް އޭގައި "ކޮށްޓަކޮށްޓާ" ތިބޭ ބަޔަކަށް ރޭޑިއޯއަކީ އެހާ މުހިންމު އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު ރޭޑިއޯއަކީ ހަޔާތުގެ ވަރަށް މުހިންމު އެއްޗެއްކަން ދެނަގަނެގެން އުޅުނު ޖީލެއްވެސް ވެއްޖެ އެވެ.

ނަވާރަސަތޭކަ ނުވަދިހައިގެ އަހަރު ތަކުގައިވެސް، ހުރިހާ ރަށެއްގެ ހުރިހާ ގެއެއްގައި ވެސް ރޭޑިއޯއެއް ހުންނާނެ އެވެ. ޒޯން މުބާރާތްތަކުގެ ކޮމެންޓްރީ އާއި، ހަބަރާއި މައުލޫމާތުގެ އިތުރުން، މުނިފޫހި ފިލުވުމުގެ އެންމެ މުހިންމު ބައިވެރިއަކަށް އޭރުވެސް ވެފައި އޮތީ ރޭޑިއޯ އެވެ. ހާއްސަކޮށް ދިވެހިރާއްޖޭގެ އަޑަކީ އޭގެ އެންމެ މުހިންމު އަދި ބޮޑު ދައުރެއް އަދާކުރި އެއްތަނެވެ. އެ ޒަމާނުގެ "ފޮށި ޓީވީ" ތައް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބޭނުން ކުރަމުންގެންދިޔަ ނަމަވެސް، އެއިރު، އެއިން މިޒަމާނުގެ ޗެނަލް ތަކެއް ނުލިބެ އެވެ. ބޭނުން ކުރާނީ ކެސެޓް ލައްވާ "ވީސީއާރެ" ވެ. އެހެން ކަމުން އެއިރުގެ "އިންފޯޓެއިންމެންޓް" އަށް ގެންގުޅޭވެން އޮތް ހަމަ އެކަނި ބައިވެރިއަކީ ރޭޑިއޯ އެވެ.

މާޗު 29، 1971 ސަރުކާރުން އޭރުގެ މޫން ލައިޓްގައި މުހިންމު އިއުލާނެއް ޖެހިއެވެ. ފަލަސުރުހީއެއްގެ ދަށު ރޮނގުދަމައިފައި އޮތީ "ލައިސަންސް ނެތް ރޭޑިޔޯ ބޭނުން ކުރުން" މިހެނެވެ. އެހެން ކަމުން އެ ދުވަސްވަރު އާމުންނަށް ރޭޑިއޯ ބޭނުން ކުރުމުގެ ހުއްދައެއް ނުވަތަ ލައިސަންސެއް ނަގަން ޖެހޭކަން އެނގެ އެވެ. ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެންމެ ކުރީކޮޅުގައި ރޭޑިއޯގައި އިންނަ "ގޮބު" އަނބުރާ ޓިއުން ކުރަނީ ވެސް އޭރު ސަރުކާރުގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެކެވެ.

ލައިސަންސްނެތި ރޭޑިއޯ ބޭނުން ކުރުމަކީ އޭރު މަނާކަމެކެވެ. އޭރުގެ ސަރުކާރުން އެކަމަށްޓަކައި ހަދާފައިވާ ގަވައިދާއި ހިލާފުވާ މީހުން 25 ރުފިޔާއިން ޖޫރިމަނާ ކުރި އެވެ. އަދި 1971 ވަނަ އަހަރަށް ބަލާއިރު، 25 ރުފިޔާއަކީ ވެސް ވަރަށް ބޮޑު އަދަދެކެވެ.

އެ އިއުލާން ބުނާ ގޮތުން ލައިސަންސް ލިބެނީ އަހަރު ދުވަހަށެވެ. ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ ނިޔަލަށް ލައިސަންސް އާ ނުކޮށްފި ނަމަ، ބެލެވެނީ އެއީ ލައިސަންސް ނުނަގަނީ ކަމަށެވެ. އެހެން ކަމުން އެމީހަކު ސަރުކާރުން ޖޫރިމަނާ ކުރެއެވެ.

ރޭޑިއޯއަކީ އަދިވެސް ބައެއް ދިވެހިން އާނމު ދިރިއުޅުމުގައި ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ. ހާއްސަކޮށް، ވަރަށް ބުރަކޮށް އުޅުއްވާ ޓެކްސީ ޑްރައިވަރުންނާއި، ރޯދަ މަހު ބަދިގޭގައި އުޅުއްވާ އަންހެންވެރިންނަށް ރޭޑިއޯ އެއީ ވަރަށް މުހިންމު އެއްޗެކެވެ. މިއަދުގެ ހާލަތަށް ބަލާއިރު، ޖަލުގައި ތިބޭ މީހުންނަށް ވެސް ގޮޅިން ބޭރުގައި ހިނގާ ކަންކަން އިނގޭ ހަމަ އެކަނި ވަސީލަތަކީ ރޭޑިއޯ އެވެ. ކުށްވެރިނަށް ކުޑަ ރޭޑިއޯއެއް ގެންގުޅުމުގެ ހުއްދަ އޮވެއެވެ. އޭރުގައި ނަގަމުން އައި ލައިސަންސް ކުއްލި އަކަށް މިއަދު ނަގަން ސަރުކާރުން ހިތައް އަރުވައިފިއްޔާ އެކަން ސީރިއަސްކޮށް ނަގާނެ ބަޔަކު ތިބޭނެ ކަމަކަށް ނުބެލެވެއެވެ. އެކަން ވާނީ ޖޯކަކަށެވެ. އެހެން ނަމަވެސް އެއީވެސް ބައެއް ދިވެހިން ދެކެފައިވާ ދުވަހެކެވެ.