އިހުގެ ނޫސް: ރައީސް ނަޝީދުގެ "ފެށުން"

ރާއްޖޭގައި އެތަކެއް އަހަރެއް ވަންދެން ހިފެހެއްޓިފައި އޮތް އަސާސީ ހައްގުތަކަށް ދިވެހިންގެ ލޯތައް ހުޅުވައި ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމާމެދު އެމަނިކުފާނު ދެކެ އެންމެ ހިތްހަމަނުޖެހޭ މީހާ ވެސް ޝައްކެއް ނުކުރާނެ އެވެ. މިއަދު ރާއްޖެ މިދެކޭ ޒަމާނީ ޑިމޮކްރަސީގެ ހުޅުކޮޅު ދިވެހި ފަސްގަނޑުގައި ރޯކޮށް ދެއްވި ބޭފުޅަކީ ނަޝީދު ކަމާމެދު ދެބަސްވެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އެތަކެއް އަހަރެއްގެ ގުރުބާނީ އެވެ. ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހިތްދަތިކަމާއި އަނިޔާތަކުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވައިގެނެވެ.

ނަޝީދުގެ ޒުވާން އުމުރުގައި ރާއްޖޭން ބޭރުގައި ތައުލީމް ހާސިލް ކުރައްވަމުން ގެންދެވި އިރުވެސް، "ދުނިޔެ ފެނިވަޑައިގެން" އަމިއްލަ ގައުމުގައި އޮތް ހާލަތާމެދު އެތަކެއް ސުވާލެއް ހިތްޕުޅުގައި އުފެދުނެވެ. މަގުތަކަށް ނުކުންނަވައިގެން އެ ހާލަތު ބަދަލުކުރައްވަން ފެއްޓެވުމުގެ ކުރިން، އެ ސުވާލުތައް ކުރައްވަން ފެއްޓެވީ ނޫސްތަކުންނެވެ. ގަލަމުގެ މިނިވަން މާހައުލެއްނެތް ޒަމާނެއްގައި "ކަނޑި" އަށް ވުރެ ބާރުގަދަކަން ސާބިތު ކޮށްދެއްވަމުންނެވެ.

މީގެ ތިރީހަކަށް އަހަރު ކުރިން ނަޝީދު ވެސް ހުންނަވައިގެން އުފެއްދި ސަންގު ނޫހަކީ ރާއްޖޭގައި ޑިމޮކްރަސީ ބިނާވެގެން ދިއުމުގެ އެއް ފިޔަވަޅެވެ. ވައި އަޑުން ނަމަވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އުފައްދަމުން އައި ސުވާލުތަކަށް ލިބިގެންދިއަ ޕްލެޓްފޯމެކެވެ. އެ ނޫހުގައި 1990 ވަނަ އަހަރުގެ އޭޕްރީލް މަހު ގ. ކެނެރީގެ މުހައްމަދު ނަޝީދު ލިޔުއްވާފައިވާ އާޓިކަލްގައި އެ މަނިކުފާނުގެ "ފެށުން" ވަރަށް ސާފުކޮށް ސިފަވެގެންދެ އެވެ.

ނަޝީދުގެ އެ އާޓިކަލް ބައްޓަންކުރައްވާފައިވަނީ އޭގެ އަހަރެއްހާ ދުވަސް ކުރިން، ޗައިނާގެ ޓިއަނަމަން ސްކުއާގައި އެ ގައުމުގެ އެތަކެއް ހާސް ބަޔަކު ނުކުމެ ކުރަމުންދިއަ ދިގު މުޒާހަރާއެއް ހުއްޓުވަން ސަރުކާރުން ބޭނުންކުރި އަނިޔާވެރި ކަމެވެ. ޗައިނާގައި އަދުލުވެރި، އިންސާފުވެރި، ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިނުވާ އަދި އަސާސީ ހައްގުތައް ކަށަވަރު ކޮށްދޭން އެދުނު ރައްޔިތުންތަކަކަށް ބާރުތަކުން ނުކުމެ ދެއްކި ލާއިންސާނީ ހަރުކަށިކަމަށް ނަޝީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި ބޭރު ގައުމެއްގައި ހިނގިކަމެއް ވިއަސް، ރާއްޖޭގައި އެވަގުތު އޮތް ހާލަތާއި ގުޅޭކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ހުރިހައި ވެސް ބޭނުމަކީ ތެދު އެންގުމަށް ބޭނުންވާ މީހުން، އަދުލުއިންސާފަށް ލޯބިކުރާ މީހުންނީ ގައުމުގެ ދުސްމަނުން ކަމުގައި އިއުލާނު ކުރުމެވެ.
ރައީސް މުހައްމަދު ނަޝީދު | މީޑިއާގެ ހާލަތު ސިފަކޮށްދެއްވައި

ނޫސްވެރިކަމުގެ މިނިވަންކަމެއްނެތް ޒަމާނުގައި، ސަރުކާރުން ކޮންޓްރޯލްކޮށްގެން އާންމުންގެ ޝުއޫރުތަކަށް ފަސް އަޅަމުންދާކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އެގޮތުން އެފަދަ މިންވަރަކަށް ރާއްޖޭގައި މީޑިއާތައް މުށުތެރެއަށް ލައިގެން ސަރުކާރުން ފޮރުވަން އުޅެނީ ކޮންކަމެއްތޯ ވެސް ނަޝީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެ ޒަމާނުގައި ދިވެހިންނަށް ވިސްނަން ލިބިފައިވާ ހަނި އޮނިގަނޑުގެ ތެރެއިން، އަދުލު އިންސާފުނެތުމާއި، އިންސާނީ ހައްގުތަކުގެ ހުރުމަތް ކަނޑާލުމާއި، ޖަލުގައި އަނިޔާ ދެއްކުމުގެ އިތުރުން ހިޔާނާތްތެރިވުމަކީ މުޖުތަމައުގެ ބަޔަކަށް ވިޔަ ނުދިނުމަށް ނަޝީދު ވަނީ އެ އާޓީކަލްގައި އިލްތިމާސްކުރައްވައިފަ އެވެ. އަދި އެ ވާހަކަތައް ދައްކަވައިގެން "ގެންގޮސް ހައްޔަރުކޮށް، އަނިޔާދެއްކުމަކީ" ވަރަށް ކައިރި ކަމެއް ކަމަށް އޭރުވެސް ނަޝީދު ވަނީ ލަފާކުރައްވައިފަ އެވެ.

އޭގެ އެއް އަހަރު ފަހުން، "ސަންގު" ނޫހުގައި ލިޔުއްވި އެހެން އާޓީކަލެއްގެ ސަބަބުން ނަޝީދު ޖަލަށްލެވުނެވެ. އެއީ އެމަނިކުފާނު ގެންނަވަން ބޭނުންވި ބަދަލުގެ ސަބަބުން ޖަލަށް ވަޑައިގަންނަވަންޖެހުމުގެ ފެށުމެވެ. ސިކުނޑީގައި އުފަންކުރުވި ހިޔާލަކުން، މުޅި ރާއްޖޭގެ މުސްތަގުބަލު ބަދަލުވެގެން ދިއަ ގޮތް މިހާރު އޮތީ ފެންނާށެވެ. އެ ދިގު ދަތުރުގައި ތަހަންމަލު ކުރައްވަން ޖެހިވަޑައިގެންނެވި އަނިޔާތަކާއި އުފުއްލެވި ތަކުލީފުތަކުން އެމަނިކުފާނުގެ އަޒުމަށް ކުޑަވެސް ގުޑުމެއް ނާންނަކަން މުޅި ރާއްޖެ ހެކިދޭނެ އެވެ.

"...ބަންދު ކުރެވޭނީ އަޅުގަނޑު ހައްޓެވެ. ޖާނެވެ. ހުރިހާވެސް އެއްޗަކީ ހިތްކަމަށް ވަނީނަމަ އަތާއި، ފައިގައި އަޅާ ޗޭނަކުން ހިތެއް ބަންދެއް ނުކުރެވޭނެ އެވެ."