އިހުގެ ނޫސް: ނަޒާހަތްތެރި ދިވެހި މުޖުތަމައު

ރާއްޖޭގައި މި ވަގުތު ކޮންމެ ދިމާލަކަށް އެނބުރިލި ނަމަވެސް ފެންނާން އޮތީ ހައްތަހާވެސް މައްސަލަ އެވެ. އެތަކެއް ޒަމާނެއްވަންދެން ހައްލެއް ނުލިބި އިހުމާލުވެފައިވާ އެތައް ކަމެކެވެ. ހައްލެއް ހޯދައިދޭނެ ކަމުގެ ދިގު އިންތިޒާރުގެ މާޔޫސްކަމުގެ ތެރެއިން ދެން ކުރި ފަޅަނީ ޝަކުވާތަކެވެ. މާލެ ތޮއްޖެހުމުގެ ޝަކުވާ އެވެ. އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުލިބި އަތް ނުފޯރާ ފަށުގައި ހުރި ގޭގެ ކުލިތަކެވެ. ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ އާމްދަނީގެ ފަރަގެވެ. ސިޔާސީ ބޭފުޅުން ދައުލަތުގެ ހަޒާނާއަށް އަތްބާނާ ކަމުގެ ތުހުމަތެވެ. އަދުލު އިންސާފު ނުލިބޭ މުޖުތަމައުއެއްގައި އާންމުން ފިތިފަ އެވެ.

މިހުރިހާ ކަމެއްގެ ހައްލަކީ ކޮބައިތޯ އަހާލައިފިނަމަ، ގިނަ މީހުން އިއްތިފާގުވާނީ އެއް ޖަވާބަކަށެވެ. ބޭނުންވަނީ ނަޒާހާތްތެރިކަމޭ ހަރު އަޑުން ބުނާނެ އެވެ. ނަޒާހާތްތެރިކަމާ ތެދުވެރިކަމާއެކު މަސައްކަތް ކުރާ ސަރުކާރެކެވެ. ރައްޔިތުންގެ މަޖިލީހެވެ. އަދުލު އިންސާފުގެ ނިޒާމުވެސްމެ އެވެ. ދައުލަތުގެ ތިން ބާރު ޖަވާބުދާރީ ކުރުވާ މުއައްސަސާތަކަށް ވެސް އޮތީ ހަމަ އެ އުއްމީދެވެ.

އެހެނަސް، އެންމެން އެދޭ ނަޒާހަތްތެރިކަން ފެށިގެން އަންނަނީ އާންމުންގެ ކިބައިންނެވެ. ފަރުދީ ޒިންމާގެ ތެރެއިންނެވެ. މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން "ވަލު ދޮރޯށިން" ނޫނީ "ސައެއް" ދީގެން ހަމަޖައްސައިލުމުގެ ވިސްނުން ދޫކޮށްލައިގެންނެވެ. ދިރިއުޅުމުގެ ކުދި ކުދި ކަންތައްތަކުގައި ވެސް އެ އާދަ އަށަގަންނުންވައިގެންނެވެ.

އެގޮތުން މަގުމަތިން ފެންނަ އެހެން މީހެއްގެ އެއްޗެއްގައި ނުޖެހި، ތެދުވެރިކަމާއެކު އެ އެއްޗެއްގެ ވެރިފަރާތާ ނޫނީ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރާނީ ކިތައް މީހުން ހެއްޔެވެ؟ އެހެން މީހެއްގެ ސައިކަލު ތަޅުދަނޑިއެއްގެ ޒިންމާ އުފާލާނަންތޯ އެވެ؟ ވޮލަޓެއް ހޮވައިގެން އޭގައިހުރި ފައިސާގައި ނުޖެހި ކެތްވާނެބާއެވެ؟ ފަހަރުގައި އައިޑީ ކާޑެއް ފޭސްބުކަށް ލާފާނެ އެވެ. އޭޓީއޭމްގައި ހަނދާންނެތި ނުނެގޭ ކޭޝް ކާޑެއް، ބޭންކު ތެރެއަށް ދޮރުދަށުން ކޮއްޕާލަފާނެ އެވެ. އެހެނަސް، އެ އެއްޗެއްގެ ވެރިފަރާތަށް އޭގެ މުހިންމުކަން ދަރަޖަ ކުރާނީ ކޮން މިންގަޑަކުންތޯ އެވެ؟ ތަނެއްގައި ބެހެއްޓިފައި ހުރި ކުޑައެއް ނޫނީ ފަންސޫރެއް އެ މިންގަޑަށް ފެތޭނެ ހެއްޔެވެ؟

ދިވެހިންގެ "މިންގަޑަށް" ކިތަންމެ ކުޑަ އެއްޗެއްވެސް ފެތުނު ޒަމާނެއް މާޒީވެއްޖެ އެވެ. މަގު މަތިން ހޮވައިގެން ޖަސްޓިސް މިނިސްޓްރީއަށް ހަވާލުކޮށްފައިވާ ތަކެތީގެ ލިސްޓު ފެނިއްޖެނަމަ މިހާރުގެ މީހުން ހިނި އަންނާނެ އެވެ. "މޫންލައިޓް" ނޫހުގައި 1971 ވަނަ އަހަރު ޖަސްޓިސް މީނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ހުރީ ހައްތަހާވެސް ހަމަ "ހިނިއަންނަ" ވަރުގެ އެއްޗެއްސެވެ. މާލޭގެ އެކި ހިސާބުތަކުން އޭގެ ކުރީ އަހަރު ހޮވައިގެން ގެނެސް ޖަސްޓިސް މިނިސްޓްރީއާ ހަވާލުކޮށްފައިހުރީ އެއް ލާރިން ފެށިގެން ފަންސޫރަކާ ހަމައަށެވެ. މުންޑާއި ގަމީހާއި، ކުޑަ ރުމާވެސް އެ ދިގު ލިސްޓުގައި ހިމެނެ އެވެ. ތިމާގެ އެއްޗެއް ނޫންވީމަ، ބޭނުންނުކޮށް ގެނެސް ހަވާލުކުރީ އެވެ.

އެއް އިރެއްގައި ދިވެހި މުޖުތަމައުގެ ތެރޭގައި އޮތީ އެފަދަ ތެދުވެރިކަމެވެ. ގޭގެ ދޮރޯށީގައި ބޮޑުތަޅު އަޅުވައިކަށް މީހުން ނޫޅެ އެވެ. ހަތަރު ފަރާތުން ސީސީޓީވީ ކެމެރާ ހަރުކޮށްގެން ނޫނީ ލޮލު ފިޔައެއް ނުޖެހިފައި ނުތިބެ އެވެ. މަދު ބަޔަކު މެނުވީ، އެހެން މީހުންގެ މުދަލަކަށް ނޫނީ ހައްގަކަށް އަރައިގަންނާނެކަމުގެ ބިރުވެރިކަމެއްނެތީމަ އެވެ.

ގައުމު ހިންގަންތިބި ބައެއްގެ ފަރާތުން ކުރެވޭ ތެދުވެރިކަމާއި، ނަޒާހާތްތެރިކަމުގެ އުއްމީދު ފެށިގެން އަންނަނީ ތިމާގެ ކިބައިންނެވެ.